ސީނިއާ ނޫސްވެރިންގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މީޑިއާ ބިލު ހުށަހަޅާފައިވާ ނޫސްވެރިކަމުގެ މިނިވަންކަން އެކީ ހިފެހެއްޓުމުގެ މަގުސަދުގައި ކަމަށް އެ ބޭފުޅުން ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
26 އޯގަސްޓް 2025 - 19:52
މީޑިއާ ރެގިއުލޭޓް ކުރަން ކަމަށް ބުނެ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އޮތީ ވަރަށް ބިރުވެރިކޮށް ކަމަށާއި އެ ބިލް އަނބުރާ ގެންދިޔުން ނޫން ގޮތެއް ނެތް ކަމަށް ރާއްޖޭގެ ސީނިއާ ބައެއް ނޫސްވެރިން މިއަދު ވިދާޅުވެއްޖެ އެވެ.
"މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން"ގެ ނަމުގައި ހަންނާނު ހުށަަހަޅާފައިވާ ބިލަށް ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ތާއިދުކޮށްފައިވާއިރު، އެ ބިލް އަނބުރާ ގެންދިޔުމަށް ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ގޮވާލައިފަ އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަނުން ވެސް ވަނީ ބިލު ބަލައިނުގަންނާނެ ކަން ހާމަކޮށްފަ އެވެ.
ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގައި މި ވަގުތު ތިއްބެވި އެންމެ ސީނިއާ ބައެއް ނޫސްވެރިން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ބައްދަލުވުމުގައި "ދައުރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފް ވިދާޅުވީ ބިލުން ހަމައެކަނި ކޮމިޝަނެއް އުފެއްދުމުގެ ބަދަލުގައި ނޫސްވެރިން އަމަލުކުރަން ޖެހޭ ގޮތް ވެސް ހަނިކޮށްފައިވާ ކަމަށެވެ.
"ބިލު ފަރުމާކޮށްފައި އޮތީ މެލޭޝިއާ ކަހަލަ ނޫސްވެރިކަމުގެ މިނިވަންކަން ނެތް ގައުމުތަކުގެ ގާނޫނުތަކުގެ ބައެއް މާއްދާތައް ނަގައިގެން. މިއީ ބޮޑު މަސްހުނިގަނޑެއް. ފަހަތުގައި ފޮރުވިފައި އޮތީ މިހާރު ރާއްޖޭގައި މި އޮތް މިނިވަން މީޑިއާ ކޮންޓްރޯލް ކުރުން،" ނޫސްވެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމް ހާސިލް ކުރައްވާފައިވާ މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ މަޖިލީހުގައި ޕީއެންސީގެ ސުޕަ މެޖޯރިޓީ މިހާތަނަށް އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ނޫސްވެރިކަމުގެ މިނިވަންކަން ފުޅާކޮށް ބޭއްވޭނެ ގޮތަކަށް ބިލު ކޮމިޓީ މަރުހަލާގައި އިސްލާހު ކުރާނެ ކަމަކަށް ނުބެލެވޭ ކަމަށާއި ބިލު އަނބުރާ ގެންދަން ނޫސްވެރިން ގޮވާލަމުންދަނީ އެހެންވެ ކަމަށެވެ.
"ހަވީރު" ނޫހުގެ އެޑިޓަރު ކަން ވެސް ކުރެއްވި މޫސަ ވިދާޅުވީ މި ބިލުން އޮތީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލާފައި ކަމަށާއި ބިލު ފާސްކުރާ ހިސާބުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ތަޅު އެޅުވޭނެ ކަމަށެވެ.
"ރައްޔިތުން ވޯޓެއް ނުދޭ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާކަށް. ރައްޔިތުން ވޯޓު ދިނީ ވެރިކަން ކުރައްވަން. ރައްޔިތުން ވޯޓު ދިނީ ގާނޫނުއަސާސީގައި އޮތް ގޮތަށް މެންބަރުން މަޖިލިސް ހިންގުމަށް. އެއްގޮތަކަށް ވެސް ނޫސްވެރިކަމުގެ ހައްގު ހަނިކުރާކަށް ނުދޭ. އެކަމަކު ބިލު ފާސްވުމަށް ފަހު ހަމަ އެ ދިޔައީ އަޅުގަނޑުމެންނަށް ގާނޫނުއަސާސީން އެންމެ ފުޅާކޮށް ލިބިފައިވާ ހައްގު،" މޫސަ ވިދާޅުވި އެވެ.
