ރިޕޯޓް

"ދުންޖަހާފައި" ދުއްވުން ހުއްޓުވަން ބޮޑު ޖޫރިމަނާއެކު ވެހިކަލް ވެސް ނަގަންވީ!

"ބާރަށް ދުއްވައިގެން ކުރާ ޖޫރިމަނާ ސަރުކާރުތަކުން މާފްކޮށް، ސަލާމަތްވާނެ ކަމުގެ އުއްމީދު އޮތުމަކީ، ބާރަށް ދުއްވާ މައްސަލައަށް ހައްލެއް ނާންނަ ސަބަބެއް"

މާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވާތީ އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ޓްރެފިކް ޕޮލިހުން ހިންގި ސިނާރިއޯ ބޭސްޑް އެކްސައިޒް. ..-- ފޮޓޯ: ނިޝާން އަލީ | މިހާރު

ނުރައްކާތެރި އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލި، އުމުރަށް ނުކުޅެދުންތެރި މީހަކަށް ވުން ފަދަ ބޮޑެތި އަނިޔާތައް ލިބެމުންދާއިރު މި ހާދިސާތައް ގުޅިފައި ވަނީ ބާރަށް ދުއްވުމާ އެވެ. މާލެ އާއި ހުޅުމާލޭގެ އެކްސިޑެންޓްތަކުގެ ތަފާސްހިސާބަށް އެކަނި ބަލާލިޔަސް ފެންނަން އޮތީ ވަރަށް ނުރައްކާތެރި މަންޒަރެކެވެ. ބްރިޖުގައި އެކްސިޑެންޓެއް ނުހިނގާ ދުވަހެއް ނުދެ އެވެ.

ކޮންޓްރޯލް ނުވާ ވަރަށް ބާރަށް ދުއްވައިގެން އަމިއްލަ ނަފްސަށް އަނިޔާވާ މި އެކްސިޑެންޓްތަކުގައި ބައެއް މީހުންގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ. އެއްގަމު އުޅަނދު ބާރަށް ދުއްވާ މި މައްސަލާގައި ހައްލު ހޯދަން މަގުމަތި ބެލެހެއްޓުން ފަދަ މަސައްކަތްތަކެއް ފުލުހުން ވެސް ކުރެވެ އެވެ. އެކަމަކު، މާބޮޑު ނަތީޖާއެއް ނެތެވެ.

މި މައްސަލަ ހައްލުވޭތޯ މި ފަހަރު ނުކުންނެވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މަގުމަތީގެ ގަވާއިދުތަކާއި އެއްގަމު ދަތުރުފަތުރުކުރުމުގައި ތަބާވާންޖެހޭ ހަމަތަކާއި ހިލާފަށް ކުރާ އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި އެކްސިޑެންޓުތައް ދުވަހެއް ދުވަހަކަށް އިތުރުވެ، ރައްޔިތުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ވިދާޅުވެ އޭނާ ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ.

މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އަމަލުކުރާ މީހުންނަށް ހަރުކަށި އަދަބުތަކެއް ދޭން އިސްލާހުގައި ހިމަނާފައިވެ އެވެ. ބާރަށް ދުއްވާ މީހުންނަށް ބޮޑު ޖޫރިމަނާއެއް ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާގައި މިހާރު އަންނަނީ ދިރާސާ ކުރަމުންނެވެ.

ބިލަށް ގެންނަން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ވަނީ އިމަޖެންސީ ބަރުގޮނު އަޅާފައި ދިޔުމަށް ހާއްސަ ކޮށްފައިވާ އުޅަނދަކަށް ޖާގަ ނުދީ ދުއްވައިފި ނަމަ ނުވަތަ އެފަދަ އުޅަނދަކަށް ހުރަސް އަޅައިފި ނަމަ އެކަން ކުރި މީހަކު 25،000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް ހިމަނައިފަ އެވެ. މިހާރު ގާނޫނުގައި އޮންނަ ގޮތުން އެ ކަމަށް ހުރަސް އެޅިޔަސް ޖުރިމަނާއެއް ނޯވެ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން ކަމަށް މާނަ ކުރާނެ ހާލަތްތަކެއް ބަޔާން ކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އޮންނަނީ މަގުމަތީގެ އަމާންކަން ގެއްލޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ.

މާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވާތީ އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ޓްރެފިކް ޕޮލިހުން ހިންގި ސިނާރިއޯ ބޭސްޑް އެކްސައިޒް. ..-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެހެންވެ، ވަކި އަމަލުތަކަކީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން ކަމަށް ބެލެވޭނެ ހާލަތްތަކެއް ކަނޑައަޅަން ވެސް އިސްލާހުގައި ހިމަނާފައި ވެ އެވެ.

ފަރުވާކުޑަކޮށް ދުއްވުން ކަމަށް ކަނޑައަޅާފައިވާ ކަންކަން:

- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުން.

- އެއްކޮޅަށް ދުއްވުމަށް ކަނޑައަޅާފައިވާ މަގުތަކުގައި މަގުގެ އިދިކޮޅަށް ދުއްވުން.

- އެހެން މީހުންގެ ރައްކާތެރިކަމަށް ފަރުވާލެއް ނެތް ގޮތަށް ނުރައްކާތެރިކޮށް އޯވަޓޭކް ކުރުން.

- ޓްރެފިކް ބާރުބޮޑު ސަރަހައްދުތަކުގައި އެހެން މީހުންގެ ރައްކާތެރި ކަމަށް ފަރުވާލެއް ނެތް ގޮތަށް ޔޫޓާން ނެގުން.

- ޓްރެފިކް ބާރު ބޮޑު ސަރަހައްދުތަކުގައި އެހެން މީހުންގެ ރައްކާތެރިކަމަށް ފަރުވާލެއް ނެތް ގޮތަށް ޔޫޓާން ނެގުން.

ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމުގެ މާއްދާ އަށް (ކ) އިތުރު ކޮށްފައިވާއިރު، އޭގައި ވަނީ އުޅަނދު ދުއްވާފައި ވަނީ އުޅަނދުގެ ވެރިފަރާތް ކަމުގައި ނުވާ ހާލަތުގައި، އެ އުޅަނދު ދުއްވި ފަރާތުން އުޅަނދު ބޭނުންކޮށްފައި ވަނީ އުޅަނދުގެ ވެރިފަރާތުގެ ރުހުން ލިބިގެން ކަމަށްވާ ނަމަ އުޅަނދުގެ ވެރިފަރާތުގެ ލައިސަންސް ތިން މަހާއި ހަ މަހުގެ މުއްދަތަކަށް ހިފެހެއްޓި ދާނެ ކަމަށެވެ.

މާލޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލަކަށް ގެއްލުންވެފައި: އެ އެކްސިޑެންޓުގައި ޒުވާނަކު ނިޔާވި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ލައިސަންސް ނެތި ދުއްވުމަކީ މަނާ ކަމަށް ވާއިރު، މިހާރު ގާނޫނު އޮންނަ ގޮތުން އެ މީހެއްގެ ފުރަތަމަ އަދަބަކީ 1،000ރ. އިން ޖޫރިމަނާ ކުރުމެވެ. އަދި ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފި ނަމަ 1،500ރ. އިން ޖޫރިމަނާކުރެވޭއިރު ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް ޖޫރިމަނާކުރެވެނީ 2،000ރ. އިންނެވެ.

އެކަމަކު ގާނޫނަށް ގެންނަން ކުޑޫ ހުށަހެޅުއްވި އިސްލާހުގައި އެ އަދަބު ވަނީ ވަރަށް ބޮޑަށް ހަރުކަށި ކޮށްފަ އެވެ. އުމުރުން 18 އަހަރު ނުފުރޭ ނުވަތަ 18 އަހަރުން މަތީގެ މީހެއް ވިޔަސް ލައިސަންސް ނުނަގައި ދުއްވުމަކީ މަނާ ކަމެއް ކަމަށާއި އެފަދަ އަމަލެއް ކުރި ފަރާތެއް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް އިސްލާހުގައި ހިމަނާފައިވެ އެވެ. އެ މާއްދާގައި ބަޔާންކުރާ އަމަލުކުރި ފަރާތުން ދުއްވި އުޅަނދުގެ ވެރިފަރާތަކީ ތިން ވަނަ ފަރާތެއް ނަމަ އުޅަނދު ދުއްވި ފަރާތަށް އުޅަނދު ބޭނުންކުރަން ދިނީ ވެރިފަރާތުގެ ރުހުމާ އެކު ނަމަ އުޅަނދުގެ ވެރިފަރާތް 5،000ރ. އިން ޖޫރިމަނާކުރަން ވެސް ހިމަނާފައިވެ އެވެ.

