އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިރޭ ކާރެއް ގޮވި ސަރަހައްދު ބަންދުކޮށް ފުލުހުން ހަރަކާތްތެރިވަނީ: މި ހާދިސާގައި މަދުވެގެން 10 މީހަކު މަރުވެފައިވާ ކަމަށް މިހާތަނަށް ވަނީ އެނގިފައި. -- ފޮޓޯ: އޭއެފްޕީ
10 ނޮވެމްބަރ 2025 - 20:52
އިންޑިއާގެ ވެރިރަށް ނިއު ދިއްލީ މަޝްހޫރު ރެޑް ފޯޓް އޭރިއާގައި ކާރެއް ގޮވައި މަދުވެގެން 8 މީހަކު މަރުވެ 19 މީހަކު ޒަހަމްވެއްޖެ އެވެ.
މި ހާދިސާ ހިނގާފައި މި ވަނީ ފަރީދްއާބާދުން، ގޮވާޒާތުގެ ގިނަ އަދަދެއްގެ ސާމާނު ފެނި ދިއްލީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނިކޮށެވެ.
ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ، ދިއްލީގެ މެދުތެރޭގެ ހައި ސެކިއުރިޓީ ޒޯނެއްގައި މި ހާދިސާ ހިނގި ގޮތެއް ނޭނގި ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. އެހެންވެ ދިއްލީގެ އިތުރުން މުމްބާއީގައި ވަނީ ސަލާމަތީ ކަންތައް ބެލެހެއްޓުން ވަރަށް ބޮޑަށް އިތުރުކޮށް އެލާޓް ލެވަލް މަތިކޮށްފަ އެވެ. މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ރަސްމީ އިދާރާއަކުން އަދި އެފަދަ ވާހަކައެއް ނުބުނެ އެވެ.
ދިއްލީގެ ޑެޕިއުޓީ ފަޔަ ޗީފް ވިދާޅުވީ ޓްރެފިކް ލައިޓެއްގެ ކައިރިއަށް، ވަަރަށް މަޑުން ގޮސް ހުއްޓި ކާރެއް ގޮވި މި ހާދިސާގައި ހަ ވެހިކަލެއްގައި ރޯވި އެވެ. މީގެ ތެރޭގައި ހަ އޮޓޯ ރިކްޝޯ ވެސް ހިމެނެ އެވެ.
އިންޑިއާގެ ނިއު ދިއްލީގައި މިރޭ ކާރެއް ގޮވި ސަރަހައްދުގެ މަގުމަތީގައި ލޭ: މި ގޮވުމުގެ ސަބަބެއް އަދި ނޭނގޭ. -- ފޮޓޯ: އޭއެފްޕީ
މި ހާދިސާ ހިނގި ރެޑް ފޯޓް ސަރަހައްދަކީ އިންޑިއާގެ މަޝްހޫރު ލޭންޑްމާކެކެވެ. ސަތާރަ ވަނަ ގަރުނުގައި ބިނާކޮށްފައިވާ އެ ތަނަށް އިންޑިއާ މީހުންނާއި ޓޫރިސްޓުންގެ އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ޒިޔާރަތްކުރެ އެވެ.
މިއީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާ ފަސް ވަރަކަށް މޭލު ދުރެވެ. އަދި ކާރޫބާރު ބޮޑު ވިޔަފާރީގެ ހަބް ޗާންދަނީ ޗައުކް ސަރަހައްދާ ވެސް ވަރަށް ކައިރި އެވެ.
މިއީ ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރުން މިނިވަން ދުވަހުގެ ތަގުރީރު ދެއްވަން ވެސް ވަޑައިގަންނަވާ ސަރަހައްދެވެ.
ފުލުހުން ބުނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ތަހުގީގު ފަށާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިއްލީ
11 November 2025
ދިއްލީ ގެ ނަން ބަދަލުކުރުމަށް ހުށަހަޅާފައި ވަނިކޮށް މިކަން ހިނގައި ދިޔައީމަ މިއީ ބީޖޭޓީ އިން ސްޕޮންސަރ ކޮށްގެން ކުރިކަމެއްކަމަށް ތުހުމަތުކުރެވޭ. ހައްދު ފަހަނަޅާފައިތިބޭ ގުރޫޕްތަކަކީ މުސްލިމުންނަށް ދުއްތުރާކުރަން ކާފަރުން އޮޕަރޭޓްކުރާ ގުރޫޕްތަކެއް. ވޯކިންގ ލޭޔަރ ގައި ބްރެއިންވޮޝްޑް ކުދިން ގެންގުޅެނީ.
ވަޝިން ޕައުޑަރު ނިރުމާ
11 November 2025
ފާޑުފާޑު ކަންކަން ކުރުމަށް މަގުފަހިކޮށްދޭނެ ކޮންމެވެސް ގައުމަކުން، އެވެރިން ބޭނުންވާގޮތަށް ކަންކަން ކުރުވަން. އެޒާތު ކަމަކާވެސް ވައްތަރު... ދޫ ނުދޭތި.
އަބްޑޫޅް +
11 November 2025
"އިންޑިއާގެ ވެރިރަށް ނިއު ދިއްލީ މަޝްހޫރު ރެޑް ފޯޓް...." ލާލު ކިއްލާ ހުންނަނީ އައު ދިއްލީގައެއް ނޫން. އެ ކިއްލާ ހުންނަނީ ބައު ދިއްލީގަ. ބައު ދިއްލީ އަކީ މަޣޫލިއްޔަ ރަސްކަމުގެ ވެރިރަށް. އައު ދިއްލީ ބިނާ ކުރެވުނީ، އިންޑިޔާގައި އޮތް، އިގިރޭސި ރަސްކަމުގެ ވެރިރަށުގެ ގޮތުގަ، އިންޑިޔާގެ ނާއިބު އިންބިރާޠޫރު (ވައިސްރޯއި) ޗާލުސް، ފުރަތަމަ ބެރަން ޕެންޗާސްޓު ގެ ހުއްދަވިދާޅި ބަސްފުޅަށް. އޭގެ ކުރިން، އިގިރޭސި އިންޑިޔާގެ ވެރިރަށަކީ ކަލްކަތާ.
އަބްޑޫޅް +
11 November 2025
އެތަނަށް ކިޔަނީ ރެޑު ފޯޓެއް ނޫން އެއީ ލާލު ކިއްލާ (ދިވެހިބަހުން ނަމަ، ރަތް ބުރުޒު). އެ ބުރުޒު ބިނާކުރެއްވީ މީލާދީން 1639 ވަނަ އަހަރު، މުޣުލާއި ދައުލަތުގެ ކީރިތިމަހާ ރަދުން، ޝިހާބުއްދީނު މުޙަންމަދު ޚުއްރަމް. އެ ރަދުންނަކީ، މުޣުލާއީ ދައުލަތުގެ ފަސްވަނަ ކީރިތިމަހާ ރަދުން.