23 އޮކްޓޯބަރ 2025 - 09:33
މި އަހަރުގެ މިހާތަނަށް، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރާ އަޅާބަލާއިރު 8.5 ޕަސެންޓު އިތުރުވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ތިން ހަފުތާގެ މެދުކެނޑުމަކަށް ފަހު، ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 30.7 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
އާމްދަނީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އޮތީ ޓެކުހުން ލިބުނު އާމްދަނީ އެވެ. މިގޮތުން، ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ 23 ބިލިއަން ރުފިޔާއަކީ ޖުމްލަ އާމްދަނީގެ 75.1 ޕަސެންޓެވެ. ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނައި ބަދަލާ ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 105.3 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވެސް 56.4 ޕަސެންޓު އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޓެކްސް ނޫން އާމްދަނީ ވެސް 9.6 ޕަސެންޓު އިތުރުވެފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ލިބުނު އާމްދަނީ 61 ޕަސެންޓު ވަނީ އިތުރުވެފަ އެވެ.
މީގެ މައިގަނޑު ސަބަބަކީ މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓުން އިތުރުވެފައިވާތީ އެވެ. އަދި ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ، ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ އަދި ރިސޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މި މުއްދަތުގައި ވަނީ އިތުރުވެފަ އެވެ.
އާމްދަނީގެ އިތުރުވުމާ އެކު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު ވެސް ވަނީ 45.3 ޕަސެންޓު އިތުރުވެ 1.6 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
އަހަރުގެ މިހާތަނަށް އާމްދަނީ އިތުރުވެފައިވާއިރު، ސަރުކާރުން އަޅަމުންދާ ފިސްކަލް ރިފޯމް ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ހަރަދު ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ކުޑަކޮށްފަ އެވެ.
ފިނޭންސްގެ ރިޕޯޓްގައިވާ ގޮތުން، މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 30.5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައި ވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅަބަލާއިރު 15.3 ޕަސެންޓު ދަށް އަދަދެކެވެ. އެގޮތުން، ރިކަރަންޓް ހަރަދު 0.2 ޕަސެންޓު އަދި ކެޕިޓަލް ހަރަދު 58.1 ޕަސެންޓުން ދަށްވެފައި ވެ އެވެ.
ރިކަރަންޓް ހަރަދުތަކަށް ބަލާއިރު، 59.1 ޕަސެންޓު ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅަބަލާއިރު 2.9 ޕަސެންޓު ދަށް އަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 13 ޕަސެންޓުން ދަށްވެފައިވާއިރު، މަރާމާތު ކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 3.3 ޕަސެންޓުން ދަށްވެފަ އެވެ.
ރިކަރަންޓު ހަރަދުތަކުގެ އެހެން ބައިތައް ކުޑަކޮށްފައި ވިޔަސް، ދައުލަތުން މުސާރަ އާއި ޕެންޝަނަށް ކުރާ ހޭދަ މިދިޔަ އަހަރާ އަޅާބަލާއިރު އަދިވެސް އިތުރެވެ. މިގޮތުން، މި އަހަރުގެ މިހާތަނަށް މުސާރަ އަށް 10.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 10.2 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުގެ ޖުމްލަ ހަރަދު ކުޑަވުމުގެ މައިގަނޑު ސަބަބަކީ، އަހަރުގެ މިހާތަނަށް ދައުލަތުން ކުރި ކެޕިޓަލް ހޭދަ ވަރަށް ބޮޑަށް ދަށްވެފައިވުމެވެ.، އަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ހަރަދުވެފައިވާ ހަތަރު ބިލިއަން ރުފިޔާއަކީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ގާތްގަނޑަކަށް 5.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.
މީގެއިތުރުން، ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް އަދި ހޭދަކޮށްފައިވަނީ، 5.9 ބިލިއަން ރުފިޔާ އެވެ.
ހިސާބުތަައް ދައްކާ ގޮތުގައި، މިދިޔަ ހަފްތާގެ ނިޔަލަށް ދަރަނި އަނބުރާ ދެއްކުމަށް ކުރި ހޭދަ 4.4 ބިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ހަރަދު ހުރީ ދެ ބިލިއަން ރުފިޔާގަ އެވެ. މީގެ މައިގަނޑު ސަބަބަކީ، ދައުލަތުން މީގެ ކުރިން ނަގާފައިވާ ލޯނުތަކަށް މި މުއްދަތުގެ ތެރޭގައި އިންޓަރެސްޓްގެ ގޮތުގައި ކުރި ހޭދަ އިތުރުވުމެވެ.
