އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ޗައިނާގެ ރައީސް ޝީޖިންޕިންއާއި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އާ ބައްދަލުކުރައްވަނީ. ފޮޓޯ: އޭޕީ
02 ސެޕްޓެމްބަރ 2025 - 10:46
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ހަތް އަހަރު ފަހުން ޗައިނާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުގެ ބޭނުން ހިއްޕެވީ ބާރުގަދަ އަވަށްޓެރިޔާ ޗައިނާ އާއި ވިޔަފާރީގެ މުހިއްމު ބައިވެރިއެއް ކަމަށްވާ ރަޝިޔާގެ ވެރިންނާ ގުޅުން ބަދަހިކުރެއްވުމަށެވެ. މޯދީ މިފަދަ ގޮތަކަށް މިސްރާބު ބަދަލުކޮށްލެއްވީ ކުރިން ވިޔަފާރީގެ ގޮތުންނާއި ސިޔާސީ ގޮތުން ވެސް ގާތް ގުޅުމެއް އޮތް އެމެރިކާއިން އިންޑިއާއާ މެދު އަމަލުކުރި ގޮތުގެ ސަބަބުން ބޮޑު ނުތަނަވަސްކަމެއް އުފެދިފައި އޮއްވަ އެވެ.
ޗައިނާގެ ޓިއާންޖިންގައި ބޭއްވި ރީޖަނަލް ސެކިއުރިޓީ އެންޑް އިކޮނޮމިކް ސަމިޓްގެ ހަވާސާގައި މިދިޔަ އާދީއްތަ ދުވަހު މޯދީ، ޗައިނާގެ ރައީސް ޝީޖިންޕިން ބައްދަލުކުރެއްވި އިރު ދެބޭފުޅުން ވައުދުވެވަޑައިގަތީ އިންޑިއާ އާއި ޗައިނާ އަކީ ވާދަވެރިންގެ ގޮތުގައި ތިބުމުގެ ބަދަލުގައި ބައިވެރިންނަށް ވުމަށެވެ.
ދެގައުމުން ވެސް ރަސްމީކޮށް ހާމަކޮށްފައިވާ ގޮތުގައި މޯދީ އާއި ޝީޖިންޕިން މަޝްވަރާކުރެއްވީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ މައްސަލައެއް ކަމަށްވާ ސަރަހައްދީ ރޮނގުގެ އަރައިރުން ނިމުމަކަށް ގެނައުމަށެވެ. ވައިގެ ސީދާ ދަތުރުތައް ފެށުމާ އެކު ދެގައުމުގެ ދެމެދު ކުރާ ވިޔަފާރި މިހާރަށް ވުރެ އިތުރުކުރުމަށެވެ.
އޭގެ ފަހުން ހޯމަދުވަހު މޯދީ ބައްދަލުކުރެއްވީ ރަޝިޔާގެ ރައިސް ލަޑީމިއާ ޕުޓިންއާ އެވެ. މޯދީ ޕުޓިންއާ ބައްދަކުރެއްވީ އިންޑިއާއިން ރަޝިޔާއާ ބާއްވާ ގުޅުމަށް އެމެރިކާއިން ފާޑުކިޔަމުން ދަނިކޮށެވެ. ރަޝިޔާގެ ތެޔޮ އިންޑިއާ އިން ގަތުމަކީ އެގައުމުން ޔުކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ވާގިދިނުން ކަމަށް ސިފަކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މޯދީއަށް ފާޅުގައި ފާޑުވިދާޅުވެފަ އެވެ.
ރަޝިޔާއާ އެކު ހަކަތައިގެ ވިޔަފާރިކުރާތީ ދޭ އަދަބެއްގެ ގޮތުގައި ޓްރަމްޕް ވަނީ އިންޑިއާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ މުދަލުން 50 ޕަސެންޓް ޑިއުޓީ ނަގަން ނިންމަވައިފަ އެވެ. އިންޑިއާއާ ދެކޮޅަށް އެމެރިކާއިން އެޅި އެ ފިޔަވަޅަކީ އެ ގައުމުން އޭޝިއާގެ ގައުމަކަށް ދިން އެންމެ ބޮޑު އަދަބެވެ.
