ރިޕޯޓް

މީޑިއާ ރެގިއުލޭޓްކުރަން ސަރުކާރު ވަންނަން ނޫޅޭ، ބޮޑު ގޯހެއް!

ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ނޯޓްކުރަނީ: މީޑިއާ ރެގިއުލޭޓް ކުރަން ހުށަހަޅާފައިވާ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ގިނަ މާއްދާތަކެއް ހިމެނޭ ބިލެއް. -- ފޮޓޯ | މިހާރު

ނޫސްވެރިންނަކީ މަތިން ފައިބައިގެން ތިބި ބައެއް ނޫނެވެ؛ މީޑީއާގެ މިނިވަންކަން ނިގުޅައިގަނެވި، ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ފާސްކުރަން ތާއީދުކުރެއްވި މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ. އެކަމަކު، ނޫސްވެރިންނަށް ފާޑުވިދާޅުވެ ހައްގު ހަނިކުރަން ވަކާލާތު ކުރެއްވި އެ މެމްބަރަށް އެނގިވަޑައިނުގަތީ މިކަމެވެ.

ނޫސްވެރިކަމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ވަރަށް ފުޅާ ހައްގެކެވެ. ދައުލަތާއި ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީކުރުވައި، ފާރަވެރިވާން އޮތް ޑިމޮކްރަސީގެ ހަތަރު ވަނަ ބާރެވެ. އެ ބާރު ހަނިކުރަން ކުރެވޭ ކޮންމެ ކަމެއް ވާނީ ފަހަތަށް އަޅާ ބޮޑު ފިޔަވަޅަކަށެވެ.

އެފަދަ ބޮޑު ފިޔަވަޅެއް ފަހަތަށް އަޅަން މިވަނީ މިސްރާބު ހިފައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެމްބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހުށަހެޅި ބިލުގައި ވެސް އޮތީ އެ މަގްސަދެވެ. ނޫސްވެރިންގެ ކަންބޮޑުވުންތަކާ ހެދި، އެ ބިލް މަޖިލީހުން ބޭރުކޮށްލުމަށް ފަހު "މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން"ގެ ނަމުގައި އަނެއްކާވެސް މިވަނީ މަޖިލީހަށް ބިލެއް ވައްދައިފަ އެވެ.

ނޫސްވެރިކަން ކޮންޓްރޯލްކުރަން ސަރުކާރުގެ ނިޔަތެއް ނެތް ކަމުގެ ޔަގީންކަން ނޫސްވެރިންނަށް ދިނުމަށް ފަހު، މިފަހަރު ހަންނާނުގެ ބިލް މާބޮޑަށް ވެސް ނުރައްކަލެވެ.

"...އެ ބިލަކީ ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެން ދާނޭ ބިލެއް،" މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުންޏެވެ.

ނޫސްވެރިކަމާއި އަސާސީ ހައްގުތަކާ މެދު އެއްވެސް ވަރަކަށް ވަކާލާތު ނުކުރައްވާ އަދި އެފަދަ ބެކްގްރައުންޑެއް ވެސް ނެތް ހަންނާނު މަޖިލީހަށް ހުށަހެޅި ނޫސްވެރިންގެ ނަމުން ނަމަ، "ކޮންޓްރޯލް ބިލް" ގެ ކޮންމެ މާއްދާއެއް ވެސް ފަރުމާކޮށްފައިވަނީ ނޫސްވެރިކަން ހަނިކޮށް، ގައިދުކޮށް ކުޑަ ގޮޅިއަކަށް ފެއްތޭ ގޮތަށެވެ. ސަރުކާރުން އެދޭ، ރުހޭ ވާހަކައެއް ނޫނީ ނުލިޔެވޭ ޒާތަށެވެ.

އެ ބިލްގައިވާ ގޮތުން މީޑިއާ ރެގިއުލޭޓް ކުރާނީ ހަތް މެންބަރުންގެ ކޮމިޝަނަކުންނެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ސީދާ ރައީސް އައްޔަން ކުރައްވާ ތިން މެންބަރުންނެވެ. ކޮމިޝަންގެ ރައީސް ކަނޑައަޅުއްވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. ދެން ހިމެނޭ ހަތަރު މެންބަރުން މީޑިއާތަކުން ވޯޓު ދީގެން އިންތިހާބު ކުރާއިރު، އެމީހުން ކޮންމެ ވަގުތެއްގައި ވެސް ވަކިކުރުމުގެ ބާރު އޮތީ މަޖިލީހަށް ދީފަ އެވެ.

މާނައަކީ، ކޮމިޝަން އޮތީ ސަރުކާރުގެ ސީދާ ނުފޫޒުގެ ތެރޭގައި ކަމެވެ. މީޑިއާ ރެގިއުލޭޓް ކުރުމުގެ ތެރެއަށް ސަރުކާރުގެ އަތް ރަނގަޅަށް ބޭނޭ ގޮތަށެވެ. އެކަމަކު، މިއީ ތަހުޒީބީ ބެސްޓްޕްރެކްޓިސްއާ ދުރު، ވިސްނުމެކެވެ.

