މީޑިއާ ބިލާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު އެމްޖޭއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
02 ސެޕްޓެމްބަރ 2025 - 10:02
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ އެނާލިސިސްއެއް ހެދުމާއި މިހާރު އޮތް ރެގިއުލޭޓަރީ ނިޒާމުގެ ރިވިއުއެއް ހެދުމުގެ މަސައްކަތްތަކަށް ހަތަރު މަސް ދުވަހުގެ މުއްދަތެއް ދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިއްޖެ އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ ގުޅިގެން އިއްޔެ ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ނޫސްވެރިން ހާޒިރުކޮށްފަ އެވެ.
ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ކުރިއަށް ދިޔަ އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްޖޭއޭގެ ޑިރެކްޓަރު މުހައްމަދު ޖުނައިދު ވިދާޅުވީ އެހާ އަވަސް އަރުވާލައިގެން މި ބިލުގެ މަސައްކަތްކުރަންޖެހޭ ސަބަބަކީ ކޮބައިތޯ ނޫސްވެރިން ކޮމިޓީގައި ސުވާލުކުރުމުން ވެސް އެކަމަށް މެމްބަރުން ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ.
ޖުނައިދު ވިދާޅުވީ ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރަންޖެހޭ ހާލަތެއް އަދި ސަބަބެއް ވެސް ނެތް ކަމަށެވެ.
"[އެމްޖޭއޭ] ގެ ފަރާތުން ސިޓީއަކުން ކޮމިޓީއަށް އެދިފައިވާނެ މަދުވެގެން 4 މަސް ދުވަހުގެ މުއްދަތެއް ދިނުމަށް. މިހާރު މިިއޮތް ރެގިއުލޭޓަރީ ނިޒާމުގެ ރިވިއު ހެދުމާއި މިހާރު ހުށަހަޅާފައި އޮތް ބިލުގެ އެނާލިސިސްއެއް ހެދުމާ އެކީގައި އެމްޖޭއޭގެ ފަރާތުން ރިކޮމެންޑޭޝަންސް ކޮމިޓީއަށް ގެންނަން،" އޭނާ ވިދާޅުވި އެވެ.
ޖުނައިދު ވަނީ މަޝްވަރާކޮށްގެން ރަނގަޅަށް ބިލުގެ މަސައްކަތްކުރެވެން އޮއްވައި ގޯސް މަގުން ނުދިއުމަށް ވެސް އެދިފަ އެވެ.
އެ ބިލާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މިހާތަނަށް ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ. ވަކިވަކިން ބޭއްވި އެ ހުރިހާ ބައްދަލުވުމެއްގައި ވެސް ފާހަގަކޮށްފައި ވަނީ މަޝްވަރާނުކޮށް ހުށަހަޅާފައިވާ އެ ބިލުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރުމުން ބިލު ބޭރުކޮށްލާށެެވެ.
ޖުނައިދު ވިދާޅުވީ ނޫސްވެރިކަން ރެގިއުލޭޓްކުރުމަށް ދެކޮޅު ނުހަދާ ކަމަށާއި އެކަމަކު މިހާރު ދެކެވެނީ މީޑިއާ ކޮންޓްރޯލްކުރުމާއި ރެގިއުލޭޓްކުރުމާ އޮތް ފަރަގު ކަމަށެވެ. އަދި ބަންޑާރަ ނައިބާއި މަޖިލީހާއި ސަރުކާރުގެ އެހެން ފަރާތްތަކާ ވެސް މަޝްވަރާކޮށްގެން ކުރިއަށް ދިއުމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ.
ކޮމިޓީގައި އިއްޔެ ޖުނައިދު ވިދާޅުވި ގޮތުގައި އެމްޖޭއޭގައި ކުރި ދިރާސާއިން ވެސް އެނގުނީ އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތް އޮތީ ނޫސްތައް ސިޔާސީ މީހުންގެ އަތްދަށުވެފައި ތިބި ތިބުމަށެވެ. ނަމަވެސް، އެކަން ހައްލު ކުރަން ބިލުގައި އެއްވެސް ކަމެއް ހިމަނާފައި ނެތް ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިންނަށް އެކި ކަހަލަ އިންޒާރުތަކާއި ހަމަލާތައް އަމާޒުވަމުންދާއިރު، ނޫސްވެރިންގެ ހިމާޔަތުގައި ބިލުގައި އެއްވެސް ކަމެއް ވެސް ލިޔެފައި ނެތް ކަން ޖުނައިދު ވެސް ފާހަގަކުރެއްވި އެވެ.