އަދަބުތައް މިހާ ބޮޑަށް ހަރުކަށިކުރަން ހިމަނާފައިވާއިރު އުފެދޭ ސުވާލަކީ މި އިސްލާހުތަކާ އެކު ވެސް ބާރަށް ދުއްވާ މީހުންނަށް ފިޔަވަޅު އެޅިދާނެތޯ އެވެ. އެ މީހުން މަގުމަތިން ހިފަހައްޓައި ގާނޫނު ތަންފީޒުކުރެވިދާނެތޯ އެވެ.

ޖޫރިމަނާ މާފުނުކުރާ ނަމަ މިއީ މުހިއްމު އިސްލާހުތަކެއް!

ފުލުހުންގެ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އިބްރާހިމް އިމްރާން ވިދާޅުވި ގޮތުގައި ބޮޑު ޖޫރިމަނާއެއް ކުރާ ނަމަ ބާރަށް ދުއްވުމަށް މީހުން ފަސް ޖެހިދާނެ އެވެ. އެކަމަކު ހަމައެކަނި ޖޫރިމަނާއަކުން މީހުން ފަސްނުޖެހޭ ސަބަބަކީ އެކި ސަރުކާރުތަކުން ޖޫރިމަނާތައް މާފުކުރުމުން އޭގެ އެދެވޭ ނަތީޖާ ނެރެން އުނދަގޫވުމެވެ.

"އަޅުގަނޑަށް ހީވަނީ [އާ އިސްލާހުތަކާ އެކު] އަޅުގަނޑުމެން ވެސް ހަދަން ޖެހޭނެހެން އުސޫލެއް. ކާކުތޯ 10،000ރ. އިން ޖޫރިމަނާ ކުރާނީ؟ ކާކުތޯ 30،000 އިން ޖޫރިމަނާ ކުރަނީ؟ އެކަމަކު ކޮންމެވެސް ބަޔަކު ބިރު ގަންނާނެތާ ތިހާ ބޮޑު ޖޫރިމަނާއެއް އިނީމަ،" އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި އެއީ މުހިއްމު އިސްލާހުތަކަކަށް ވިޔަސް ޓްރެފިކް ގާނޫނާ ހިލާފު ވެގެން ކުރާ ޖޫރިމަނާތައް ސަރުކާރުތަކުން މާފުކުރާތީ ގިނަ ބަޔަކު ޖޫރިމަނާ ފައިސާ ނުދައްކާ ތިބެ އެވެ. އެ އުސޫލުން ކަން ހިނގާ ނަމަ މިފަދަ އިސްލާހެއްގެ ބޭނުމަކީ ކޮބައިތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިމްރާން އެ އިޝާރާތް ކުރެއްވީ ގަވައިދާ ހިލާފަށް ޕާކް ކޮށްގެން އަރާފައި ހުންނަ ޖޫރިމަނާތައް ރިޔާސީ އިންތިހާބުތަކާ ދިމާކޮށް ވޯޓު ހޯދަން، ސަރުކާރުތަކުން މީގެ ކުރިން މާފުކޮށްދީފައިވާ މައްސަލައަށެވެ. ގަވާއިދާ ތަކުރާރުކޮށް ހިލާފުވެ އެތައް ހާސް ރުފިޔާއެއް ނުދައްކާ ތިއްބައި ޖޫރިމަނާތައް މާފު ކުރުމުން، އެފަދަ ފިޔަވަޅުތަކާ މެދު މީހުން ބިރެއް ނުގަނެ އެވެ. ކޮންމެވެސް ހިސާބަކުން ޖޫރިމަނާތައް މާފުވެ ސަލާމަތްވާނެކަން އެނގެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި 2018 ގައި ވަނީ ގަވައިދާ ހިލާފަށް ޕާކްކޮށްގެން އަރާފައިވާ 7.8 މިލިއަން ރުފިޔާގެ ޖޫރިމަނާ އެއްކޮށް މާފުކޮށްފަ އެވެ. އަދި ޑިސެމްބަރު 2023 ގައި ވެސް އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 16 ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އެރި 2.8 މިލިއަން ރުފިޔާ ސަރުކާރުން ވަނީ މާފުކޮށްދީފަ އެވެ.

