މަޖިލިސް ބޭރުގައި ނޫސްވެރިން މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން - ފޮޓޯ: ނިޝާން އަލީ / މިހާރު
09 ސެޕްޓެމްބަރ 2025 - 13:18
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާކުރަން މިއަދު ބޭއްވި މަޖިލީހުގެ ކޮމިޓީ ސިއްރުކުރުމުން ނޫސްވެރިން މަޖިލިސް ކުރިމަތީގައި މުޒާހަރާކުރަން ފަށައިފި އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ އެ ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަނާއި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަނިކޮށް، ދައުރުން ބޭރު ޖަލްސާއެއްގައި އެ ބިލް މިދިޔަ މަހު މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.
ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނީ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، އެކަމަށްޓަކައި މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ވަނީ ސިއްރުކޮށްފަ އެވެ.
ކޮމިޓީ ސިއްރުކޮށް، އެތަނުން ނޫސްވެރިން ނެރުމާއެކު ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިންގެ މުޒާހަރާއެއް މަޖިލިސް ކައިރީގައި ވަނީ ފަށައިފަ އެވެ. ނޫސްވެރިން ގޮވާލަމުން ދަނީ ސިއްރުން ކޮމިޓީ ބައްދަލުވުންތައް ނުބާއްވައި، ބިލު ބޭރުކުރުމަށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅީ އާންމުންގެ ފަރާތުން ބިލަށް ލިބިފައިވާ ހިޔާލުތައް ހުށަހަޅާއިރު ޒާތީ މައުލޫމާތު އާންމުވެދާނެ ކަމަށް ބުނެ އެވެ. އަދި ބިލުގެ ކޮންމެ މާއްދާއަކަށް ވެސް 10-12 ކޮމެންޓް އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު ހުސެއިން ރިޒާ ވިދާޅުވި އެވެ.
މީގެކުރިން ކޮމިޓީން ވަނީ ބިލާ ގުޅޭ ގޮތުން ހިޔާލު ހޯދަން ބަންޑާރަ ނައިބުގެ އޮފީހާއި ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާއެކު ތާވަލުކުރި ބައްދަލުވުންތައް ކެންސަލްކޮށްފަ އެވެ.
ބިލާ ދިރާސާކުރުމުގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލް ކޮމިޓީއަށް ހާޒިރުކުރުމުން އެ ދެ މުއައްސަސާއިން ވެސް ވަނީ ބިލާ ދެކޮޅު ހަދައިފަ އެވެ. އޭގެފަހުން މީޑިއާތައް ހާޒިރުކުރި ކޮމިޓީގައި ވާހަކަ ދެއްކި 20 ވަރަކަށް މީޑިއާއިން ވެސް ވަނީ ބިލާ ދެކޮޅުކަން ހާމަކޮށް ބިލު ބޭރުކުރަން އެދިފަ އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކުރިއިރު، އެ ބައްދަލުވުމުގައި ބިލު ފާސްކުރާނެ ކަމަށް ބެލެވެ އެވެ. ކޮމިޓީން މީގެކުރިން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ބިލުގެ މަސައްކަތް ނިންމަން ފާސްކޮށްފަ އެވެ.
އެ ބިލް ދިރާސާކުރުމުގެ މަސައްކަތް ކޮމެޓީން ކުރަމުންދާއިރު، އަންނަ ހޯމަ ދުވަހަށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ވެސް ވަނީ ބާއްވަން އެޖެންޑާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަމްހީދު ގާސިމް
11 September 2025
ރައްޔިތުންނަކީ ހައެއްކަ ނޫހެއް ނޫން އިނގޭތޯ
ފިރާޝް ޖައުފަރު
10 September 2025
ކޮންމުޒާހަރާ އެއްތަ ދޮގު ވާހަކަ ފަތުރާ ބައިގަނޑު ހަޖަމުނުވެގެން ތިޔައުޅެނީ
ނާޑުވާ
09 September 2025
ދެން ކޮމެޓީ ނިންމާލާފަ ބުނާނީ, އާންމުގެ ކޮމެންޓް ތަކުގަ ހުރީ ބިލް އޮތްގޮތަށް ފާސްކުރާށޭ އެހެންވީމަ ރައްޔިތުންގެ އިޙުސާސްތަކާ އެއްގޮތަށް ބިލަށް ބަދަލެއް ނުގެނެސް ހުށައަޅާފަ އޮތްގޮތަށް ފާސްކުރަން މަޖިލިސް ތަޅުމަށް ފޮނުވަން ނިންމީއޭ.
ދޮހޮއްތުބެ
09 September 2025
ގާނޫނާއި ގަވާއިދުގެ ތެރޭން ކަންކަން ކުރަން ނޭގުމަކީ ތިބާމެންގެ ތޫނުފިލިކަމާ މެދު އަހުރަމެން ޝައްކުއުފެދޭ ކަމެއް