ކަށިމިޔަރެއް. އޭގެ މަސްވެރިކަމަށް ސަރުކާރުން ވަނީ ހުއްދަ ދީފައި.
31 އޮކްޓޯބަރ 2025 - 22:57
ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމާ ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށް، ސަރުކާރުން އެކަން ހުއްދަކޮށް، މިއަދު އުސޫލު އާއްމުކޮށްފި އެވެ.
އަންނަ މަހުން ފެށިގެން ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމާފައިވާކަން ސަރުކާރުން ކުރިން ވަނީ އިއުލާންކޮށްފަ އެވެ.
އެހެންވެ، ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ މިޔަރުގެ މަސްވެރިކަން ކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް މިއަދު އާންމު ކޮށްފަ އެވެ.
"ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވައިދު" އަށް ގެނައި ތިން ވަނަ އިސްލާހުގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ހިފުމާއި ބޭނުމާއި ނެގުން އަދި މެރުން މަނާ ބާވަތްތަކަށް ބަދަލު ގެނެސްފަ އެވެ.
އެންމެ ފަހުން ގެނައި ބަދަލުގައި ބުނީ ކަށިމިޔަރުގެ ބާވަތްތައް ފިޔަވައި މިޔަރުގެ އެހެން ބާވަތްތައް ހިފުން މަނާވާނެ ކަމަށެވެ. އެއާ އެކު، ފިޝަރީޒް މިނިސްޓްރީން ވަނީ ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދު އަދި ރާއްޖޭގެ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖް ކުރުމުގެ ޕްލޭން އާއްމުކޮށްފަ އެވެ.
އެ ގަވައިދަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި، އެ ޕްލޭނަށް ލަފާ ދިނުމަށް 13 މެމްބަރުންގެ ކޮމިޓީއެއް މިނިސްޓަރު އެކުލަވާލަން ޖެހެ އެވެ. އޭގެ ތެރޭގައި؛
- ފިޝަރީޒް ޑިޕާޓްމަންޓް ތަމްސީލްކުރާ މަންދޫބެއް (މުގައްރިރު)
- މިނިސްޓްރީގެ ފިޝަރީޒް ކޮމްޕްލަޔަންސް ސެކްޝަން ތަމްސީލްކުރާ މަންދޫބެއް
- މޯލްޑިވްސް މެރިން ރިސާޗް ތަމްސީލުކުރާ މަންދޫބެއް
- ކަށިމިޔަރުގެ މަސްވެރިކަންކުރާ ފަރާތްތައް ތަމްސީލްކުރާ ދެ މަންދޫބުން
- ކަށިމިޔަރުގެ ބާވަތްތައް ޕްރޮސެސް ކުރާ ފަރާތްތަކާއި އެކްސްޕޯޓުކުރާ ފަރާތްތައް ތަމްސީލުކުރާ ދެ މަންދޫބުން
- ތިމާވެއްޓާ ބެހޭ މިނިސްޓްރީ ތަމްސީލުކުރާ ދެ މަންދޫބުން
- އެލްޖީއޭ ތަމްސީލުކުރާ މަންދޫބެއް
- ފުލުހުން ތަމްސީލުކުރާ މަންދޫބެއް
- ކަސްޓަމްސް ތަމްސީލުކުރާ މަންދޫބެއް
- ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާއި މަސްވެރިކަމާ ގުޅޭ މަސައްކަތް ކުރަން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދެ ޖަމިއްޔާ
އެ ޕްލޭނުގައިވާ ގޮތުން ކަށިމިޔަރުގެ މަސްވެރިކަމާއި އޭގެ ވިޔަފާރީގައި ހަރަކާތްތެރިވެވޭނީ މިނިސްޓްރީން ދޫކުރާ ލައިސަންސެއް ނެގުމަށް ފަހުގަ އެވެ. އަދި އެ ލައިސަންސް އެންމެ ގިނަ ވެގެން ދޫކުރެވޭނީ 40 އުޅަނދަށް ވެސް ކަމަށް ވެސް ޕްލޭނުގައިވެ އެވެ.