ސީނިއާ ނޫސްވެރިންގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މީޑިއާ ބިލު ހުށަހަޅާފައިވާ ނޫސްވެރިކަމުގެ މިނިވަންކަން އެކީ ހިފެހެއްޓުމުގެ މަގުސަދުގައި ކަމަށް އެ ބޭފުޅުން ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
"ދައުރު"ގެ އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތައް ހަނި ކުރެވޭނެ ގޮތަށް މަޖިލިސް މެންބަރަކު ހަމަ ހިތަށް އަރާއިރަށް ގާނޫނެއް ނުހެދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ބިލު ބަލައިގަނެ، އެއަށް އިސްލާހު ގެނައުމަކީ ނޫސްވެރިން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި ޖަލަށް ލިޔަސް އެ ސްޓޭންޑް ބަދަލު ނުކުރާނެ ކަމަށެވެ.
"ބިލު އޮތީ ހައްގުތައް މާބޮޑަށް ހަނިކޮށްފައި. އެ ބިލު ކޮށާމަށައިގެން ހައްލު ކުރެވޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އަޅުގަނޑުމެން މިކަން ކުރަން ޖެހޭނީ ބޭރުގެ ފަންނީ މީހުންގެ އެހީ ހޯދައިގެން. އަޅުގަނޑުމެން ގާނޫނެއް ހަދާއިރު ގާނޫނުއަސާސީން ލިބިދޭ ހައްގުތަކަށް ފުށުނާރާ ގޮތެއްގެ މަތިން އެ ގާނޫނެއް ވުޖޫދު ކުރެވެން ޖެހޭނީ. އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި މި ބިލު މިއޮތީ. އެހެންވީމަ އަޅުގަނޑުމެންގެ ސްޓޭންޑަކީ މި ބިލު ގެންގޮސް، ވަޑައިގަންނަވަށޭ އަޅުގަނޑުމެން ވެސް މި ތިބީ ސެލްފް ރެގިއުލޭޓް ކުރުމުގެ ތެރެއިން މީޑިއާ ރެގިއުލޭޓް ކުރާށޭ،" ނޫސްވެރިކަމުގެ ތަޖުރިބާރުކާރު ހިރިގާ ވިދާޅުވި އެވެ.
ސީނިއާ ނޫސްވެރިންގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މީޑިއާ ބިލު ހުށަހަޅާފައިވާ ނޫސްވެރިކަމުގެ މިނިވަންކަން އެކީ ހިފެހެއްޓުމުގެ މަގުސަދުގައި ކަމަށް އެ ބޭފުޅުން ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
"އަދަދު" ނޫހުގެ އެޑިޓަރު ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ ބިލު އޮތީ ވަރަށް ނުބައި މަކަރުވެރި ވިސްނުމެއްގައި ކަމަށާއި ބިލު އޮތީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަތްދަށަށް މީޑިއާ ގެންދާ ގޮތަށް ކަމަށެވެ. ރާއްޖޭގައި މި ވަގުތު އޮތް ސެލްފް ރެގިއުލޭޓްރީ ނިޒާމާ މުޅިން އިދިކޮޅަށް އާ ނިޒާމެއް ގެންނަން އުޅެނީ މީޑިއާތަކަށް ރަނގަޅުކުރަން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވި ގޮތުގައި މައްސަލައެއް ބަލަން ފަށާ ހިސާބުން ވެސް މީޑިއާތައް ބަންދު ކުރެވޭ ގޮތަށް ކޮމިޝަނަށް ބާރުދޭ ގޮތަށް އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެއީ ގާނޫނުއަސާސީގެ ހަމަތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ ކަމަށް ބުނެ ފުލުހުން މެދުވެރިކޮށް މީޑިއާތަކަށް ވަދެވޭ ގޮތަށް އޮތުމަކީ ވެސް ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ނޫސްވެރިކަން ހިފަހައްޓައި، ނޫސްވެރިން ފަހަތަށް ޖެއްސުމުގެ ނިޔަތުގައި ބިލު ފާސްކުރިޔަސް، އެ ނަތީޖާ ނެނުރެވޭނެ ކަމަށް ފިޔާޒު ވިދާޅުވި އެވެ. ބިލު ފާސްކުރުމުން ވެސް ނޫސްވެރިން ފަހަތަށް ނުޖެހި މަސައްކަތުގައި މާގަދަކޮށް ތިބޭނެ ކަމަށާއި ޖަލަށް ދާން ޖެހުނަސް ނޫސްވެރިން ތިބޭނީ އެގޮތުގައި ކަން ފިޔާޒު ސަރުކާރަށް ހަނދާންކޮށްދިނެވެ. މާޒީން ވެސް ފެންނަން އޮތީ އެ މަންޒަރު ކަމަށް ފިޔާޒު ވިދާޅުވި އެވެ.
