ޕީއެންސީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
14 ނޮވެމްބަރ 2025 - 23:28
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ބަޔޯމެޓްރިކްސް ނުދީ ތިބި ބިދޭސީން މާދަމާ އިން ފެށިގެން ޑީޕޯޓް ކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕީއެންސީން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަކީ ރައްޔިތުންނަށް ވެވަޑައިގެން ވައުދުފުޅެއް ކަމަށާއި އޭގެ ތެރޭގައި މަސްތުވާތަކެއްޗާއި ގޭންގްތަކާއި ބިދޭސީންގެ މައްސަލަ ހައްލުކޮށްދެއްވުން ހިމެނޭ ކަމަށެވެ.
ބިދޭސީންގެ މައްސަލައަކީ މިދިޔަ ހުރިހާ ވެރިކަމެއްގައި ވެސް އޮތް މައްސަލައެއް ކަމަށާއި އެކަން ބޮޑުވަމުން އައިއިރު ވެސް އެކަން ހައްލުކުރަން މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް މި ސަރުކާރުން "ކުރަނގި އޮޕަރޭޝަން" ފެށިއިރު ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދު ވެސް ނޭނގޭ ކަމަށާއި އެ މީހުންނާ ގުޅޭ އެއްވެސް ތަފާސްހިސާބެއް ނެތް ކަމަށެވެ.
އެކަމަކު މި ސަރުކާރުން ފެށި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބީ ކޮން ބިދޭސީންނެއް ކަމާއި އެ މީހުން ތިބީ ކޮން ތަނެއްގައި ކަން ވެސް މިހާރު އެނގެ އެވެ.
"އަޅުގަނޑުމެން ފެށި ކުރަނގި އޮޕަރޭޝަނުގައި މިއަދާ ހަމައަށް އައިއިރުގައި 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައިފިން. އަޅުގަނޑުމެންނަށް އެބަ އިނގޭ ރާއްޖޭގައި ތިބި ބިދޭސީންނާއި މި މީހުން ތިބީ ކޮން ތަނެއްގައި ކަމާ، މި ހުރިހާ ކަމެއް،"
ޕީއެންސީން މިރޭ ބާއްވާ ޖަލްސާގައި ރައިސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް ދިން މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާ ކަމަށާއި އެ މުއްދަތާ ހަމައަށް އެ މައުލޫމާތު ނުދީ ރާއްޖޭގައި ބިދޭސީއަކު އުޅޭ ނަމަ ޑީޕޯޓް ކުރަން ފަށާނެ ކަމުގެ އިންޒާރު ވެސް ރައީސް މިރޭ ދެއްވި އެވެ.
"މާދަމާ އަށް ފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނޫނީ ޑީޓެއިލްސް ނުދީ އެންމެ ބިދޭސީއަކަށް ވެސް ނުހުރެވޭނެ. ވަގުތުން ޑީޕޯޓް ކުރާނީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި ވެސް ވަނީ ރާއްޖޭގައި އެކި ކުށްތަކަށް އަރައިގަންނަމުން އައި ބިދޭސީން ހިމެނޭ ގޮތަށް 9،021 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާ ކަމަށެވެ.
ބިދޭސީންގެ މައްސަލައިގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގި އެންމެ ބޮޑު މަސްތުވާތަކެތީގެ އޮޕަރޭޝަން އިއްޔެ ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި ޑްރަގުގެ ވިޔަފާރިކުރާ 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޕީއެންސީން މިރޭ ބާއްވާ ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރައީސް ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ޝަރީއަތްތައް ހިންގައި އަދުލުވެރިކަމާ އެކު، އެ މީހުންނަށް ފިޔަވަޅު އަޅާނެ އެވެ. އަދި ކުދިކުދި އިޖުރާއީ މައްސަލަތަކުގެ ސަބަަބުން ޑްރަގު ވިޔަފާރީގައި އުޅޭ މީހުން މިނިވަންވެ، މުޖުތަމައަށް އަނބުރާ އައުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ނުފޫޒެއްގައި ނުޖެހި މުޅި ދައުލަތް މަސައްކަތް ކޮށްފިއްޔާ މި ގައުމުން މި ސަރުކާރު މަސައްކަތުން ޑްރަގު ވަބާ ފޮހެލާނަން،" ރައީސް ވިދާޅުވި އެވެ.
"މިއީ ނުހުއްޓާނެ އޮޕަރޭޝަނެއް. އަޅުގަނޑުމެން އުއްމީދު ކުރަނީ އަދި ޔަގީން ކުރަނީ އެ މީހުންގެ ކަންކަން ބެލުމުގައި އަޅުގަނޑު ހަމަ ކުރިން ދެންނެވި އަދުލުވެރި އިންސާފުވެރިކަމާ އެކީގައި ކުރިއަށް ދާނެއޭ. ކުދިކުދި އިޖުރާއީ ކަންކަމުގައި ޖެހި މި މީހުން މިނިވަން ވެގެން ދިއުމަކީ އަޅުގަނޑުމެން ރައްޔިތުން ބޭނުންވާ ކަމެއް ނޫން."