ގާނޫނަކުން މީޑީއާގެ މިނިވަންކަން ހަނިކޮށްގެން ނުވާނެކަން، މި ބިލާ ގުޅޭ ގޮތުން ނޫސްވެރިން ފާޅުކުރާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސަރުކާރުން ވެސް ގަބޫލުކުރާ ކަން އޮތީ ހާމަކޮށްފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މީޑިއާ ކޮންޓްރޯލް ކުރުމަކީ އެ މަނިކުފާނު ތާއީދުކުރައްވާ ސިޔާސަތެއް ނޫނެވެ.

ހަންނާނުގެ ބިލް ދެވަނަ ފަހަރަށް ހުށަހެޅުމުން، ސަރުކާރަށް ކުރިމަތިކުރުވާ ޕްރެޝަރުތަކަށް ދެއްވި ޖަވާބުގައި ރައީސް ރޭ ވެސް ތަކުރާރު ކުރެއްވީ އެ މަނިކުފާނުގެ އެ ބަސްފުޅެވެ.

ރައީސް ވިދާޅުވީ މީޑިއާ ކޮންޓްރޯލް ކުރުމަކީ އެއްވެސް އިރެއްގައި އެ މަނިކުފާނު ޝައުގުވެރިވެވަޑައިގަންނަވާ ކަމެއް ނޫން ކަަމަށެވެ. އެ މަނިކުފާނަށް ބާރު ލިބިވަޑައިގަންނަވާ ގޮތަށް ބިލްގައި ހުރި ބައިތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ މެމްބަރުންނަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަކީ ކޮމިޝަނަށް ރައީސަކު އައްޔަން ކުރެއްވުމުގެ ބާރު ދޫކޮށްލައްވައި، ކޮމިޝަންގެ ހަތް މެމްބަރުންގެ ތެރޭގައި ވޯޓެއް ލައިގެން ރައީސަކު ހޮވުން ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އޮންނަން ވާނީ ފުރިހަމަ މިނިވަންކަން އޮންނަ ގޮތަށް، ދެފުށް ފެންނަ ގޮތަށް، ޒިންމާދާރުކަމާއެކީގައި ހިންގޭ މީޑިއާއެއްގެ ގޮތަށް،" ރައީސް ވިދާޅުވި އެވެ.

ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި ނޫސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން

އުޅެނީ އޮޅުވާލަން، ބްރޯޑްކާސްޓިން އާއި މީޑިއާ ރެގިއުލޭޓް ކުރުމަކީ މުޅިން ދެ ކަމެއް!

މީޑިއާ ކޮންޓްރޯލް ބިލް ޑްރާފްޓް ކުރެއްވުމުގައި އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ބިލުގެ ދިފާއުގައި ވިދާޅުވީ، ބިލް އޮތީ "އީޔޫ ސްޓޭންޑާޑް" އަށް ކަމަށެވެ. ކުރިއަރާފައިވާ ޑިމޮކްރަސީތައް އޮތް، ނާމޫނާ ބައެއް ގައުމުތަކަށްވާ ފިންލޭންޑާއި ސުވިޑޭން އާއި އިނގިރޭސިވިލާތުގެ ނަން ގެންނަވައި، އޭނާ ވިދާޅުވީ ބިލް އޮތީ އެ ގައުމުގެ ގާނޫނުތަކާ ވެސް އޮތް ގޮތަށް ކަމެވެ.

އެކަމަކު، މިއީ ހަގީގަތާ ދުރު ވާހަކައެކެވެ. އޮޅުވާލުމެކެވެ.

"އީޔޫގެ ޑައިރެކްޓިވްތަކާ އެއްކީލުކޮށޭ ބިލް އޮތީ އެ ބުނީ ހަމަ ކަނޑައެޅިގެން ދޮގެއް. އީޔޫގެ ޑައިރެކްޓިވްއަކީ މިފަހުން ފާސްކުރި އީޔޫ މީޑިއާ ފްރީޑަމް އެކްޓްގައި ކަނޑައަޅަނީ ބޭސްލައިންތަކެއް، އެ ބޭސްލައިންތަކުގައި ވެސް ނަގަހައްޓާ އެއް އުސޫލަކީ ސަރުކާރުގެ ނުފޫޒާ ނުލައި މީޑިއާތައް ރެގިއުލޭޓް ކުރުން. އެ ބިލް އޮތް ގޮތުން އީޔޫއިން އެ ބުނަނީ ހުރިހާ ގައުމެއް ކައިރީގައި ވެސް ސެލްފް ރެގިއުލޭޓްރީ ނިޒާމެއްގެ ތެރެއިން އެކަން ކުރަން ޖެހޭނީ،" އެމްޖޭއޭގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖުނައިދު ސަލީމް ވިދާޅުވި އެވެ.

