ތައިބާ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލުމުން ލިބިފައި ހުރި ގެއްލުންތަކެއް.-
11 ނޮވެމްބަރ 2025 - 11:18
އައްޑު ހިތަދޫގެ މިސްކިތަކަށާއި މާލޭގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސުލްތާން ހަސަން އިއްޒުއްދީން މިސްކިތް (ތައިބާ މިސްކިތް) ގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދިން މައްސަލައެއް ހެނދުނު 7:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް ކުށުގެ ވެށިން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ގއ. ގެމަނަފުށި، އައްޑަނަ، މުހައްމަދު މުތީއު ހަސަން، 24، އެވެ.
ހިތަދޫ މިސްކިތަށް އިއްޔެ ގެއްލުން ދީފައި. -- ފޮޓޯ: މިޝްކާތު ފައުންޑޭޝަން
އައްޑޫ ހިތަދޫގެ މިސްކިތުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިން މައްސަލައެއް ވެސް އިއްޔެ ހަވީރު 5:40 ހާއިރު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ.
"މިޝްކާތު ފައުންޑޭޝަން" ނަމަކަށް ކިޔާ ޕޭޖަކުން ފޭސްބުކްގައި އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މަސްޖިދުލް އުމަރުލް ފާރޫގުގެ އެތެރޭގައި ބަހައްޓާފައި ހުރި ބައެއް ގުރުއާން ހަތިމްތަކަކާއި ގޮނޑިތަކާއި ފެން ފުޅިތައް ވެސް ހުރީ މިސްކިތް ތެރެއަށް އުކާލައިފަ އެވެ.
އެ މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ އެ މައްސަލަ ބަލައި ތަހުގީގުކޮށް، ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރުކާނު
11 November 2025
ތީ ވާނީ ނަފްސާނީ މީހަކަށް. އެގޮތަށް އަޑުއަރުވާ އޭރުން އެމްޑީޕީން ތިކަމާ އުޅޭނެ. މިހާރު އެމީހުންގެ ރަގަޅުމީހަކު ބޭރުގެ ޖަމުއިއްޔާއެއްގެ އެސް ޖީ އެއް ގެ މަްާމްގަވެސް އެބަހުރި
ޢެޑްމުންޑޯ
11 November 2025
ތޮއިބާ މިސްކިތަށް ގެއްލުން ދިން ޒުވާނާ އަކީ މީގެ އަހަރުތަކެއް ކުރިއްސުރެ ނަފްސާނީ މައްސަލަތަކެއްގައި ބޭސްކުރާ ބައެއްފަހަރު ސިކުނޑި ހަމަނުޖެހޭ ޒުވާނެއް ، އޭނާ ދަންނަން ، މިސްކިތަށް އޭނާ ރުޅިބޭލުމުގެ ފަހަތުގައި ބައެއްގެ އަތެއްވުން އެކަށީގެންވޭ
އަބްދުﷲ
11 November 2025
ވަރަށް ހިތާމަ ވެރި ޚަބެެރެއް ތީ. ތީގެން ދޭހަވަނީ މިރާއްޖޭގެ ޒުވާން ޖީލު މަގުފުރެދިފައި ވާވަރު. ދައުލަތުން އެބަޖެހޭ އެކަޑެމިކް ލެވެލްގެ ފުރިހަމަ ސްޓަޑީއެއް ހަދައިގެން އެމީހުން މަގުފުރެދެން ދިމާވި ސަބަބު ބަލައި އިތުރު ބަޔަކު އެވިޔާނުދާ މަގުން ދިޔުން ހުއްޓުވަން ކުރެވެން ހުރިހުރިހައި ކަމެއް ކުރަން.
ޞަނަ
12 November 2025
ކަލޭމެން ތިބޭ މޮޅެތި ކޮމެންޓުކުރަން. ދައުލަތުންތަ ދަރިން ހޯދަނީ؟
ކޓމމ
11 November 2025
މުސްލިމުން އަޅުކަންކުރާ ތަނަަށް ހަމަ މުސްލިމުންގެ ތެރެއަށް ނިސްބަތްވާ ބަޔަކު މިހެން ހެދުން ގަބޫލުވެސް ނުކުރެވޭ. ޔަހޫދީ އެންމެ ނުބައި މީހުން ވެސް ޔަހޫދީން އަޅުކަންކުރާ ތަންތަނާ ނުބެހޭނެ.