މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ފުލުހުން ފޮރެންސިކް ހެކި ނަގަނީ: އެފަދަ ހާދިސާތަކާ ގުޅިގެން ފިޔަވަޅު ނޭޅޭ މައްސަލަ މަޖިލީހަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
15 ޖުލައި 2025 - 13:02
ރާއްޖޭގައި ހިނގާ އެކްސިޑެންޓްތަކާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖަކު މަރުވެ، އަދި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. އެފަދަ ހާދިސާތަކުގައި ފިޔަވަޅު ނޭޅޭ ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މިދިޔަ ހޮނިހިރު ދުވަހު މަޖިލީހަށް ކުޑޫ ފޮނުއްވި ސިޓީގައިވަނީ ވޭތުވެދިޔަ ހަ މަސް ދުވަހު އެކަނި ވެސް މާލޭ ސަރަހައްދުގައި ހާހަކަށް ވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާއިރު، އެކްސިޑެންޓްތަކާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު ނޭޅި، އެ މީހުން މުޖްތަމައުގެ ތެރެއަށް ދޫވަމުންދާ ކަމުގެ ކަންބޮޑުވުން އަބަދުވެސް އޮންނަ ކަމަށެވެ. އަދި މަރުވާ މީހުންގެ އަދަދު އިތުރުވެ އަދި ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށް އެ ސިޓީގައިވެ އެވެ.
މެމްބަރު ކުޑޫ މަޖިލީހަށް ވަޑައިގަންނަވަނީ --- ފޮޓޯ/މިހާރު
އެހެންވެ، ކުޑޫގެ ސިޓީގައި ހުށަހަޅުއްވާފައިވަނީ އެކްސިޑެންޓްތަކާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ހުރި ގޮންޖެހުންތައް ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުންގެ އިސްވެރިން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް، ސުވާލު ކުރުމަށެވެ.
މީގެ އިތުރުން އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލް ވެސް މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރަން އޭނާ ހުށަހަޅުއްވާފައިވެ އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި އެކްސިޑެންޓް ހިނގީ މީހަކު މަގުހުރަސް ކުރަނިކޮށް ބާރު ސްޕީޑްގައި އައި ސައިކަލެއް ކޮންޓްރޯލް ނުވެ، އެ މީހާގެ ގައިގައި ޖެހި އަދި އެ މީހުން ވިއްސައިގެން ގޮސް ޕިކަޕެއްގައި ޖެހިގެންނެވެ.
އެ ހާދިސާގައި ނިޔާވީ ސައިކަލުގައި އިން 17 އަހަރުގެ ކުއްޖެކެވެ. އޭނާއަކީ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެ ކުއްޖާގެ ޖަނާޒާ އިއްޔެ ވަނީ ބާއްވައިފަ އެވެ.
މަގުހުރަސް ކުރަނިކޮށް ސައިކަލުން ޖެހުނު 40 އަހަރުގެ މީހާއަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު، ތިން ވަނައަށް އަނިޔާވި 16 އަހަރުގެ ކުއްޖާ މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީބެ
15 July 2025
މަގުތަކަަށް ރައްޔިތުން ނެރެންވާނީ އެކަށީގެންވާ ރައްކާތެރިކަމާ ބެލެހެއްޓެނިވިގިތްތައް ގާއިމްކޮށްފަ. ޢެހެންނުވާނަމަ ރައީސުލްޖުމްހޫރިއްޔާ ހުރުމުގެ ބޭނުމެއްކޮބާ.
ކަނބިލި
15 July 2025
ފުލުހުން މަޖިލިހަށް ދަމައިގެން ތިޔަ ކަމެއް ހައްލެއް ނުވާނެ. މާލެ ތޮއްޖައްސާފައި، އެކްސިޑެންޓަށް ގިނަވީމާ ފުލުހުންނަށް އިނގިލިދިއްކުރުމަކުން މައްސަލަ ހައްލެއް. ބަޖެޓު ފާސްކުރާއިރު ބަލަނީ ތިމާމެންގެ އިންތިޚާބީ ދާއިރާތަކަށް ޕްރޮޖެކްޓުތައް ގެނެވޭތޯ. އެއަށް އެ އަދި ޕްރޮޖެޓުތައް ތިމާ ނަމުގައި އޮންނަ ކުންފުނިތަކަށް ކަހާލެވޭތޯ. ދެން ޒިންމާއިން ރެކެންވެގެން އެހެން މީހުން މިދަމަނީ ރައްޔިތުންނަށް ޑުރާމާ ދައްކަން.
ބަބޫ
15 July 2025
ދަރިން ތަރުބިއްޔަތު ކުރުމާމެދު ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނީ މައިން ބަފައިންނާ. ޕޮލިހުންނާ ޕީޖީ އަކާނޫން. 18 ަހަރު ނުވަނީސް ސައިކަލަށް އަރައިގެން .. ދުއްވަންޔާ އޭގެ ޒިންމާ މައިނަބަފައިން ނަގަން ޖެހޭ. މައްޝޫރު މީހެއްގެ ދަރިއެއް ވީމަ ތައިޒިޔާ ފޮނުވިފަ ޕޮލިހުންނާ ޕީޖީ މަޖިލީހަށް ހާޒިރު ކުރުމަކުން މައްސަލަ ހައްލެއް ނުވާނެ
ޗަކު ނޮރިސް
28 October 2025
ބޭރު މީހުން ލަައިސަންސް ނުލާ ދުއްވީމަ ފިޔަވަޅު އަޅާނެ އުސޫލެއް އަދި މުއައްސަސާއެއް ނެތް..
