ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
14 ނޮވެމްބަރ 2025 - 23:53
މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކަކީ އެ މަނިކުފާނުގެ ކުރިފުޅުމަތީގައި ހަމަހަމަ ރަށްތަކެއް ކަމަށާއި ތަަރައްގީ ގެނައުމަށް އަމަލު ކުރަމުން ގެންދަވަނީ އެ އުސޫލުގެ ދަށުން ކަމަށް ރައީސް ޑރ. މުހައްމަދު މިރޭ މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކަންކަން ކުރަން ޖެހެނީ ހަމައެކަނި މާލެ އާއި އަތޮޅުވެރިކަން ކުރާ ރަށްތަކާއި ސިޓީތަކުގައިތޯ ޕީއެންސީން މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ސުވާލު އުފައްދަވައި ރައީސް ވިދާޅުވީ ތަރައްގީ ހާސިލު ކުރުމުގައި މާލެއެކޭ އެއްފަދައިން އެހެން ރަށްތަކަށް ވެސް ހަމަހަމަކަން ގެންނަވާނެ ކަމަށެވެ.
"ހަމައެކަނި މާލޭގައިތޯ ކަންކަން ކުރަން ޖެހެނީ؟ ހަމައެކަނި ސިޓީތަކުގައި އެކަނިތޯ ކަންކަން ކުރަން ޖެހެނީ؟ ހަމައެކަނި އަތޮޅުގެ ވެރިކަން ކުރާ ރަށްރަށުގައި އެކަނިތޯ ތަރައްގީ ގެންނަން ޖެހެނީ،" ނޫން.." މާލެ އާއި އެހެން ރަށްރަށްރަށް ތަފާތު ކުރުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި މިދިޔަ 45 ވަރަކަށް އަހަރުގެ ތެރޭގައި އެެއްވެސް ރައީސަކު ވަޑައިނުގަންނަވާ ރަށްތަކަށް ޒިޔާރާތް ކުރެއްވުނު ކަމަށެވެ. އެކަމާ މެދު ހައިރާންވެވެޑައިގަންނަވާ ކަމަށާއި އެއީ ސީދާ އިހުމާލު ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ރަށްތަކާއި މާލެއަކީ ވެސް އެ މަނިކުފާނަށް ހަމަހަމަ ތަންތަން ކަމަށާއި އެ ތަނުގައި ވެސް އުޅެމުން އަންނަނީ ދިވެހި ރައްޔިތުން ކަމަށެވެ.
"ރައީސް މައުމޫނަށް ފަހު އެއްވެސް ރައީސަކު ވަޑައިނުގަންނަވާ ރަށްތައް. އަޅުގަނޑު ހައިރާންވި އެކަމާ. އިހުމާލު، ހުރިހާ މާނައެއްގައި އިހުމާލުވެފައިވާ ރަށްރަށަށް. އެ ރަށްރަށާއި މާލެއާ އަޅުގަނޑަށް ހަމަ އެއްހަމަ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ރަށްތަކުގައި އޭޓީއެމް ހުޅުވައި ދެން ހުރި ކަންކަން ވެސް މި ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. އަދި ފުލުހުންގެ ހިދުމަތް ފުޅާކުރަން ކުރި މަސައްކަތުގެ ތެރެއިން މިވަގުތު އެ ހިދުމަތް ނެތް އެންމެ ރަށެއް ވެސް ރާއްޖޭގައި ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޕީއެންސީން މިރޭ ބާއްވާ ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރައީސް ވިދާޅުވީ ގައުމަށް ބޭނުންވަނީ ހަމަހަމަކަމާއި އިންސާވެރިކަމާއި އަދުލުވެރިކަން ކަމަށެވެ.
މާލެއާ އެއް ފެންވަރަށް ހިދުމަތް ދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކޮންމެ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް މިހާރު ލިބޭނެ ކަމަށެވެ. އަދި ވިޔަފާރިތައް ކުރިއެރުވުމަށް އޭޓީއެމްތަކާއި ޑޮލަރު އޭޓީއެމްތައް ވެސް ބަހައްޓަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އަންނަ މާޗު މަހުގެ ނިޔަލަށް އިތުރު 70 ޑޮލަރު އޭޓީއެމް ބަހައްޓާނެ އެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި މިވަގުތު ވެސް 1،875 މަޝްރޫއު ކުރިއަށް އެބަދާ ކަމަށާއި އޭގެ ތެރެއިން 1،356 މަޝްރޫއުއަކީ މި ސަރުކާރުން ސޮއިކޮށް ހަވާލުކޮށްފައިވާ މަޝްރޫއުތައް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ތަރައްގީގެ ދާއިރާގައި އެންމެ މުހިއްމީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކި ކުންފުނިތަކާ ހަވާލުކޮށްގެން 13 ރަށެއްގައި 825 ޔުނިޓް އަޅަމުން އަންނަ ކަމަށެވެ. އަދި އިތުރަށް 16 ރަށެއްގައި 1،100 އެއްހާ ޔުނިޓް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި 3،000 ހައުސިން ޔުނިޓް އެޅުމަށް ބޭންކް އޮފް މޯލްޑިވްސްއާ ވެސް ހަވާލުކޮށްފައިވާ ކަމަށެވެެ.
ޕީއެންސީން މިރޭ ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެ ސަރަހައްދަށް ވަޑަައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.--
ހުޅުމާލެ އާއި ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނައިރު ރައީސް ވަނީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތަށް މި މަހުގެ 23 ގައި ޑްރެޖަރު އަންނާނެ ކަމަށާއި އެއާ އެކު އެ މަޝްރޫއު ވެސް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދި ރަސްމާލެ އާއި އުތުރުތިލަފަޅުން ގޯތި ދިނުމަށް އެ ތަން ހިއްކުމުގެ ސްޕީޑު އަވަސް ކުރުމަށް އިތުރު ޑްރެޖަރުތައް ގެނެސް ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ރަސްމާލެ އެއްކޮށް ހިއްކާ ނިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުން، އޭގެ ދެ ގުނަ ބޮޑު ސަރަހައްދެއް ކަމަށް ރައީސް ވިދާޅުވެ އެވެ.
އެތަނުން ގޯތި ދިނުމުގެ އުސޫލު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އާންމުކޮށް، މަސް ދުވަހުގެ ތެރޭގައި އެތަނުން ދޫކުރާ 15،000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާދޭސްކުރަން.
16 November 2025
މާލޭ މީހެއްގެ ހައިސިއްޔަތުން ބުނެލަން، މާލެ މިހާރު މިއޮތީ ލިމިޓްވެފަ، ޒަމާނީކޮށް ޔުނިކްގޮތަކަށް މާލެއަށްވުރެ އެތަށް ގުނައެއް ފުރިހަމަކޮށް ތަރައްގީކުރެވިދާނެ އެތަށް ރަށެއް އެބަހުރި. އެއްކޮށްގެން ހިއްކައިގެން އަދި ގުޅުވައިގެން ވެސް މިކަން ކުރެވެން އެބަހުރި. ސިޔާސީ ގޮތުން ތިމާ ނަންދަމަހައްޓަން މަސައްކަތް ކުރުމަށްވުރެ މިކުޑަ މުޖްތަމައުގެ މުސްތަގްބަލަށް މަސައްކަތްކުރައްވާ.
އޮނަރަބްލް އަފީފު ދީދީ
15 November 2025
ބޭޅާ ވިދާޅުވީމަ ޤަބޫލުކުރަންޏާ ކުރަންވީ. އެކަމަކު ފެންނަކަމެއްގެ ވާހަކަ ބުނެލާނަން. ރާއްޖޭގެ އެންމެ ބިންބޮޑު އަދި ދެވަނަ އާބާދީއޮތް އައްޑޫސިޓީ މާލޭސަރުކާރުދަށުގައި އޮންނަތާ 60 އަހަރުވެއްޖެ. މިއަދުވެސް މިސިޓީއަށް ރަނގަޅަށް ކަރަންޓްނުލިބޭ. ހުރިހާގެއެއްގައި ފެނާއިނަރުދަމާ އެއްނެތް. އެކަމަކު އައްޑޫ މިހެންއޮތްވާ ކ.އަތޮޅުކަނޑަށް އެތައްބިލިޔަން ޑޮލަރު އަޅައިގެން ހިއްކާފަ އުޑުގައިޖެހޭވަރު ޓަވަރު އަޅާ ޔޫޓުލިޓީޒް ޤާއިމްކޮށް ބިމާއި ފުލެޓް މާލޭމީހުނަށް ދީފި.
