މީގެ ކުރިން ހަމާސް އާއި އިޒްރޭލުން ވީ އެއްބަސްވުމެއްގެ ދަށުން މިނިވަންކުރި ފަލަސްތީނުގެ ގައިދީންތަކެއް އުފާ ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
05 އޮކްޓޯބަރ 2025 - 16:23
ޣައްޒާގައި އިޒްރޭލުން ދޭ ހަމަލާތައް ހުއްޓުމަކަށް ގެންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޑީލް ހަމާސް ޖަމާއަތުން ގަބޫލުކުރުމުން، އިސްލާމީ ބައެއް ގައުމުތަކުން އެ ކަމަށް މަރުހަބާ ކިޔައިފި އެވެ.
އިސްލާމީ ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުން މިއަދު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނީ ޓްރަމްޕް ހުށަހެޅުއްވި ގޮތަށް، ދިރިތިބި ހުރިހާ އަސީރުން މިނިވަންކޮށް، މަރުވެފައިވާ އަސީރުންގެ ހަށިތައް ހަވާލުކޮށް، މަޝްވަރާތައް ވަގުތުން ފަށަން ހަމާސް އިން އެއްބަސްވުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. އެ ބަޔާން ނެރުނީ ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާ، ގަތަރު، ޔޫއޭއީ، މިސްރު، ތުރުކީ އުރުދުން، އިންޑޮނީޝިއާ އަދި ޕާކިސްތާނުގެ ފޮރިން މިނިސްޓަރުން ގުޅިގެންނެވެ.
ބަޔާނުގައިވާ ގޮތުން، ހަނގުރާމަ ހުއްޓާލަން ޓްރަމްޕް އިޒްރޭލަށް ގޮވާލުމުން އެކަމަށް ވެސް ފޮރިން މިނިސްޓަރުން މަރުހަބާ ވިދާޅުވި އެވެ.
"މިނިވަން ޓެކްނޮކްރޭޓުން ހިމެނޭ، ފަލަސްތީނުގެ އިދާރީ ކޮމިޓީއަކާ ޣައްޒާގެ ހިންގުން ހަވާލުކުރަން ހަމާސް ތައްޔާރަށް އޮތުމުން އެކަމަށް ވެސް ފޮރިން މިނިސްޓަރުން މަރުހަބާ ވިދާޅުވި،" ގުޅިފައިވާ ބަޔާނުގައި ބުންޏެވެ.
ފޮރިން މިނިސްޓަރުން ފާހަގަކުރެއްވި ގޮތުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި ޣައްޒާގައި އޮތް ހައްސާސް ހާލަތަށް އެޑްރެސް ކުރަން ހަމާސްގެ އެ ނިންމުމުގެ ސަބަބުން ފުރުސަތު ލިބޭނެ އެވެ.
"ޕްރޮޕޯސަލް ތަންފީޒުކުރާނެ ގޮތް ތަކާ ބެހޭ ގޮތުން އަވަހަށް މަޝްވަރާތައް ފެށުމުގެ މުހިއްމުކަން އެބޭފުޅުން ފާހަގަކުރެެއްވި،" ބަޔާނުގައި ވެ އެވެ.
ޣައްޒާގެ ހަމަލާތައް ދާއިމީ ގޮތެއްގައި ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން ޓްރަމްޕު ހުށަހެޅުއްވި ޕްލޭނަށް ޖަވާބު ދިނުމަށް ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ އިޒްރޭލުގެ އަސީރުންގެ ތެރެއިން ދުނިޔޭގައި ތިބި މީހުންގެ އިތުރުން މަރުވެފައިވާ މީހުންގެ ހަށިތައް ވެސް ހަވާލުކުރާނެ ކަމަށެވެ.
"މި އެއްބަސްވުމުގެ ތަފްސީލަށް ގޮސް މީޑިއޭޓަރުން މެދުވެރިކޮށް މަޝްވަރާތައް ވަގުތުން ފަށަން ތައްޔާރަށް އޮތްކަން މި ހަރަކާތުން ޔަގީންކޮށްދެން،" ހަމާސް އިން ޓެލެގްރާމްގައި އާންމުކުރި ބަޔާނުގައިވެ އެވެ.
