ސިނގިރޭޓް މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ: އޭނާ ބަންދުކުރަން ކޯޓުން ވަނީ އަމުރު ކޮށްފައި --- ފޮޓޯ/ޕޮލިސް
16 ނޮވެމްބަރ 2025 - 10:55
އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު ސިނގިރޭޓް ކޮންޓެއިނަރުގެ މައްސަލާގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ ބަންގްލަދޭޝްގެ މުހައްމަދު އަލަމިން މިއާ، ކަމަށެވެ. އެއީ އެ މައްސަލާގައި ހައްޔަރުކުރި ފުރަތަމަ ބިދޭސީ މީހާ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސިނގިރެޓް ކޮންޓެއިނަރު ވަގަށް ނެގި މައްސަލަ މިދިޔަ މަހު ފެންމަތިވުމާއެކު، މިހާތަނަށް 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެކަމަށް ފަންޑުކުރި ކަމުގެ ތުހުމަތުވާ ދެ ވިޔަފާރިވެރިން ކަމަށްވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް އަދި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެ އެވެ.
އޭގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ އަދި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް އަދި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު ވެސް ވަނީ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 122 މިލިއަން ރުފިޔާ އަރާނެ އެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓް ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
16 November 2025
ހާދަ ބާރުގަދަ މީހެކޭ ތިޔަ ބަންގާޅުމީހަކީ. އޭނާގެ މުލައްދަނޑިއެކޭ ރުސްތުމްގެ މުލައްދަނޑިއެކޭ އެއްވަރު. 40 ފޫޓުގެ ދެ ކޮންޓެއިނަރު މުދަލާއެކު ވިއްޔާ ދެ އަތުން ހިފާދަމައިގެން ފައި އެ އެއްލާލީ 4 މޭލު ދުރުގައި އޮތް ތަލަފުއްޓަށް ވިއްޔާ. އެ ދެ ކޮންޓެއިނަރު ބުރު އަޅާފައި ގޮސްޖެހުނު ތަނުގައި ފައިތާޅަޔާ ހަމައަށް ގަނބައިގެން ކުދިކުދިވެފާވިއްޔާ އެއޮތީ. މުޅި ދިވެހީންގެ ލަޝްކަރު އެ ހިއްލަން އުޅެހެންވެސް ނުހިއްލިފައިވަނީ. ކަލޯ ނަމަނަމަ މޯލްޑިވްގާލަކާ ނުއިންނާތި.
ބަޑިތަކުރު
16 November 2025
ތިޔަ ވައްކަމުގެ ހުރިހާ ޒިންމާއެއް އެންމެފަހު ވަގުތު ތިޔަ ނިކަމެތި ބިދޭސީ މީހާ އުފުލައިގެން ކަންނިމި ބޮޑުންނަށް މޮޅުގޮތް ވެގެން އެހެން ކަންކަންވެސް ނިމޭގޮތަށް ތިކަންވެސް ނިމިގެންދިއުން ވަރަށް ގާތެވެ.
ކަންބަޅި2
16 November 2025
އެންމެ ފަހުން ގުރުބާންކުރާނެ ކަންބަޅި ހިފަން ފެށީ، އެއަރޕޯރޓުން ގެއްލުނު ޑޮލަރުމައްސަލާގަވެސް ދެން ހައްޔަރުކުރާނީ ބަންގާޅު ސޮރެއްކަންނޭގެ ކަންނޭގެ
ޑރ ވާންޗޯ
16 November 2025
މިފަހަރު ތިއޮތީ ދެކޮންޓެއިނަރ ކޮނޑުޖަހާލައިގެން ދިޔަމީހާއަތުޖެހިފަ، އަވަހަށް ގުރުބާންކޮށްފަ އާއްޓޭމެންދޫކޮށްލާ!!!!!