އޮނަރަބްލް އަފީފު ދީދީ
15 November 2025
ވޭތުވެދިޔަ 60 އަހަރު މާލޭސަރުކާރު ސިޔާސަތުކަޑައަޅާ ތަންފީޒުކުރަމުންދަނީ މާލެއާއި ރާއްޖޭގެ އެހެންރަށްތަކާއި އެރަށްތަކުގެ ރައްޔިތުނާއިމެދު ވަރަށްބޮޑަށް ތަފާތުކުރުން ގެންގުޅެމުން. އަދިވެސް އެކަންބަދަލުނުވެ ކަންކުރަމުންދަނީ ހަމައެގޮތަށް. ކަމެއްބަދަލުވިނަމަ ބަދަލުވީ ކުރިން ރައީސުން ކިޔަމުންއައި "ރާއްޖެތެރެ" ކިއުން ހުއްޓާލާފައި "އަތޮޅުތެރެ" ނުވަތަ "އެހެން ރަށްތަައް" މިހެން ކިޔަން ފެއްޓުން. މިހުރިހާ ކަންކަމަކީވެސް ތަފާތު ކުރުމުގެ ސަބަބުން ހިގާ ކަންކަން.
ޢެޑްމުންޑޯ
15 November 2025
މާލެއިން ޕެޓްރޯލް ލީޓަރ އެއް 14 ވަރަކަށް ރުފިޔާ ، ރައްރަށުން 18 ރ ، މާލެއިން ގޭސްފުޅިއެއް 200 ރ ރައްރަށުން 300 އާއި 325 ރ ، މާލެއިން ސިމެންތިކޮތަޅެއް 80 ވަރަކަށް ރ ، ރައްރަށުން 185 ރ ، މާލެއިން ކަރަންޓް ބިލްކުރަނީ ރައްރަށައްވުރެ ވަރަށްކުޑަކޮށް ، އުންމީދުކުރަން އެއްވަރު ކޮއްދޭނެކަމަށް
އާސިމާ
15 November 2025
ހަމަހަމަ ކުރޭ
ނައިފަރޭ
15 November 2025
ހަމަހަމައެއް ނޫން މިހާރުވެސް ނައިފަރުގެ ކަރަންޓާއި ފެނުގެ ބޭންޑްއާއި މާލޭގެ ކަރަންޓް ފަދި ފެނުގެ ބޭންޑް އަގުކުރާލެއް މާބޮޑު، ފެނުގެ ކޮލިޓީވެސް މާލޭގައި މާ ރަނގަޅު ބަރާބަރަށް ޓެސްޓްވެސް ކުރެވޭ، މާލޭގައި މަގުތައް އޮތީ ހަދާފައި ގާއަޅާފައި، މިރަށުގައި އަހަރެމެން ސައިކަލުތައް ވަޅުގަދުތަކާއި، ޗަކަގަޑުތެރޭ ދުއްވާ އަހަރަކު އެތައްފަހަރަކު ސަރވިސްކުރަންޖެހޭ، އެކަމަކުވެސް ރޯޑްވަރދިނަސް އާއި އަހަރީ ފީއެއްވަރު، ޕެޓްރޯލް މާލެއަށް ވުރެ އަގުބޮޑު، މީ ހަމަހަމަތޯ
އަބްޑޫޅް +
15 November 2025
ޙޫމް. ރަގަޅު ވާހަކައެއް.
އެކަމަކު ވެސް ނައިފަރުން 500 މީހުން އައި
15 November 2025
މިބުނީ ބޮޑު ޖަލްސާ އަށް 500 މީހުން އައޭ! ކަންކަން ތިހެން ހުއްޓަސް ނައިފަރު މީހުންނަށް ހެޔޮވީމަތާ އެވަރު އަންނާނީ!