މިނިސްޓްރީން ބުނީ ކަށިމިޔަރުގެ މަސްވެރިކަމުގެ ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ހުށަހަޅައިފި ނަމަ، އެ ފަރާތްތައް ހުށަހެޅި ތަރުތީބުން ނަން ނޯޓުކޮށް ދަފްތަރު ކުރާނެ ކަމަށެވެ. އަދި ލައިސަންސް ދިނުމުގައި އިސްކަންދޭނީ، ލައިސަންސް ހޯދުމަށް ހުށަހަޅާ ތަރުތީބުންނެވެ.
އެގޮތަށް ދޫކުރާ ލައިސަންސްގެ މުއްދަތަކީ، ނޮވެމްބަރު މަހުން ފެށިގެން ޖެހިގެން އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ އަތޮޅުދުނިން ބޭރުގެ ސަރަހައްދުތަކުގަ އެވެ. އަދި އެކަން ކުރެވޭނީ މިނިސްޓްރީން އިއުލާންކުރާ ގޮތެއްގެ މަތިން، ކޮންމެ އަހަރަކު ހަތް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގައި އެ ގަވާއިދުގެ ދަށުން މަނާ ތަންތަން ކަމުގައި ބުނެފައިވާ ސަރަހައްދުގައި މަސްވެރިކަން ކޮށްފި ނަމަ ކެޔޮޅާއި ލައިސަންސްގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެކަން ތަކުރާރުކޮށްފި ނަމަ 50،000ރ. އިތުރުކޮށް، ގިނަ ވެގެން 400،000ރ. އާ ހަމައަށް ޖޫރިމަނާކުރާނެ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މިޔަރުގެ މަސްވެރިކަމަށް އައި ހީނަރުކަމުގެ ސަބަބުންނާއި މިޔަރު ހިމާޔަތްކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދިވެހި މަސްވެރިން ވެސް މިޔަރުގެ މަސްވެރިކަން ދެ އަހަރު ވަންދެން ވަނީ ހުއްޓާލައިފަ އެވެ.
ނަމަވެސް، މިޔަރުގެ މަސްވެރިކަން އޭރު ކުރީ ރޭވިގެން، ވަކި ނިޒާމެއްގެ ދަށުން ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މަސްވެރިކަން ތަރައްގީކޮށް، ސިންދަފާތުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަންދެއްވާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން، މަސްވެރިކަން ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުން އަންނަ އެއް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ދިވެހިން ކުރިން ކުރަމުން އައި ކަށިމިޔަރުގެ މަސްވެރިކަން އިއާދަކުރުމެވެ.
"ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭނަކީ، ދިވެހިރާއްޖޭގައި ކުރެވޭ ކަށިމިޔަރުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ، ތިމާވެއްޓާ ރައްޓެހި، އޭގެ ނަފާ އެންމެ ފުރިހަމަގޮތުގައި ލިބޭ، އޭގެ ސަބަބުން އެންމެހާ ރައްޔިތުންގެ ހިއްސާ އޮންނަ މިޔަރު ފަދަ އާއްމު މުދަލުން ނަފާ ހޯދަމުންދާ އެހެނިހެން ފަރާތްތަކަށް ލިބޭ މަންފާ މަދުނުވާނެ ފަދަ ގޮތަކަށް ރޭވިގެން، މޮނިޓާ ކުރެވިގެން، ގިނަ ބައެއްގެ ޝާމިލްވުމާ އެކު މި މަސްވެރިކަން ކުރުމަށް އެކުލަވާލާފައިވާ ޕްލޭނެކެވެ،" ޝިޔާމް ވިދާޅުވި އެވެ.
ރާއްޖޭގައި މީގެ ކުރިން ފުޅާ ދާއިރާއެއްގައި މިޔަރުގެ މަސްވެރިކަން ކުރިއަސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 އިން ފެށިގެން އެކަން ވަނީ މަނާކޮށްފަ އެވެ.
ނަމަވެސް، މިޔަރުގެ މަސްވެރިކަން މަނާކުރުމާ ހަމައަށް އެންމެ ފުޅާ ދާއިރާއެއްގައި އޭގެ މަސްވެރިކަން ކުރި ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި މިދިޔަ އޮގަސްޓް މަހު ރައީސް މުއިއްޒު ވަނީ މާދަމާ އިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
އެހެންވެ، އެކަމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށް އެދި ކަނޑުތަކާއި އޭގެ ދިރުން ހިމާޔަތްކުރުމުގައި ވަކާލާތު ކުރާ ރާއްޖެ އާއި ބޭރުގެ ޖަމިއްޔާތަކުން ވަނީ ގޮވާލައިފަ އެވެ.
