މޯލްޑިވްސް ޕޮލިޓެކްނިކް ހިންގާ އިދާރާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 އޮކްޓޯބަރ 2025 - 16:18
ވޮކޭޝަނަލް ތަމްރީނު ދިނުމަށް އަލަށް ހުޅުވާ ސްކޫލު ހިންގާނީ ޕޮލިޓެކްނިކްގައި ކަމަށާއި މި މަހުގެ ފަހުކޮޅު ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
އަލަށް އުފައްދާ "މާލެ ވޮކޭޝަނަލް ހައި ސްކޫލު"ގެ ޖާގައަށް ހުޅުވާލައި އަންނަ ހުކުރު ދުވަހާ ހަމައަށް ފޯމު ހުށަހަޅަން ވަނީ މުއްދަތު ދީފަ އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ މަތީ ސާނަވީ އަށް ވޮކޭޝަނަލް ތަމްރީނު ދޭ ސްކޫލު ހުންނާނީ، މިހާރު ވެސް ވޮކޭޝަނަލް ކޯސްތައް ހިންގާ ޕޮލިޓެކްނިކްގެ ތެރޭގައި ކަމަށެވެ. ވޮކޭޝަނަލް ހައި ސްކޫލުގައި ކިޔަވައިދޭނީ ހެނދުނުގެ ދަންފަޅީގައި ކަމަށް ޝަފީއު ވިދާޅުވި އެވެ.
ކޮންސެޕްޓް ތަފާތުވިއަސް ވޮކޭޝަނަލް ހައި ސްކޫލު ހިންގާނީ، އެހެން ސްކޫލުތަކޭ އެއްގޮތަށް ޕްރިންސިޕަލެއްގެ ދަށުންނެވެ. އަދި ކޮންމެ ސްކޫލަކަށް ވަކި ލޯގޯއަކާއި ޔުނީފޯމެއް އޮންނާނެ އެވެ.
މިނިސްޓްރީން ބުނީ އެ ތަނުން ޖާގަ ލިބޭ ކުދިންނަށް މާދަމާ އިން ފެށިގެން އަންގަން ފަށާނެ ކަމަށާއި އަދި މުވައްޒަފުން ހޯދައި މި މަހުގެ ފަހުކޮޅު ކިޔަވައިދޭން ފަށާނެ ކަމަށެވެ.
އެ ސްކޫލުން ކަނޑައަޅާފައިވާ ޖާގައިގެ 25 ޕަސެންޓް މިހާރު ވެސް ވަނީ ފުރިފަ އެވެ.
"މަޖުބޫރު މާއްދާތަކުގެ އިތުރުން އެ ކުއްޖަކު ބޭނުން ދާއިރާއެއް އިހުތިޔާރުކުރުމުގެ ފުރުސަތު އޮންނާނެ،" އިސްމާއިލް ވިދާޅުވި އެވެ.
މިނިސްޓްރީން ކުރިން ބުނީ، ފަންނީ އަދި ގާބިލް ދަރިވަރުން އުފެއްދުމަށް ފަށާ ޕްރޮގްރާމުތައް ފުރިހަމަކުރުމުން ލެވެލް 4 ގެ ގައުމީ ސެޓްފިކެޓެއް ދޭނެ ކަމަށެވެ. އޭގެ އިތުރުން، ސެޓްފިކެޓް ހޯދި ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ވެސް އެ ދަރިވަރުންނަށް ލިބޭނެ ކަމަށް ބުންޏެވެ.
މި އަހަރުގެ އިންޓޭކުގައި ތަފާތު 10 ވައްތަރެއްގެ ތަމްރީނު ކުރިއަށް ގެންދާނެ އެވެ. އެއީ؛
- އާކިޓެކްޗަރަލް ޓެކްނޮލޮޖީ އަދި ޑިޒައިން
- އޮޓޮމޭޓިވް އިންޖިނިއަރިން
- ކޭކު ޑެކެރޭޝަން
- ސިވިލް އިންޖިނިއަރިން - ވަޑާމުގެ މަސައްކަތް
- އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސް އިންޖިނިއަރިން
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ފޮޓޯ ނެގުން
- ރެފްރިޖަރޭޝަން އަދި އެއާ ކޮންޑިޝަނިން
- ކުދި ވިޔަފާރި މެނޭޖުކުރުން
އިސްމާއިލް ވިދާޅުވީ ދަރިވަރުންނަށް މީގެ ކުރިން ފަހިކޮށްދީފައި އޮތީ އެކަޑެމިކް ޕާތުވޭ އެކަނި ކަމަށެވެ. އޭގެ ސަބަބުން، ނަތީޖާ ދަށް ކުދިންނަށް ސްކޫލު މާހައުލެއްގައި ކުރިއަށް ދިއުމަށް ދަތިވާކަން ފާހަގަކުރެއްވި އެވެ.