Aslee
15 November 2025
މާލެ، 2 ހުޅުމާަލެ، ގުޅިފަޅު އަދި ރަސްމާލެ - (2 ހުޅުމާލޭ ސައިޒުގެ 4 ގުނަ) މިތަންތަނުގެ ހުރިހާ ރަށެއްގެ ދިވެހިން އަބާދުވެއްޖެއްޔާ ދެން ވާނީ ކިހިނެެއް؟ ކުދިކުދި ރައްތަކުގެ އާބާދީ އެއްކޮށް ހުސްވެ ހުލިވެ ތަރައްގީއެއް ކުރިމަގެއް ނުއެއް އޮންނާނެ... ޒަމާނުއްސުރެ ގެންގުޅޭ ޕޮލިސިީ ހަމަ މާލޭ ސަރަހައްދައް އެންމެން ޖާމާވުން ނޫން އެހެން ގޮތެއް ނެއް!
ދަގަތްފާނު
15 November 2025
މައުމޫނު ދައްކާކަހަލަ ވާހަކަ ތިހުންނަނީ. އޭނަވެސް އަތޮޅުތަކު ރަށްރަށު ތަރައްގީއަށް ވަރަށް ހާއްސަކަމެއްދީގެން 30 އަހަރު އުޅުނީ.
ހަމަހަމަހަމަ
15 November 2025
މާލެ އާއި ރާއްޖެތެރޭ ރަށްތައް ހަމަހަމަ ނަމަ އުޑާއި ބިން ވެސް ހަމަހަމަހަމަ.
އޮނަރަބްލް އަފީފު ދީދީ
15 November 2025
ޤާނޫނުއަސާސީން ކަށަވަރު ކޮށްފީފައި އޮތް ބޭނުން ރަށެއްގައި ރަށްވެހިވުމުގެ ޙައްޤަށް ހުރަސް އެޅޭގޮތަށް އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޮންނާން ޖެހޭ ދަފުތަރު އުވާލާފައި މަޖުބޫރީ ޙާލަށް މެދުވެރިކޮށް ވަޒަނުން ބޭރުކޮށް ކުލީ އަޅުންގެ ގޮތުގައި މާލެއަށް ގެނެސްފައިވާ ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްތަކުގެ ރައްޔިތުންގެ ޙައްޤަށް ހުރަސް އެޅޭގޮތަށް ސިޔާސަތު ކަޑައަޅާ މާލޭގެ ޤާނޫނީ ރަށްވެހިން ކަމަށްވާ ދަފުތަރު މީހުނާއި މެދުވެސް ތަފާތު ކުރަނީ ކީއްވެ؟!
އޮނަރަބްލް އަފީފު ދީދީ
15 November 2025
ތަފާތު ނިކުރާތީތޯ މާލޭ މީހުންވެ އައިޑީ ކާޑް ގައި މާލެސިޓީ ޖަހަން ފުރުސަތު ދީފައި އައްޑޫސިޓީ ރައްޔިތުނަށް އެފުރުސަތު ނުދީ އަދިއަދަށް ދާންދެންވެސް އައްޑޫސިޓީ ރައްޔިތުންގެ އައިޑީ ކާޑްގައި ސ.ހިތަދޫ، ސ.މަރަދޫ، ސ.މަރަދޫ ފޭދޫ އަދި ސ.ފޭދޫ ޖަހަން މާލޭސަރުާރުން އަންގާފައި ވަނީ؟! މާލޭ މީހުންގެ އައިޑީގައި މާލެސިޓީ ޖަހާދީފައި ރާއްޖޭގެ އެހެން ސިޓީ ތަކުގެ މީހުނަށް އެމީހުންގެ ސިޓީގެ ނަން އައިޑީކާޑް ގައި ނުޖެހުމަކީވެސް ތަފާތު ކުރުމަކަށް ނުވަނީތޯ؟'
ބޯހަލާކޫ
15 November 2025
މާލެ ކާކުގެ އައިޑީ ކާޑެއްގަ އޮންނަނީ މާލެ ސިޓީއޭ. މަގޭ ކާޑުގަ އޮންނަނީ ކ.މާލެ