ކޮމިޓީގައި ހުރިހާ މީޑިއާއަކުން ވެސް ފާހަގަކުރީ، ބިލުގައި ހުރި ކަންބޮޑުވުންތަކާއި ނޫސްވެރިކަމަށް ނުރައްކާ ހުރި މާއްދާތަކެވެ. ގިނަ މީޑިއާތަކުން ގޮވާލާފައިވަނީ ބިލު އަނބުރާ ގެންގޮސް، މީޑިއާތަކާއި ޖަމިއްޔާތައް އަދި ކަމާ ގުޅޭ އިދާރާތަކާއެކު ފުޅާކޮށް މަޝްވަރާކޮށްގެން އާ ބިލެއް އެކުލަވާލުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޑަފި
02 September 2025
ބަޔަކުދިނީމަ ކައިގެން ބޮއެގެން އުޅެވެން އޮތްބަޔަކަށް ކޮން މިނިވަން ނޫސްވެރިކަމެއްތޯ ކުރެވޭނީ، އެއް މީޑިއާއަކުން ސަރުކާރަށް ހަބޭހަށް ބަވާމަތިން ބަޔަކު ދޭލާރިކޮޅަކުން ފުއްދާލާއިރު، އަނެއް މީޑިއާއަކުން ހިފަހައްޓާލަނީ ސަރުކާރަށް ސަނާކިޔާމަތިން ދޭލާރިކޮޅަކުންނެވެ. އިންސާނާގެ ތޮބީއަތުގަވެސް އެހީތެރިވާމީހާއަށް އަހަންމިއްޔަތުކަން ދޭނެއެވެ. މިގޮތުން ކިތަންމެ މިނިވަނޭކިޔަސް އޮނަނީ އެއްފަރާތައްގޮސް ހުސްވާންޖެހިފައެވެ.
ކަންމަތީފިހާރަ
02 September 2025
މިހާރު ސަރުކާރު ކުންފުނިތަކުގެ ބަޖެޓުން މީޑިއާތަކަށް ކޮންމެ މަހަކު ޙަރަދު ކުރުމުގެ ބަދަލުގައި ބިލުގައި އެއޮތީ ސަރުކާރުުން ސީދާ ރެޖިސްޓަރޑް މީޑިއާތަކަށް ފައިނޭންސް ދޭން. މީގެ ސަބަބުން ބޮޑެތި މީޑިއާ އައުޓްލެޓްތަކަށް ރަނގަޅުގޮތް ވިޔަސް، ކުދިކުދި މީޑިއާ އައުޓްލެޓްތައް ހިންގަން ވަރަށް އުނދަގޫ ވާނެ. ސަރުކާރު ކުންފުނިތައް މާކެޓް ކުރަން މިހާރު މީޑިއާ ތަކަށް ދޭ ލާރި ކަނޑާލައިގެން ނުވާނެ. ބަޔަކު އާމްދަނީ ހޯދަން ކުރާ މަސައްކަތް މީ.
މުލޭ
03 September 2025
ތިމަސައްކަތުން އާމްދަނީ ނުލިބެންޏާ ލިބޭ މަސައްކަތެއް އިޚްތިޔާރު ކުރުމުގެ މިނިވަންކަން އޮންނާނެ ތިކަންކުރާ މީހުންނަށް. ބޯގޯސް ވާހަކަ ނުދައްކާ.
އިދްރީސް
02 September 2025
އެއްގޮތަކަށް ވެސް ބިލް ގެންދާނެ ކަމެއް ނެތް، އިސްލާހެއް އޮތިއްޔާ ހުށަހެޅީމަ ރަނގަޅުވާނެ ކަމަށް ފެނޭ
ރަމަ
02 September 2025
މިބިލް ބޭރުކޮށްފަ އަލުން ނޫސްވެރިކަން ރެގިއުލޭޓްކުރާ ބިލެއް އެންމެންގެ ލަފާއާއި އިރުޝާދުގެ މަތިން އަލުން ހުށަހެޅުން މިވަގުތަށްއެންމެ ބުއްދިވެރި ގޮތަކީ! ކޮންމެ ކަމެއްވެސް އެކަމެއް ކުރަން އޮންނަ ރީތި ގޮތަށް މަޝްވަރާގެ އުޞޫލުން ގެންދިއުން ރަގަޅުވާނެ. ގޯސްކޮށް ހުންނަ ކަންކަން ރަގަޅުކުރެވެންވެސް ޖެހޭނެ ހަމަ އެފަދައިން ވައްކަމާޢި ސަރުކާރުތަކުން ހިންގާ ކޮރެޕްޝަން ތަކުގެ ވާހަކަ ދެކެވެވިގެން ޤައުމު އިސްލާޙުކުރެވޭނީވެސް މިވެސް ޤަބޫލުކުރަންޖެހޭ ހަޤީގަތެއް.
