ޒިކުރާ މިސްކިތުގެ ބިމުގައި ހަދާފައިވާ ވަގުތީ އިމާރާތް ތަޅާލައި، އެ ބިމުގައި ބޮޑު އަދި އެންމެ ޒަމާނީ އާ މިސްކިތެއް އިމާރާތް ކުރުމަށްޓަކައި މިރޭ ބިންގާ އަޅައިފި އެވެ.
ދިވެހިން ހައްޖަށާއި އުމްރާ އަށް ގެންދިއުމުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ސިސިލްފަރު ގުރޫޕްގެ ވެރިޔާ މުހައްމަދުފުޅުގެ އަމިއްލަ ހަރަދުގައި އިމާރާތްކުރާ މި މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މުހައްމަދުފުޅުގެ އާއިލާގެ ފަރާތުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ތިން ފްލޯ އަށް އިމާރާތްކުރާ މިސްކިތުގައި އެއްފަހަރާ 1،500 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ. އަދި މި މިސްކިތުގައި އަރައިފޭބުމަށް ލިފްޓެއް ހަރުކުރާނެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މަޖީދީ މަގުން ހުދުމާ ފިހާރަ ކައިރީގައި ހުންނަ ޒިކުރާ މިސްކިތުގެ ބިމުގައި އިމާރާތްކުރާ އާ މިސްކިތުގެ މަސައްކަތް މި ރޯދަމަސް ނިމުމާ އެކު ފަށާނެ އެވެ.
އެއީ މާލެ ސަރަހައްދުގައި އިމާރާތްކުރާ ޖާގަ ތަނަވަސް މިސްކިތަކަށް ވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ، މިއީ މާލެ ސަރަހައްދުގައި ބިނާކޮށްފައިވާ ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތަކެއް ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
ޒިކުރާ މިސްކިތާއެކު، ދިގު ތާރީހެއް އޮތް އެސްޖޭ ކޮންސްޓްރަކްޝަނާ އެ މިސްކިތް އަޅަން 2018 ގައި ހަވާލުކުރި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބައްޕާފުޅުގެ ހަނދާނުގައި ބިނާކޮށްފައިވާ ޒިކުރާ މިސްކިތް ތަޅާލުމަށް ފަހު، އެ ތަނުގައި "ދާރުލް ޒިކުރާ" ގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމި އެވެ. އެ ނިންމުމުގެ ދަށުން އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކުންފުންޏާ ދެމެދު 130 މިލިއަން ރުފިޔާ ޖުމްލަ މަޝްރޫއުއަށް ލިބޭ ގޮތަށް ސޮއިކުރި އެވެ.
ނަމަވެސް އެ އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި ދެ ފަރާތުން ވެސް ކޯޓަށް ދިޔަ އެވެ. އެ މައްސަލައިގައި އެންމެ ފަހުން ދެ ފަރާތުން އެއްބަސްވީ، ބަދަލުގައި އެސްޖޭގެ ހަރަދުގައި ހުޅުމާލެ 2 ގައި މިސްކިތެއް އެޅުމަށެވެ.
ހުޅުމާލެ 2 ގައި އެ މިސްކިތް ހަދަނީ އެސްޖޭ ކޮންސްޓްރަކްޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުންނެވެ. އެ އެއްބަސްވުން ހެދީ ޒިކުރާ މިސްކިތް ހެދުމަށް އެސްޖޭ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލް ކުރުމުން، އޭގެ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ހުށަހެޅުމުންނެވެ.
އޭގެ ފަހުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ޒިކުރާ މިސްކިތް އަޅަން އެސްޖޭ އަށް ދިން 30 މިލިއަން ރުފިޔާ ހޯދަން ވެސް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އޭޖީ އޮފީހުުގެ ލަފައާ އެކު، އެ މައްސަލަ ކޯޓުން ބޭރުން އޭރު ހައްލުކުރީ، ހުޅުމާލޭގައި މިސްކިތެއް ހެދުމަށާއި އަދި އެ މިސްކިތް އިމާރާތް ކުރުމަށް 30 މިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ހިނގާ ހަރަދު އެސްޖޭގެ ސީއެސްއާރުގެ ދަށުން ކުރާ ގޮތަށެވެ.
އެކަމަކު، އޭގެ ފަހުން ދެ އަހަރު ވީއިރު ވެސް އެސްޖޭއަކަށް އެ ކަމެއް ނުވި އެވެ.