އެއާ ހިލާފަށް، ވޮކޭޝަނަލް ވާތުވޭ ފަހިކޮށްދިނުމުން، އެ ދަރިވަރަކު ބޭނުންވާ ރޮނގަކުން މަތީ ތައުލީމް ހާސިލްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ރަށްރަށަށް ވޮކޭޝަނަލް ތައުލީމް ފުޅާކުރުމުގެ ފުރަތަމަ މަރުހަލާގައި، ރ. އަލިފުށީގައި އެ ތަމްރީނަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އޭރުން އެ ތަނުން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ކިޔައިދޭނެ ކަމަށް ވިދާޅުވި އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރެސްޕޮންސިބްލް
07 October 2025
ޕޮލިޓެކްނިކްކާރީގަ އެތަނައްދާ އެކަކައްވެސް ސައިކަލް ބަހައްޓާނެޖާގައެއްނުލުބޭ، ސައިކަލް ޒޯނުގަ ސައިކަލް ބެހެއްޓިޔަސް ނަގާއެއްލާލާފަ ކޮންމެސް ކާރެއްޕާކުކޮއްފަ އަބަދުއޮންނަނީ. ޕޮލިސް އެބަޖެހޭ ޕޮލިޓެކްނިކްގެ ސައިކަލް ޕާކިންޒޯނުތައް ކާރުތަކުން ސަލާމަތްކޮއްދޭން.
ބެލެނިވެރިއެއް
07 October 2025
އޭލެވެލް ނުފެއްޓެނިސް މިކަން އިޢުލާނު ކޮށްލެއްވިނަމަ ހާދަ ރަގަޅުވީހޭ ހިތަށް ބައެއް ބެލެނިވެރިން އަދި ކުދިންވެސް ބޭނުމީ މިސްކޫލް އެކަމަކު ޔުނިފޯމް ފަހާ އެހެން ސްކޫލެއްގަ ކިޔަވަން ފަށާ ހެދިއްޖެ، ވަރަށް ދެރަ
އައްބެ
07 October 2025
ހުރިހާ ރައްޔިތުންނަށް އެއްވެސް ޤައުމެއްގެ ސަރުކާރަކުން ވަޒީފާއެއް ހަމަޖައްސައެއްނުދެވޭ. އަމިއްލަ މަސައްކަތެއްނުކޮށް ބަޔަކުގެ މުސާރަވެރިންނަށް ވެގެން އުޅޭނީ މޮޔައިން. ވަޑިން، ރާނާމީހުން، ވައިރުކުރާމީހުން، ފޮޓޯނަގާމީހުން އުފެދިގެން މިޤައުމުން ބިދޭސީން މަދުކުރެވޭނީ. މިއީ އެހެންވީމައި ޤައުމަށް ރަނގަޅު ޕްރޮގްރާމެއް.
ކޮރަލް
06 October 2025
އެންމެ މުހިއްމު ކަންތައް ވަނީ ދޫކޮށްލާފަ އެވެ. އެއީ ކިޔަވާނިމުނީމަ ވަޒީފާ ލިބޭނެ ގޮތެކެވެ. އެކަމުގަ އެހީ ތެރި ކަމެކެވެ. ހުނަރު ހުރި މޮޅެތި މީޙުން ޓެކްސީ ކުރަންވެސް އެބަ އުޅެ އެވެ. ވެމްކޯގަ ވެސް އެބަ އުޅެވެ. އެމީހުންގެ ހުނަރު ހުރި ދާއިރާއިން ވަޒީފާ ނުލިބިގެންނެވެ.
