މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އެ ޖަލްސާގައި ބައެއް ބޭފުޅުން އޮންލައިންކޮށް ވެސް ބައިވެރިވެވަޑައިގަތް.-- ފޮޓޯ: ސިޓީ ކައުންސިލް
25 ސެޕްޓެމްބަރ 2025 - 12:13
މާލޭގެ މަސް މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރުމުގައި މިލިއަން ޑޮލަރުން ގެއްލުންވާ ގޮތަށް އެއްބަސްވުން ހެދި މައްސަލާގައި ލީގަލް އޮފިސަރު އަލީ ނަސީރު ހާޒިރުކޮށް ސުވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ތާވަލުކުރި ތިން ވަނަ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ނުބޭއްވުނު ކަމަށް ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފް ފާތިހް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު މަސް މާރުކޭޓް މަސައްކަތް ބިޑަށް ލައި، އިވެލުއޭޓްކޮށް ކުންފުންޏަކާ އޮތީ ހަވާލުކޮށްފަ އެވެ. އެއީ 6.1 މިލިއަން ޑޮލަރަށެވެ.
އެކަމަކު އެ މަނިކުފާނު ރައީސް ކަމަށް އިންތިހާބުވި ފަހުން އަދި މިހާރުގެ މޭޔަރު އާދަމް އާޒިމް މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ވަނީ އެ އެއްބަސްވުން އުވާލައި އެހެން ކުންފުންޏަކާ އެކު އެއްބަސްވުން ހަދައިފަ އެވެ. އެ އެއްބަސްވުން ހަދާފައި ވަނީ 9.5 މިލިއަން ޑޮލަރަށެވެ.
އޮރިޖިނަލް އެއްބަސްވުމުގައިވާ އަގަށް ވުރެ 3.5 މިލިއަން ޑޮލަރު ބޮޑުކޮށް އެހެން ބަޔަކަށް މަސައްކަތް ހަވާލުކުރި އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ލީގަލް އޮފިސަރު އަލީ ނަސީރެވެ.
އެހެންވެ، އޭނާ ޖަލްސާއަށް ހާޒިރުކޮށް އެކަން ހިނގާފައިވާ ގޮތް ބެލުމަށް ސައިފް ވަނީ ހުށަހަޅުއްވައިފަ އެވެ. އެއީ އާ އެއްބަސްވުމެއް ހަދަން ނުވަތަ އާ އެއްބަސްވުމާ ގުޅޭ އެެއްވެސް ކަމަކަށް ކައުންސިލުން ރުހުންދީފައިނުވާތީ އާއި ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެ ގޮތަށް އާ އެއްބަަސްވުމެއް ހެދުމާއި އަގަށް ބަދަލު ގެނައުން ހުއްދަ ނުކުރާތީ އެވެ.
އެހެންވެ ވަކި ބަޔަކަށް ނުހައްގުން މަންފާއެއް ހޯދައިދޭން އުޅޭ ކަމަށް ތުހުމަތުވާ އެ މައްސަލަ ކުރިއަށް ގެންދިއުމަށް 31 އޮގަސްޓުގައި ތާވަލުކުރިޔަސް އެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ނުބޭއްވުނު ކަމަށް ސައިފް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ނަސީރު ޖަލްސާއަށް ހާޒިރުކޮށް ކަންހިނގާފައިވާ ގޮތާ ގުޅޭ ގޮތުން ސުވާލުކޮށް އޭނާއާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅަން ވެސް އެޖެންޑާ ކުރި އެވެ. އެކަމަކު ކޯރަމް ހަމަނުވެގެން މިއަދު ވެސް ޖަލްސާ ނުބޭއްވުނެވެ.
މިއަދަށް ޖަލްސާއެއް ތާވަލްކުރީ ވެސް މަސް މާރުކޭޓުގެ މައްސަލަ އެޖެންޑާ ނުކޮށްގެން ސައިފް މޭޔަރަށް ސިޓީއެއް ފޮނުއްވުމުންނެވެ.
ސައިފްގެ ސިޓީގައި ވިދާޅުވެފައިވަނީ މަސް މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެގްރީމަންޓަށް ގާނޫނާ ހިލާފަށް، ކައުންސިލުގެ ރުހުމެއް ނެތި ބަދަލުގެނެސްފައިވާ މައްސަލަ ހިންގިފައި ނުވާ ކަމަށާއި ދެން އައި ޖަލްސާތަކަށް ވެސް އެ މައްސަލަ އެޖެންޑާކޮށްފައި ނުވާ ކަމަށެވެ.
ނަސީރު ހާޒިރުކުރުމަށް ސައިފް އެދިވަޑައިގެންފައި ވަނީ އެ އެއްބަސްވުން ހެދި ސަބަބާއި ކޮން މަގްސަދެއްގައި ކޮން އިޖުރާއަތެއްގެ ދަށުން ކާކުގެ އެންގުމަށްތޯ އަދި އެކަމާ ގުޅޭ އެހެން ބައެއް ސުވާލު ކުރުމަށެވެ.
ސައިފް ވަނީ އެ މައްސަލަ އޭސީސީއަށް ވެސް ހުށަހަޅުއްވައިފަ އެވެ.
މިދިޔަ މަހު ސިޓީ ކައުންސިލުން ބޭއްވި ޖަލްސާގައި މޭޔަރު ވިދާޅުވެފައި ވަނީ މަސް މާރުކޭޓާ ގުޅޭ ދެ ކޮންޓްރެކްޓެއް އެބައޮތް ކަމަށާއި އެ ތަނުން ރަނގަޅީ ކޮން ކޮންޓްރެކްޓެއް ކަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ފުރަތަމަ ކޮންޓްރެކްޓުގައި މާބޮޑު މައްސަލަތަކެއް ނެތް ނަމަވެސް ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށް އާޒިމް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިފާން
25 September 2025
ސައިފު ވެސް މިއުޅެނީ ޑްރާމާ ކުޅެން. މައްސަލަ ޕޮލިހައް ނުލާން ތި އުޅެނީ ކީއްވެ ތަ؟
ބޭބީީ
25 September 2025
އޭސީސީ ވަދެގެން ނޫނީ ތިކަމެއް ނުހިގާނެ
21ގގގގ
25 September 2025
ތހި ޕޮލިހަށް ނުުލާ ކޮން ސަކަރާތެއް ތިޔަ ގަންނަނީ މީޙުންގެ ލޮލުގައި އަނދުންއަޅުވަން
މހއމ
25 September 2025
ޕޮލިހަށް ލައިގެން ކޮން ސަކަރާތެއް ގަންނަނީ މީހުންގެ ލޮލުގަ އަނދުން އަޅުވަން؟
ކަތީބްބެ
25 September 2025
ބައި އެލި އިރު ތިބޭފުޅާ ނަން ލިބޭ ލިސްޓްގައި ނެތީ ލިޔުމުގެ ކުށަކުންނެވެ. ވަރަށް އަވަހަށް ތިބޭފުޅާގެ ބައި ކޮންމެވެސް އެހެން ދިމާއަކުން އެބަހަޖައްސަމެވެ. އެޖެންޑާއޭ ނުކިޔާ ކުޑަކޮށް ކެއްތެރި ވެލާށެވެ. ތިބޭފުޅާއަށް ލިބެން ޖެހެނީ ބައިމިލިއަނެވެ. ލިބޭނެއެވެ
ޢަރުތަ
25 September 2025
އޭސީސީއަށް ހުށަހެޅީމަ ދެނަހުރި ކަމަށްވެސް ނުހަދާ އެތިބެނީ މަތިން އޯޑަރު އައީ ނޫންކަމެއްވެސް ނޭގެ، ޕޮލިހަށް ހުށަހަޅާ ހިސާބަށް ދިޔައިމަ ޕޮލިހަށްވެސް ހުށަހަޅާނެ ކަންނޭގެ.