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ގާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްވެގެން އައުމާ އެކު ޑްރަގު އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް އިސްލާމުދީނުގައި އޮންނަ އެންމެ ހަރުކަށި އަބަދު ދެވޭނެ ކަމަށެވެ.
އެ މަނިކުފާނު ވަނީ މި ގައުމުން ޑްރަގުގެ ވަބާ ނައްތާލާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. ހަގީގީ މާނައިގައި ޒުވާނުން ބާރުވެރި ކުރެވޭނީ މަސްތުވާތަކެތީގެ ވަބާ، ރާއްޖެއިން ނައްތާލެވިގެން ކަމަށާއި އެކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އާ ގާނޫނެއް ފާސްކޮށް، ގޭންގުގެ ވަބާ ނައްތާލުމަށް ވެސް މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެ މަސައްކަތުގެ ނަތީޖާއަކީ މިދިޔަ ސަރުކާރާ އަޅާބަލާއިރު މި ސަރުކާރުގައި ގޭންގް ކުށްތައް 49 ޕަސެންޓް ދަށްވުން ކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުޅުމާލޭ
15 November 2025
ނުވަހާހެއްހާ މީހުން ޑީޕޯރޓް ކުރެވުމަކީ ރަނގަޅެކެވެ. ނަމަވެސް އަސްލު މައްސަލަ ހައްލުވާހެން ހިއެއްނުވެއެވެ. ބަލާލި ކޮންމެ ދިމާލަކުން ބޭރުމީހުންނެވެ. ނޭޕާލު ވޭރިއަންޓް ވަރަށް ގިނައެވެ. ރެޑްވޭވް، އެމްޔޫ، އެސްޖޭ، އެމްއެޗްއޭ ފަދަ ނަން މަޝްހޫރު ވިޔަފާރިތަކުންވެސް ފެންނަނީ އެ މޫނުތަކެވެ.
ކޮރަލް
15 November 2025
ކުދި މެދު ފަންތީގެ ވިޔަފާރި ކުރާ 10 ޕަސެންޓް ދިވެހީންވެސް މިހާރު ނުހުންނާނެ އެވެ. މަސައްކަތު ގެނައި ބިދޭސީން ދިވެހީންގެ ފިހާރާތައް އެމީހުންގެ ބާރުގެ ދަށައް ގެންގޮސް މިހާރު ދިވެއްސަކަށް ދެނީ މަހަކު 5 ހާސް ރުފިޔާ އެވެ. މުއްދަތު ހަމަވާ ދުވަސް ބަލާ ބޮޑު ކުލީގަ ތަންތަން އެބަ ނަގަ އެވެ. ފިހާރަ ކެފޭ ހޮޓާ ރެސްޓޯރަންޓް ގޮޅި ތަކުގަ ސޭޓުންނަށް މިހާރު އެހުންނަނީ އެ ވިޔަފާރި ކޮންޓްރޯލް ކުރާ ފަރާތެވެ.
ޑރ ވާންޗޯ
15 November 2025
ބަޔޯމެޓްރިކްސް ނުދޭމީހުން އަތުޖެހުނީމަ ޑީޕޯޓްކުރުމުގެކުރިން ބަޔޯމެޓްރިކްސް ބުޑުދަށުން ކަނޑާލަންފެނޭ.
ގޮނުއަނގަ
15 November 2025
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ކުރާ މަސައްކަތުގައި ފުރާދުއްވާ އުޅަނދު ފަހަރަށް ތިކަމުން ލިބިދެވޭނެ އެހީތެރިކަން ނުހޯދާ ތިކަން ހައްލުކުރެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. ސަރުކާރުގެ ބާރުވެރިން ރައްޔިތުންނަށް ވިސްނޭ ކަންކަން ބޮލާލާ ޖަހާފަ ނުދެނެހުރިކަމެއް ކަމަށް ހަދައިގެން ތިބިގެން ބަރަބެލި ކުޅި ކުޅުއްވާނެ ކަމެއްނެތް. ފިލައިގެން ދާނެ ތަންތަނާ ގޮތްތައް މިހާރު އެމީހުންނަށް ހުރީ ދަސްކޮށްފީފަ. ދަފްތަރޭ މުންޖޭ ކިޔަސް އެކަމެއްވެސް ނުކުރޭ.