އޭގެ ޕެޓިޝަނެއްގައި ބުނީ މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން ދެމެހެއްޓުމަކީ ރާއްޖޭގެ ރީތި ނަން ދަމަހައްޓައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ބައްދަލުވުންތަކުގައި ރާއްޖެއިން ވަކާލާތުކުރުމަށް ވެސް ބާރު ލިބޭނެ ކަމެކެވެ.
މިޔަރުގެ މަސްވެރިކަން ހުއްދަކުރުމަކީ ހަމައެކަނި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރެއް ނޫން ކަމަށާއި އެއީ ޓޫރިޒަމަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އިގްތިސާދާއި އެއިން ލިބޭ މަންފާއަށް ވެސް ކުރާނެ ނޭދެވޭ އަސަރެއް ކަމަށް އެ ޕެޓިޝަނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުދުހޭ
01 November 2025
ހުރިހާ މިޔަރެއްވެސް ހުއްދަކުރަން އެބަޖެހޭ. ކަށިހުރި ހުރިހާ މިޔަރެއް ހުއްދަކަމަށް އަޅުގަނޑު މިބަލަނީ.
ކަނޑުކޮސް 2
01 November 2025
މިކަހަލަ ކަނޑު ކޮސް ކަންތަކަށް ހިތްވަރުދޭން މީހުނަށް ކެރޭތީވެސް ހައިރާންވޭ. ޢަދި ގެދޮރު އިމާރާތްކުރަން ހުރިހާ ރިސޯޓްތަކެއްގެ ތުނޑިންނާއި ގޮނޑުދޮށުން ވެލި ދޫކުރުމާއި ސިމެންތި އަގުބޮޑުވާތީ އުވަ ހަދަން އަކިރި ކޮޅާއި ރުއްކޮޅުވެސް ކަނޑާ ނަގާ އަޅާލަން ހާއްސަ ހުއްދަވެސް ދޭނެ. ޥެރިންގެ ދަހިވެތި ކަމާ ކަނޑުކޮސް ކަމުގެ ލާމަސީލް މިސާލެއް.
ސަންބޯ
01 November 2025
ކޮއިފުޅާ މިއީ ތިޔަކިޔާ ޒާތުގެ ކަމެއް ނޫން
މަސްދަރު
01 November 2025
ﷲ އަހަރެމެންނަށް ޓަކައި ލެއްވި ރިޒްގުން އަމިއްލައަށް މަނާވެގެން ތިބި ތިބުން އުވާލައި، މިކަމަށް ހުއްދަ ދިނުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް، އިގްތިސާދަށް ހެޔޮބަދާލެއް އައިސް އާންމުންގެ ފުދުންތެރިކަން އިތުރު ވާނެކަމަށް ދެކެމެވެ. ސަރުކާރުން ނިންމި ނިންމުމަށް މަރުޙަބާ
ސްޓޭކް ހޯލާޑަރ
01 November 2025
ސްޓޭކް ހޯލާޑަރ އިންނޭކިޔައިގެން މިއުޅޭ 2 ތިން ކެނާއިންނަށް ހީވަނީ މިޔަރުގެ މަސްވެރިކަމުގެ ސަބަބުން ފަތުރުވެރިކަމަށް އަދި ޑައިވިންގ ސައިޓު ތަކަށް އަސަރު ކުރާނެކަމަށް، އޭ ގައުމަށް ޖެހުދުުއްޕާނުންނޭ، މި މަސްވެރި ކަމަކީ ބޭރު ކަނޑުގައި ލޭނު އަޅައިގެން ކުރާ މަސްވެރިކަމެއް، މިޔަރަކީ އެ އުޅޭ ސަރަހައްދެއްގައި އުޅޭ އެއްޗެއް، އަދި ވަކިން ޚާއްޞަކޮށް ކާން ލިބޭނަމަ އެ ސަރަހައްދުގައި އަަބަދުވެސް މިޔަރު އުޅޭނެ، އެހެން ހިސާބަކަށް ނުދާނެ. މަރުހަބާ ސަރުކާރު
ތިމާވެއްޓެއް ކަނޑެއް ނެތް
01 November 2025
މިހާރުގެ ސަރުކާރުން މާ އިސްކަމެއް ދޭކަމަށް ހެދިގެން ދައްކަނީ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތކާއި ދިރުން ހިމާޔަތް ކުރާކަމަށް. ރައީސްގެ ކައިރިޔަށް ތިމާވެށި ވަޒީރަކާއި ކްލައިމެޓް އެންވޯއީ އަކާއި ލާގެން ދަޅަދައްކާގެން އެ ދެމީހުން ވެގެންވެސް މިކަން ހަލާކު ކުރަނީ. މިހާރު އިވެނީ މިނިސްޓްރީވެސް އުވާލަން އުޅޭވާހަކަ.
