މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މެންބަރުން ބައިވެރިވަޑައިގަންނަވަނީ: ކޮމެޓީތަކުގެ މަސައްކަތްތަކަށް ހުރަސް އެޅޭގޮތަށް އަމަލުކުރާނަމަ ފިޔަވަޅު އަޅާ ގޮތަށް ބަދަލުކުރަން ވަނީ ހުށަހަޅާފައި --- ފޮޓޯ/މަޖިލީހުގެ އިދާރާ
17 ސެޕްޓެމްބަރ 2025 - 12:21
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުންތައް އަޑުއަހަން ވަަންނަ މީހުން މަޖިލީހުގެ މަސައްކަތަށް ހުރަސް އަޅާނަމަ ފިޔަވަޅު އެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ އާއްމު ކޮމިޓީއަށް ހުށަހަޅައިފި އެވެ.
މިއަހަރުގެ ދެވަނަ ދައުރަށްފަހު ޗުއްޓީގައި އޮތް މަޖިލީހުން، މީޑިއާ ބިލް ފާސްކުރަން އިއްޔެ ބޭއްވި ދައުރުން ބޭރު ހަތް ވަނަ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެ ބިލުގެ މަސައްކަތް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ކުރިއިރު ކޮމެޓީ އަޑުއަހަން ވަން ބައެއް މީހުން މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.
އެމީހުން މަޖިލީހުގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށް، އަހުލާގީ މިންގަނޑުތަކާ ހިލާފަށް އަމަލުކޮށްފައިވާތީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އެކަމާބެހޭ ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީޑިއާ ބިލް ދިރާސާ ކުރިއިރު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަޑުއަހަން ގިނަ އަދަދެއްގެ ނޫސްވެރިން އެ ބައްދަލުވުމަށް ވަދެ، އެ ބިލު ފާސްކުރުމާ ދެކޮޅަށް ދެ ފަހަރެެއްގެ މަތިން އަޑުއުފުލި އެވެ. ސާޖަންޓް އެޓްއާމްސްްގެ ރިޕޯޓަކާ ހަވާލާ ދެއްވައި ނާޒިމު އެ ދެއްކެވީ ބެލެވޭ ގޮތުގައި އެ ވާހަކަ އެވެ.
"އެކަން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ އާއްމުކޮމިޓީ އަށް ފޮނުވަން ގަސްދުކުރަން. އެއީ މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރުނުވާނެ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށާއި މަޖިލީހުގެ މެހުމާނުންގެ ގޮތުގައި ހާޒިރުވާ ފަރާތްތަކުން އަމަލުކުރަން ޖެހޭނެ އުސޫލު ކަނޑައަޅައި، އެކަންކަމަށް، ހާޒިރުވާ ފަރާތްތަކުން ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ގަވައިދުގައި ބަޔާންކުރުމަށް [އާއްމު ކޮމިޓީއަށް] ދެވޭ އިރުޝާދެއް،" ނާޒިމް ވިދާޅުވި އެވެ.
ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި މީޑިއާ ބިލު ފާސް ކުރިއިރު މަޖިލިސް ކައިރީ ނޫސްވެރިން އިއްޔެ ގެންދިޔައީ މުޒާހަރާ ކުރަމުންނެވެ.
ނޫސްވެރިން ގޮވަމުން ދިޔައީ މި ބިލު އަނބުރާ ގެންދިއުމަށެވެ. އެކަމަކު އެ ސަރަހައްދަށް ފުލުހުން ގޮސް މަޖިލިސް ކުރިމަތިން ނޫސްވެރިން ދުރުކޮށް، ބެރިކޭޑު ޖަހައި އެ ސަރަހައްދު ބަންދުކުރި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ހިމެނޭ ގޮތަށް 22 ޖަމިއްޔާއަކުން ބިލު އަނބުރާ ގެންދަން ގޮވާލާފައިވާއިރު ބިލާ ދެކޮޅަށް 150 އަށް ވުރެ ގިނަ ނޫސްވެރިން ސޮއިކޮށް ރައީސަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރި އިރު ނޫސްވެރިން ފުރަތަމަ އިހުތިޖާޖުކުރީ ކޮމިޓީގެ ބައްދަލުވުން އަޑުއަހަން ވެއްދުމަށް ފަހު ކުއްލި ގޮތަކަށް ކޮމިޓީ ސިއްރު ކަމަށް ނިންމައި، މާލަމުން ނެރުމުންނެވެ. އޭގެ ފަހުން އިހުތިޖާޖްކުރީ ކޮމިޓީއަށް ހުށަހަޅައިފައި އޮތް ޕެޓިޝަނަށް ރިއާޔަތް ނުކޮށް ބިލު ފާސްކުރަން އުޅުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގާސިމް
18 September 2025
ރައްޔިތުން މަޖިލީހާ ކުރަން ހަވާލުކުރާ މަސައްކަތަށް މި ނޫސްވެރިން ވަދެ ހުރަސް އަޅާ ޖެއްސުން ކުރިޔަ ދޭނެކަމެއް ނެތް. މިމީހުނަށް ހަރުކަށި އަދަބުދީ ޖަލުހުކުމް ކަނޑައަންވީ
ޢަލީ ކުރުސީ
17 September 2025
ރަގަޅު ނިންމުމެއް، ޙިޔާލު ފާޅުކުރިޔަސް އހްތިރާމާއި އެކު އެކަން ކުރަން ދަސްކުރަންވާނެ! ހަމަ އެފަދައިން މަޖްލިސްގެ ތަކެއްޗަށް ގެއްލުންދޭ މެމްބަރުންނަށްވެސް ފިޔަވަޅު އެޅެންޖެހޭނެ! އެންމެ ރަގަޅު ނަމޫނާއަކަށް ވާންޖެހޭނީ އެވެރިން! ޕްރެޝަރަށް ކެތް ނުކުރެވޭނަމަ ރައްޔިތުން ތަމްސީލުކުރާށޭ ކިޔާފަ ތަންތަނަށް ކުރިމަތި ނުލާނީ. މުލައްދަނޑީގައި ބާރުހުރީމާ ކުރާނޭ ބައިވަރު މަސައްކަތް ހުންނާނެ!
ހާނިމްދީދީ
17 September 2025
ވަރަށް ރަނގަޅު ނިންމުމެއް، އަހަރުމެން މަޖުލީހަށް ނޫސްވެރިންނެއް ނުހޮވަން އެމީހުންނަށް އެތަނަށް ވަދެ އިސްތިއުފާއަށް ނުގޮވޭނެ ، ހަމަ ދެތެއް ނުގޮވޭނެ
މުލޭ
17 September 2025
އެމީހުންނާމެދު ފިޔަވަޅު އެޅޭނެ ކޮންމެ ވެސް ގޮތެއް މިހާރުވެސް އޮންނަންވާނެ.