ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
19 އޯގަސްޓް 2025 - 23:26
ނޫސްވެރިކަން ރެގިއުލޭޓް ކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަކީ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށާއި އެހެންވެ ބިލް އަނބުރާ ގެންދަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.
އެ ބިލް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައި ބަހުސް ފެށުމާ އެކު، ހޫނުވެފައިވާ މި މައްސަލައާ ގުޅުވައިގެން ކުރީގެ ރައީސް އިބޫ އެކްސްގައި ވިދާޅުވީ، "މީޑިއާތައް އުވާލައި، ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮތް މި ބިލަކީ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް" ކަމަށެވެ.
"ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފަލަމުންދާ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލްގައިވާ ގޮތުން ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނުގައި މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ ބިލްގައިވާ ގޮތުން ރައީސެވެ.
އަދި މީޑިއާ ކޮންޓެންޓާ ގުޅޭ މައްސަލަ ބަލަން ހާއްސަ ކޮމިޓީގައި ކޮމިޝަންގެ މެމްބަރުންގެ އިތުރުން މީޑިއާތަކުގެ ހަތަރު މެމްބަރަކު ތިއްބަވަ އެވެ.
ބިލްގައި ހިމެނޭ ބައިތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ބޮޑަށް ކަންބޮޑުވަނީ މީޑިއާތަކަށާއި ވަކިވަކި ނޫސްވެރިންނަށް ބޮޑެތި އަދަބު ދެވޭ ގޮތަށް ކަނޑައަޅާފައިވުމެވެ.
މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:
- ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވުން.
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން
- މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
- ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
- މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން
- ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު ލިބުން
ނޫސްވެރިންނަށް ލިބިފައިވާ ގިނަ ބާރުތަކެއް ހިފަހައްޓާފައިވާ މި ބިލާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފަ އެވެ. ނޫސްތައް ބަންދުކޮށް ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން އެ ބިލުގައި ހިމަނާފައިވުމަކީ އެކަމާ ދެކޮޅު ހަދާ ސަބަބުތައް ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
ބިލް ހުށަހެޅުއްވި މެމްބަރު ހަންނާން ވިދާޅުވީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ، ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ ބޭނުމުގައި ކަމަށެވެ.
"ތެދު ޚަބަރު މީޑިއާތަކުން ފަތުރަން މަގުފަހިކޮށްދީފައި ވާނެ. ދައުލަތުގެ ހަތަރު ވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާ އެކު ހަރަކާތްތެރިވާން ޖާގަ ހޯދައިދީފައިވާނެ،" އަމިއްލަ ގޮތުން ހުށަހެޅުއްވި ބިލްގެ ދިފާއުގައި އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝައުކަތް
20 August 2025
ބަރާބަރު ބިލެއް. ކަލޭމެން އިދިކޮޅުގަ އޮންނަށް ކޮންމެ ފަހަރަކު މީހުންގެ އަބުރުކަތިލާ ހަދާތަން ބަލަން ތިބެގެންނުވާނެ. ދޮގު ހަބަރު ނުފަތުރާ ތިކުރާކަމެއް ކުރަންވީނުން
އޮނަރަބްލް އަފީފު ދީދީ
20 August 2025
މަތީގައި ދެންނެވިގޮތަށް ކައުންސިލްތައް އުވާލާފައި، އެއްރަށް ދައުލަތް ސިޔާސަތެއްގެ ގޮތުގައި ހިންގަމުން އަންނަ ބޯދާ ރިޔާސީ ނިޒާމްގެބަދަލުގައި 3 ރީޖަނެއްގެ މައްޗަށް އިދާރީ އިޤްތިސޯދީ ބާރުވެރިކަންދޫކޮށްގެން ހިންގާ Federal Parliamentary System އަށް ރާއްޖެ ހިންގަން ފެށީމާ އެތައްސަތޭކަ ކައުންސިލަރުންގެ ބަދަލުގައި ކޮންމެ ރީޖަނެއްގެ ހިންގުމާއި ޙަވާލުވެހުންނަވާނީ "ރީޖަންތަކުގެ ރަށްވެހިންގެ ތެރެއިން" އެމީހުން އިންތިޚާބުބކުރާ ޤަވަރުނަރު އާއި އޭނާގެ ނައިބް.
އޮނަރަބްލް އަފީފު ދީދީ
20 August 2025
އިޤްތިސޯދީ އިދާރީ ބާރުވެރިކަން ތިން ރީޖަންގެ މައްޗަށް ދޫކޮށްގެން ރީޖަން ތަކުގެ ރަށްވެހިންގެ ތެރެއިން އިންތިޙާބު ކުރާ ޤަވަރުނަރު އާއި އެކު ހިންގާ Federal Parliamentary System ގައި މަޖިލީހުގައިވެސް ތިއްބަވާނީ "ރީޖަންގެ ރަށްވެހިންގެ ތެރެއިން، އެ ރީޖަނެއްގެ ރަށްވެހިން ވޯޓް ދީގެން އިންތިޙާބް ކުރާ" ތިރީސް މެންބަރުން. އޭގެ މާނައަކީ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި ތިއްބަވާނީ ކޮންމެ ރީޖަނަކުން އިންތިޙާބް ކުރާ 30 މެންބަރުންނާއި އެކު ޖުމްލަ 90 މެންބަރުން.
އަލީތަކުރު
20 August 2025
ވަރަށް ރަނގަޅު އިސްލާހުތަކެއް ތިޔަ ހުރީ. ދޮގު ހެދުމާއި ފިތުނަ ހުއްޓުވެން ޖެހޭ. މިހާރު ހުރިހާ ބާރުތަކެއް ދީގެން ވީ ކަމެއް ސުމެއް. މީހުންގެ އަބުރަށް އަރައިގަނެ ދޮގު ވާހަކަ ފަތުރަމުން ދުވާއިރުގައި މީޑިއާ ކައުންސިލުން އުޅެނީ އެވޯޑު ދިނުމާއި އެވެންޓު ބޭއްވޭތޯ. މި ހަބަރު ވެސް ފުރިހަމަ ވާނީ އިބޫ އަކީ މި ގައުމުގައި ހުރި އެންމެ ބޮޑު .. އަދީބު ދޫކޮށްލި މީހާ އޭ ވެސް ލިޔެލިނަމަ. މިފަދަ މީހުން ގާނޫނުގެ ވާހަކަ ދައްކަން ހެޔޮ ނުވާނެ.
ނޯނޯޯ
20 August 2025
ކޮބައިތަ ނޫސްވެރިކަމަކީ؟ ދޮގާއި ފިތުނަ ފަތުރާ، މީހުންގެ އަބުރާ އިއްޒަތް ކަތިލުންތަ؟ މިއީތަ ތިބުނާ މަރުވާނެ ކަންކަމަކީ؟ މިނިވަންކަމޭ ޑިމޮކްރަސީއޭ ކިޔައިގެން އޭގެ ނިވަލަށްވަދެ ތިބެވެސް ނުކުރެވޭނެ ހަތްއުޑުމަތިން ބާވައިލެއްވި އިލާހީ އަމުރަކާ ހިލާފުކަމެއް. ދޮގާ ފަސާދަޔާ، އަބުރަށް އަރައިގަތުންފަދަ ބޮޑެތި ހަރާމް ކަންކަން ނޯމަލައިޒްކުރަން ވަކާލާތުކުރާނެ ކަމެއް ނެތް ކޮންމެހެނެއް.