ރައީސް ޑރ. މުހައްމަދު މުއިއްޒު: އެމަނިކުފާނު ވަނީ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލް ތަސްދީގުކުރައްވައިފައި.-- ފޮޓޯ: ރައީސް އޮފީސް
22 އޯގަސްޓް 2025 - 12:08
ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކުރުމަށް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މި މަހުގެ 11 ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާ އެ ބިލު ރައީސް ތަސްދީގުކުރައްވާފައިވާ ކަމަށެވެ.
އެ ގާނޫނުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ، އެ ދާއިރާ ކުރިއެރުވުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ގައުމުގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކުރުމަށް މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމްކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމާއި އެ ނޫން ވެސް ކަމާ ގުޅޭ އުސޫލުތައް އެ ގާނޫނުގެ ދަށުން ކަނޑައަޅާނެ ކަމަށެވެ.
އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު "މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަޓީ އޮފީސް"ގެ ނަމުގައި ސަރުކާރު އިދާރާއެއް އުފެދުނީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުގެ ކަންކަން ބަލަހައްޓާނީ، އިގުތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ މިނިސްޓްރީއަކުން ކަމަށް އެ އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް ހިންގުމުގެ އެންމެ އިސްވެރިޔަކީ، ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ.
ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އައްޔަނުކޮށް ވަކިކުރާނެ ގޮތާއި ރަޖިސްޓްރާގެ ޝަރުތުތަކާއި ރަޖިސްޓްރާގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އޮފީހުގެ އިދާރީ މުވައްޒަފުންނާއި ގުޅޭ އުސޫލުތައް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ފިކުރީ މުދަލުގެ ދަފްތަރު ބެލެހެއްޓުމުގެ އުސޫލުތަކާއި ގާނޫނުގެ ދަށުން ރަޖިސްޓްރާ ނިންމާ ނިންމުންތަކާއި ގުޅިގެން އަމަލުކުރާނެ ގޮތް ވެސް އެ ގާނޫނުގައިވެ އެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޯލިހު
22 August 2025
މިއީ ރާއްޖޭގެ އުފެއްދުންތެރިކަން ދެންއޮތް ހަރުފަތަށް ގެންދިއުމަށް އެޅޭ ބިންގަލެވެ. ސަރުކާރުން މިކަން މުހިއްމު މަސައްކަތެއް ކަމުގައި ދެކި، އެކަޝީގެންވާ ރިސޯސް މިކަމަށް ދެެއްވާނެ ކަމަށް އުންމީދުކުރަން.
ފިކްރީ
22 August 2025
ބިލްގެ ލިންކެއް މި އާރޓިކަލްގަ އެޓޭޗް ކޮށްލިނަމަ.
ށަވިޔަނި
22 August 2025
ތިކަންކުރަމް ހިތަށްވެސް ނާރާނެ. ނޫސްވެރިކަމަކީ މިހާރު ސުރުޚީ އެޅުން