މަގުމަތީގެ ގަވާއިދާ ހިލާފުވެގެން އަރާ ޖޫރިމަނާ އަށް ލުއި ދިނުމުގެ މި ސަގާފަތާ ހެދި ކުށްކުރާ މީހުންނަށް ސަލާމަތްވެވޭނެ ކަމުގެ އުއްމީދު އޮންނަ ކަމަށް އިމްރާން ވިދާޅުވި އެވެ. ޖޫރިމަނާތަކާ އެކު ލައިސަންސް ހިފަހައްޓައި ވެހިކަލް ޓޯކޮށްފައި ބެހެއްޓޭނެ މުއްދަތާ މެދު ހަރުކަށި ވުމަކީ ވެސް ރަނގަޅު ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މުހިއްމު ކަމެއް. އެކަމަކު ހަމައެކަނި ޖޫރިމަނާ ބޮޑުކުރުމެއް ނޫން ކަން ނޭނގޭ. މިސާލަކަށް ލައިސަންސް ހޯލްޑްކޮށް، ވެހިކަލާ މެދު ތަންކޮޅެއް ހަރުކަށި ގޮތެއް ވެސް މުހިއްމު،" އޭނާ ވިދާޅުވި އެވެ.

ހަމައެކަނި ޖޫރިމަނާވީމަ މިވާ ގޮތަކީ ޖޫރިމަނާ ނުދައްކާ އޮއްވައި ގިނަ ފަހަރަށް މި މާފުވަނީ. މާފުވާތީ ގިނަ ފަހަރަށް ގިނަ މީހުން އެހާ ބޮޑުކަމަކަށް ނުހަދާ ޖޫރިމަނާއެއް އޮތްކަމަށް ވިޔަސް -- އިމްރާން

އެހެންވެ، އިމްރާން ވިދާޅުވީ އިސްލާހުތައް ފާސްވެގެންދާއިރު، ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ ދެން ވާނެ ކަންކަން ވެސް އޭގައި ހިމެނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"ނޫނީ އޭގެ އަސަރެއް ނުކުރާނެ [ޖޫރިމަނާގެ އިތުރަށް އެހެން ކަންކަން ހަރުކަށި ނުކުރާ ނަމަ]. ދެން ކޮންމެވެސް ބަޔަކު ބިރު ގަނެގެން ދުއްވުން މަޑުކޮށްގެން ތަފާތެއް އައިސްދާނެ. އެކަމަކު އޭގެ އިތުރުން އުޅަނދަށް ވެސް ފިޔަވަޅުތަކެއް އެޅިގެން ކަން ނޭނގެ އެކަން [ބާރަށް ދުއްވާ މިންވަރު މަދު] ވާނީ،"

މާލޭގައި ބާރަށް ދުއްވި ކާރެއް ބަހެއްގައި ޖެހި އެކްސިޑެންޓުވެފައި.-- ފޮޓޯ: އެމްއެންޑީއެފް

ލައިސަންސް ނެތި ސައިކަލު ދުއްވައިފި ނަމަ އާންމުކޮށް ސައިކަލު ޓޯކުރަނީ މިހާރު 15 ދުވަހަށެވެ. އަދި ބާރަށް ނުރައްކާތެެރިކޮށް ދުއްވައިފި ނަމަ ސައިކަލު 30 ދުވަހަށް ހިފަހައްޓަ އެވެ. އިމްރާން ވިދާޅުވީ އެފަދަ ކަންކަމާ މެދު ހަރުކަށިވުމަކީ ވެސް ބާރަށް ދުއްވުމަށް ފަސްޖެހޭނެ ސަބަބެއް ކަމަށެވެ.