ސީނިއާ ނޫސްވެރިންގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މީޑިއާ ބިލު ހުށަހަޅާފައިވާ ނޫސްވެރިކަމުގެ މިނިވަންކަން އެކީ ހިފެހެއްޓުމުގެ މަގުސަދުގައި ކަމަށް އެ ބޭފުޅުން ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
- ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ތިން މެންބަރުން ހިމެނުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ނިޒާމު، ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަންނާނެ ކަމެއް.
- ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮތުން. އޭގެ ސަބަބުން ނޫސްވެރިން ހޮވާ މެންބަރުންނަށް ވެސް ސަރުކާރާއި މަޖިލީހުން ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮވޭ.
- ނޫސްވެރިކަމުގެ ސުލޫކީ ހަމައެއްގެ ގޮތުގައި، ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުން ހިމަނާފައިވުން. މިފަދަ މާއްދާއެއް ނޫސްވެރިކަމާ ގުޅޭ ގާނޫނެއްގައި އޮތުމުން، ސަރުކާރުން ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުމަށް ނޫސްވެރިންނަށް ހުރަސް އެޅޭނެ.
- ކޮމިޝަނުން މައްސަލަ ބަލަމުން ދާ ވަގުތު، ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން، ނޫސްތަކަށް ޓާގެޓުކޮށް، ވަކި މުއްދަތެއް ނެތް ގޮތަށް، ނޫސް އިދާރާތައް ބަންދުކުރުމުގެ ފުރުސަތު އެބަ އޮތް: އަދި ލައިސެންސް ބާތިލް ކުރުމުގެ ބާރު އޮންނާނީ ކޯޓަށް ކަމަށް ބިލުގައި އެއް މާއްދާގައި ހިމަނައި، ވަގުތީ ގޮތުން ލައިސެންސް ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް އޮތުމުން، އެއީ ހަމަޖެހޭ އުސޫލެއް ނޫން.
- ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް "ބެލެވޭ" ހާލަތެއްގައި ފުލުހުން ފަދަ އިދާރާތައް މެދުވެރިކޮށް ނޫސްތަކާއި ޓީވީ ތަކުގެ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ދީފައި އޮތުމުން. ގައުމީ ސަލާމަތަކީ ވަރަށް ފުޅާ ގޮތެއްގައި މާނަ ކުރެވެން އޮތް ކަމެއް.
- ވަކި ވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށް އޮތުމުން، ނޫސްވެރިންނަށް މައުލޫމާތު ހާމަކޮށް، މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅި، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހުން. ވަކި ވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމަކީ މިހާރު އޮތް ނިޒާމުގައި ދަންނަ ކަމެއް ނޫން.
- ތެދު ނޫން މައުލޫމާތު ހާމަކޮށްފި ނަމަ މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައިވާ އިރު "ތެދު" ނުވަތަ 'ދޮގު" ކަނޑައަޅަނީ ކޮން ފަރާތަކުން ކިހިނެތް ކަމެއް އެނގޭކަށް ނެތް.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޭނަ
27 August 2025
ނޫސް ވެރިކަންވެސް އޮންނަން ޖެހޭނީ ވަކި ހައްދެއްގެ ތެރޭގައި. ރާއްޖޭގެ މީހުން ސިންގަޕޯރ މިސާލަކަަށް ނަގާނެ. ބަލާބަލަ ސިންގަޕޯރގަ ނޫސްވެރިންނަށް ބޭނުންހާ އެއްޗެއް ލިވޭތޯ?
އަޒާ
27 August 2025
އާ ލިޔެވޭ. ކާކަށް ތިޔަ އޮޅުވާލަނީ. އަދި ނުވިތާކަށް ނޫސްވެރިޔަކު ޖަވާބުދާރީ ކުރުވުމަށް ކޯޓު އަމުރެއްވެސް ބޭނުންވާނެ.
