"ކޯލްޑްރިފް" ކަފް ސިރަޕް ބުއި ފަހުން ކުދިންތަކެއް މަރުވި މައްސަލައަށް ފަހު، މަދްޔަ ޕްރަދޭޝްގެ ޖަބަލްޕޫރުގައި މި މަހުގެ ހަތަރު ވަނަ ދުވަހު ޑްރަގް އެންޑް ފާމަސޫޓިކަލްސް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި "ކޯލްޑްރިފް" ސިރަޕް ފުޅިތަކެއް ބަލަނީ. -- ފޮޓޯ: ޕީޓީއައި
06 އޮކްޓޯބަރ 2025 - 18:53
ކެއްސާތީ ދޭ ދިޔާ ބޭހެއް ބުއި ފަހުން އިންޑިއާގައި 12 ވަރަކަށް ކުދިން މަރުވި މައްސަލަ ބެލި އިރު އެ ބޭހުގައި ވިހަ ކެމިކަލެއްގެ އަސަރު ވަރަށް ނުރައްކާ މިންވަރަކަށް ހުރިކަން އެނގުމާ އެކު ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ފަށައިފި އެވެ.
މަދްޔަ ޕްރަދޭޝްގެ ސްޓޭޓް ޑްރަގް ލެބޯޓްރީއަކުން ހެދި ޓެސްޓުގެ ރިޕޯޓާ ހަވާލާދީ ރޮއިޓާސް އިން ބުނީ ޓެސްޓުކުރި 19 ބޭހުގެ ތެރެއިން، ކުދިން މަރުވި މައްސަލަ ދިމާވި "ކޯލްޑްރިފް" ސިރަޕްގެ ސާމްޕަލެއްގައި 46.28 ޕަސެންޓް ޑައިތިލީން ގްލައިކޯލް ހުއްޓެވެ. އެކަމަކު ބޭސްތަކުގައި މި މާއްދާ އެންމެ ގިނައިން ވެސް ބޭނުންކުރެވޭ މިންވަރަކީ 0.1 ޕަސެންޓެވެ.
މިހާރު އެކި ސްޓޭޓްތަކުގައި މަނާކޮށްފައިވާ މި ބޭސް އުފައްދާ، ޓެމިލް ނާޑޫގެ ކުންފުންޏެއް ކަމަށްވާ ސްރޭސަން ފާމާގެ އިތުރުން މި ބޭސް ލިޔެދިން ޑޮކްޓަރަކާ ދެކޮޅަށް ފުލުހުން ވަނީ ޖިނާއީ ތަހުގީގު ފަށައިފަ އެވެ.
"އެ ބޭސް ލިޔުނު ޑޮކްޓަރު މިހާރު ވަނީ ހައްޔަރުކޮށްފައި،" އެ ސްޓޭޓުގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ރާޖެންދުރަ ޝުކްލާއާ ހަވާލާދީ އޭއެންއައި އިން ބުންޏެވެ.
ކުންފުނީގެ މައްޗަށް ކުރަނީ އެ ކުންފުނިން ކުރި ކަމަކުން މީހުން މަރުވުމުގެ ތުހުމަތެވެ. މިއީ ގަސްތުގައި މެރުމުގެ ކުށަށް ނުވާ ތުހުމަތެކެވެ. މީގެ އިތުރުން ގަޑުބަޑުކޮށްގެން ބޭސް އުފެއްދުމާއި ވިއްކުމުގެ ތުހުމަތު ވެސް ޑްރަގްސް އެންޑް ކޮސްމެޓިކްސް އެކްޓުގެ ދަށުން ކޮށްފައިވެ އެވެ.
މި ކުށްތައް ސާބިތުވެއްޖެ ނަމަ އެ ކުންފުންޏާއި އެ ކުންފުނީގެ އިސްވެރިންނަށް ޖޫރިމަނާގެ އިތުރުން އުމުރު ދުވަހާ ހަމައަށް ޖަލު ހުކުމް އަންނާނެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ކުންފުނީގެ ޔުނިޓަކަށް އިދާރީ ފިޔަވަޅު ވެސް އަޅާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދީ ބުނެފައިވަނީ ކުންފުނީގެ މެނުފެކްޗަރިން ލައިސަންސް ބާތިލް ކުރުމަށް ސެންޓްރަލް ޑްރަގްސް ސްޓޭންޑާޑް ކޮންޓްރޯލް އޯގަނައިޒޭޝަނުން ލަފާދީފައިވާ ކަމަށެވެ.
"ދުނިޔޭގެ ފާމަސީ" ގެ ގޮތުގައި މަޝްހޫރުވެފައިވާ އިންޑިއާގައި އުފައްދާފައިވާ ކެއްސާތީ ދޭ ބޭހުން މީގެ ކުރިން ކެމަރޫން، ގެމްބިއާ އަދި އުޒްބެކިސްތާނުގައި ކުޑަކުދިން މަރުވި މައްސަލައެއް ވެސް ފެންމަތިވެ ބޭހުގެ ކޮލިޓީއާ މެދު ޝައްކުތަކާއި ސުވާލުތައް ބޮޑުވި އެވެ.
އެމެރިކާގައި ބޭނުންކުރާ ޖެނެރިކް ބޭހުގެ 40 ޕަސެންޓް، އިނގިރޭސިވިލާތުގައި ބޭނުންކުރާ 25 ޕަސެންޓް އަދި އެފްރިކާގެ ގިނަ ގައުމުތަކުގައި ބޭނުންކުރާ ބޭހުގެ 90 ޕަސެންޓް ސަޕްލައިކުރަނީ އިންޑިއާއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމޭ
06 October 2025
ޑަކްޓަރު ކީއްވެ ކުއްވެރިވީ. އެހެންވީރު ކާނާ ވިހަވިނަމަ ދަރިންނައް އެތަކަނުން ކާންދިން މަންމަ ވެސް ކުއްވެރިވާނެ. ބޭސް ފިހާރަ ސޭޓްވެސް ކުއްވެރިވާނެ.
ބާލީސް
06 October 2025
އިންޑިޔާއިން ބޭސް އެތެރެކުރުން އެއްކޮށް ހުއްޓާލަންވެއްޖެ