އަންތަރިސް
15 November 2025
މަގުމަތިގައި ކާރުފޮހެ ސައިކަލު ދޮވެދީ ހެދުމުގެ ޚިދުމަތްދޭ ބިދޭސީންނަކީ ކޮންކުންފުންޏެއްގެ މަސައްކަތެއް ކުރާބައެއް ތޯ؟ މީވެސް އިމިގުރޭޝަނުން ހުއްދަ ދެވޭ މަސައްކަތެއްތޯ؟
ގޮނުއަނގަ
15 November 2025
ރައީސްއެވެ. ހަމައެއްގޮތަކަށްވެސް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގެ މައްސަލަ ހައްލު ކުރަން ބަޔަކު އުޅޭ ކަމަކަށް ޤަބޫލެއް ނުކުރަން. ޤަވާއިދާ ޚިލާފަށް އުޅޭ.ބިދޭސީންނޭ ކިޔައިގެން ކުރަނީ ހަމަ އެންމެ ކަމެއް. ޕާސްޕޯރޓް ބަލާލާފަ އެމީހާ އެތެރެވެގެން ހުރީ ރަނގަޅަށްތޯ ބަލާލީމަ ނިމުނީ. މީރާގެ ޒިންމާއެއް ނެތީތޯ؟ ޓެކްސް ނުދައްކައި ޑިވެހިންނާ ގުޅިގެން ވިޔަފީރިކޮށް ހޮޓަތައް ހިންގާ އެއުއުޅެނީ. ކޮބައިތޯ އިކޮނޮމިކް މިނިސްޓްރީގެ ޒިންމާއެއް ނެތީތޯ.
ވަތަނީ
15 November 2025
ހާދަ ވާހަކަ ގިނައޭ! އަވަހަށް ތިކަން ނިންމަ ބަލަ! ޑްރަގްގަ ހައްޔަރު ކުރި 90 މީހުން މިހާރު ކޮބައިތަ؟
ފޮޓޯއަބްދު
15 November 2025
ކެމެރާ ހަލާކުވެގެނޭ މިއުޅެނީ.
އޮނަރަބްލް އަފީފު ދީދީ
15 November 2025
އެތެރޭގެ ދަތުރު ފަތުރުގައި އައިޑެންޓިޑީ ބޭނުން ކުރަން މަޖުބޫރުކޮށް (ފެރީ އާއި ބަސް ދަތުރު ތަކުގައި ވެސް) އިމިޤްރޭޝަން ޤާނޫނާއި ޙިލާފު މީހުން އެއްތަނުން އަނެއްތަނަށަ ދަތުރު ކުރުންވެސް ހުއްޓުވަން ފިޔަވަޅު އަޅާން ޖެހޭ. އަދި ރާއްޖޭގައި އިމިޤްރޭޝަން ޤާނޫނާއި ޙިލާފް މީހުން ލައްވާ މަސައްކަތް ކުރުވާ މީހުނަށްވެސް ފިޔަވަޅު އަޅާނެ އުސޫލް ތަކެއް ހަމަޖައްސާ އެކަންވެސް ކުރާންޖެހޭ. އެހެން ނޫނީ މިކަން ނުހުއްޓުވޭނެ.
އޮނަރަބްލް އަފީފު ދީދީ
15 November 2025
ތިކަމަށް ހައްލު ހޯދަން ބޭނުންނަމަ އިމިޤްރޭޝަން ސިޔާސަތު ހަރުދަނާކޮށް ޔޯރަޕިއަން ޔޫނިއަންގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ރަޝިޔާ، ސިންގަޕޯރ، ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ސައުތުއެފްރިކާ ޗައިނާ، އަދި އަވައްޓެރި އިންޑިޔާ، އާއި ލަންކާ ނޫން ޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެ ނާދެވޭނެގޮތް ހަދާ ގެޒަޓް ކުރޭ.
ބޮސުން
15 November 2025
އަފީފުދީދީ އެބަޖެހޭ ކޮންމެ ލިޔުމަކަށް އެއް ކޮމެންޓުން ފުއްދަން. ކޮންމެ މީހަކު 50 ނުވަތަ 500 ކޮމެންޓު ކުރަންވެއްޖިއްޔާ އޭގެ ބޭނުމެއް ނެތް. ކޮމެންޓް ކިޔަނީ ގިނަ މީހުން ވަކި ކަމަކާއި މެދު ދެކޭގޮތް ބަލާލަން. މަގުބޫލު ކޮމެންޓް ކުރާ މީހަކު ދެތިން ކޮމެއްޓެއް ކޮއްލިޔަސް ކިޔާލާ ހިތްވޭ.
ބައޯކަލޯ
14 November 2025
ބައޯމެޓްރިކް ދީފިއްޔާ ހެޔޮ ކޮންމެ ޖަރީމާއެއް ހިންގިޔަސް. އެހުރީ އިމުގެތެރޭގާ.