ކުޑަސޮރު01
01 November 2025
މުއިއްޒު ބޭނުންވަނީ ކޮންމެ ކަމެެއް ނަމަކަށް ކުރަން - ގޮޅިއެއްގައި ހެޔޮފާހަގަޖެހުމަށް، އެކަމުން ދިމާވެދާނެ ކަމެއް އެންމެ ފުރިހަމަގޮތަުގައި ބަލާއި، އެކަމަކީ އެކަށީގެންވާގޮތުގައި ތަންފީޒުކުރެވިދާނެ ކަމެއްތޯ ބެލުމެއް ނޯވެ. ހަދާން އެބަހުރިތޯ 'މަހާ ޕޯރޓަލް' ކާކުތޯ މިހާރު އެވާހަ ދައްކަނީ - އެކަމަކު އެކަންވެސް އެެއޮތިީ އޭނާ ހިތުން ކޮށްފާ - ވައުދ ފުއްދާފަާ! ތިބުނާ ޤަވާއިދު ހަދާ އިރުވެސް މަސްލަހަތު ހުރިފަރާތްކާ މަސްވަރާ ކުރަންޖެހޭނެ - އާއްމު ކޮމެންޓަށް
ސިރުމީން
01 November 2025
ހަމަ އެކަނި މިޔަރު ހިމާޔަތްކުރުމުން މިޔަރު ގިނަވެ އެހެނިހެން މަސްހަމާމެހީގެ ބާވަތްތައް މިޔަރުގެ ކާނާއަށްވުން ގިނަވެ ނެތިދިއުމުގެ ނުރައްކަލަށް ހުށަހެޅުމަކީވެސް ވެދާނެކަމެއް. އެއްވެސް އެއްޗެއް އޭގެ ބެލެންސަށްވުރެ ގިނަވުމަކީ ނޭދެވޭ ނަތީޖާ ނުކުންނާނެ ކަމެއް.
ކުޅުދުއްފުށި ހުސޭނު
01 November 2025
އަހަރެމެން ކާބަފައިންގެ މިންނަތް މަސައްކަތުން ހޯދި އެތައް އެސެޓެއް ވީރާނާ ވެގެން ދިޔައީ މިއަރުގެ މަސްވެރިކަން މަނާ ކޮގެން، މުޅި ކުޅުދުއްފުށީގެ އިގްތިސާދަށް އެކަމުގެ އަސަރު ކުރި، އަލުން އަނބުރާ މި މަސައްކަތް ކުރަން ވަރަށް އުނދަގޫ ވާނެ.. އެހެން ނަމަވެސް މި ނިންމުމަށް ވަރަށް ބޮޑަށް ތާއީދު ކުރަން ޝުކުރިއްޔާ ސަރުކާރުން ނިންމި ބޯލްޑު ނިންމުމަށް
ކޮރަލް
01 November 2025
40 އުޅަނދަށެވެ. ހާއްސަ ބަޔަކަށް ހާއްސަ ހުއްދަ އެއް ދެނީ އެވެ. ހާއްސަ މީހުން ޖޫރިމަނާ އެއް ނުކުރެވޭނެ އެވެ. ޖޫރިމަނާ ކުރާ ހިސާބަކަށް ނުދާނެ އެވެ.
ތަމްހީދު ގާސިމް
01 November 2025
ރާއްޖެ ނޫނިއްޔާ ކަނޑު ރޯއްޖާށް ފުރަގަސްދީގެން އުޅެން އުޅޭ ބަޔަކު ނޫޅޭނެ. ބަރާބަރު މިޔަރުން މިހާރުވެސް ފަރުމަހުގެ މަސްވެރިކަމަށް ގެއްލުން ވޭ.