އެމްޑީޕީން މިދިޔަ އޮގަސްޓް މަހު ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމެއްގައި މެމްބަރުން ވޯޓު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
09 ނޮވެމްބަރ 2025 - 09:44
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 206 މަޝްރޫއެއް ހިންގަން ސަރުކާރުން މިދިޔަ ހަފުތާގައި 53 ކުންފުންޏަކާ ހަވާލުކުރީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް ތުހުމަތުކޮށް، އެ މަޝްރޫއުތަކަށް ފައިސާ ދޫކުރުން ހުއްޓުވަން ކޯޓަށް ދާން އެމްޑީޕީގެ ގައުމީ މަޖިލިހުން ރޭ ފާސްކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބޮޑު ބޮޑު ރަސްމިއްޔާތެއްގައި ސަރުކާރުން ސޮއިކުރި 206 މަޝްރޫއުގެ އަގަށް ޖުމްލަ 2.7 ބިލިޔަން ރުފިޔާ އަރަ އެވެ.
އެ މަޝްރޫއުތައް ހަވާލުކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހިންގާ ޕްރޮޖެކްޓުތައް ބީލަމަށް ނުލައި، އެކި ފަރާތްތަކާ ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހަކާ އެކު އެވެ.
އެކަން ކުށްވެރިކޮށް، އެމްޑީޕީގެ ގައުމީ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރުގައި ބުނީ، ސަރުކާރުން 200 އަށް ވުރެ ގިނަ މަޝްރޫއު އެކި ކުންފުނިތަކާ ހަވާލުކުރީ "އެއްވެސް ހާމަކަމެއް އަދި ހަމަހަމަކަމެއް ނެތި" ކަމަށެވެ.
ވާދަވެރި ބިޑަކަށް ހުޅުވާ ނުލައި، އެހާ ގިނަ މަޝްރޫއު އެކި ކުންފުނިތަކާ ހަވާލުކުރީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި ބީލަމަށް ނުލާ އެ މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވައިދު ބަދަލުކުރީ މާލިއްޔަތު ގާނޫނާ ހިލާފަށެވެ. އެ ޕްރޮޖެކްޓްތައް ކުރިން އިއުލާނުކޮށްފައި ނުވުމަކީ ވެސް އެ މުއާމަލާތް ގާނޫނާ ހިލާފު ވާނެ ކަމެއް ކަމަށް ވެސް ގަރާރުގައި ސަލީމް ވިދާޅުވި އެވެ.
އެއްބަސްވުންތަކާ ގުޅޭ ގޮތުން ހުށަހެޅުއްވި ގަރާރުގައި ސަލީމް ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރާ ގުޅުން ހުރި ކުންފުނިތައް ފިޔަވައި އެހެން އެއްވެސް ބަޔަަކަށް ބީލަންތަކުގައި ބައިވެރިވެވިފައެއް ނުވެ އެވެ.
ގަރާރުގައި ސަރުކާރަށް ގޮވާލީ އެ އެއްބަސްވުންތައް ވަގުތުން ބާތިލުކުރުމަށެވެ. އަދި އެ މައްސަލަ ބަލަން ކަމާ ބެހޭ އިދާރާތަކަށް ގޮވާލުމާ އެކު އެ މައްސަލަ ނުބަލައިފި ނަމަ އެމްޑީޕީގެ ވެރިކަމެއްގައި އެ މުއައްސަސާތަކުގެ މެންބަރުން ވަކިކޮށް ފިޔަވަޅު އަޅަން ވެސް ގަރާރުގައި ހިމެނި އެވެ. އަދި އެ ޕާޓީގެ ވެރިކަމެއްގައި އެ މައްސަލަތައް ބަލައި ގާނޫނީ ފިޔަވަޅު އަޅަން ވެސް ގަރާރުގައި ވެ އެވެ.
އެ ގަރާރު ފާސްކުރީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ރެކޯޑު އަދަދެއްގެ މަޝްރޫއުތައް އެއް ދުވަހެއްގައި ދިވެހި ކުންފުނިތަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ މުއާމަލާތް ހިންގީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ. 206 މަޝްރޫއު ހަވާލުކުރި ހުރިހާ ކުންފުންޏަކުން ވެސް ތިން އަހަރުގެ ދުވަހުގެ "އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް" ހުށަހެޅި ކަމަށެވެ.