އަފްރާސިޔާބު
06 October 2025
ވޮކޭޝަނަލް ޚާއްސަ ސްކޫލެކޭ ކިޔަނީ ވޮކޭޝަނުގެ މާނަ ނޭނގޭމީހުން. މިހާރުވެސް ވޮކޭޝަނަލް ޚާއްސަ ސްކޫލޭ ހިންގަނީ. އެކަން މިހާރުވެސް އެމް.އެން.ޔޫ އިން ކުރިއަށް ގެންދަނީ. ޕްރޮގްރާމް ތަކަށް ތަރުހީބު ނުލިބިގެން ނުވަތަ ކިޔަވާނިންމާ ދަރިވަރުންނަށް ވަޒީފާނުލިބޭނަމަ ޕީއެޗްޑީން ޚާއްސަ ސްކޫލެއް ހިންގިޔަސް ވަޒީފާ ނުލިބޭނަމަ ކިޔެވުމުގެ ބޭނުމެއް އިލްމު ހޯދުމަށް ނޫނީ މަށަކަށް ނުފެނުނު. ދުނިޔަވީ މަންފާއެއްނެތްކަމަށް ފެންނަނީ. މިހާރުވެސް މިދަނީ އެތަންފެންނަމުން.
ތަފްރާސީލު
07 October 2025
އަފްރާސިޔާބަށް ބުނެލަންއޮތީ މަސައްކަތްތެރިކަން ދަސްކޮށްގެން އެކަމާގުޅޭ ވަޒީފާއެއް ނުލިބޭ އެއްވެސް ދުވަސްވަރެއް މިރާއްޖެއަކު ނެތް. މަސައްކަތް ނޭނގޭތީ ވަޒީފާއެއް ނުލިބި މީހުން ތިބެންޖެހެނީ. މިސާލަކަށް އެއަރކޯން ހެދުމާ އިންސްޓޯލްކުރުމުގެ މަސައްކަތަކީ ރާއްޖޭގައި ވަރަށް ފައިދާބޮޑު މުޅި މަސައްކަތް ބޭރުމީހުންގެ އަތްދަށުގައިވާ ކަމެއް. ކޮންމެ ރިސޯޓަކަށް ބޮޑުއަގުގަ ބޭނުން ކަމެއް. އެކަމަކު އެކަން އެނގޭ ދިވެއްސަކު މަދު. އެހެންވީމަ ސްކޫލުހަދަންވީ.
ކަތީބްބެ
06 October 2025
އަދި ކުރިއަށްއޮތްތަނުގާ އޮޑޮދޯނިފަހަރު ބަނުން ހިމަނަންޖެހޭނެ. ރ. ގައި މިކަންކުރަންޏާ އަމުދުން މިކަން ދަސްކޮށްދޭންޖެހޭނެ.
ބަބޫ
06 October 2025
މުޅިތަން އިންޖިނީއަރިންގް އަށް ތައްޔާރުކޮށް ވަސީލަތްތަކާއެއްކޮށް ހަދާފައިން ތަނެއް ކޭކު އެޅުމާ ހެދުން ފެހުމުގެ ބަދަލުގައިން އިންޖިނިއަރިންގ އާ ގުޅުން ހުރި ކޯސްތައް ހިންގުން ރަނަގަޅު. ރާއްޖޭގައި ތިތަނަށްވުރެ ގިނަ ސާމާނު ހުރި އެހެން ކޮލެޖް އަދި ޔުނިވާސިޓީއެއް ނެތް. ތަނުގެ ބޭނުން ބަދަލު ނުކޮށް އެދާއިރާއަށް ތިތަން ކުރިޔަށް ދިއުން ބުއްދިވެރި.
ދަލޭކަ ދައިތަ
06 October 2025
އެބުނާހެން ކޭކު އެޅޭނެ ޔޫޓިއުބު ބަލައިގެންވެސް. ފެހުމާ ކޭކުއަޅަން ދަސްކޮށްދޭ ތަންތަން މުޅިންވެސް ހުރީ
ކޮރަލް
06 October 2025
ބޭރުގެ އެހީ ލިބިގެންނެވެ. ވީމާ ކޭކު އެޅުމާ ފެހުން އޮންނާނެ އެވެ. އަންހެނުން ބާރުވެރި ކުރުން އޮންނާނެ އެވެ.
އަފްރާސިޔާބު
06 October 2025
ކިޔަވައިގެން ވަޒީފާ ނުލިބި ބޭކާރުވުމަށްވުރެ ރަނގަޅު ޔޫޓިއުބް ބަލައިގެން ކޭކު އަޅަން ދަސްކުރުންވެސް. މާޖެހުމާއި ކޭކު އެޅުމަކީވެސް ސަރުކާރުގެ 500 ޕްރޮޖެކްޓްގައި ހިމަނާފައިވާ ކަމަކީތަ؟
މުލޭ
06 October 2025
ބައެއް މީހުންނަށް ހީވާކަހަލަ ފެހުމާއި ކޭކު އެޅުމަކީ ހަމައެކަނި އަންހެނުން ކުރާކަމެއް ކަމަށް.