އުސްމާނުބެ
15 July 2025
މެންބަރު " ކުޑޭ " އިއްޒަތް ތެރި މެންބަރުންނާ މުހާތަބު ކުރާއިރު - މެންބަރު ކިޔާފަ ދެން ވަނަމަކުން ކީމަ ހަގީގަތުގަ ރީއްޗެއް ނޫންކަންނޭގެ ، މިސާލު ރައިސް އިބޫ މަގޭ ހިޔާލު
ވ، ދެރަ
15 July 2025
ދެތިން މަސް ކުރިން ދެކޮޅު ބަލާފައި އަޅުގަނޑު މަގު ހުރަސް ކުރީ އެކަމަކު ބާރަށް އައި ސައިކަލެއް އަޅުގަނޑުގެ ގައިގައި ޖައްސާ ވަށްޓާލި ވީތަދުން ނުވެސް ތެދުވެވުނު، ވަގުތުން އެތަނަށް ޕޮލިސް އައިސް ސީންނަށް އެޓެންޑްވި، އެކަމަކު ސައިކަލް ދުއްވަން އިންމީހާގެ ލައިސަންސް އިންތޯ ޗެކުވެސް ނުކުރޭ، އަޅުގަނޑު ނަގަން އެހީތެރިވި އަދި މަގުގެ އެއްފަރާތަށް ގެންގޮސްދިން، އަދި ބުނީ މައްސަލަ ޖައްސަން ބޭނުހޭ، އެއްވެސް ފިޔަވަޅެއް ސައިކަލުން ޖެއްސި މީހަކަށް ނާޅާ.
ކަލްމީ
15 July 2025
މިގައުމުގަ އެއްކަމެއް ވެސް ރަނގަޅަށް ނުކުރެވޭނެ! މުޅި ނިޒާމް މިވަނީ ފެއްލްވެފަ! މިއީ ފެއްލެވެފަ އޮތް ދައުލަތެއް!! މަޖިލީސް ރައީސް ކަން އެންމެ ފަހުން ކުރީ ބޮޑު ކުށްވެރި އެއް (ނަޝީދު) މިއަދު މަޖިލީސް ރައީސް އަދި ނައިބު ރައީސް ކަން ކުރަނީ އާންމުނަށް ސާފުކޮށް އެގޭނެހެން އަހްލާގީ އެންމެ ދަށުދަރަޖާގެ ދެ މީހުން. ވަޒީރުންގެ ގިނަ މީހުންނަކީވެސް ހަމަ އެހެން. ކޯޓުތަށް ވެސް އޮތީ އެހެން! ހުދު ޖަންގިޔާ ގާޒީ ވެސް ލަދެއް ނެތި އިން! ޢިނާޔަތާއެކު ރިޓަޔަރ ކުރީ!
ޓިނު
15 July 2025
ކޮމެޓީއަށް ހާޟިރުކުރީމަ ތިކަންކަން ވާނެ.
ރާވެރިބެ
15 July 2025
ކޮންބޭނުމަކު ރައްޔިތުން ކުރިމަތީ ކުޅޭ ޑްރާމާ އެއްތޯ؟ ދެން ތި ދެފަރާތް މަޖިލިސް ކޮމިޓީއަކަށް ގެންގޮސް ވާހްކަ ތަކެއް ދައްކާލާ ހެދިކާ ލައިގެން ސައި ބޯލީމް އެކްސިޑެންޓް މަދުވާނެބާ؟ ހަރުދަނާ ފިޔަވަޅެއް ނޭޅޭނަމަ މަޑުން ތިބޭ. މާކަންތަށް މައްޗަށްދާނަމަ ރައްޔިތުން ހުރިހާކަމެއް ހައްލުކުރަން ނުކުމެދާނެ.
ހެހެހެހެހެ
15 July 2025
ކައުންސިލް އިންތިޚާބް
ހެޔޮނުބައި
15 July 2025
ކުޑަކުދިން ކުރާ ކުށްތައް ހުއްޓުވަން ބޭނުންނަމަ، ކުޑަކުދިން ކުރާ ކުށްތަކާ ގުޅިގެން މައިންބަފައިންނަށް އަދަބު ދެވޭގޮތަށް ގާނޫނު ހަދައިދޭށެވެ. އެހެން ނޫނީ ކުޑަކުދިން ބޮޑެތިވެގެން ދެން ވާނީ ބޮޑެތި ކުށްވެރިންނަށެވެ. މިހެން ވަމުން ގޮސް މިހާރުވެސް މިއޮތީ އަތުން ދޫވެފައެވެ. އެއް ބަޔަކު ކަނޑިއާއި ކަތިވަޅިއާއި ބޮޑުވަޅި ހިފައިގެން އުޅެނިކޮށް ހިފައި ހައްޔަރުކޮށްވެސް ދޭނެ އަދަބެއް ނެތް ހިސާބަށް މިހާރު ހިނގައްޖެއެވެ.
ބެހޭނުބެހޭ
15 July 2025
ކަމާ ނުބެހޭ އެންމެން ހާޒިރުކުރަންވާނެ. ކަމާބެހޭ އެކަކުވެސް ގާނޫނަށް ބަދަލު ގެނެސްގެން ނުވާނެ. ގާނޫނަށް އިޞްލާޙެއް ހުށަހަޅައިގެން ނުވާނެ. ޑްރާމާ ކުޅެންވާނެ. ކަމެއް ރަނގަޅުވާނީ ފިޔަވަޅު އަޅައި ހިފައި ހައްޔަރުކުރެވޭ ވަރަށް ގާނޫނު ހަދައިދިން ދުވަހަކުން.