"އަދި އޭގެ އިތުރަށް ވެސް މި ކަމަށްޓަކައި ބޭންކުން ބޭނުންވާ ހުރިހާ އިޖުރާތްތަކެއް ފުރިހަމަނުކޮށް މި ތަނުގައި ސޮޔަކާ ހަމައަށް ގެނެވިފައެއް ނުވޭ. އެހެންވީމާ ވަރަށް ރަނގަޅަށް ހިންގަމުން އައިސްފައިވާ ވަރަށް ރަނގަޅަށް ހިނގަމުންދާ ވަރަށް ނަތީޖާ ރަނގަޅު ވަރަށް ރަނގަޅު މެނޭޖުމަންޓު ޓީމެއް އޮތް، މެނޭޖު ކުރަމުންދާ ކުންފުނިތަކަކުން މަސައްކަތްތަކާ މި ހަވާލުވީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޮނުއަނގަ
10 November 2025
ކޮބައިތަ ތިމީހުން ބަހާ ހުސްކުރި ފައިސާތަކުގެ ވާހަކަ. ކޮބައިތަ ނުފޫޒުގެ ބޭނުންކޮށްގެން މާފު ކޮށްދީހައިހުރި ފައިސާތައް. މިފައިސާތައް ދައުލަތަށް ދިވެހިންނަށް ޕާޓީ ކުދިންނަށް މަންފާ ކޮށްދޭން ދައުލަތަށް ހޯދަން ކޯޓަށް ދޭބަލަ. މީ ނުފެނިހުރި ވާހަކަތަކެއްނޫން. މާފު ކޮށްފިން ފައިސާގެ އަދަދު ބުނެލަދިނިއްޔާވެސް ހީކަރުވައިގަންނާނެ.
ޙައްގުބަސް.
09 November 2025
އެމްމެގިނައީ އެމްޑީޕީ މީހުން. އެމްޑިޕީ މީހުން އެމްޑީޕީ ދެކެ ރުޅި އަންމާނެ މިވާގޮތުން.
ޢަލީ ބަލީ1
09 November 2025
ޢާންމު ރައްޔިތަކަށް އެއްޗެއް ލިބޭކަށް އެމްޑީޕީ އަކުން ނޭދޭނެ ބަލަ މަސްރޫއު ތަކުން ލިބޭ ފައިދާ ލިބޭނީ ދިވެހި ރައްޔިތުން ނަށް މަސްރޫއު ތަކުން ހަދާ އިމާރާތް ތައްވެސްހުންނާނީ ދިވެހި ރާއްޖޭގަ އޭގެންވެސް ފައިދާވާނީ ހަމަ ދިވެހި ރައްޔިތުންނަށް
ރާއްޖެ
09 November 2025
ރައީސް ފަސްއެނބުރި ނުބަލާ ކުރިއަށއ ވަޑައިގަންނަވާ އެމްޑީޕީ އަކީ ހެޔޮއެދިގެން ކަމެއްކޮށްދޭ ޕާޓީއެއްނޫން
ގެރިކިރު
09 November 2025
މިއީ ރީނދޫ ޓަައި އަޅައިގެން ޤައުމަށް ހެޔޮއެދޭ ކަމަށް ހެދިގެން އުޅެ ބައިގަނޑެއް..
ޗދފެ
09 November 2025
ދައުލަތުގެ ބަޖެޓު ހުސްކޮށްލި އަދީބު ބްރޯ އަށް މާފުދިނީ ކޮން އުސޫލަކުން
ދފދަސދ
09 November 2025
ހުޅުމާލޭން ބަހާލި ބިންތައް އަލުން އަތުލަން ކޯޓަށް ދިއުން މާ ރަނގަޅު.
ބޒބސބ
09 November 2025
4 ބިލިޔަން ރުފިޔާ ..މާފުކޮށްދިނުނުގެ ނަމުގައި ރައްޔިތުންގެ ފައިސާތަށް އިހުމާލުވީ ހަމަ ތިޕާޓީ. ގައުމަށް ހެޔޮއެދޭ ބައެއްނޫން.
ޝަމްވީލް
09 November 2025
މިދިޔަ 5 އަހަރު ގައުމު ހަލާކު ކުރި ބަޔެއް އަމިއްލަޔަށް އެކަން ހުއްޓުވަން ކޯޓަށް ދިޔަނަމަ މާ ތާހިރުވީސް
ބަހާލިސަރުކާރު
09 November 2025
އެއްވެސް ހާމަކަމެއް އަދި ހަމަހަމަކަމެއްނެތި މިދިޔަ ސަރުކާރުގައި ގޯތިތަކާއި ފުލެޓްތައްބަހާލީ އަދި ނުވިތާކަށް ފެޓީކޭސް ކިޔާފައި ބައިތުލްމާލު ޕާޓީކުދިންނަށް ބަހާލީ