އާމްދަނީ އިތުރުވެ، ޖުމްލަ ހަރަދު ކުޑަވުމާ ގުޅިގެން، ދައުލަތުގެ ބަޖެޓުގެ އޯވާއޯލް ބެލެންސް 186.7 މިލިއަން ރުފިޔާގެ ސާޕްލަސެއްގައި ވަނީ ދެމެހެއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޯގޯސްމީހާ
24 October 2025
ހުރިހާ އުމްރާނީ ތްރައްގީގެ ހަރަދެއް ސަރުކާރު ކުންފުނިތައް ލައްވާ ކުރުވީމާ ސަރުކާރުގެ ހިސާބުތައް ސަޅިވާނެތާ. ކުންފުނިތަކުގެ ހާލަތު ބަލާލާ އަޅާކިޔާލަން ހިގާބަލަ.
ކޮރަލް
23 October 2025
ކޮންމެ ސަރުކާރެއް އޮތަސް އާމްދަނީ އިތުރު ވާ ވަރަކަށް ހަރަދު ބޮޑު ކުރެ އެވެ. މަގާމް އިތުރު ކުރެ އެވެ.
އެޓޮމް
23 October 2025
ދައުލަތުން އާންމު ވިޔަފާރިތަކަށް ބިލްތަށް ނުދައްކާތާ 3 މަސްދުވަސްވެއްޖެ. ފެކުޓް ހަރަދުކުޑަވާނެ ދޯހިސާބުތަކުން
ގުއިއްޒު
23 October 2025
ދޮގުހަދާ މީހުންގެ އެއްމެ ގާތް އެކުވެރިއަކީ އިބިލީސް.
ގެދޮރޭ
23 October 2025
މަ ބުނީ ސިވިލްސާރވަންޓުން އަދި ޖުޑީޝަރީ މުވައްޒަފުންގެ މުސާރައާބެހޭ ތަފްޞީލް އެނގިލައްވާ ބޭފުޅަކު އެބަ ހުރިތޯ?
ބަލާ ގޮތްތައް
23 October 2025
ތީގެން ދޭހަވި އެއްޗަކީ ތަރައްޤީ އަށް ކުރި ހޭދަ ޕްލޭން ކުރި ވަރަށް ވުރެން ދެބައި ކޮށްފަ އެއްބައި ވެސް ނުހިނގާ ކަން. އަދި ތަރައްގީ އަށް ކުރެވުނު ވަރުވެސް މިދިޔަ އަހަރަށް ވުރެން ދެބައިކޮށް އެއްބައި މަދުކަން. އަނެއް ކަމަކީ މުސާރައަށް ކުރި ހަރަދު 600 މިލިއަން އިތުރު ވިކަން މިދިޔަ އަހަރަށް ވުރެން. ވީމާ ސިޔާސީ މަގާމްތައް ވަރަށް ބޮޑަށް އިތުރު ވިކަން. ރަގަޅު ކަމެއް ފެންނާކަށް ނެތް.
ދަރަނިބޮލާ
23 October 2025
އެއިން ސާފުވި ކަމަކީ ގައުމުގައި ދަރަނި އޮތްވަރު. ދަރަންޏަށް ކަނޑާފައި ބާކީވެގެންތާ އެހެން ކަމެއް ކުރެވޭނީ.
ފެކްޓްް
23 October 2025
މި އަހަރަށްވުރެ ދެންއަންނަ އަހަރު ޓެކްސް ރޭޓްތައް ބޮޑުކުރީމާ އަދިވެސް އާމްދަނީ "ކުރީއަހަރަށްވުރެ ގިނައިން" ލިބޭނެ. ޓެކްސް ބޮޑު ނުކުރާ އާމްދަނީ ކިހާވަރެއްތޯ ބަލާލަބަލަ.... އަދުގެ އިޤްތިސާދީ ޙާލަތު އެނގޭނެ. ލޮލް