ހުށަހެޅުން ތަންފީޒުކުރަން ތައްޔާރު ކަމަށް އިޒްރޭލުން ބުނީ ހަމާސް އިން ޓްރަމްޕުގެ ހުށަހެޅުމާ އެއްގޮތަށް ރަހީނުން މިނިވަންކޮށް، ސުލްހައިގެ މަޝްވަރާ ފަށަން ތައްޔާރު ކަމަށް ބުނުމާ އެކު
ޣައްޒާއަށް ވަންނަން ދިޔަ އެހީގެ ބޯޓުތައް ހުއްޓުވި މައްސަލައިގައި ބުރާސްފަތި ދުވަހު ތުރުކީގައި ކުރި މުޒާހަރާއެއްގައި މީހަކު ފަލަސްތީނުގެ ދިދަ ހިފައިގެން: ހަމާސް އިން އާއި އިޒްރޭލުން ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުމަށް އަމަލުކޮށް ސުލްހަޔަށް މަސައްކަތް ފަށާނެ ކަމަށް ވަނީ އިއުލާނުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
04 އޮކްޓޯބަރ 2025 - 06:05
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުއްވުމާ އެއްގޮތަށް އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަންކޮށް ފަލަސްތީނުގެ ޣައްޒާގައި ދާއިމީ ސުލްހައެއް ގާއިމުކުރުމުގެ މަޝްވަރާއަށް ތައްޔާރު ކަމަށް ހަމާސް އިން އިއުލާނުކުރުމުން އިޒްރޭލުން ވެސް އެކަމަށް ތައްޔާރު ކަމަށް ބުނެފި އެވެ.
"ހުށަހެޅުމަށް ހަމާސް އިން ދިން ޖަވާބަށް ބަލައި، އެ ހުށަހެޅުމުގެ ފުރަތަމަ މަރުހަލާ ވަގުތުން ތަންފީޒުކުރަން ފަށައި ރަހީނުން މިނިވަންކުރުމުގެ މަސައްކަތަށް މި ދަނީ ތައްޔާރުވަމުން،" އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
އިޒްރޭލުން މިހެން ބުނީ ހަމަލާތައް ވަގުތުން ހުއްޓާލަން ޓްރަމްޕު ގޮވައިލެއްވިތާ އިރުކޮޅެއް ފަހުންނެވެ.
"މި ހަނގުރާމަ ނިމުމަކަށް ގެންނަން ރައީސް ޓްރަމްޕާއި ޓީމުން ގެންގުޅޭ ވިސްނުމާ އެއްގޮތަށް އެކަން ކާމިޔާބުކުރުމުގައި ހުރިހާ އެއްބާރުލުމެއް ދޭނަން،" ބަޔާނުގައިވެ އެވެ.
އިޒްރުގެ އަސްކަރީ ރޭޑިއޯއިން ވަނީ ޣައްޒާގައި ސިފައިން ދިފާއުގައި ނޫނީ ހަމަލާ ނުދިނުމަށް އަންގާފައިވާ ކަމަށް ބުނެފަ އެވެ.
ހަމަލާތައް ހުއްޓާލަން ޓްރަމްޕި ގޮވައިލެއްވި އިރު މިއީ ޓްރަމްޕު ދެ ވަނަ ދައުރަށް ވެރިކަމަށް ވަޑައިގަތް ފަހުން، އިޒްރޭލުގެ ހަމަލާތައް ހުއްޓާލަން މިހާ ސާފުކޮށް ގޮވާލެއްވި ފުރަތަމަ ފަހަރެވެ.
"ހަމާސް އިން ނެރުނު ބަޔާނަށް ބަލާއިރު އެ ޖަމާއަތުން ދާއިމީ ސުލްހައެއް ބޭނުންވާ ކަމަށް ގަބޫލުކުރެވޭ. ރަައްކާތެރިކަމާ އެކު އަދި އަވަހަށް ރަހީނުން މިނިވަންކުރުމަށް އިޒްރޭލުން ވަގުތުން ހަމަލާތައް ހުއްޓާލަންޖެހޭ،" ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.
