މާލޭ ވިޔަފާރިބަނދަރުގައި ބަަޔަކު ޕިކަޕަކަށް ކަރާތަކެއް އަރުވަނީ. ފައިލް ފޮޓޯ/މިހާރު
04 ސެޕްޓެމްބަރ 2025 - 12:24
ކާބޯތަކެތި ހިމެނޭހެން އަސާސީ މުދަލުގެ އަގު ބޮޑުވެ އަދި މޭވާގެ އަގު ވަކިން ބޮޑުވެފައި ވިޔަސް އެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މިންވަރަށް މިދިޔަ މަހު ވެސް މާބޮޑު ބަދަލެއް ނާންނަ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެމްޕީއެލް އިން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި މިދިޔަ ހަފުތާގައި މާލޭ ވިޔަފާރި ބަނދަރުން 1،359 ޓީއީޔޫ ކްލިއާ ކުރި އެވެ. އެއީ 20 ފޫޓްގެ 553 ކޮންޓެއިނަރާއި 40 ފޫޓްގެ 403 ކޮންޓެއިނާ އެވެ.
އޭގެ އިތުރުން ކްލިއާ ކުރި ޕެރިޝަބަލް ކާގޯ (ފަސޭހައިން ހަލާކުވާ ބާވަތްތަކުގެ) ގެ ތެރޭގައި 14،540 ކޭސް ބިހާއި 116،17 ބަސްތާ ފިޔާ، 5،415 ބަސްތާ ކަރާ، 3،672 ކޭސް ޓޮމާޓޯ، 1،819 ކޭސް އަލަނާސި، 2،257 ބަސްތާ ކެބެޖް، 2،087 ގަނޑު ދޮންކެޔޮ، 806 ބަސްތާ ބަރަބޯ އަދި 539 ބަސްތާ ސްވީޓްމެލަން ހިމެނެ އެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައިމަހުގެ ފަހުކޮޅުން ފެށިގެން އޯގަސްޓްމަހުގެ ނިޔަލަށް އެމްޕީއެލް އިން އެ ބާވަތްތައް ކްލިއާކުރި އަދަދު ހުރީ އާއްމުކޮށް ހަމަ މި ރޭންޖުގަ އެވެ. ބައެއް ހަފުތާތަކުގައި ބައެއް ބާވަތްތައް ތަންކޮޅެއް މަދުވި ނަމަވެސް ހަމަ އެއާ އެކު އެހެން ބާވަތްތައް އިތުރުވުމުން، ޖުމްލަ ގޮތެއްގައި ކްލިއާ ކުރި ޕެރިޝަބުލްގެ އަދަދަށް ބޮޑު ބަދަލެއް އައިސްފައެއް ނެތެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެސްޓިކްސް އިން އާއްމުކުރި އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި) ގައިވާ ގޮތުން މިދިޔަ އަހަރުގެ އޮގަަސްޓް މަހުގެ އަގުތަކާ އަޅާބަލާއިރު ކާބޯތަކެތީގެ އަގު މިހާރު ހުރީ ގާތްގަނޑަކަށް ދެ ޕަސެންޓް (1.96 ޕަސެންޓް) އުފުލިފަ އެވެ. އީސީޕީ ގައިވާ ގޮތުން ކާބޯތަކެތީގެ އަގުތައް މަހުން މަހަށް ވެސް ދަނީ އުފުލެމުންނެވެ. ކާބޯތަކެތީގެ އަގު މިދިޔަ މަހާ އަޅާބަލާއިރު 1.62 ޕަސެންޓު މައްޗެވެ.
އައިސީޕީގައި ފާހަގަކޮށްފައިވާ ގޮތުގައި ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލުނީ މޭވާ އާއި ތެލާއި ފެޓްގެ ބާވަތްތަކުންނެވެ. މޭވާގެ އަގު 10.20 ޕަސެންޓް އުފުލުނު އިރު ތެލާއި ފެޓްގެ ބާވަތްތަކުން 5.38 ޕަސެންޓުން އުފުލިފައިވާ ކަމަށް ތަފާސްހިސާބާ ބެހޭ އިދާރާގެ ސާވޭއިން ދައްކަ އެވެ.
ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ބުއިންތަކުގެ އަގު މިދިޔަ ޖުލައިމަހާ އަޅާބަލާއިރު އޮގަސްޓް މަހު ކޮންމެވެސް ވަރަކަށް ދަށަށް ދިޔަ ނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު އެ ބާވަތްތަކުގެ އަގު ވެސް ވަނީ ބޮޑުވެފަ އެވެ. އެއީ 1.58 ޕަސެންޓަށެވެ.
ރީތިވާ ސާމާނާއި އެ ނޫން ވެސް "ޕާސަނަލް ކެއާ" ކެޓަގަރީގައި ހިމެނޭ ތަކެތީގެ އަގު ވެސް މިދިޔަ އަހަރަށް ވުރެ 4.33 ޕަސެންޓް ބޮޑުވެފައިވާ ކަމަށް ވެސް އީސީޕީއައި އިން ދައްކަ އެވެ.