ޣައްޒާގެ ވެރިކަމުން ހަމާސް ދުރުވެ ފަލަސްތީނުގެ ސަރުކާރާ ހަވާލުކުރުމަށް ޓްރަމްޕުގެ ހުށަހެޅުމުގައި ހިމެނޭއިރު ހަމާސް އިން ބުނީ އަދި ފަލަސްތީނު ރައްޔިތުން ބޭނުންވާ ގޮތަކަށް، އަރަބި އިސްލާމީ ޖަމާއަތްތަކުގެ އެއްބާރުލުމާ އެކު ފަލަސްތީނުގެ ތަޖުރިބާކާރުންގެ ބަޔަކާ ޣައްޒާގެ ވެރިކަން ހަވާލުކުރަން ވެސް އެއްބަސްވާ ކަމަށެވެ.
ހަމާސް އިން ބުނީ ޣައްޒާގެ މުސްތަގުބަލާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ގުޅޭ ގޮތުން ރައީސް ޓްރަމްޕުގެ ހުށަހެޅުއްވުމުގައި ހުރި އެހެން ކަންކަން ގުޅިފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަރާރުތަކާ ކަމަށެވެ.
އެ ކަންކަމާ މެދު އަމަލުކުރާނީ ގައުމީ ފެންވަރެއްގައި ކަމަށާއި އެ އޮނިގަނޑު އެކުލަވައިލުމުގައި ހަމާސް އިން ޒިންމާދާރުކަމާ އެކު ބައިވެރިވާނެ ކަމަށް ވެސް ބުންޏެވެ.
ހަމާސް އިން ޓްރަމްޕުގެ ހުށަހެޅުމަށް ޖަވާބު ދީފައި ވާއިރު ޓްރަމްޕު ހުކުރު ދުވަހު ވަނީ ހަމާސްއަށް ވަގުތު ލިބޭނީ އާދީއްތަ ދުވަހުގެ ރޭ ޖީއެމްޓީން 10:00 (ރާއްޖޭ ގަޑިން އެ ރޭ މެންދަމުން އަލިވެ 3:00) އާ ހަމައަށް ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. "މި ފަހުގެ ފުރުސަތު" ގައި އެއްބަސް ނުވެއްޖެ ނަމަ "ދުވަހަކު ފެނިފައިނުވާ ވަރުގެ އަނިޔާވެރިކަން ހަމާސްއާ ދެކޮޅަށް ފެންނާނެ" ކަމަށް ޓްރަމްޕުގެ އިންޒާރުގައިވެ އެވެ.
ޓްރަމްޕު ހުށަހެޅުއްވި ކަންކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވާ ކަމަށް އޭނާ ވަނީ އިއުލާނުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
06 October 2025
އަޅުގަނޑަށްވިސްނޭގޮތުގައި މީކީމަރުހަބާކިޔާ އުފާފާޅުކުރަންޖެހޭފަދަ އެއްބަސްވުމެއްނޫން، މީއާންމުރައްޔިތުންބަނޑަށްޖައްސާ މަޖުބޫރުކޮށްގެން ކުރުވިއެއްބަސްވުމެއް، މިކަންމިގޮތަށްމިކުރުވެނީ މުސްލިމުގައުމުތަކުން އެބައިމީހުންގެ ޒިންމާނުނެގީމަ، މުސްލިމުގައުމުތަކުން މިކަމަށްމަރުހަބާމިކީ ޓުރަންޕަށް ތުއިދަށްކަން، އަބަދުވެސްވާހެންދެންވެސްވާނީ އިޒުރޭލަކުން މާގިނަދުވަހު އެއްބަސްވުމަށް އަމަލެއްނުކުރާނެ ބަހަނާދަށްކާ ހަނގުރާމަފަށާނެ، އިޒުރޭލުގެޖަރީމާތައްކޮބާ؟
ޣައްޒާނު
06 October 2025
މީގެން ލިބޭ ކެއްސެއްގައިވެސް ރާއްޖެއިން ފުރިހަމަޔަށް ބައިވެރިވެވުނީބާ މި...