ފިންލޭންޑާއި ސުވިޑޭން އާއި އިނގިރޭސިވިލާތުގައި އޮންނަ ކަމަށް ނާޒިމް އެ ވިދާޅުވާ އެ ގާނޫނުތަކަކީ ބްރޯޑްކާސްޓިން ރެގިއުލޭޓްކުރާ ގާނޫނުތަކެވެ. އެ ގާނޫނުތަކުން އުފައްދާފައިވާ އިދާރާތަކަކީ ވެސް ސަރުކާރުގެ އިދާރާތަކެވެ. އެ ތަންތަނުން ކުރަނީ ބްރޯޑްކާސްޓިންއާ ގުޅޭ ވަރަށް އިދާރީ މަސައްކަތްތަކެވެ. މުޅި ނޫސްވެރިކަން ނުވަތަ މީޑިއާ ރެގިއުލޭޓް ކުރުމުގެ އެއްވެސް ކަމެއް އެ ތަންތަނުން ނުކުރެ އެވެ. އެ ބާރެއް ވެސް ނޯވެ އެވެ.

އޭގެ ބަދަލުގައި ނޫސްވެރިން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާއި ހަމަތައް ކަނޑައަޅައި، ރެގިއުލޭޝަންގެ މަސައްކަތްތައް ކުރަނީ ސެލްފް ރެގިއުލޭޓްރީ ބޮޑީސްތަކުންނެވެ. އެ ތަންތަނަކީ ނޫސްވެރިންނާއި އާންމުންގެ ބައިވެރިވުން އޮތް ތަންތަނެވެ. ސަރުކާރުގެ އެއްވެސް ބާރެއް އެ ތަންތަނަށް ނުހިނގަ އެވެ.

"ގައުމުތަކުން ބަލާ މިންގަނޑެއް ނޫން އެއީ ނޫސްވެރިން ޖަވާބުދާރީކުރުވުމަކީ ސަރުކާރުގެ ޒިންމާއެކޭ. އެއީ އާންމު ރައްޔިތުންނާ ގުޅުންހުރި އާންމު މަސްލަހަތުގައި ކުރާ ކަމެއްވީމަ އާންމުންނަށޭ ނޫސްވެރިން ޒިންމާދާރުވާން ޖެހޭނީ އަދި ޖަވާބުދާރީވާން ޖެހޭނީ ވެސް،" ރިޕޯޓާސް ވިތުއައުޓް ބޯޑާސްގެ ރާއްޖޭގެ ކޮރެސްޕޮންޑެންޓް ޖުނައިދު ވިދާޅުވި އެވެ.

ނޫސްވެރިންތަކެއް ރައީސް އޮފީހުގެ ޕްރެސްއެއްގައި: މީޑިއާ ރެގިއުލޭޓް ކުރަން ހުށަހަޅާފައިވާ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަން ނެތިގެންދާ ބިލެއް ކަމަށް އެމްއެމްސީ އާއި އެމްޖޭއޭ އިން ވަނީ ބުނެފައި.

މިސާލަކަށް އިނގިރޭސިވިލާތުގައި ނަމަ، އެ ގައުމުން މިދިޔަ އަހަރު ފާސްކުރި މީޑިއާ އެކްޓް އިން ވުޖޫދުކޮށްފައިވަނީ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރުންނާއި ރޭޑިއޯ، އޮން ޑިމާންޑް ވީޑިއޯ އާއި ބައެއް ކަހަލަ އެޕްތައް ކޮމިއުނިކޭޝަން ސާވިސް ރެގިއުލޭޓްކުރާ އޮފްކޮމް އިން ކަނޑައަޅާފައިވާ ހަމަތަކަށް ފެއްތުމުގެ އުސޫލުތަކެވެ. ނޫސްވެރިކަމާ ގުޅޭ އަސާސީ އެއްވެސް ކަމެއް އެ ގާނޫނުގައި ނެތެވެ. އޭގެ ބަދަލުގައި މީޑިއާ ކަންކަން ބަލަނީ އިންޑިޕެންޑަންޓް ޕްރެސް ސްޓޭންޑާޑް އޮގަނައިޒޭޝަން (އައިޕީއެސްއޯ) އާއި ދަ އިންޑިޕެންޑަންޓް މޮނިޓާ ފޯ ޕްރެސް (އިމްޕްރެސް) ފަދަ ސެލްފް ރެގިއުލޭޓްރީ ބޯޑީސްތަކުންނެވެ.

