ބަރުބަރީ މިސްކިތް ތަޅާލައި އެ ބިމުގައި ތިން ބުރީގެ އާ މިސްކިތެއް އަޅަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ "އަލިސާފު" ނަމަކަށް ކިޔާ ކުންފުނިން އަމިއްލަ ހަރަދުގައި އަޅާ މިސްކިތުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.
މަޖީދީ މަގުން، ރަށްދެބައި މަގުގައި ހުންނަ މިސްކިތް އަޅަން ފެށުމަށް މިހާރު ވަނީ، ބާ އިމާރާތް ތަޅާލައިފަ އެވެ.
ތިން ފްލޯއަށް ހަދާ އިމާރާތުގައި ޓެރެސްއެއް އިންނާނެ އެވެ. އެ ތަނުގައި އެއްފަހަރާ 830 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީގައި ނުވަ މިސްކިތެއް އިމާރަތްކުރަން ސަރުކާރުން ވަނީ ހުއްދަ ދީފަ އެވެ. އޭގެ ތެރޭގައި މާލެ އާއި ހުޅުމާލެ 2 އަދި 3، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަންފަރު، ރ. އަލިފުށި އަދި ސ. ހުޅުދޫ ހިމެނެ އެވެ.
އެ ތަންތަނުގެ އިތުރުން 25 މިސްކިތެއް މަރާމާތުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.