ކުރީގެ ރައީސް ނަޝީދު: ތަރައްގީގެ މަޝްރޫއުތައް މިވަގުތަށް މަޑުޖައްސާލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ/މިހާރު
17 އޮކްޓޯބަރ 2025 - 20:17
ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފަސް އަހަރު ދުވަހަށް މަޑުޖައްސާލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވާނީ "އިހަށް މަޑުކޮށްލާ" ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމަށް ދެން ވަޑައިގަންނަވާ ރައީސެއްގެ ވައުދަކަށް ވެސް ވާން ޖެހޭނީ އެ ޝިއާރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި ހިންގާފައިވާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަކީ ދައުލަތުން ބޭރު ގައުމުތަކުން ބޮޑެތި ދަރަނި ނަގައިގެން ކުރާ މަސައްކަތްތަކަށް ވާތީ، ނަޝީދު ވިދާޅުވީ ކޮންކްރީޓަކީ ތަރައްގީ ނޫން ކަމަށާއި އެއީ ގިނަ ފަހަރަށް ދަރަނި ކަމަށެވެ.
ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ދައުލަތުން ނަގާފައިވާ ބޭރުގެ ދަރަނި 149 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އޭގެ ތެރެއިން 16 ބިލިއަން ރުފިޔާގެ ދަރަނި އަންނަ އަހަރު އެކަނި ވެސް އަނބުރާ ދައްކަން ޖެހެ އެވެ.
"ތަރައްގީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ މަސައްކަތް، ހަތަރު ފަސް އަހަރަށް ހުއްޓާލުން މުހިންމު،" ރާއްޖޭގެ ރައީސްކަން ތިން އަހަރުގެ މުއްދަތަށް ކުރެއްވި އަދި މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
ދެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވާ ނަޝީދު ވިދާޅުވީ ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރެވޭނީ ދައުލަތުގެ ބަޖެޓް ސަލާމަތްކޮށް، ރިޒާވް އިތުރުކޮށް އަދި ދަރަނި ކުޑަކުރެވިގެން ކަމަށެވެ.
ދިވެހިންނަކީ ތަންދޮރު ދަންނަ ބަޔަކަށް ވާތީ، ގައުމަށް މިހާރު ވަމުންދާ ގޮތާއި އެމަނިކުފާނު ދައްކާ ވާހަކަ ވެސް ވަރަށް ރަނގަޅަށް ދިވެހިންނަށް ފަހުމުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން ކައިރިކައިރީގައި އެއާޕޯޓުތައް އަޅަން ހަވާލުކުރަމުން ދާތީ ނަޝީދު ވަނީ އެކަމަށް ވެސް އިއްޔެ ފާޑު ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެއީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން ގައުމީ އެއާލައިނަށް "ދެއުޅިއެއް ނުވާ" ހަރަދުތަކެއް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ށ. އަތޮޅުގައި ހަތަރު އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށާފައި ވާއިރު، އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ނަޝީދު އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އުތުރުގައި ހަތަރު އެއާޕޯޓު އޮއްވާ އިތުރު ހަތަރު އެއާޕޯޓު އަޅަނީ ބައިގަޑިއެއްހާއިރުން ލޯންޗެއްގައި ދެވޭހާ ކައިރީގަ ކަމަށެވެ.
އޭގެ ނަތީޖާއަކީ ލޯކަލް ޓޫރިޒަމުން ލިބޭ މަންފާ ވެސް ނުލިބުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސްޕީޑު ބޯޓުގައި ދެވޭ ހިސާބުގައި އެއާޕޯޓަކަށްފަހު އެއާޕޯޓެއް އަޅަމުން ދިއުމުން ފެންނާނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެެއްގެ ޕްލާނެއް ނެތުމާއި ޒިންމާދާރުކަން ކުޑަކަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްރާއ
19 October 2025
ރަށެއްގަ ދެ އެއާޕޯޓް އެޅިޔަސް ދެނެއް ވޯޓެއް ނުލިބޭނެ.
ކޮރަޕްޓަޑް
19 October 2025
އިސްރާފު ކުރުމައް ލޯބިކުރާ ސިޔާސީ މީހުން މިއުޅީ މި ރާއްޖޭގަ. ދެން ދާބް އޮތް ދުނިޔެއަށް ވިސްނާލާ.
6ު7
19 October 2025
ވ ބޮޑު ތެދެއް
ދ
19 October 2025
މިހާރޯ
ޮޮުހ
19 October 2025
މަޖިލިސް މެންބަރުންގެ މުސާރަ އެންމެ ފުރަތަމަ ކުޑަކުރަންވީ
އައިމިނާ
19 October 2025
ކޮބާ އެމްޑީޕީން އެޅި ފްލޯޓިންސިޓީ. ކޮބާހޭ ސެންޓްރަލް ޕާކުގަ އެޅި އިސްލާމީމަރުކަޒު.
ތެދެއް
19 October 2025
ވަރަށްބޮޑު ތެދެއް. ކޮންމެ ރަށެއްގައި އެއަރޕޯޓްއަޅައިގެން ވާނޭފައިދާއެއް މަށަކަށްވެސް ނުވިސްނުނު. ފ އަތޮޅުގައިވެސް 5 މިނިޓުން ދެވޭހާ ކައިރިކައިރީގައި އޮތް 2 ރަށެއްގައި އަޅާ 2 އެއަރޕޯޓަކީވެސް ބޮޑުވެގެންވާ އިސްރާފެއް. މިޤައުމު ހަމަ މަގަށް އެޅުވުމަށްޓަކައި އަންނި ނޫނީ ޔާމީނު ވެރިކަމަށް ގެނައުމަކީ މުހިންމުކަމެއްކަމުގައި ދެކެން.
ބައުކަލޯ
19 October 2025
ބުރަދަރ، ބުރިޖުވެސް އެއޮތީ އަޅާފައޭ! ޙެހެހެ ތިތަބޭފުޅާ މަޑުޖައްސާލާ ބޮލުގަ ދެންހުރި ފަތްކޮޅުވެސް ފައިބައިގެން ދަންދެން!
ސަމަދްް
19 October 2025
އައްނިއަކަށް ނޭގޭނެ މި ސަރުކާރުން ކަންކުރަންވީ ކިހިނެއްކަމެއް. އެހެންނޫނަސް ތިއީ ވެރިކަމެއްވެސް ހިފަހައްޓާނުލެވުނު . ކޮންމެހެން ރައީސް މުއިއްޒުއަށް ހަދަންޖެހޭގޮތާއި ނުހަދަންޖެހޭ ގޮތް ކިޔައިދޭން އުޅޭނެ ކަމެއްނެތް.
ނިމްޝާާ
19 October 2025
ބޭޅާ ބަލަގަ ކޮބާތަ ފުލޯޓިންގެ ސިޓީ. ކޮސް ނުގޮވާ.