ރާވެރިބެ
27 August 2025
ސީނިއަރ ނޫސްވެރިން އެބުނަނީ %100 ތެދު! މި ބިލުގެ ބޭނުމަކީ ނޫސްވެރިކަން އެކީ ހިފަހައްޓާ ކިރިޔާ ވެސް ފާޑު ކިޔުމުގެ ބަހެއް ފާޅުކުރުން ހުއްޓުވުން. ސަރުކާރުތެރޭ ހިގާ ކޮރަޕްޝަނާ ވައްކަމުގެ ވާހަކަ ދެއްކުން އެކީ ހުއްޓުވަން. ތަކެތި އަގު ބޮޑުވާ ވާހަކަ އާ ރައްޔިތުން އުޅޭ ދަތި ހާލުގެ ވާހަކައާ ވައުދު ނުފުއްދޭ ވާހަކަ ކަހަލަ ވާހަކަ މީޑިއާ އިން ފޮހެލުން. އަދި މިއުޅެނީ ދައުރު މެދުތެރޭ. ކުރިޔަށް އޮތީ ކޮން ކަމެއްބާ؟
ކިޔުންތެރިޔާގެ
27 August 2025
އެއްވެސް ހައްދެއްނެތް މިންވަރަށް ލިޔުމާ ދޮގުމައުލޫމާތު ފެތުރުމާއި އަބުރަށް އަރައިގަތުމަކީ ނޫސްވެރިކަމެއްނޫން. ޔޫރަޕާ އިންޑިޔާގެ ނޫސްވެރިމަކެއް ރާއްޖެއަކު ނުކުރެވޭނެ...
ޖަންޖަބީލް
27 August 2025
ކޮބާ ރާއްޖޭގައި ތިބި އިންޑިއާގެ 2000 ސިފައިން. އެ ދޮގު އެންމެ ގަދަޔަށް ފެތުރި މީހުން އެތިބީ މިހާރު މަޖިލީހުގަ މުއީޒުއަށް ސަނާ ކިޔަން.
hasn
27 August 2025
ރައްޔިތުންގެ މަޖްލިސް އުވާލާ ، ނޫސްވެރިންގެ އަގަބަންދު ކޮށް ، ލާމަރުކަޒީ ނިޒާމު އޮޅާލާ ، މުޅިރާއްޖޭގައި ގަސްގަހުގައިވެސް އޭޓީއޭމް މެޝިން ބަހައްޓާ ، ހަވާއަރުވާ މިގަންނަ ސަކަރާތް ހަރު އަޑުން ކުއްވެރި ކުރަން ! ކުރާނެ ކަމެއްނެތީވިއްޔާ ފައިބާ ! މިރާއްޖޭގައި ކަންކަން ކުރެވޭނެ ބޭފުޅުން ބައިވަރު އެބަތިބި !
ރާވެރިބެ
27 August 2025
ތާއިދު
ސުންދުސް
27 August 2025
ތަނެއްދޮރެއް އުޑެއް ބުޑެއް ނޭނގޭ މީހުން މަޖުލިހަށް ހޮވީމާ ދެން ވާނީ މިހެން. މި މީހުންނަށް ދެން ވޯޓެއް ނުދޭނެ!
ރާވެރިބެ
27 August 2025
މަޖިލިހުން ކުރަނީ އަންގާ ކަންކަން. އަމިއްލަ އިޚްތިޔާރުގަ ކުރާ ކަންކަމެއް ނޫން.
އަންދަލޫސިޔާ
27 August 2025
ސަރުކާރުން މުސާރަދީގެން ކޮމެންޓްކުރަން ތިބި ބަޔަކު ބޭނުންވާނީ ނޫސްވެރިކަން ނައްތާލަން. އެކަމަކު ސަރުކާރަކު އަބަދަކު ނުތިބެވޭނެ. އެހެންވީމާ، މިތާ ކޮމެންޓްކުރަން ބޮޑު މުސާރަ ނަގައިގެން 2028 ގެ ނިޔަލަށް ތިބެވުނަސް އޭގެ ފަހުން އުޅޭނެ ގޮތެއް ފެންނާނީ ޤައުމާމެދު ވިސްނައިގެން. ނޫސްވެރިކަމުގެ މިނިވަންކަން އޮންނަންޖެހޭ. ސަރުކާރަށް ފާޑުކިޔެއްޖެހޭ. ފާޑު ކިޔަންޖެހޭ. ސަރުކާރު ހަމަމަގަށް އެޅުވޭނީ ކަންކަން ހާމަކޮށްގެން. ގޯސް ނުހޯދި ރަނގަޅެއް ނުކުރެވޭނެ.