"މި ވަގުތު އެކަން ކުރަން އުޅުން ވަރަށް ނުރައްކާތެރި. މިހާރުވެސް އަޅުގަނޑުމެން މި ގެންދަނީ ތަފްސީލްތަކާ މެދު މަޝްވަރާކުރަމުން. މިއީ ހަމައެކަނި ޣައްޒާއާ ގުޅޭ ކަމެއް ނޫން. މިއީ މުޅި މެދުއިރުމަތީގައި ދާއިމީ ސުލްހަޔާ ގުޅުން ހުރި ކަމެއް."
ޓްރަމްޕު ވަނީ ހަމާސްގެ ބަޔާން ވެސް އާންމުކުރައްވައިފަ އެވެ. މިއީ އެމެރިކާގެ ރައީސަކު ވެސް އަދި ވައިޓް ހައުސް އިން ވެސް ދުވަހަކު ކުރި ކަމަށް އެނގިފައިވާ ކަމެއް ނޫނެވެ.
އޭގެ ފަހުން ޓްރަމްޕު ވަނީ ސުލްހައިގެ މަސައްކަތުގައި އެމެރިކާއާ އެކު މަސައްކަތްކުރާ ގަތަރު، ސައޫދީ އަރަބިއްޔާ، ތުރުކީ އަދި ޖޯޑަންއަށް ޝުކުރު އަދާކުރައްވައި ކުރު ވީޑިއޯ ބަޔާނެއް ވެސް ނެރުއްވައިފަ އެވެ.
"މިއީ ވަރަށް ހާއްސަ ދުވަހެއް. ފަހަރެއްގައި، މިއީ އަންނާނެ ކަމަށް ބެލެވުނު ދުވަހެއް ވެސް ނޫން،" އެ ބަޔާނުގައި ޓްރަމްޕު ވިދާޅުވި އެވެ.
އެކްސިއޯސް ނިއުސް އިން ބުނި ގޮތުގައި ޓްރަމްޕްގެ މި ވާހަކައާ މެދު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަނީ ހައިރާންކަން ލިބިފަ އެވެ. ޓްރަމްޕާ އެކު ވައިޓް ހައުސްގައި ހުރެ ޓްރަމްޕުގެ ހުށަހެޅުން ގަބޫލުކުރާ ކަމަށް އިއުލާނުކުރި ނަތަންޔާހޫ ދެކެނީ ހުށަހެޅުމުގައި ބުނާ ކަންކަމަށް ހަމާސް އިން ފުރިހަމައަށް އެއްބަސްނުވެ ދައްކާ ވާހަކައެއްގެ ގޮތުގައި ކަމަށް އެކްސިއޯސް އިން ބުންޏެވެ.
ޓްރަމްޕުގެ ހުށަހެޅުމަށް އެއްބަސްވެ ހަމާސް އިން ނެރުނު ބަޔާނުގައި، ސުލްހަޔަށް ޓްރަމްޕު މަސައްކަތްކުރައްވާ ކަމަށް ބުނެ ތައުރީފުކޮށްފައިވެ އެވެ.
ހުށަހެޅުން ގަބޫލުކުރާ ކަމަށް އާންމުކޮށް އިއުލާނުކުރާތާ 72 ގަޑިއިރު ތެރޭ އިޒްރޭލުގެ ހުރިހާ އަސީރުން ދޫކޮށްލުމާ އެކު ދެ ފަރާތުން ހަމަލާތައް ވަގުތުން ހުއްޓާލުން ޓްރަމްޕުގެ ހުށަހެޅުމުގައިވެ އެވެ. މީގެ އިތުރުން ކަނޑައެޅިފައިވާ ވަކި ހިސާބަކަށް އިޒްރޭލު ސިފައިން ފަހަތަށް ޖެހި އިޒްރޭލުގެ އަސީރުން މިނިވަންކުރުމަށް ވަގުތު ދިނުމާއި އުމުރަށް ޖަލަށް ލާފައިވާ ފަލަސްތީނުގެ 250 ގައިދީއަކު އިޒްރޭލުން މިނިވަންކުރުމާއި ޣައްޒާގައި ހަމަލާތައް ދޭން ފެށި ފަހުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 1،700 މީހަކު މިނިވަންކުރުން ވެސް ހިމެނެ އެވެ.
ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހަކުރުމުގެ މަސައްކަތުގައި ލިބުނު ކުރިއެރުންތަކާ އެކު ގައުމުތަކުގެ ވެރިން އަންނަނީ މަރުހަބާކިޔައި، ތެދުވެރިކަމާ އެކު ދެ ފަރާތުން ވެސް ސުލްހަޔަށް މަސައްކަތްކުރުމަށް ގޮވާލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރުންކުރު
04 October 2025
ގައްޒާއަކީ ހަމާސްގެ ބާރު ހިނގާ ތަނެއް. ދެންވެސް އެކަން އޮންނަން ޖެހޭނީ އެގޮތަށް. އިޒްރޭލުން ޖެހޭނީ ގައްޒާއިން ފައިބަން. ގައްޒާއަށް އިޒްރޭލުން ބޭނުން ގޮތެއް ނުހެދޭނެ.
އައިސަން
04 October 2025
ޓްރަމްޕްކީ ދެފުއްކެހެރި އެއް. މީކީ ހަބަރެއްވެސް ނޫނެއްނު
މަކަރުރޭވުން
04 October 2025
އިރާނަށް ވެސް 1 ހަފްތާ ދީފަ އެމެރިކާއިން ބޮންއެޅީ އަނެއް ދުވަހު. ތީވެސް އެފަދަ ރޭވުމެއް. އަސީރުން މިނިގަން ކުރުމުން ގާޒާ ހިފުމުގެ ޕްލޭން އިތުރަށް ތަންފީޒުކުރަން ފަށާނެ. އިޒްރޭލްގެ އެންމެންގެ ތާއިދުއޭރުން ތިކަމަވެސް ލިބުނީ. އެމެރިކާ އާއި ޔަހޫދީންގެ ވިސްނުމަކީ އެތަނުން ފަލަސްތީނު މީހުން ބޭރުކޮށް އެމީހުންގެ ރިސޯޓަކަށް ހަދަން.
ނަތަންޔާހޫ
04 October 2025
ހަމާސްއަކީ ނަތަންޔާހޫ އިފެއްދި ޕްރޮޑަކްޓެއް. ފަންޑުކުރަނީ ސީދާ އިޒްރޭލުން. ބޭނުމަކީ ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމާއި ވަރުގަދަ ސަރުކާރެއް ގާއިމުވެ ދެމެހެއްޓުމަށް ނުކުޅެދުމާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުވިޔަ ނުދިނުން.
raajje
04 October 2025
ގާޒާގާ ހިނގަމުންދަނީ އެމެރިކާގެފައިދާއަށް އިޒުރޭލުލައްވާ އެމެރިކާއިން ހިނގުވާޖަރީމާތަކެއް! ހަތިޔާރުފޯރުކޮށްދީ ކޮންމެފަހަރަކުވީޓޯކުރަނީ އެމެރިކާއިން، އިޒުރޭލާއެކުވާންޖެހޭނެ އެއްވެސްސުލްހައެއްނޯންނާނެ، ސަބަބަކީ މިވީހާތަނަށް ވެވުނުހުރިހާއެއްބަސްވުމަކާ މަދުދުވަސްކޮޅެއްގެތެރޭ ހިލާފުވެފައިވާބައެއް، އަނެއްސަބަބަކީ އަސީރުންމިނިވަންކުރާށޭކިޔާފަ އެތައްއާންމުރައްޔިތުންނެއްމަރާ ގަތުލުއާންމުހިންގަމުންދާބައެއް އިޒުރޭލާކުރަންޖެހޭނީހަނގުރާމަ، ސުލްހައެއްނުވެވޭނެ
ދަނޑުން
04 October 2025
ޙަމާސްކުރި ހިތްވަރުދަގަ ޖިހާދަށް ފަޚްރުވެިވޭ، ދެއަހަރު ވީއިރުވެސް ، ހަމާސްގެ މުޖާހިދުންނާއި އިޒްރޭލްގެ އަސީރުުން އެމީހުންނަށް ނުހޯދުނު، އިޒްރޭލް ހިންގީ ހަގުރާމައިގެ ޖަރީމާ، އަރަބި މުސްލިމުން އެއްބައިވާންޖެހޭ.