ޓްރެފިކް ގާނޫނާ ގަވާއިދަކީ ހަމައެކަނި ކަމެއް ދިމާވުމުން ފިޔަވަޅު އަޅަން އޮންނަ އެއްޗެއް ކަމަށް ދެއްކެވޭ ވާހަކަތައް އިމްރާން ދޮގު ކުރެއްވި އެވެ. އޭނާ ވިދާޅުވީ މިހާރު ފިޔަވަޅު އަޅައި ކަމަށާއި ޗެކްޕޮއިންޓްތަކުން ވެސް ހުއްޓުވައި ފިޔަވަޅު އަޅާފައި ހުންނާނެ ކަމަށެވެ.

"އެގޮތަށް ދުއްވާ މީހުން ހަމަ ޖޫރިމަނާ ކުރަމުން މިދަނީ. އުޅަނދުތައް ވެސް ޓޯކުރަމުން މިދަނީ. އެކަމަކު އެ ޖޫރިމަނާތަކަކީ އެގޮތަށްވާ އެއްޗެއް [މާފުކުރާ ނަމަ] ކަމަށް ވަންޏާ ހައްލެއް ނާންނާނެތާ،"

ގަވާއިދުތަކަށް ބޯނުލަނބާ މައްސަލަ ބޮޑު

ލައިސަންސް ނެތި ވެހިކަލް ދުއްވާ މީހުންނާއި ލައިސަންސްގެ މުއްދަތު ހަމަވުމުން އެ އާނުކޮށް ވެހިކަލް ދުއްވާ މީހުން ގިނަކަމަށް އިމްރާން ވިދާޅުވި އެވެ.

"ކޫލް" ކަމަކަށް ހަދައިގެން ބާރު ސްޕީޑުގައި ވެހިކަލް ދުއްވުން ޒުވާނުންގެ މެދުގައި އިންތިހާ އަށް އާންމުވަމުން ދާއިރު އަވަސް އަރުވާލައިގެން ތަންތަނަށް ދިއުމަށް ދުއްވަނީ ދުއްވަން ކަނޑައަޅާފައި އޮންނަ މިނަށް ވުރެ ބާރަށެވެ. މިސާލަކަށް ސިނަމާލެ ބްރިޖުގައި އެންމެ ބާރަށް ދުއްވަން ކަނޑައަޅާފައިވާ ސްޕީޑް ލިމިޓަކީ 50 އެވެ. އެކަމަކު އެ އަށް ވުރެ ބާރަށް ދުއްވުމާއި ދުއްވަން އޮންނަ ލޭނު ނޫން އެހެން ލޭނެއްގައި ދުއްވުން ފަދަ ކަންކަމުގެ ސަބަބުން ބްރިޖުގައި އެކްސިޑެންޓުތައް ހިނގާ އަދަދު ގިނަ އެވެ.

މާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވާތީ އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ޓްރެފިކް ޕޮލިހުން ހިންގި ސިނާރިއޯ ބޭސްޑް އެކްސައިޒް. ..-- ފޮޓޯ: ނިޝާން އަލީ | މިހާރު

އިމްރާން ވިދާޅުވި ގޮތުގައި ސިނަމާލެބްރިޖު މަތީގައި އެކްސިޑެންޓެއް ނުހިނގާ ދުވަހެއް ނުދެ އެވެ. މިއީ އަވަސް އަރުވާލައިގެން ތަންތަނަށް ދިއުމަށް "ދުންޖަހާފައި" ދާތީ ހިނގާ އެކްސިޑެންޓުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮފީހަށް ދާން މި ނިކުންނަނީ ގަޑި ޖެހިގެން. މިސާލަކަށް ހުޅުމާލެއިން މާލެ ދާ މީހުންނަށް ފެންނާނެ ބްރިޖު މަތީ ވެސް ހަމަ ދުން ޖަހާފައި ހަމަ ދާނީ 8 ޖަހަން ކައިރިވާ ގަޑިއަށް. އެ ގަޑިއަށް ކޮންމެ ދުވަހަކު އެކްސިޑެންޓެއް ނުހިނގާ ދުވަހެއް ނުދާނެ،" ގަވާއިދުތަކަށް އާންމުން ބޯނުލަނބާތީ ކަންބޮޑުވުން ފާޅުކުރައްވަމުން އިމްރާން ވިދާޅުވި އެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވައްކަމުގެ މައްސަލަތަކަށް ފަހު މި އަހަރު އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ވެސް އެކްސިޑެންޓެވެ. މިހާތަނަށް 2،246 އެކްސިޑެންޓު ހިނގާފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ހިނގި އެކްސިޑެންޓުތަކުގެ ތަފްސީލު:

- ޖެނުއަރީ - 234

- ފެބްރުއަރީ - 295

- މާޗު - 260

- އޭޕްރިލް - 213

- މެއި - 273

- ޖޫން - 256

- ޖުލައި - 196

- އޮގަސްޓް - 240

- ސެޕްޓެމްބަރު - 279

އަމިއްލަ އަށް މަތަ ނުވާ ވަރަށް ބާރަށް ވެހިކަލް ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތައް އިތުރުވަމުން ދާއިރު، އިމްރާން ވަނީ ވެހިކަލެއް ދުއްވުމަށް އެހެން މީހަކަށް ދޭ ނަމަ އެ މީހެއްގެ އަތުގައި ލައިސަންސް އޮތްތޯ ވެރިފަރާތުން ބެލުމަށް އެދިވަޑައިގެންފަ އެވެ. ލައިސަންސް އާކުރުމުގެ ކަންކަން ވެސް އޮންލައިންކޮށް މިހާރު ކުރެވޭ ކަމަށާއި އެހާ ފަސޭހަކޮށް އެކަން ކުރެވެން އޮތުމުން އެކަމަށް ވެސް ފަރުވާތެރިވުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

ސިނަމާލެ ބްރިޖު މަތީގައި ކުރިން ހިނގި އެކްސިޑެންޓެއްގައި ކާރެއް ފުރޮޅާލާފައި -- ފޮޓޯ: މުހައްމަދު އާސިފް

އިމްރާން ވަނީ ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކޮށްގެން ފިޔަވަޅު އެޅުމުގެ ކުރިން ގާނޫނުތަކަށް ބޯލެނބުލަށް ތަކުރާރުކޮށް އެެދިވަޑައިގެންފަ އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް ވެސް ވަނީ މީހުންގެ ފުރާނަ އަށް ފަރުވާލެއް ނެތި މަގުތަކުގައި ދުއްވާ މީހުންނަށް ޖިނާއީ ދައުވާ ކުރެވޭ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ވެސް ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލަ ވެސް ކޮމިޓީ މަރުހަލާގައި މިހާރު އޮތްއިރު އިމްރާން ވިދާޅުވީ އެ ގާނޫނު ފާސްވުމަކީ ވެސް ކޮންމެވެސް ބަދަލުތަކެއް މުޖުތަމައުން ފެނިގެން ދާނެ ކަމެއް ކަމަށެވެ. އަދި ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ވެސް ކުރަމުން އަންނަަ ކަމަށާއި އެ ކަމަށް ފުލުހުންގެ އިދާރާ އިން ކޮމެންޓް ހިއްސާކުރަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ.

ގާނޫނުތައް އިސްލާހު ކޮށްގެން ވިޔަސް ބާރަށް ދުއްވާ މީހުންގެ ދުވެލި މަޑުކުރަން މާބޮޑަށް ވެސް ލަސްވެއްޖެ އެވެ. ދުންޖަހާފައި ދާ މީހުންނާ ހެދި، މަޑުން ފަރުވާތެރިކަމާ އެކު ދުއްވާ މީހުންނަށް ވެސް ސަލާމަތެއް ނެތީ އެވެ. އަމިއްލަ ނަފްސާއި އެހެން މީހުންގެ ފުރާނަ ގެއްލުނަސް ހެޔޮކަމަށް ދުއްވާ މީހުންނާ މެދު ފިޔަވަޅު ހަރުކަށި ކުރަން ޖެހެ އެވެ. މަޖިލީހަށް އިސްލާހުތައް ހުށަހަޅާފައިވާ ވަރަށް ވުރެ ވެސް އެ އިސްލާހުތައް ހަރުކަށި ކުރަންވީ އެވެ. ނަތީޖާއެއް ފެނިދާނެ އެވެ.

40 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 8%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވެރިން

27 October 2025

ކުޑު ނޫން އެހެން މީހަކު ހުށަ ހެޅިޔަސް ވެހިކަލް ވެރިފަރާތް ޖުރިމާނާ ކުރުން ހައްގެއްނޫން، ލައިސަންސް އޮތް މީހަކު އަތަށް ވެހިކަލް ދިނުމަކުން ކުއްވެރިވާކަށް ނުޖެހޭނެ އެއިކީ ހަމަޖެހޭ ގޮތެއްނޫން

The name is already taken The name is available. Register?

ބަކުރުު

13 October 2025

ބުރިޖްގައި 40މޭލަށް ވުރެ ބާރަށް ނުދުއްވޭގޮތަށް ތިޔަ ގާނޫނަށް އިސްލާހުގެނެސް .މަގުމަތިން މިބުނީސީނުން ޖުރިމާނާ ވަގުތުންކުރާގޮތަށްވެސް ގާނޫނަށްއިސްލާހުގެންނަންވީ އޭރުން މައިތިރިވާނީ. ޖުރިމާނާ ނުދައްކަނީސް މީހާ ދޫނުކުރަންވީ. ކޮންމެ މީހަކުއަތުގައިވެސް މިހާރު ބެންކު ކާޑުއޮންނާނެ. ކޮންމެތަނަކުން ހޯދާގެންވެސް ފައިސާ ނުދައްކަނީސް ދޫނުކުރަންވީ. މިނޫންންގޮތަކަށް ނުހުއްޓުވޭނެ.

The name is already taken The name is available. Register?

ޓެރެފިކް

13 October 2025

ވަކި މުއްދަތަކަށް ލައިސަންސް އަތުލަންވީ. ޖޫރިމާނާ ދެވޭ މިންވަރަކަށް ކުޑަކުރަންޥީ. ޖޫރިމާނާއަކަށްވުރެ ދަތިކުރުން ތިކަމުގައި މާމުހިންމުވާނެ. ވިސްނާފަ ކަންކަން ކޮށްބަލަ. ފައިސަައަކީ ކޮންމެ މީހަކަށް ފުނިވަރު ލިބޭ އެއްޗެއްނޫން. އެކަމަކު ލުއިފަސޭހަ ދަތުރަކީ ކޮންމެ މީހަކަށް ބޭނުންވާނެ ކަމެއް. ޚިދުމަތައް ހުރަސް ނާޅުއްވާ.

The name is already taken The name is available. Register?

ގޮނުއަނގަ

13 October 2025

ބޮޑުންނޭވެ. އިންސާނާ ދުނިޔެއަށް ފޮނުއްވީ. ކުށްވެރި ވެގެން އަދަބު ދެއްވާފަ. އޭނާ ކުށް ކުރާނެ. ޤަަނޫނުބހަދަންވާނީ އަދަބު ތަންފީޛު ކުރެވޭ މިންވަރަކުން. ޖޫރިމާނާ ކުރީމާ ޖޫރިމާނާ ދެވޭނީ ދެވޭވަރަކަށް ކޮށްގެން. ޖޫރިމާނާ މާފު ކުރުމަކީ ޖޫރިމާނާ ދެއްކީހާއަށް ވެވޭ ބޭއިންސާފެއް. ރައީސަށް ދީފައިވާ މިބާރު ކަނޑަލަން ވެއްޖެ. މިސާލަކީ އިބޫ ރީކޯއަށް މާފު ކޮށްދިން 73 މިލިޔަން ރުފިޔާގެ ނާޖާއިޒު ޤާނޫނި ބާރު. މިކަން ބަލާނެ އެންޓި ކޮތަޕްޥަނެއްވެސް ނެތް. އެތައްބަޔަކުވޭ.