ތެފައާސާ.
27 August 2025
އެއްކަލަ ވައުދުފޮތުގެ ބައިކުޅަބައިވެސް އަމަލީގޮތުން ސިފައެއް އައިސްފައިނުވާތީ އެވާހަކަތައް ނޫސްވެރިންނާއި ރައްޔިތުން ދެއްކިޔަނުދޭންވެގެން އެބޭނުމުގައި ހުށައަޅައިގެން އުޅޭ ބިލެއް. އެކަމަކު ތިޔަ ހީފުޅުކުރައްވަނީ މުޅިއަކުން ރަނގަޅަކަށް ނޫން. މިއީ މައުލޫމާތުގެ ޒަމާން. އެ ހޯދައި ލިބިގަނެ ފާޅުކޮށް ފިކުރުހިންގައި ވިސްނައި ފާޑުކިޔައި، މި ކަންކަމުގައި ތިޔަހެން ފާސްކުރާ ގާނޫނަކުން ތަޅުއެޅުވިދާނޭކަމަށް ހީކުރުމަކީ ގޯހެއް. އެ ޒަމާން ގޮސްފި.
ހާމޫސަ
27 August 2025
ތިޔަ ނޫސްތަކުން އެތައް ދޮގުވާހަކައެއް ފަތުރައި އެތައް ބައެއްގެ އަބުރަށް އަރައިގަތްއިރު މޫސަ ހުރީ ކޮންތާކުތޯ؟ މިހާރު ތިޔަ ނުކުތީ އެކަން ހުއްޓިދާނެތީ ގަންނާކުރައްވާ ބިރުންތޯ؟ ނޫނީ މޫސަ މީހުންގެ އަތުރު ކަތިލަން ތާއީދުކުރަނީތޯ؟ މިކަންކަންވެސް ސާފުކޮށްދެއްވާ.
މިސްޓާރ ޖަންޖަބީލް
27 August 2025
ބަލަ ކާކުގެ އަބުރެއްތަ ކަތިލައިގެން މިއުޅެނީ. މި ސަރުކާރުގެ ފަރާތުން ކޮމެންޓް ކުރާ ކުދިން ކިޔާ އެއްޗެއް ސާފުކޮށްދީބަލަ. ދޮގު ހަދައިގެން ހަމަ އެކަނި ނޫސްވެރިންނަކަށް ނޫން ފިޔަވަޅު އަޅަންވާނީކީ، ސިޔާސީ މީހުންނަށްވެސް ފިޔަވަޅު އަޅަންވާނެ. ހަމަހަމަ ވާންޖެހޭނެ. މަޖިލީސް މެންބަރުން ދޮގު ހެދީމަ އެމީހުންނާ ދެކޮޅައްވެސް ފިޔަވަޅު އަޅންވާނެ.
މުލޭ
27 August 2025
މީހުންގެ އަބުރަށް އަރަްިގަނެ ހިތުހުރިހާ އެއްޗެއް ލިއުމަކީ މިނިވަން ކަމެއް ނޫން. އެ މިނިވަންކަމެއް ދެވެން ނެތް. ސޮރީ.
މިނިވަން ސަސް
27 August 2025
އާ... ސަރުކާރުން ބުނާ ގޮތަކަށް ނޫނީ ބަސް ނުބުނާތި. އެއީ ތިޔަބުނާ މިނިވަންކަން.
އިސްތިގްލާލް އޮތީ ޖަލުގަ.
27 August 2025
މިއީ ދިވެހިރާއްޖެ. ސައޫދީ މީހުން ހުއްދަ ދޭ އެއްޗެއް މިކަނީ. ޙުއްދަ ދޭ އަންނައުނެއް މިލަނީ. ހުއްދަދޭ ކަންކަން މިކުރަނީ. ހުއްދަދޭ އަދަދަކައް މީހަކާ މިއެދެވެނީ. ހުއްދަ ނޫންކަންކަން މަނާ. ނޫސްވެރިކަންވެސް އެމީހުން ހުއްދަދޭ މިންގަޑުގަ ބަހައްޓާނީ. ތިބޭފުޅުން ހީކުރީތަ މިއީ ޑެންމާރކް ނޫނީ ސްވީޑްން އޭ؟ ނޫނީ ހުޅަނގުގެ ގައުމެކޭ؟