ޒަރޫރީ ތަކެތީގެ ތެރެއިން އަގަށް ބަދަލެއް އައިސްފައިނުވަނީ ގޭހާއި ތެލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަސީބު
05 September 2025
ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އަގުތައް ދަނީ ބާރު ސްޕީޑްގައި އުފުލެމުން. މިއީ ފާޅުކަން ބޮޑު ގޮތުގައި އެކި ވަސީލަތްތަކުން މިއަދު ކޮންމެ މީހަކަށްވެސް ފެންނަން އޮތް ހަގީގަތެއް. އެކަމަކު އެއްބަޔަކު ވަކާލާތުކޮށް ވިސްނައިދޭން އުޅެނީ މިއީ ރާއްޖޭގައި އެކަނި ވެގެންއުޅޭ ކަމެއްކަމަށް. ހުރިހާ އެއްޗެއް އިމްޕޯޓްކޮށްގެންް އުޅޭ، އަދި ޑޮލަރުލިބޭ މީހުންގެ ދަހިވެތިކަމުގައި އުފައްދައިގެން އުޅޭ ޑޮލަރުގެ ވަގު ބާޒާރެއް އޮންނަ ތަނެއްގައި މިވަރުވާކަންވެސް ނަސީބު.
ޖަޕީން
04 September 2025
އެތެރެކުރިޔަސް ފިހާރަތަކުގައި އަދި މާރކޭޓް ގޮޅިތަކުގައި އާފަލް ފަދަ ބައެއް އެއްޗެހި ވިކޭލެއް މަދުވެ ހަލާކުވެފަ ހުންނަތަން ފެނޭ.
އަފްރާސިޔާބު
04 September 2025
ސަޕްލައި ހިފެހެއްޓިފައި ދެން މައްޗަށް ނާރާނެ. ނާރާނެ މައްޗަކަށް. ކުރީ ސަރުކާރުން ސަޕްލައި މައްޗަށް ޖެއްސުމުން ޑޮލަރު އަގު މައްޗަށް ގޮސް ތަކެތީގެ އަގު ދަށަށްދިޔައީ. އެހެން ހެދީމާ ވިއްކާ މީހުންނަށް ގެއްލުންވަނީ.
ސަމުގާ
04 September 2025
ކޮްންމެ އާ ސަރުކާރަކާ އެކު ތަކެތީ ގެ އަގު 2 ގުނަ 3 ގުނަ އުފުލޭ! އެ ބުނިހެން ސަރުކާރު ކޮންމެ 5 އަހރު އެއް އހަރު ބަދަލު ކުރަނީ މިގޮތަށް އެއޗެހި ގެ އަގުބޮޑުވެ ހާލު ގަ އުޅެން ބަޔަކު ބޭނުން ވާތީ ހަމަ ދޯ
ނޯޑޮލާ
04 September 2025
އަހަރުމެން ގިނައިން ތަރުކާރީ މޭވާ ގެންނަނީ ރިޒޯޓްތަކަށްވެސް ވިއްކަން. އަދި ލޯކަލް ރީޓެއިލް ވިޔަފާރި ތަކަށްވެސް. އެކަމަކު މިހާރު މިވާާ ގޮތަކީ ރިޒޯޓްތަށް ބޭންކްތަކަށް ޑޮލަރު މާރުކުރަންޖެހޭތީ އެމީހުން ކުރިން އަހަރުމެންނަށް ދެމުން އައި ޑޮލަރު، ރުފިޔާއަށް ބަދަލު ކޮށްލައިފި(ވަރަށް މަދުތަނެއް ނޫނީ). ދެން އަހަރުމެން އިމްޕޯޓަރުންވެސް މިޖެހެނީ ބްލެކުން 20.80 ވަރަށް ޑޮލަރު ގަންނަން. އެހެންވީމަ ކޯސްޓް ޕްރައިސް 25 އަަކަށް ޕަސެންޓް އަހަރުމެންނަށް ބޮޑުވެއްޖެ.
ދިއްދޫމީހާ
04 September 2025
މައުމޫންގެ ވެރިކަމަށްފަހު މިހާ އިޤްތިސާދު ދަށަދިޔަ ވެރިކަމެއް ނުދެކެން..
ޢައްބާސްބެ
05 September 2025
މައުމޫނުގެ ވެރިކަމުގައި ރާއްޖޭގެ އިގްތިސޯދު ދަށަކަށް ނުދޭ. ކޯއްޗެއް ތި ބޭފުޅާއަށް އެނގުނީ؟
ވޯރާއިން
04 September 2025
ބިދޭސީންންގެ އުނދަގޫ.
އެޗް އެމް
04 September 2025
ތަކެތި އަގުއުފުލެނީ، އިތުރު އާމްދަނީއެއް ނުވަދޭ، ބޭސް ނުލިބޭ، ހަލާކުވާ ތަކެތި މަރާމާތު ނުކުރެވޭ ނޫނީ ނުލިބޭ. އެކަމަކު ސަރުކާރުގެ ހަރަދު 15 ކުޑަވެއްޖެ.
3 ފުލެޓް ހުޅުމާލެ އިން
04 September 2025
މިޔޭ ދިވެހިން ބޭނުންވާ ގޮތަކީ.