ފިންލޭންޑާއި ސުވިޑޭންއަށް ބަލާއިރު، މެންބަރު ނާޒިމް ހަވާލާ ދެއްވި އެ ދެ ގައުމުގެ ގާނޫނަކީ އެ ގައުމުގެ ޓެލެކޮމިއުނިކޭޝަން ކަންކަން ބަލަހައްޓައި އޮތޯރިޓީއާ ގުޅޭ ކަންކަން ކަނޑައަޅާފައިވާ ގާނޫނެވެ. އެ ދެ ގައުމުގައި ވެސް ނާޒިމް ވިދާޅުވި އެކްޓް އޮން އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ސާވިސް ގާނޫނުން އުފައްދާފައިވާ އޮތޯރިޓީއަކީ ސަރުކާރު ތަންތަނެވެ.

އެކަމަކު، ނޫސްތަކާއި މީޑިއާ ރެގިއުލޭޓް ކުރަން ފިންލޭންޑްގައި އޮތީ މީޑިއާއިންނާއި އާންމުންގެ ތެރެއިން މެންބަރުން އިންތިހާބު ކުރާ، ސަރުކާރުގެ އެއްވެސް ރޯލެއް ނެތް ބޮޑީއެކެވެ. ސުވިޑޭންގައި ވެސް މީޑިއާއާ ގުޅޭ ކަންކަން ނިންމުމާއި ޝަކުވާތައް ބެލުން ފަދަ ކަންކަން ކުރަނީ މިނިވަން އޮފީހަކުންނެވެ.

މިހާރު ރާއްޖޭގައި އޮތް ނިޒާމަކީ ވެސް އެއީ އެވެ؛ މީޑިއާއާ ގުޅޭ ކަންކަން ބެލުމުގެ މެންޑޭޓް ދީފައިވާ މީޑިއާ ކައުންސިލަކީ ސެލްފް ރެގިއުލޭޓްރީ ބޮޑީއެކެވެ. އެ ތަނަކީ ނޫސްވެރިންނާއި އާންމުންގެ މެންބަރުން ތިބޭ ތަނަކަށްވާއިރު، ސަރުކާރުން އައްޔަން ކުރާ މެންބަރުން ތިބޭ ބްރޯޑްކާސްޓިން ކޮމިޝަންގެ ދައުރަކީ ބްރޯޑްކާސްޓިން އާއި ރީބްރޯޑްކާސްޓިންއާ ގުޅޭ މަސައްކަތްތައް ކުރުމެވެ.

"މި ދެ ދާއިރާ ތަފާތުވާ ގޮތަކީ ޖާނަލިސްޓް ކޮންޓެންޓަކީ ނޫސްތަކުން އުފައްދާ އެއްޗެއް. ބްރޯޑްކާސްޓަރުންގެ ތެރޭގައި ހަމައެެކަނި ޖާނަލިސްޓިކް ކޮންޓެންޓެއް ނޫން އުފައްދަނީ. އެމީހުން އެބަ އުފައްދާ ފިލްމާއި ރިއަލިޓީ ޝޯތަކާ މިކަހަލަ ބައިވަރު ކަންކަން. އެހެންވީމަ މި ދެ ކަން އެއްކޮށްގެން ރެގިއުލޭޓް ކުރުމަކީ ކަން ކުރާ ގޮތެއް ނޫން،" ޖުނައިދު ވިދާޅުވި އެވެ.

އެކަމަކު، އެ ދެ ކަން އެއްކޮށްލައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުން ހިމަނައިގެން މީޑިއާ ރެގިއުލޭޝަން ކޮމިޝަނެއް ހެދުމަކީ އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި ބިލު ހުށަހެޅި ހަގީގީ ނިޔަތާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެކެވެ. މީޑިއާ ރެގިއުލޭޓް ކުރަން ޖެހޭ ކަމަށް ބުނެ، މީޑިއާގެ މިނިވަންކަން ނަގާލައި، އާ ގާނޫނެއް ގެންނަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ހަސަން ގަބޫލެއް ނުކުރައްވަ އެވެ.

"މުޅި ބިލު ބަލާލީމަ ވެސް އެބަ އެނގޭ މީގެ މަގުސަދަކީ ނޫސްވެރިން ހިފެހެއްޓުން ކަން. އޭގެ އިތުރަށް މީގެން ލިބޭނެ ފައިދާއެއް، ހައްގެއް ނެތް. ބިލުގެ ނިޔަތަކީ ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓުން،" ހަސަން ވިދާޅުވި އެވެ.

ހަސަން ގަބޫލުކުރައްވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ތިން މެންބަރުން ހިމެނޭ ގޮތަށް ކޮމިޝަންގެ ފޯމޭޝަން އެކުލަވާލާފައިވަނީ ވެސް އެތަނުގެ ފުލް ކޮންޓްރޯލް ސަރުކާރަށް ދަމައިގަނެވޭ ގޮތަށެވެ.

"މި ބިލް އޮތް ގޮތުން މުޅި ކޮމިޝަންގެ ކޮންޓްރޯލް ނަގާނީ ސަރުކާރަށް. މިސާލަކަށް ޕީއެސްއެމްގައި އެބަ އުޅޭ ވަރަށް ގިނަ މުވައްޒަފުން. އެ މުވައްޒަފުން ވޯޓުލާނީ ސަރުކާރުން އައްޔަންކޮށްފައިވާ އެ ތަނުގެ އެމްޑީ ބޭނުންވާ މީހާއަށް. އެހެންވީމަ ޕީއެސްއެމްއަށް ވަރަށް ފަސޭހަ ވާނެ އެ ތަނުން ދެ ސްލޮޓް ހޯދަން. އޭރަށް ވެސް ސަރުކާރަށް އެ ލިބުނީ ފަސް މެންބަރުން،" ހަސަން ވިދާޅުވި އެވެ.

އެކަމަކު މިއީ ހަސަން ވިދާޅުވާ ގޮތުގައި ރައީސާއި ސަރުކާރާ ބެހޭ ވެސް ކަމެއް ނޫނެވެ.

ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި ނޫސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން

"ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ވެސް ކަމެއް ނޫން މީޑިއާ ރެގިއުލޭޓް ކުރުމަކީ، ޒިންމާއެއް ވެސް ނޫން. އެންމެ ރަނގަޅު ގޮތަކީ ރައީސުލްޖުމްހޫރިއްޔާ ވީހާވެސް ދުރެއްގަ ހުރުން މިކަމުގައި. އެ ބޭފުޅާގެ މަސްލަހަތޭ ބޮޑީ މިކަމުގައި،" ހަސަން ވިދާޅުވި އެވެ.

މީޑިއާ ކައުންސިލަށް މިހާރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާލިޔަސް، 90 ޕަސެންޓެއްހާ މައްސަލައަކީ ރައީސް އޮފީހުން ނޫސްތަކާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކެވެ.

މީޑިއާ ރެގިއުލޭޝަނަށް މިހާރު ވެސް މީޑިއާ ކައުންސިލް އޮތްއިރު، އެތަނުން މައްސަލަތައް ބަލައި، މާފަށް އެދެން އެންގުން ފަދަ ފިޔަވަޅުތައް މިހާރު ވެސް އަޅަމުންދެ އެވެ. އެ ކައުންސިލުން ނިންމާ ނިންމުމަކާ ހިތްހަމަނުޖެހޭ ނަމަ، ކޯޓަށް ދިޔުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. ނޫހަކުން މީހެއްގެ އަބުރާ ބެހި، ނުރަނގަޅު ވާހަކަތަކެއް ދައްކައިފި ކަމަށް ގަބޫލުކުރާ ނަމަ، އެ މައްސަލައެއް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ވެސް ފުރުސަތު އެބަ އޮތެވެ.

"އެހެންވީމަ ރެގިއުލޭޓް ކުރުމުގެ ނިޒާމެއް މިހާރު ވެސް އެބަ އޮތް،" ހަސަން ވިދާޅުވި އެވެ.

އޭނާ ދެކޭ ގޮތުގައި ކުރަންވީ ކަމަކީ މީޑިއާ ކައުންސިލަކީ އިތުބާރު ހިފޭ ތަނަކަށް ހެދުމެވެ. އެތަނަށް މެންބަރުން އިންތިހާބު ކުރާ ގޮތުގައި އޮތް "ފަނި" ނައްތާލައި، ހަރުދަނާ ތަނަކަށް ހަދަން ބަދަލުތައް ގެނައުމެވެ. ޖުނައިދު ވެސް ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ބްރޯޑްކާސްޓިން އަދި މީޑިއާ ރެގިއުލޭޓް ކުރުން އެއްކޮށް ނުލުމެވެ.

"މިއަށްވުރެ މި ނިޒާމް ހަރުދަނާ ކުރަން ބޭނުންވާ ނަމަ، އެއްކޮށްލުމުގެ ބަދަލުގައި ކުރެވިދާނެ ކަންކަން އެބަހުރި. މިސާލަކަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އެއީ މިނިވަން ތަނަކަށް ހެދުމަށް ފަހު އެ ތަނުގެ މެންޑޭޓްގެ ތެރެއަށް ބްރޯޑްކާސްޓިން ރެގިއުލޭޝަން ހިމެނުން. އިޝްތިހާރު ރެގިއުލޭޓް ކުރުން ފަދަ ކަންކަން. އެއީ ޔޫކޭގައި އޮތް މޮޑެލް،" ޖުނައިދު ވިދާޅުވި އެވެ.