ބަރުބަރީ
04 October 2025
ޓުރަމްޕަކީ ދުނިޔޭގެ ކިންގު. ދެންތިބި މީހުން ޖެހޭނީ ކިންގު ޖަހާ ބެރަކަށް ގުޑެން. ހަޖަމުވިޔަސް ނުވިޔަސް މީ މިކަން އޮތްގޮތަކީ.
ށސ11
04 October 2025
ޣައްޒާ ނަރަކައަށް ހަދާނަމޭ ބުނީވެސް މިކަލޭގެ. އެތާމީހުން ނެރެ "ޓްރަމްޕް ޣާޒާ" ހަދާނަމޭވެސް ބުނި. އެމެރިކާއިން އަދީ އަދިވެސް ހަތިޔާރާ ސިފައިން އިޒުރޭލަށް ފޮނުވަމުން. އެވާހަކަތައް މިނޫސްތަކުން ނުގެނެސް ޓްރަމްޕު ހަނގުރާމަ ހުއްޓާނަމޭ ކިޔާ އޮޅުވާލާ ވާހަކަ މިގެންނަނީ އެމެރިކާ އެމްބަސީން ބުނެގެންތަ؟!
ޑަބަލް ޓޭޕް
04 October 2025
ޓްރަމްޕަކީ މި ޖަރީމާތަކުގެ އެންމެ އިސް އެކަކު. ތީ އިހްލާސްތެރިކަމާއެކު ބޭނުންވިނަމަ މާކުރިންވެސް ހުއްޓުވޭނެ ކަމެއް. ބައެއްގެ އަމިއްލަ ގެދޮރު ފޭރިގަތީމާ އޭގެ ދިފާއުގައި ނިކުތް މީހުން ޓެރަރިސްޓްންގެ ގޮތުގައި ލޭބަލްކޮށް، އެގޮތަށް މުޅި ދުނިޔެއަށް ވިސްނައިދީ، އެމީހުންނަށް ހުރިހާ ގޮތަކުން ދަތިކޮށް، އަނިޔާވެރިވެ، ފޭރިގަތް ހަގީގީ ޓެރަރިސްޓްންނަށް ހުރިހާ ގޮތަކުން ވާގިވެރިވަމުން އަންނަނީ އެމެރިކާއި ބައިވެެިން.
މާކޮސް
04 October 2025
އަދި މުސްލިމުންގެ ނަމުގައި ތިބި މުނާފިގުންގެ ގައުމު ތަކުންވެސްމެ
އިތުބާރެއް ނެތް
04 October 2025
ޓްރަމްޕާއި ޔަހޫދީންނަށް އެއްވެސް އިތުބާރެއް ނުކުރަން. އަސީރުން މިނިވަންވާ ހިސާބުން ހުރިހާކަމެއް ބަދަލުވާނެ. އަބަދުވެސް ހަދާހެން ކޮންމެވެސް ބަހަނާއެއް ދައްކާފަ، އިހުނަށްވުރެ އަނިޔާވެރިވާނެ. ހުއްޓަން ބޭނުންވިނަމަ ތީ މާކުރިންވެސް ހުއްޓުވޭނެ ކަމެއް. އެކަމަކު އަސީރުން އުޒުރަކަށް ހަދައިގެން، ކުރިކަމަކީ މީން ދުވަހަކު އާރާސްތު ނުކުރެވޭވަރަށް ސުންނާފަތިކޮށް، ނަސްލު ނެތިކޮށްލައި، ނުކުޅެދޭ ބަޔަކަށް ހެދުން. އެކަންވީމާ ކިޔާ ލަވައެެއް މިހާރު ތި ކިޔަނީ