އުރުދުން އާއި މޯލްޓާ އަދި ލީބިޔާގައި އިންޑިއާގެ ސަފީރުގެ ގޮތުގައި ކުރިން މަސައްކަތްކުރައްވާފައިވާ އަނިލް ޓްރިގުނަޔާތު "ޓައިމްސް ނައު" އަށް ވިދާޅުވެފައިވާ ގޮތުގައި ޓްރަމްޕްގެ އެ ފިޔަވަޅުގެ ސަބަބުން އެމެރިކާއަކީ މިހާރު އިންޑިއާއަށް ބަރޯސާވެވޭ ގައުމަކަށް ނުވެ އެވެ.
"އަމިއްލަ ގޮތެއް، އަމިއްލަ ބައިވެރިންތަކެއް ހޯދުމަކީ އިންޑިއާ ކަހަލަ ގައުމަކަށް ވަރަށް މުހިއްމު ކަމެއް" ޓައިމްސް ނައު އަށް ދެއްވި އިންޓަވިއުގައި އަނިލް ވިދާޅުވި އެވެ.
ޗައިނާ ދަތުރު ފެއްޓެވުމުގެ ކުރިން މޯދީ ވަނީ ޔުކްރެއިންގެ ރައީސް ވޮލްޑަމީރް ޒެލެންސްކީއާ ވާހަކަދައްކަވައިފަ އެވެ. ސުލްހައަށް އިންޑިއާއިން ގޮވައިލާ ގޮވައިލުން އޭނާ ތަކުރާރުކުރެއްވި އެވެ. މޯދީއާ ވާހަކަ ދެއްކެވުމަށް ފަހު ޒެލެންސްކީ ވިދާޅުވީ ރަޝިއާ އާއި އެހެން ގައުމުތަކުގެ ލީޑަރުންނަށް ޔުކްރެއިނުން ދޭން ބޭނުންވާ ސިގްނަލް މޯދީ ދެއްވާނެ ކަމަށެވެ.
ޗައިނާ އާއި ރަޝިޔާއާ އެކު އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރައްވަން މޯދީ ކަމަރު ބެންނެވުމުމަކީ އެމެރިކާއިން އިންޑިއާއާ ދެކޮޅަށް އެޅި ފިޔަވަޅުން ނެރެން ބޭނުންވި ނަތީޖާއާ ދިމާ އިދިކޮޅު ނަތީޖާއެކެވެ. ބައިނަލްއަގުވާމީ ވިޔަފާރީގައި އެމެރިކާ އާއި ޗައިނާއާ ދެމެދު އޮންނަ ވާދަވެރިކަމުގައި ކުރިން ވަކިކޮޅަކަށް ނުޖެހި އޮތް އިންޑިއާ މިހާރު މަޑުމަޑުން އެ ވަންނަނީ "ރަޝިޔާ-ޗައިނާ ކްލަބް" އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރޫސީވިލާތް
03 September 2025
އެމެރިކާއިން އިންޑިޔާ އިނދަޖައްސާލުމުގެ މަސައްކަތް އެފެށީ، އިގްތިސާދީ ގޮތުން އިންޑިޔާ ހޯދަމުންދާ ކުރިއެރުންތަކަށް ބަލާއިރު އެމެރިކާއަށް ގޮންޖެހުމަކަށް ވެދާނެކަމުގެ ބިރު އޮތީމައި، އެމެރިކާއަކީ ހީލަތްތެރިގޮތެއްގައި ވާދަވެރިން ހަލާކުކުރަން އަވަށްޓެރި ގައުމުތަކާ ކުދި ގައުމުތައް ޔޫޒުކުރާ ގައުމެއް، މިސާލަކަށް ޓައިވާން، ބޭނުންކުރަނީ ޗައިނާ ނިކަމެތި ކުރަން، ސައުދީ ބޭނުންކުރަނީ، އީރާނު ހަލާކުކުރަން، ޔޫކުރޭން ބޭނުން ކުރަނީ ރަސިއާ ހަލާކުކުރަން
އައްބެ
03 September 2025
ޓްރަންޕަކީ ރާއްޖޭގައިނަމަ އަންނި.
