އައްޑޫ ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ އަސްދޫންޏަކާއި މަސްތައް މަރުވެފައި.-- ފޮޓޯ: ޖަމްބެ ސަންރައިސް ފޭސްބުކް
12 އޮކްޓޯބަރ 2025 - 15:10
އައްޑޫ ހުޅުދޫގެ ޑަކް ޕާކުގެ ދޫނިތަކާއި މަސްތައް މެރި ކަމަށް ބުނާ މައްސަލަ ފުލުހުންނާއި ޖަނަވާރާ ބެހޭ މިނިސްޓްރީން ވެސް ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުދޫ ޑަކް ޕާކުގައި އުޅޭ ދޫންޏާއި މަސްތައް މަރުވާ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލަ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ވެސް ދެންމެ "މިހާރު" އަށް ބުންޏެވެ.
ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ ދޫނިތަކާއި މަސްތަކަށް ވިހައެއް ދީގެން އެ އެއްޗެހި މަރާލި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ހުޅުދޫ ރައްޔިތުންނާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހެދި އެ ޕާކުގައި ގެންގުޅޭ އަސްދޫންޏާއި އެކި ބާވަތުގެ އެހެން ދޫނިތައް ވެސް ވަނީ މަރުވެފަ އެވެ. އަދި އެ ޕާކުގެ ފެންގަނޑުގެ ތެރޭގައި އުޅޭ މަސްތައް ވެސް މަރުވެގެން ފެނުން މައްޗަށް ވަނީ އަރައިފަ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ހުޅުދޫ ކައުންސިލަރު ހުސެއިން ފައިޒް ރަހްމާން އިއްޔެ "މިހާރު" އަށް ވިދާޅުވެފައި ވަނީ އެ ޕާކުގައި އުޅޭ ދޫނިތަކާއި މަސްތައް މަރުވާކަން ފާހަގަވާން ފެށީ މީގެ ދެތިން ދުވަސް ކުރިން ކަމަށެވެ. އެ އެއްޗެހި މަރުވާން މެދުވެރިވި ސީދާ ސަބަބު އަދި ނޭނގުނަސް ބޮޑަށް ބެލެވެނީ ބަޔަކު ޕާކުގެ ފެންގަނޑަށް ވިހައެއް އަޅައިގެން އެ ދިރުންތައް މަރާލީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑަކް ޕާކަށް ބަޔަކު ގެއްލުން ދިން ކަމަށް ބެލެވޭއިރު، މި މަހުގެ ހަތަރުވަނަ ދުވަހާއި ފަސްވަނަ ދުވަހު އައްޑޫ މީދޫގެ މަތިކިޅި އިކޯ ގާޑެންގައި އަލިފާން ރޯވެ ބޮޑު ގެއްލުމެއް ލިބިފައިވެ އެވެ. އެ ކުޅީގެ 80 ޕަސެންޓް އަނދައިގެން ދިޔަ ކަމަށް ބެލެވޭއިރު، އެތަނުގައި ވެސް ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޭމަންޑޫ
12 October 2025
މިކަންކަން ކުރިބަޔަކު އަވަހަށް އަމިއްލައަށް ރަށުގެ ފުލުހުންގެ އިދާރާއަށް ގޮސްފައި ކަންތައްތައް ކުރިގޮތް ކިޔާދީ ﷲ ސުބްހާނަހޫ ވަތައާލާ ހުރިހާކަމެއް މޮޅަށް ބައްލަވާވޮޑިގެންވޭ ކޮންއުފަލެއް ލިބުނީ ކޮން މޮޅެއްވީ ކޮން ހިތްހަމަ ޖެހުމެއް ލިބުނީ ތިކުރި ކަންތައްތައް އަބަދުމެ ތިބާގެ ބޮލުތެރޭގައި އެނބުރި އެނބުރިހުންނާނެއެވެ ތިކަމުން ސަލާމަތް ވެވޭނީ ހިތްވަރު ކޮށްފައި ކަމާބެހޭ ފަރާތްތަކަށް ކިޔާދީގެން ހިތުގައި އެއްވެސް ރަހުމަތެއްނެތީބާ އާއިލާވެސް ދުއްވާލަފާނެ
ޗޮކުން
12 October 2025
މީ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ބަލަން ޖެހޭ ވަރުގެ މައްސަލައެއް. މިކަހަލަ ކަންތައް އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ.... ބޮޑުއަދަބެއް ދޭންޖެހޭނެ....
ކޮސް
12 October 2025
ތިކަން ބަލަން އަނެއްކާ ޚަރަދުތަކެއް ކުރާނެކަމެއްނެތް! ކުރީ ސަރުކާރުގެ ކަމެކޭ ބުނީމަ ނިމުނީ.
ކުރި
12 October 2025
މިކަން ކުރި ބަޔަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ޖެހޭނެ. ނޫނީ ގައުމަށް ކޮންމެ ފަދަ ގެއްލުމެއް ދީފަ ސަލާމަތުން އުޅެވިދާނެ. ރައްޔެތުންގެ ޓެކްސް ފައިސާއިން ތިބަޔަކު ބޭސްފަރުވާ ހަދަނީ.
ސިދާކޮށް
12 October 2025
ތިކަމެއް ކުރި ބަޔަކު ބޭނުން ވަނީ މިއީ ހުޅުދު އާ މީދޫ މީހުންގެ ކޯޅުމެއް ކަމަށް ދައްކަން.