ފުލުހުން މިހާރު ހިންގާ ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި.---ފޮޓޯ: ޕޮލިސް
13 ނޮވެމްބަރ 2025 - 16:12
ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް މިއަދު ހެނދުނު ފެށި ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް މުޅިން ވެސް ހައްޔަރުކުރީ ޑްރަގް ވިޔަފާރީގައި ހަރަކާތްތެރިވާ މީހުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެންގެވުމަކަށް ރޭ ފަތިހު 5:30 ގައި މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި ހާއްސަ އޮޕަރޭޝަންގައި މިއަދުގެ މެންދުރާ ހަމައަށް 92 މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
"އަލިމަގު" ގެ ނަން ދީފައިވާ އޮޕަރޭޝަނާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ދެންނެވުމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ހައްޔަރުކުރި އެންމެންނަކީ ވެސް ޑްރަގް "ވިއްކާ" މީހުން ކަަމށެވެ.
"މި އެންމެންނަކީ [ޑްރަގް] ޑިސްޓްރިބިއުޓް ކުރުމުގައި އުޅޭ ބައެއް. ވިއްކާ މީހުން. މީގެ ތެރޭގައި ނުހިމެނޭ ވިޔަފާރި ނުކުރާ ބައެއް. މަސްތުވާތަކެތި ބޭނުންކޮށް އަދި ވިޔަފާރި ވެސް ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިހާތަަނަށް ހައްޔަރުކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ހުރިހާ ފަންތިއެއްގެ މީހުން ހިމެނެ އެވެ. އެގޮތުން ކުދި، މެދުފަންތި އަދި އެންމެ މަތީ ފެންވަރު ވެސް ހިމެނޭ ކަމަށް އިހުސާން ވިދާޅުވި އެވެ.
"އެ މީހުންގެ ބައިވެރިވުން އޮތް ވަރު މިހާރު ބަލަމުން މިދަނީ. މި މީހުންގެ ފަރާތުން ލިބޭ މައުލޫމާތުގެ އަލީގައި މިކަމާ ގުޅުން ހުރި މީހުން ވެސް ދެނެގަންނަމުން މި އަންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ހޯމް ލޭންޑް މިނިސްޓަރު އިހުސާން: ޑްރަގް ބޭނުންކުރާ އަދި ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް މިއަދު ވަނީ ފައްޓަވާފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެއްވަގުތެއްގައި 100 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރުމުގެ އެ އޮޕަރޭޝަނުގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވާނެ އެވެ. އަދި އެއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ހަރަކާތް ކަމަށް ފުލުހުން ބުންޏެވެ.
"ހއ. އިން ފެށިގެން އައްޑުއާ ހަމައަށް މި އޮޕަރޭޝަން ކުރިއަށް ގެންދާނެ،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވެފައި ވަނީ ޑްރަގް ވިޔަފާރި ރާއްޖޭގައި ދެން ނުކުރެވޭނެ ކަމަށާއި އެކަން ކުރާ ނަމަ "ރާއްޖޭގައި އުޅެން އުނދަގޫ ކުރާނެ" ކަމަށެވެ.
"އަލިމަގު" އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި ފުލުހުން މިއަދު ޗެކް ކުރަނީ.---ފޮޓޯ: ޕޮލިސް
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ ޑްރަގް ވިއްކުމުގައި އުޅުނު މީހުން މިއަދަށް ފަހު ދެން ޖެހޭނީ އެކަންތައް ހުއްޓާލަން ކަމަށާއި ރާއްޖޭގައި ދެން އެ ފުރުސަތު ނުދޭނެ ކަމަށެވެ. ޑްރަގްގެ ވިޔަފާރި ހުއްޓުވަން ރާއްޖޭގައި ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން އެދޭ އެދުމަކީ މިކަމުގައި މިއުޅޭ ކުދިން ވެސް މިކަން ހުއްޓާލާފައި އެހެން ކަމަކައިގެން މިއަދުން ފެށިގެން އުޅެން ފަށަން. ދިވެހިރާއްޖޭގައި އަޅުގަނޑުމެން އެ މީހުންނަށް އުޅެން އުނދަގޫކުރާނަން، މި މަސައްކަތުގައި އުޅޭ ކަމަށް ވަންޏާ،" މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުން މިހާރު ހިންގާ ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި.---ފޮޓޯ: ޕޮލިސް
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން މިއަދު ހިންގާ އޮޕަރޭޝަނަކީ ޑްރަގްގެ ވިޔަފާރި ހުއްޓުވަން އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ފެށުމެކެވެ. އެ މަސައްކަތް ހުއްޓާލާނީ ޑްރަގްގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލި އިރަކުން ކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ހާއްސަ އޮޕަރޭޝަން ފަށާފައިވަނީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށްފައި ކަމަށެވެ.