raajje
02 September 2025
ޓެރިފުގެމައްސަލައިގާ ޗައިނާއިންވެސް އެމެރިކާއާދެކޮޅުވެ އެމެރިކާ ކުޑަކަކޫޖައްސުވާލާފައިވަނިކޮށް އިންޑިޔާއާ މިބީދައިން ދިމާކުރީމާ މިކަންވާނީ މިހެންކަން ދުނިޔޭގެ ހަބަރުތައްކިޔާ އެންމެންވެސް މާކުރިންދަނޭ، މިކަންމިހެންވާނެކަން ނޭންގުނީ ޓުރަންޕަށްއެކަނި، އެއީ ބޮޑާކިބުރުވެރިގަމާރުމޮޔައެއްވީމަ! ޗައިނާއާ އިންޑިޔާއާ ވިޔަފާރީގައި ދިމާކޮށް އެމެރިކާތިވަނީބޮނޑިބޮއިފަ، މިކަންވެގެންދާނީއެމެރިކާގެ ބާރާނުފޫޒުގެނިމުމަށް، މިދެންނެވިނަތީޖާ ދާދިއަވަހަށް ފެންނަންފަށާނެ
މާފަހަތުގަ
02 September 2025
ޓްރަމްޕްގެ ހިސާބުޖެހުން މިއުޅެނީ އަދުރަމެޓިކްސްއައްވުރެވެސް ފަހަތުގަ.
އަހުމަދުބޭ
02 September 2025
މިއީ އެމެއިކާގެ ނިމުމުގެ ފެށުމެވެ، އަދި އެމެރިކާއާއި ޔޫރަޕް ދުނިޔޭގައި ފަތުރަމުން އައި ހަން ފަޅައިގެން ދާކަމުގެ ވަރަށް ރަގަނޅުހެއްކެކެވެ. މިއަދު އެމެރިކާއަށް ނޫނެކޭ ބުނަން ދާދި އަވަހަށް އެހެން ގައުމުތަކުން ފަށައިނެއެވެ. އެމެރިކާދެން ދާނީ ދުވަހަކަށް ދުވަހަކަށް ނިކެމެތިވަމުންނެވެ، މިކަމަށް އަދި 30 އަހަރު ނަގާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. ދެން ކުޅިބައި އެތުރޭނީ ޗައިނާ އިންޑިއާ ބޭނުންވާ ގޮތަށެވެ.
ބަދަލުވެއްޖެ
02 September 2025
މިހާރު އެމެރިކާ ދެކެ ޖެހިލުންވެ ބިރުގަތުން ނިމެނީއެވެ. ގައުމުތައް އުޅެންވީ ގޮތް ދަސްކޮށްފިއެވެ. އެމެރިކާގެ ހަރުކަށިކަމާއި ގޮތްދޫނުކުރުމަށް މިހާރު ބަލާނެ ބަޔަކު ނެތެވެ.
ޓްރަމްޕު
02 September 2025
މަގޭ ސަބަބުން އިންޑިޔާ އަށް އަމިއްލަ ފައިމައްޗަށް ތެދުވަން އެނގުނީ
އަފާފް ސައީދު
02 September 2025
ސާބަހޭ އިންޑީޔާ. އަދިކިރިޔާ ރަނގަޅު ނިންމުމެއް ތި ނިންމުނީ.
ބޒވސ
02 September 2025
ޖީ7 އަށްވުރެ ބުރިކްސް ރަނގަޅުވާނެ. މިހާރުވެސް ތަފާސް ހިސާބުން ބުރިކްސް އުޅެނީ ކުރީގައި
ރާއްޖެ
02 September 2025
ނޫން. އިންޑިއާ ބޭނުން ވީ ނިއުޓްރަލް ކަމަށް ހެދިގެން އެމެރިކާ އިން ވެސް ފައިދާ ނަގަން. އެކަމަކު މިހާރު ދުނިޔޭގެ ޕޮލިޓިކްސް ގަ ނިއުޓްރަލް ވެގެން ނުހުރެވޭނެ. މިހާރު ވީ ގޮތަކީ އިންޑިއާއަށް އިތުރު ޗޮއިސް އެއް ނެތީ.
1206
03 September 2025
ތެދެއް ކަމަށް ގަބޫލުކުރެވޭ.