އައްބެ
06 October 2025
ރާއްޖެއަކީ އެއްވެސް އިރެއްގައި ފުރިހަމަ މިނިވަން ޤައުމެއްނޫނޭ. އަމިއްލަ ނިންމުމެއް ނިންމޭވަރަށްވުރެ ނިކަމެތި ޤައުމެއް މިއީ. 2008 ގެ ފަހުން މިރާއްޖެ ދުވަހެއް ދުވަހަކަށް ދަނީ އަޅުވެތިވަމުން. އެއީ ވެރިކަމަށްޓަކައި ޤައުމު އަޅުވެތިކަމަށް ދޫކުރާ ރައީސުންތަކެއް އައުމުގެ ނަތީޖާ. މިކަމުގެ އެންމެ ބޮޑު ޚިޔާނާތްތެރި ރައީސަކަށް ފާހަގަކުރެވުނީ 2008 ގައި ވެރިކަމާއި ހަވާލުވި ރައީސާއި 2013 ގައި އައި ރައީސް.
ވެނލާ
06 October 2025
އެއްގޮތަކަށްވެސް ބައިގަންނަން ބޭނުންވާ އެއްބަސްވުމެއްނޫން. ޔަހޫދީންނަކީ މަކަރުވެރި ބައެއް.އެމެރިކާ އޮތީ ޒަޔަނިސްޓުން އެދޭހާ ގޮތަކަށް މުޅި މެދުއިރުމަތި ސުންނާފަތިކުރުމަށް ފޫގަޅައިގެން.
ރޮކް1234
06 October 2025
ނިކަމަތެި ތުއްތުކުދިން ބަނޑަށް މަރުވުމަށްވުރެ މިޑީލް މަވަގުތު ޤަބޫލްކުރުން މާ ހެޔެކަމަށް ފެނޭ.. މާތް ﷲ އާ ވަކީލް.
ޔަހޫދީން ...
05 October 2025
ޑީލްއަށް އަންނަ ހުރިހާވެރިން ޓްރެކްކޮށް މަރާނެ، ކޮންބަޔެއް އެއީ ...
އަންދަލޫސިޔާ
06 October 2025
100 ގެ ވާހަކައެއް
ނަދީން
05 October 2025
ތި ޑީލެއްގެ ސަބަބުން ގައްޒާގެ ގަތުލުއާންމު ނިމުމަކަށް އަންނާތީ އުފާވެއެވެ. އެކަމަކު ތިއީ ހީލަތްތެރި ރޭވުމެކެވެ. މުޅި ދުނިޔެ އިޒްރާއިލުގެ ޝައިތާނުންނާއި އެމެރިކާގެ ޝައިތާނުންނާ ދެކޮޅުވެ ދެން ގޮތް ހުސްވެ ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބުމުގެ ކޮޅުމަތި ފެންނަން ފެށުމުން އެ ނުބައި ޝައިތާނުންތައް ރޭވި ރޭވުމެއްގައި އަނެއްކާ ފަލަސްތީނު ޖެހި މިނިވަން ދައުލަތެއް ނެތި މިދިޔަ 75 އަހަރު ތިބިގޮތަށް ތިބެން ޖެއްސުމަށް ރޭވި ނުވައި ރޭވުމެއް ތިއީ!
މަ ބުނީ
05 October 2025
މޮޔައޯ މޮޔަކަމަށްނޫނެވެ ! ނިހާޔަތަށެވެ ،
ގޮނުއަނގަ
05 October 2025
މުނާފިޤުން ގެ ޑީލަކުން އެއްވެސް މަންފާއެއް މުސްލިމުމްނަކަށް ނުލިބޭނެ. "އެބައިމީހުން ރުހޭ ގޮތަކަށް ތިޔަ ބައިމީހުން އެއްބަސް ވެއްޖައުމަށްދާން ތިޔަބައިމީހުންނަށް އެމީހުން ނުރުހޭނެތެވެ" މީގެތަފްސީރަކީ މިއަދު މުސްލިމުންގެ ވެރިންނަކީ ޔަހޫދީން ބުނި ކޮންމެ ކަމެއް ޤަބޫލުކޮށްގެން ރުހިގެން ތިބި (މުނަފިޤު) ވެރިން.
އަޅި އަލީ
05 October 2025
އަނެއްކާވެސް އަނެއް ގއ ރޯނުގަ ޖެހެނީތިޔާ!