The name is already taken The name is available. Register?

އައްޕަ

12 October 2025

މާލޭގައި ސައިކަލް ދުއްވާ މީހުންގެ %90 އަކީ ފިރިހެނުން. ވަންވޭ ފަޅާ އަދި ފޯނުން ބޭނުން ކުރަމުން ދުއްވާ މީހުންގެ %90 އަކީ އަންހެނުން. ނިއްކުރިއަށް ރުލެއްވެސް އަރުވައިނުލާ ޅަނދޮޅު އަންހެން ކުދިން ވަންވޭ ފަޅާލާފައި ދާއިރު އަހަރުމެންނަށް މިދެވެނީ ނުބައި ފަޅިން ބާއޭ ހިތައްއަރާ ޗެކް ކޮށްލަންޖެހޭ ފަހަރުތައް ވަރަށް ގިނައިން އާދެ

The name is already taken The name is available. Register?

ކުޅަދާނަ ޒުވާނުން

12 October 2025

ބައެއްމީހުންނައް ހީވަނީ ތިމަންނަ ވަރައްކުޅަދާނައޭ ބާރުސްޕީޑުގަ ގޮސް ލަބާލުންފަދަ އެހެން ދުއްވާއެއްޗެއް އޯވަޓޭކުކުރުން ކަހަލަކަންތަކައް ވަރައް ފަރިތަވާނެއޭ މަގުމައްޗަކީ އެންމެންވެސް ބޭނުންކުރާތަނެއް ތިމާހާ ކުޅަދާނަ ނޫންމީހުންވެސް އުޅޭނެކަން ދަންނަންޖެހޭ ކުއްލިއަކައް އެހެންމީހެއްގެ ކުރިމައްޗައް ސައިކު ހުރަސްކޮއްލުންފަދަކަމަކުން އަނެކާގެ ފުރާނަވެސް ހިގައިދާނެ. މަގުމަތި ބޭނުންކުރަންވާނީ ތިމާގެ ކުޅަދާނަކަމައްވުރެ އެހެންމީހުންގެ ކުޅަދާނަކަމއްބަލައިގެން

The name is already taken The name is available. Register?

ނުދުވާ މީހާ

12 October 2025

މަގުމަތީގައި ދުވާ މީހުންވެސް ހުއްޓުވަންޖެހޭ. ހާއްސަކޮށް ފުލުހުން އިސްވެ ތިބެ ކޮންމެ ދުވަހަކު ސެންޓްރަލް ޕާކް ހިމެނޭ ސަރަހައްދުގައި ދުވާ ފުލުހުންނާއި އާންމުން ހުއްޓުވާ ޕާކުތެރޭގައި ނޫނީ ދުވާ ޓްރެކްގައި ދުވަން މަޖްބޫރު ކުރަންެހޭ. މަގުމަތީގައި ދުވުމަށް ފުލުހުން ހިއްވަރުދީ އެކަން ކުރާތީ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރަން. އަދި އަޑުގަދަކުރަމުން ސިފައިން މަގުމެދުން ދުވާތީ އެކަންވެސް ހަރުކަށި އިބާރާތުން ކުއްވެރިކުރަން.

The name is already taken The name is available. Register?

އައްޑޫ ބެއްޔާ

12 October 2025

ޓުރެފިކު ވަޔަލޭޓު ކުރާމީހުން ފުލެޓާއި ބިން އަދި ލޯނު ނަގާއިރު ޕްއިންޓް އުނިކުރަންވީ

The name is already taken The name is available. Register?

ހުތރެ

12 October 2025

ބިސް ފޮށި ރޯކޮށްގެން ދުން ޖަހާ މީހުންވެސް އެބަ ޖޫރިމަނާ ކުރަންޖެހޭ..

The name is already taken The name is available. Register?

އަލާއުއްދީން ދޮންތުއްތު

12 October 2025

ދުންޖަހާފާ ކަފިހިހުރަހަށް އަރާ މީހުންވެސް ވަގުތުން އުފުރާލަންޖެހޭ. އެމީހުންގެ ސަބަބުން ކިތައްމީހުންތޯ އަނގަވަތަށްޖެހުނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454