ނަމަވެސް، ޖުނައިދު ވިދާޅުވި ގޮތުގައި މިކަމުގައި އެންމެ ރާއްޖެއަށް އެންމެ ރަނގަޅު ވާނީ ކޮން ނިޒާމެއްތޯ ނޫނީ ހުރި އޮޕްޝަންތަކަކީ ކޮބައިތޯ މަޝްވަރާކޮށް ހިޔާލު ބަދަލު ކުރަން މީޑިއާއަށް ސަރުކާރުތަކުން ފުރުސަތެއް ނުދެ އެވެ.

"އެ ބަހުސް ހިނގާކަށް ފުރުސަތެއް ނުދޭ. އެ ބަހުސަކީ ހަމައެކަނި މަޖިލީހުގެ ތެރޭގައި ހިނގަން ޖެހޭނެ ބަހުސެއް ވެސް ނޫން. އޭގައި ސިވިލް ސޮައިސިޓީގެ ބައިވެރިވުން އޮންނަން ޖެހޭނެ. އާންމު ރައްޔިތުންގެ ބައިވެރިވުން އޮންނަން ޖެހޭ. އެކަން ނުކޮށް ކޮންމެ ފަހަރަކު އެއްކޮށްލަނީއޭ ކިޔާފައި މިހެން ހެދުން މައްސަލައަކީ،" އޭނާ ވިދާޅުވި އެވެ.

"ބަންޑާރަ ނައިބުގެ އޮފީހުން ވެސް ބުނޭ ބިލެއް ޑްރާފްޓް ކުރަމުންދާ ކަމަށް. އެކަމަކު އެ ބިލެއް މީޑިއާތަކަށް ނުފެނޭ. އޭގައި އޮތީ ކޮން އެއްޗެއް ކަމެއް ވެސް އެއްވެސް މައުލޫމާތެއް ވެސް ނުލިބޭ."

މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ވެސް ބުނެފައިވާ ގޮތުގައި މިހާރު އޮތް ނިޒާމް އިސްލާހުކުރަން ޖެހިފައިވީ ނަމަވެސް، ދެން އެކުލަވާލާ ނިޒާމު ވާންވާނީ ސަރުކާރުގެ ނުފޫޒުން އެކީ ސަލާމަތްވެފައިވާ ނޫސްވެރިން އެ މީހުން އަމިއްލައަށް މީޑިއާގެ އުސޫލުތައް ކަނޑައަޅާ ރެގިއުލޭޓް ކުރާ ގޮތަށް އޮންނަ ބާރުވެރި ސެލްފް ރެގިއުލޭޓަރީ އިދާރާއަކަށެވެ.

އެފަދަ ނިޒާމެއް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއްކަން ވެސްމެ އެވެ.

"އެހެންވެ، މިހާރު އޮތް ބިލް އިސްލާހު ކުރުމަކީ އޮތް އޮޕްޝަނެއް ނޫން. ބިލް އެކީ އެކަށް ބޭރުކޮށްލުން ނޫން އިތުރު ގޮތެއް ގަބޫލެއް ނުކުރާނަން،" ބިލާ ދެކޮޅަށް މަސައްކަތް ކުރާ ނޫސްވެރިންގެ ހަރަކާތް، "ހަތަރެއްގެ ހައްގުގައި" ގެ ސްޓޭންޑަކީ މިއީ އެވެ.

ނޫސްވެރިންތަކެއް ރައީސް އޮފީހުގެ ޕްރެސްއެއްގައި: މީޑިއާ ރެގިއުލޭޓް ކުރަން ހުށަހަޅާފައިވާ ބިލާ މެދު ނޫސްވެރިން ގެންދަނީ ކަންބޮޑުވުންފާޅުކުރަމުން. -- ފޮޓޯ | މިހާރު

ބިލްގައި ހުރި ބައެއް ބޮޑެތި ކަންބޮޑުވުންތައް

- ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ތިން މެންބަރުން ހިމެނުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ނިޒާމު، ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަންނާނެ ކަމެއް.

- ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮތުން. އޭގެ ސަބަބުން ނޫސްވެރިން ހޮވާ މެންބަރުންނަށް ވެސް ސަރުކާރާއި މަޖިލީހުން ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮވޭ.

- ނޫސްވެރިކަމުގެ ސުލޫކީ ހަމައެއްގެ ގޮތުގައި، ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުން ހިމަނާފައިވުން. މިފަދަ މާއްދާއެއް ނޫސްވެރިކަމާ ގުޅޭ ގާނޫނެއްގައި އޮތުމުން، ސަރުކާރުން ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުމަށް ނޫސްވެރިންނަށް ހުރަސް އެޅޭނެ.

- ކޮމިޝަނުން މައްސަލަ ބަލަމުން ދާ ވަގުތު، ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން، ނޫސްތަކަށް ޓާގެޓުކޮށް، ވަކި މުއްދަތެއް ނެތް ގޮތަށް، ނޫސް އިދާރާތައް ބަންދުކުރުމުގެ ފުރުސަތު އެބަ އޮތް: އަދި ލައިސެންސް ބާތިލް ކުރުމުގެ ބާރު އޮންނާނީ ކޯޓަށް ކަމަށް ބިލުގައި އެއް މާއްދާގައި ހިމަނައި، ވަގުތީ ގޮތުން ލައިސެންސް ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް އޮތުމުން، އެއީ ހަމަޖެހޭ އުސޫލެއް ނޫން.

- ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް "ބެލެވޭ" ހާލަތެއްގައި ފުލުހުން ފަދަ އިދާރާތައް މެދުވެރިކޮށް ނޫސްތަކާއި ޓީވީ ތަކުގެ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ދީފައި އޮތުމުން. ގައުމީ ސަލާމަތަކީ ވަރަށް ފުޅާ ގޮތެއްގައި މާނަ ކުރެވެން އޮތް ކަމެއް.

- ވަކި ވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށް އޮތުމުން، ނޫސްވެރިންނަށް މައުލޫމާތު ހާމަކޮށް، މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅި، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހުން. ވަކި ވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމަކީ މިހާރު އޮތް ނިޒާމުގައި ދަންނަ ކަމެއް ނޫން.

- ތެދު ނޫން މައުލޫމާތު ހާމަކޮށްފި ނަމަ މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައިވާ އިރު "ތެދު" ނުވަތަ 'ދޮގު" ކަނޑައަޅަނީ ކޮން ފަރާތަކުން ކިހިނެތް ކަމެއް އެނގޭކަށް ނެތް.

އަމިއްލަ މެމްބަރަކު ހުށަހެޅުއްވި ބިލް، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަ، އެއީ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމެވެ. މިނިވަންކަން ހަނިކޮށްލުމެވެ. ޑިމޮކްރަސީއެއްގައި ފަހަތަށް ފިޔަވަޅެއް އަޅައި ބޮޑު ގޯހެއް ހެދުމެވެ.

22 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 0%
icon angry icon angry 91%
icon wow icon wow 3%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޫސްވއެިން

27 August 2025

ނޫސްވެރިންނަކީ ވެސް ޒިންމާދާރު ކުރެވެން ޖެހޭ ބައެކެވެ. އެމީހުން ހިތައް އަންނަހާ އެއްޗެއް ލިޔުމުގެ ޙައްޤު އޮވެގެން ނުވާނެއެވެ.

The name is already taken The name is available. Register?

އާބަކުރު

26 August 2025

ގޯހަކަށްވިޔަސް އެކަމެއް ކުރާ ހިސާބަށް ދިޔައިމީ ޖެހޭނީ ކުރަން. ނޫސްވެރިންނެއް ކަމަކު މީހުންގެ އަބުރަން އަރައިގަނެ ހިތަށް އައި ގޮތަކަށް ވާހަކަ ފަތުރައިގެން ނުވާނެ. ބައެއް ނޫސްތަކުން ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރާފައި އެބަހުރި. އަދި ބައެއް ކަންކަން އޮޅޭގޮތަށްވެސް ލިޔެފައި އެބަހުރި.

The name is already taken The name is available. Register?

ޒިދުނާ

26 August 2025

ހުރިހާ ފަންނެއްވެސް ރެގިއުލޭޓް ކުރާ ބީދައިން މީޑިއާވެސް ރެގިއުލޭޓްކުރަންޖެހޭ. އެހެން ނަހަދައިފިއްޔާ ރައްޔިތުންގެ ހައްގުތައް އެބަ ގެއްލޭ. މިހާރުވެސް ކޮޕީ ޕޭސްޓް ހަބަރާ ދޮގު ހަބަރުތައް އެހާ ގިނާ.

The name is already taken The name is available. Register?

ކޮޅުކެހި

26 August 2025

ނޫސްވެރިން އެބުނީ ތެދެއްނޫނޭ ބުނެ ހެކިދެއްކީމަ ނިމުނީނު. ވެގެން އުޅޭ ގޮތަކީ ނޫސްވެރިން ދައްކަނީ މުޅިން ތެދުވާހަކަ . އެހެންވީމަ 2028 މުއިއްޒަށް ނުލިބޭނެކަން 100 އިންސައްތަ ޔަޤީންވީމަ އެހެން އުކުޅަކުން ވެރިކަން ހޯދަން ކުރާ މަަސައްކަތް މިއީ.

The name is already taken The name is available. Register?

ހިސާބު

26 August 2025

ތެދެއް ނޫނޭ ބުނުމަކުން އެކަމެއް ނުނިމޭނެ. މީހުންގެ އަބުރަކީ އެއަށްވުރެ މާ މުހިންމު އެއްޗެއް. ނޫސްވެރިޔާ ލިޔަންވާނީ ތެދު ވާހަކަ. މައްސަލަ އަކީ ދޮގު ވާހަކަ ލިޔުން. ދޮގުހަދައިގެން މީހުންގެ އަބުރަށް އަރައިގަތުން.