މުލޭ
03 September 2025
ކޮރަޕްޝަނެއް ހިންގައިފިއްޔާ އެވާހަކަ ދެއްކޭނެ. އެކަން ސާބިތު ކޮށްދޭން ވެސް ޖެހޭނެ. ސާބިތު ނުކުރެވެންޏާ އެކަން ކޮށްގެން ނުވާނެ.
މިޑިއަރ
02 September 2025
ހަގީގަތާއި ޚިލާފަށް ލިޔާ ލިޔުންތަކުގެ ސަބަބުން މީސްމީހުންގެ އަބުރު ވެއްޔާ މޮޑެވުނަސް ނޫސްވެރިކަން އެދަނީ ކުރިއަރަމުން ކަމަށް ދެކޭނީ ޖާހިލުން.
ރާޕިއު
02 September 2025
އަދި ކިރިޔާ އެމްޖޭއޭ އަށް ބޮޑު މަސައްކަތެއް ކުރަން މި ޖެހުނީ. މި ކަމަށްވެސް 4 މަސް.
އަޅި އަލީ
02 September 2025
'ހަތަރު މަސް" "ހަތަރު މަސް" ހަހަހަހަހ! ހަތަރު އަހަރު ދޭންފެންނަނީ! މޮޔަވެބަލަ!
ޑރ ވާންޗޯ
02 September 2025
ކޮންގޭމެއް ޖެއްސޭތޯ ތިއުޅެނީ، ސަރުކާރުން ފާސްކުރަން ބޭނުންވާއެއްޗެއް ފާސްކުރިޔަސްއޯކޭއެއްނު، ތިޔަ އެނަލިސިސްއެއްހަދާފަ ފެންނަގޮތަކާ ބޭނުންވާގޮތެއް ސަރުކާރަށް ހުށައެޅީމަ އެކަންބަލާފަ ގެންނަންޖެހޭބަދަލެއްއޮތިއްޔާ އަލުން ގާނޫނަށް އެބަދަލެއް ގެނައީމަނިމުނީ.. މަގާމުގަ ކިތައްހަތަރުމަސް ވެއްޖެ ވާއެއްނުވާއެއްނޭގޭތީ ނޫނީ ހަމައެއްކަމެއްނުކޮށް މުސާރަނަގަން ތިބީމަދޯމިހާރު ތިޔައެއްޗެއް ހަދަންތިޔައުޅެނީ. ތިޔަށްކިޔަނީ ގޭމްޖެއްސުން.
ބީރު ސަރުކާރު
02 September 2025
ބިލު ހުށައެޅުމަށް ބޮޑުހޭދައެއް ކުރެވިފައިވާއިރު އަނބުރާގެނައުން އެހާފަސޭހައެއްނޫނެވެ. ބިލުހުށައެޅުމަށް ތުޅާދޫގަ ބިން ހިއްކުމާއި އެއާރޕޯޓެއްއެޅުމާއި 100 ހައުސިންގ ވަނީދަޅަދެންކިފައެވެ. އޭގެފަހުން ތިބިލްހުށައެޅި ބަންޑާރަނައިކާގެ ރުހުމާއެކުއެވެ. ސިޔާސީ ދުރުވިސްނުންކޮށި ސަރުކާރަކަށްވުމުން ބިލުގެސަބަބުން ރާއްޖެއާއި ބައިނަލްއަގުވާމީ މުޖުތަމައިން ވަނީ ކަންބޮޑުވުން އިތުރު ވަމުންނެވެ ! އިސްލާހުވާށެވެ މިފަހަރު ޖެހެނީ ބިލާއެކު ސަރުކާރު އިސްލާހުވާށެވެ