ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަދި ދަމާސް ކުންފުނީގެ ވެރިޔާ މުހައްމަދު ސޯލިހު (ޑިމްސް ސޯލިހު) އައްޑޫ ހުޅުދޫގައި އިމާރާތްކުރި މިސްކިތް މިއަދު ހުޅުވައިފި އެވެ.

ސޯލިހުގެ އުފަން ރަށް ހުޅުދޫގައި ބިނާކުރެއްވި މިސްކިތް "މަސްޖިދު ޒުލައިހާ މުހައްމަދު" ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. 

ޑިމްސް ސޯލިހުގެ ހަރަދުގައި ހުޅުދޫގައި އިމާރާތްކުރި މިސްކިތް.
ޑިމްސް ސޯލިހުގެ ހަރަދުގައި ހުޅުދޫގައި އިމާރާތްކުރި މިސްކިތް.

އެ މިސްކިތް ހުޅުވުމަށް މިއަދު ހަވީރު ހުޅުދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސޯލިހާއި އޭނާގެ އާއިލާގެ ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ. 

ސޯލިހުގެ އަމިއްލަ ގޯތީގައި މާތްﷲ އަށް ވަގުފުކޮށް މިސްކިތެއް ބިނާކުރެއްވިކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ އަދުގެ ޒުވާން ޖީލަށް އޮތް ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށެވެ. 

އެއީ، އެއްފަހަރާ 200 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.

ޑިމްސް ސޯލިހުގެ ހަރަދުގައި ހުޅުދޫގައި އިމާރާތްކުރި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ.
ޑިމްސް ސޯލިހުގެ ހަރަދުގައި ހުޅުދޫގައި އިމާރާތްކުރި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ.

ސޯލިހަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު 11 ގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ. 

ސޯލިހަކީ މީގެ 43 އަހަރު ކުރިން 1983 ގައި ވިޔަފާރީގެ ތެރެއަށް ވަދެވަޑައިގެން އަދިވެސް އެ ގޮތުގައި ދެމިހުންނެވި ބޭފުޅެކެވެ.

"ޑިމްސް"ގެ ނަމުގައި އާންމު ވިޔަފާރި ފައްޓަވައި، ހާޑްވެއާ އާއި ރިސޯޓުތަކަށް ބޭނުންވާ ތަކެއްޗާއި ޑިއުޓީ ފްރީ ޝޮޕާއި ބޮންޑެޑް ވެއާހައުސް އަދި ފަރުނީޗަރު ވިޔަފާރި ހިންގެވި އެވެ. އޭގެ އިތުރުން ޔަންމާ އިންޖީނާއި ސްޕެއަޕާޓްސް އެތެރެކޮށް ވިއްކަވައި، އިންސްޓޯލްމެންޓަށް ދެއްވަމުން ގެންދެވި އެވެ.

ޑިމްސް ސޯލިހުގެ ހަރަދުގައި ހުޅުދޫގައި އިމާރާތްކުރި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށް އޭނާ ވަޑައިގަންނަވަނީ.
ޑިމްސް ސޯލިހުގެ ހަރަދުގައި ހުޅުދޫގައި އިމާރާތްކުރި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށް އޭނާ ވަޑައިގަންނަވަނީ.

ސޯލިހު ވަނީ އައްޑޫ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު އެ ގައުމުގެ ރޯޔަލް އެއާފޯސްގައި 16 ވަރަކަށް އަހަރު ހިދުމަތް ކުރައްވައިފަ އެވެ. އޭގެ ފަހުން 1978 ގައި މާލެ ވަޑައިގެން ކާގޯ ކްލިއާ ކުރުމާއި ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތް ފައްޓަވައި ވިޔަފާރީގެ ތެރެއަށް ރަސްމީކޮށް ވަދެވަޑައިގަތެވެ.

ރާއްޖޭގެ ވިޔަފާރީގައި މަޝްހޫރު ޑިމްސް ކުންފުނި 1983 ގައި ސޯލިހު އުފެއްދެވީ އޭނާގެ ގާތް އެކުވެރިޔާ އިބްރާހިމް މުހައްމަދު ދީދީ (ސިމްޑީ ޑީޑީ)އާ ދެ ބޭފުޅުން ގުޅިވަޑައިގެންނެވެ. އެއީ އޭރު ރާއްޖޭގައި ރީޓެއިލް/ހޯލްސޭލް ވިޔަފާރި އަދި ޓޫރިޒަމް ދާއިރާގައި އެންމެ މަޝްހޫރު އެއް ނަމެވެ.

ނަމަވެސް 17 އަހަރު ވަންދެން ޑިމްސް ކުންފުނި ހިންގުމަށް ފަހު، ސޯލިހާއި ޑީޑީ ވަކި ދެ ވިޔަފާރި ފެއްޓެވި އެވެ. ސޯލިހުގެ ކުންފުނީގެ ނަމަކަށް ހަމަޖެއްސީ ދަމާސް އެވެ.