އެ އޮޕަރޭޝަންގައި ހާއްސަ ޑިޕާޓްމަންޓުތަކާއި ސަރަހައްދުތައް ވިލަރެސް ކޮށްގެން އެކުލަވާލާފައިވާ ޓީމުތަކުން އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒު ކުރުމުގެ އަމަލީ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގހޔބހ
14 November 2025
އަސްލު ރޫޓުގަ އަތް ލެވޭނެތަ؟؟
ކެހެވަކު
14 November 2025
ކަލޯޔާ ކޮންއެއްޗެއް ހޯދުނީ. ގްރާމެއް ހަމަނުވާ އެތިކޮޅެއް ތިޔަ ފެނުނީ. ދެން މީޑިޔާ ސްޓަންޓް ޖައްސާލަާފަ ހަބަރަށް އަރުވާލީމާ އަނެއްލާވެސް މުސާރަ ބޮޑުވާނީ.
ކަލޭގެސަން
14 November 2025
ތިޔަ ކަހަލަަ އަނގަ ތަޅާނީ ސޭކުން. ތިޔަޢީ ނައްތާލެވޭނެ އެއްޗެއް ނޫން. ތިޔަކަށް ވެކްސިނެއް ނުހުންނާނެ. އޭޝިއާ ގައުމެއްގައި ތިޔަ އެއްޗެހި ވިއްކާ މީހުންގެ ގަޔަށް ބަޑިޖަހާ މަރައިގެންވެސް ވަނީ އެކަން ނުހުއްޓުވިފައި. ޑްރަގްސް އަށް އަބަދުވެސް ޑިމާންޑް އޮންނާނެ، އަދި ޑިމާންޑް އޮންނަ އެއްޗެއްގެ ސަޕްލައި އޮންނާނެ. ޒުވާނުންނަށް އަލިމަގެއް ފެންނާނީ އަލި މުސްތަގުބަލެއް ފެނިގެން. ކޮތަރު ކޮށިތަކެއްގައި ތާށިވެ ތިބޭއިރު ފެންނާނީ އަނދިރި މަގުތައް.
މިލިސްކާން
14 November 2025
ދިރިއުޅޭ މީހުންނަށްވުރެ ގެ ގިނަ ރަށްރަށުގައި ޒުވާނުން ޑްރަގް ބޭނުން ކުރަނީ ރަށް ކުޑަވެގެން ކޮތަރުކޮއްޓަކަށް ވެގެންތޯ ނުވަތަ ކަރަންޓު ނެތިގެން މަގުތައް އަދިރިވެގެންތޯ
މުލީ ޕޮލިސް ކާރޓަލް
14 November 2025
މީމު އަތޮޅުގަ މަސްތުވާތަކެތި އިންތިހާޔަށް. ބޭނުން ވަރަކަށް ބޮއެގެން އެކުދިން އުޅެނީ. މުލީގަޔާ މުލަކުގަ ނުލިބޭނެ ދުވަހެއް ނަދެޔޯލަ. މަސް ދޯނިތަކުން ވިޔަފާރީ އަށް ވެސް އާދޭ. ޕޮލިހުން ކައިބޮއެ އަނބި ދަރިންނަށް ހަރަދު ކުރަނީ ވިޔަފާރި ބޮޑުން ދޭ ރިސްވަތު ފައިސާއިން. ކެރެންޔާ އެބައިމީހުންގެ އެކައުންޓް ސްޓޭޓްމަންޓް ބަލާލާ. އަލިމަގު ކީކުރާން ވައިޓް އޯ ބްރައުން މަގުވެސް ކިޔައިން އަނދުން އަޅުވާލާ
2000
14 November 2025
މީހަކު ހައްޔަރު ކުރާއިރަށް މަޖިލީސް މެމްބަރު ގުޅާފައި ބުނާނެ. އޭނާ ދޫކޮށްލާށޭ. ދެން ނޯވެ ކުރާނެ ކަމެއް. ރާއްޖޭ ހަލާކަކީ ސިޔާސީ މީހުންނާ މަޖިލިސް މެމްބަރުން
ސީ.އައ.އޭ
13 November 2025
ދުނިޔޭގެ އެއްވެސް ގައުމަކުން ވީކަމެއްނޫން ތިއީ. ވާގޮތަކީ ތިވިޔަފާރީގައި ބައިއަޅަން ސަރުކާރުގެ އަދި މުއައްސަސާ ތަކުގެ ބޮޑުން ތިބޭތީވެ.
ހަސަންބޭ..
13 November 2025
އަލިމަގު ބޭކާރު ކަމެއް.. މާރކެޓް ނައްތާލަން ޑްރަގް ބޭނުންކުރާ މީހުން މުޖުތަމަޢު އިން އެކަހެރި ކޮށްބަލަ.. ބޯމީހުން އުޅޭތީ ތެޅިމަރުވެގެން ވެސް އެތެރެ ކުރަނީ
ވާނުވާބާރު
13 November 2025
ތިދާނީ ހަމަ ތޮޅިއަށް. ހުރިހާ ސަރުކާރަކުންވެސް ފާޑުފާޑު ނަންނަމުގަ ތިކަމާ ދެކޮޅަށް ކަމަށް ބުނެ އޮޕަރޭޝަންތައް ހިންގާ. ކިރިޔާވެސް އެނގުމެއްވާކަހަލަ ކަމެއް ކުރެވުނީ އުމަރަށް އެ ހިސާބުން އޭނާގެ ދެއަތް ބަނދެފި. އަނެއްކާ ކޯޓަކުން ތިއިން މީހަކަށް ހުކުމެއް ނެރުންވާނީ މުސްތަހީލު ކަމަކަށް.
ސިޔާރެކިބެ
14 November 2025
އުމަރަށް ކުރެވުނީ ވަކި ކޮންކަމެއް! އޭރު ތަފާތުކަމަކަށް ކުރެވުނީ އިގިތިސާދީ ގިނަ ހަރަކާރްތަކެއްް ހިނގާ، ޒުވާނުން ކަންކަމުގަ އަވަދިނެތި މަޝްއޫލުވެ އުޅެންފެށީ! ތިއެއްް ވިއްކައިގެން މިހާރު ދިރިއުޅުން އާރާސްތުކުރަން މަޖުބޫރުވެފައިވާ ގިނަބަޔަކު އެހެނިހެން ކަންކަމުގަ މަޝްއޫލުވީ. އުމަރު މޮޅުވެގެން ކުރިއެއްކަމެއް އޮތީކީނޫން. ތިބުނާމީހަކު ތަޅާނީ އަނގަ. ކުރެވޭނޭ ޒާތުގެ ކަމެއްގެ ވާހަކައެއްނޫން ދައްކަނީ! އެއީ އަސްލު މިގައުމު މިހިސާބަށް ވައްޓާލި މައި އެއްމުގޫ
ސީދިބެ
13 November 2025
ބޮޓުން އެކްޓިވޭޓުވެއްޖެއެވެ. މިފަދަ ކޮންމެ އޮޕަރޭޝަނަކާއެކު އެބައިމީހުން އެކްޓިވޭޓުވެއެވެ.
ޕްރޯ
13 November 2025
މާޒީއަށް ބަލައިގެން ކަން ކަން ނުވާނެ ކަމުަގެ ނެގެޓިވު ވިސްނުން އަހަރެމެން ދިވެހިންގެ ގައިގަ މި ހުންނަނީ، މީ ކުރަން ޖެހޭކަމެއް ކަމަށް ގަބޫލު ނުކުރާ އެކަމުވެސް ނެތް.