އިންޑިއާގެ ރެޑް ފޯޓްގައި ކާރެއް ގޮވި ސަރަހައްދު ރޭ ބަންދުކޮށްފައި: މި ހާދިސާގެ ސަބަބެއް އަދި ނޭނގޭ ކަމަށް ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ ވިދާޅުވެފައި. -- ފޮޓޯ: އޭއެފްޕީ
11 ނޮވެމްބަރ 2025 - 09:51
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މެދުތެރޭގައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ރެޑް ފޯޓް ސަރަހައްދުގައި ރޭ ކާރެއް ގޮވައި އަށް މީހަކު މަރުވި ހާދިސާގެ ހަގީގަތް އަދި ނޭނގޭ ކަމަށާއި ފޮރެންސިކް ސާމްޕަލްތައް ހޯދައި ތަހުގީގު ކުރިއަށްދާ ކަމަށްވާ އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވެއްޖެ އެވެ.
މީހުން ގިނަ، އިންޑިއާގެ ލޭންޑްމާކެއް ކަމަށްވާ ރެޑް ފޯޓް ސަރަހައްދުގައި، ރޭ އިރާކޮޅު ހިނގި މި ހާދިސާގައި އަށް މީހަކު މަރުވި އިރު 19 މީހަކު ޒަހަމްވެފައިވެ އެވެ. މި ގޮވުމުގެ ސަބަބަކީ ކޮބައިކަމެއް އަދި ލަފާކުރެވޭ ގޮތެއް ވެސް ފުލުހުން ބުނެފައެއް ނުވެ އެވެ.
ރޭ ވަރަށް ދަންވި ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި އަމިތު ޝާހު ވިދާޅުވީ ތަހުގީގު ކުރިއަށްދަނީ "ހުރިހާ ދިމާލަކަށް ނަޒަރު ބަހައްޓައިގެން" ކަމަށާއި ފޮރެންސިކް ތަހުލީލުތައް ނިމުމުން ނޫނީ މިއީ "ކިހިނެއް ހިނގި ހާދިސާއެއްކަން ބުނަން އަދި ވަރަށް އުނދަގޫ" ކަމަށެވެ.
ކާރު ގޮވައި، އެހެން ބައެއް ވެހިކަލްތައް ވެސް އަނދައިގެން ދިޔަ ނުރައްކާތެރި ހާދިސާ ހިނގި ސަރަހައްދު މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ގޮވި ވެހިކަލް ވެސް ނުފެންނަ ގޮތަށް ފޮރެންސިކް ޓީމުތަކުން ވަނީ ބަންދުކޮށްފަ އެވެ. ފޮރެންސިކް ޓީމްތަކުގެ އިތުރުން އެންޓި ޓެރަރިޒަމް އެޖެންސީތަކުން ވެސް ހެކި ހޯދުމުގެ މަސައްކަތް އެ ސަރަހައްދުގައި ގެންދަނީ ކުރަމުންނެވެ.
ސަތާރަ ވަނަ ގަރުނުގެ ބިނާއެއް ކަމަށްވާ ރެޑް ފޯޓަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ލޭންޑްމާކެވެ. މިއީ އިންޑިއާގެ މިނިވަން ދުވަސް ފާހަގަކުރާ ރަސްމިއްޔާތުތަކުގައި އެ ގައުމުގެ ބޮޑުވަޒީރު ގައުމާ މުހާތަބުކުރުން ވެސް ބާއްވާ މައިދާނެވެ.
މަންޒަރު ދުށް މީހުން އޭއެފްޕީއަށް ކިޔައިދިން ގޮތުގައި ކާރު ގޮވީ ދުއްވަމުން ދަނިކޮށެވެ.
"މީހުންގެ ގައިގައި އަލިފާން ރޯވެ އަނދަމުން ދިޔައިރު އަހަރެމެން އެ މީހުން ސަލާމަތް ކުރެވޭތޯ ބެލިން ... ކާރުތަކާއި މީހުން ވެސް އަނދަމުން ދިޔަ ... މީހުން ތިބި ބައެއް ކާރުތައް ވެސް އަނދަމުން ދިޔަ،" މަންޒަރު ދުށް މީހަކު ބުންޏެވެ.
މި ހާދިސާއާ އެކު ދިއްލީ އާއި މުމްބާއީ އާއި އެހެން ބައެއް ހިސާބުތަކުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
11 November 2025
ކޮންމެއަކަސް ތިކަމުގައި އެމީހުން ބުނަނީ ދެ ޑޮކްޓަރުން ބައިވެރިވާކަމަށް. ވިސްނާލަންޖެހޭ ކަމަކީ ކޮންމެ ހަމަލާއެއްވެސް އަންނަނީ އިންތިޚާބާއި ދިމާކޮށް ކަމާއި ބައިވެރިވަނީ މުޅިން މުސްލިމުން ކަން. ދެވަނަ ކަމަކީ އެހާދިސާ ހިނގުމުގެ ކުރިން އެކަންހިނގާގޮތް މޮބައިލް ފޯނުން ރެކޯޑްކުރާ ކަމާއި މި ފަހަރު ގޮއްވި ކާރުގައި 2900 ކިލޯ(2.9 ޓަން)ގެ ގޮވާތަކެތި ކޮތަޅެއްގައި ހުރިކަން. ނަމަވެސް މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރާނީ އާރ.ޖޭ.ޑީ ކަމަށްބުނޭ.
ހަމަ މިހެން
11 November 2025
ފޫޅު ކަނޑާނީ ޕާކިސްތާނަށް. ސަބަބަކީ މުސްލިމުންނާ ދޭތެރޭ ނަފުރަތު އުފައްދައިގެން ބައިގިނަ ހިންދޫންގެ ތާއީދު ސަރުކާރަށް ހޯދުން.
ބީޖޭޕީސޮރު
11 November 2025
ހަގީގަތް އިނގޭ, ކޮންމެ އިންތިހާބެއ ކައިރިވީމަ އިންޑިޔާގަ މިކަހަލަކަމެއް ހިނގާ, ބޭނުންވަނީ ހިންދޫއިން ކައްކާލައިގެން އިންތިހާބު ކާމިޔާބުކުރުން