The name is already taken The name is available. Register?

ކަރީނާ

26 August 2025

ނުކުރާނަމޭ ބުނި ހުރިހާ ކަމެއް އެބަކުރޭ. ދިވެހީން ގެ ރާއްޖެ..

The name is already taken The name is available. Register?

ރާވެރިބެ

26 August 2025

އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާ ހިދަކު ޚިޔާލް ފާޅުކުރުމެގެ މިނިވަންކަމާ ސަރުކާރަށް ބެހެވިގެން ނުވާނެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ކޮންޓްރޯލް ނުވަތަ ރެގިއުލޭޓު ވެސް ސަރުކާރުން ކޮށްގެން ނުވާނެ. ނޫސްވެރިކަން ރެގިއުލޭޓު ކުރާނީ ނޫސްވެރިން ތަމްސީލްކުރާ އެމީހުންގެ އަމިއްލަ އިދާރާ އިން (ސެލްފް ރެގިއުލޭޓް). މިހާރު ހިގާ ކަންތަޢްތަކަކީ ވަކި ބޭނުމަކަށް ރޭވިގެން ގަތާ ޗޭނެއް. މިކަމަކީ ވެސް އޭގެ އެއްބައި. މިތާ ބުނެވޭނީ މިވަރަށް.

The name is already taken The name is available. Register?

އ.ނ.ތ

26 August 2025

"އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާ ހިދަކު ޚިޔާލް ފާޅުކުރުން" ؟؟ - މީހުންގެ އަބުރު ކަތިލުން ( ހެއްކަކާ ނުލައި ބުނާ އެއްޗަކުން މީހެެއްގެ ދިރިއުޅުން ހަލާކުވެގެންދޭ) - ދޭތެރެ ޖެއްސުން ( މުޖުތަމައު ފަސާދަވެ އައިލާތަށް ރޫޅޭ) - ރީބަ ބުނުން (އިސްލާމް ދީނުގައި ނަހީ ކުއްވާފައިވާ ކަމެއް)

The name is already taken The name is available. Register?

މިންވަރު

26 August 2025

މިއަދު ނޫސްވެރިން، މާދަމާ ރައްޔިތުން. ބޭނުމަކީ ރައްޔިތުންގެ އަންގަ ބަންދު ކުރުން. ސަރުކާރާ ދެކޮޅަށް ލިޔާ ކޮންމެ މީހަކު ހުއްޓުވުން. ހުދުމުހުތާރު ވެރިކަމަކަށް އެންމެ މުހިންމު ކަމަކީމީ.

The name is already taken The name is available. Register?

އަހުމަދޭ

26 August 2025

އަބަދުވެސް ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިސްފިނަމަ އެންމެ ފުރަތަމަ ދުއްވާލަން މަސައްކަތް ކުރަނީ ނޫސްވެރިން. ގާނޫނީ ގޮތުން ނުވެއްޖިޔާ މަގުމަތިން. ވަރަށްވެސް މެސެޖު ސާފު. ސަރުކާރުން އެދޭ، ރުހޭ ވާހަކައެއް ނޫނީ ނުލިޔެވޭނެ. މީކީ މިގައުމުގަ އަލަކަށް ވާކަމެއްނޫ.

The name is already taken The name is available. Register?

ސްކިޕަރ1

26 August 2025

އެންމެންވެސް ތެޅިފޮޅިގަންނަނީ އެމީހަކަށް ދެރައެއް ކުރިމަތިވީމައެވެ. ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލަން އުޅުނީމާ މިކިޔަނީ ބޭނުންހާ ގޮތަކަށް ނޫސް ނުލިޔެވޭނެ ވާހަކަ އާއި މައުމޫނު ޒަމާނުގައި ކޮންޓްރޯލްކޮށްފައި އޮތްގޮތް މާރަގަޅުވާހަކައެވެ. އެކަމަކު ތިމާއަށް ނޫނީ ތިމާގެ ދަރިއަކަށް ބޮޑުންގެ ބަޔަކު އަނިޔާއެއް ދިނީމަ އެވާހަކަ ނޫސްތަކުގަ ޖަހާން ބޭނުންވާނެއެވެ. އެހިސާބުން މިނިވަން ނޫސްވެރިކަން މުހިންމުވާނެއެވެ.ނޫސްވެރިކަމުގެ ދިފާއުގައި ނިކުންނާނެއެވެ.

The name is already taken The name is available. Register?

ޖައިޝަމް ސލޑ

26 August 2025

ރައީސް މުއީޒް އަކީ އަބަދުވެސް އެންމެ ފުރިހަމަ ނިންމުން ނިންމަވާ ރައީސް އެއް ވީމާ ތިކަމައް ތާޢީދާއި އެއްބާރުލުން ދެމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454