އާ އިމާރާތުގެ މަސައްކަތް ނިންމައި، މި އަންނަ ރޯދަ މަހަށް ބަރުބަރީ މިސްކިތް އަލުން ހުޅުވަން ތައްޔާރުވެއްޖެ އެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަރުބަރީ މިސްކިތް ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ. އަދި އަންނަ ރޯދަ މަހު އެ މިސްކިތުގައި ނަމާދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މަޖީދީ މަގުން، ރަށްދެބައި މަގުގައި ހުންނަ ބަރުބަރީ މިސްކިތް ތަޅާލައި، އެ ބިމުގައި ތިން ބުރީގެ އާ މިސްކިތެއް އަޅަން "އަލިސާފު" ކުންފުންޏާ ހަވާލުކުރީ ޑިސެމްބަރު 2024 ގަ އެވެ. 

އާ އިމާރާތުގައި 830 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ކުރިއަށް އޮތް ރޯދަމަހުގެ ކުރިން 15 ވަރަކަށް މިސްކިތް މާލެ އާއި އެކި ރަށްރަށުގައި އަލަށް ހުޅުވާނެ އެވެ. 

މީލާދީ ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ރޯދަމަސް ފެށޭނީ އަންނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހެވެ.