މިނިސްޓަރު ވިދާޅުވީ، ހާއްސަކުރާ ފްލެޓުތަކަށް ކުރިމަތިލާ މީހުންގެ ޝަރުތު ވެސް އިއުލާންކުރި އުސޫލުތަކަށް ފެތެން ޖެހޭނެ ކަމަށް
2018 ގައި ފްލެޓް ފޯމު ނަގަން ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
20 ނޮވެމްބަރ 2025 - 09:16
މާލޭ ސަރަހައްދުން ފްލެޓާއި ގޯތި ދޫކުރުމުގެ އުސޫލު ސަރުކާރުން މި ހަފުތާގައި އާންމުކުރުމާ އެކު، އެންމެ ގިނަ ބަޔަކު ކަންބޮޑުވި އެއް ކަމަކީ ކުރިން ވެސް އަމަލުކުރާ އުސޫލުގެ ތެރެއިން ވަކި އިދާރާއެއްގައި މަސައްކަތް ކުރާތީ ފްލެޓުތައް ހައްގުވާ ގޮތަށް ކަނޑައެޅުމެވެ. ގިނަ ބަޔަކު އުފެއްދި ސުވާލަކީ "އަހަރެން ފެތޭ ކެޓަގަރީއަކީ ކޮބައި ހެއްޔެވެ"؟ މި ބަހުސް އެކިއެކި ޕްލެޓްފޯމުތަކުގައި ކުރަމުންދާއިރު، ސުވާލަކީ ވަކި ބަޔަކަށް ފްލެޓް ހާއްސަ އުސޫލަކުން ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ބާވަ އެވެ.
މި ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހުކޮށް 7،500 ފްލެޓު ދޫކުރަން ވަނީ ހިމަނައިފަ އެވެ. އޭގެ ތެރެއިން ވަކި އަދަދެއް ދައުލަތުގެ އިދާރާތަކަށް ކޮންމެ ބުރެއްގައި ހާއްސަ ކުރާ ނަމަ ބޯހިޔާވަހިކަން އެންމެ ބޭނުންވާ މީހުން ލިސްޓުގެ ފަހަތަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވަކި ވަޒީފާއެއް އަދާކުރާތީ ފްލެޓް ލިބޭ ގޮތަށް އޮތުމުން، މާލޭގައި 30-40 އަހަރު އަމިއްލަ ހިޔާވަހިކަމެއް ނެތި އުޅޭ މީހާއަށް ވުރެ މަތިން މާކްސް ލިބި ފްލެޓް ހައްގުވާ ކަމަށް ކަނޑައެޅިދާނެ ގޮތަށް އޮތުމެވެ.
ބޯހިޔާވަހިކަމަށް ދިވެހިން ކެތްމަދުވެފައި އޮތް މިންވަރު ހާމަވާ ކަމަކީ އަބަދުވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ފައްޓާނެ އިރަކަށް އިންތިޒާރު ކޮށްލަ ކޮށްލާ ތިބޭ ތިބުމެވެ. ފްލެޓު ފަދަ މަޝްރޫއުއަކަށް ހުޅުވައިލުމާ އެކު، ބަރިބަރިއަށް ހުށަހަޅާ ފޯމުތަކުން ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ އޮތް މިންވަރު ވަރަށް ސާފެވެ. ކޮންމެ ފަހަރަކު ވެސް ހުޅުވާލާ މަދު ފްލެޓުތަކަށް އެދި ތިން ހަތަރު ގުނަ އިތުރަށް މީހުން ކުރިމަތިލަ އެވެ.
މި ސަރުކާރަށް ބަލާ ނަމަ އެންމެ އިސްކަންދީފައިވާ ސިޔާސަތަކީ ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް އެ ފުރުސަތު މި ވެރިކަމުގައި ފަހިކޮށްދީ، ހިތްހަމަޖައްސައި ދިނުމެވެ. އެއީ މި ވަގުތަށް ރާއްޖެ އަށް އެންމެ މުހިންމު ސިޔާސަތެވެ. އެކަމަކު، މާލޭގައި އާއިލާ ބިނާކުރި ޓެކްސީ ޑްރައިވަރަކަށް ވީތީ، މަސްވެރިއަކަށް ވީމަ ނުވަތަ ދައުލަތުގެ ވަކި އިދާރާއެއްގައި މަސައްކަތް ކުރީމާ ބަދަލެއްގެ ގޮތުގައި ފަސޭހައިން ފްލެޓް ލިބޭނެ ގޮތް ހަމަޖައްސާ ނަމަ ސަލާމަތެއް ނެތެވެ.
ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފްތިތާހުކުރުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސިފައިންނާއި ފުލުހުންނާއި މަސްވެރިންނާއި ޑްރައިވަރުންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ މުވައްޒަފުންގެ އިތުރުން ވެސް 23 އިދާރާއެއްގައި މަސައްކަތްކުރާ މީހުންނަށް ވަކި އަދަދަކަށް ފްލެޓު ވަނީ ކަނޑައަޅައިފަ އެވެ.
- ސިފައިންނަށް 100 ފްލެޓް
- ފުލުހުންނަށް 100 ފްލެޓް
- ޖުޑީޝަރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް 100 ފްލެޓް
- ސިވިލް ސާވިސް މުވައްޒަފުންނަށް 200 ފްލެޓް
- ރައީސް އޮފީހާއި މަޖިލިހުގެ އިދާރާގެ މުވައްޒަފުން ހިމެނޭ ގޮތަށް 25 އިދާރާއަކަށް 300 ފްލެޓް
ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނަށް އަދި އަމިއްލަ ވަކި ވަޒީފާއެއް އަދާކުރާ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ތެރެއިން މާލެ އިން ދޫކުރާ ވަކި އަދަދެއްގެ ފްލެޓުތައް ހާއްސަ ކުރުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ބޭނުމަކީ ވީހާ ވެސް ގިނަ ބަޔަކަށް ގެދޮރު ހޯދައިދިނުން ކަމަށެވެ.
އެކަމަކު، އެ ގޮތަށް ހާއްސަ ކުރާ ފްލެޓުތައް ދޫކުރާއިރު، އެ އޮފީހަކުން ނުވަތަ އެ އިދާރާއަކުން ފްލެޓަށް ކުރިމަތިލެވޭނެ މުވައްޒަފުން ކަނޑައެޅިޔަސް ހައުސިން މިނިސްޓްރީން އިއުލާން ކޮށްފައިވާ އުސޫލުތަކަށް ފެތެން ޖެހޭނެ ކަމަށެވެ.
"އެކަން އަޅުގަނޑުމެން ކަށަވަރު ކުރާނަން. އަޅުގަނޑުމެން މިނިސްޓްރީން ކަނޑައެޅި އުސޫލަށް ފެތޭ ބަޔަކަށް ނޫނީ ހާއްސަ ފްލެޓުތައް ވެސް ނުލިބޭނެ. އެ އިދާރާއެއްގައި މަސައްކަތްކުރި މުއްދަތަކާއި އެ ކަންކަމަށް އެ އިދާރާއަކުން ރިއާޔަތް ކުރާނެ. އެކަން ވެސް އަޅުގަނޑުމެން ވަރަށް ކައިރިން ބަލައި ޔަގީން ކުރާނަން،" މުއްތަލިބު ވިދާޅުވި އެވެ.
ވަކި އިދާރާތަކަށް ފްލެޓު ހާއްސަކުރި ކަމަށް "މިހާރު" ގައި ޝާއިއުކުރި ޚަބަރާ އެކު އާންމުންގެ ކަންބޮޑުވުންތައް އޮއްސާލި އެވެ.
އެ މައްސަލާގައި ނުރުހުން ފާޅުކުރި މީހަކު ބުނީ އާންމުން ބުރަ މަސައްކަތް ކޮށްގެން ދައުލަތަށް ޓެކްސް ފައިސާ ދެއްކުމުން އެ ފައިސާ އިން ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމާ އެކު، އެ ފައިސާ ހަރަދު ކޮށްގެން ހަދާ ފްލެޓުތައް ވެސް ދޭން މި ޖެހެނީ އެ އިދާރާތަކަށް ކަމަށެވެ.
ހުޅުމާލޭ 2 ގައި އިމާރާތްކޮށްފައިވާ ފްލެޓްތައް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެކަމުގައި ކަންބޮޑުވުން ފާޅުކުރި އެހެން މީހަކު ބުނީ ވަކި މުއައްސަސާއަކަށް ހާއްސަކުރުމުގެ ބަދަލުގައި ދިވެހި ރައްޔިތުންގެ ކެޓަގަރީއެއް ބޭއްވުމުން ނިމުނީ ކަމަށެވެ. ބޯހިޔާވަހިކަމުގެ ހައްގަކީ ވަކި އިދާރާއެއްގައި އުޅޭތީ ލިބޭ ހައްގެއް ނޫން ކަމަށާއި އެއީ ދިވެހި ރައްޔިތަކަށްވީތީ ލިބޭ ހައްގެއް ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.
"މުއައްސަަސާތަކަށް ފްލެޓް ހާއްސަކުރުމުގެ ބަދަލުގައި ޝަރުތު ހަމަވާ ދިވެހި ރައްޔިތުންގެ ކެޓަގަރީ އެކަނި ބޭއްވުމުން ނިމުނީ. ވަކި މުއައްސަސާއެއްގަ އުޅޭތީ ބޯހިޔާވަހިކަން ލިބޭކަށް ނުޖެހޭނެ. އެއީ ދިވެހި ރައްޔިތަކަށްވީތީ ލިބެންޖެހޭ ހައްގެއް،" ހިޔާލު ފާޅުކުރި މީހަކު ބުންޏެވެ.
އެހެން މީހަކު ކަންބޮޑުވުން ފާޅުކުރީ އާންމުންނަށް އަޅާ ފްލެޓުތަކުން ވެސް ފުލުހުންނާއި ސިފައިންނަށް ބައެއް ހާއްސަ ކުރާތީ އެވެ. ފުލުހުންނާއި ސިފައިންގެ ކުންފުނިން މިހާރު ވެސް ހުޅުމާލެ އެކެއްގައި އެ މީހުންނަށް ހާއްސަކޮށް ފްލެޓު އިމާރާތް ކޮށްފައި އެބަ ހުއްޓެވެ. އަދި ހިލޭ ކެއުމާއި ބޭސް ފަރުވާގެ ހަރަދުތައް ވެސް އެ މީހުންނަށް ލިބޭއިރު އެ އިދާރާތަކުގައި ވެސް ސިފައިންނާއި ފުލުހުންނަށް ތިބެވޭ ގޮތަށް ތަންތަން ހަދާފައި އެބަ ހުއްޓެވެ. އެކަމަކު އެ ވަރުން ވެސް ނުވެގެން އާންމުންނަށް އަޅާ ފްލެޓުން ވެސް "ބައި އަޅަންޖެހޭ" ކަމަށް ބުނެ އޭނާ ނުރުހުން ފާޅުކުރި އެވެ.
"ސިފައިންނާ ފުލުހުންނަކީ ދައުލަތުން ކާންދީ ބޯންދީ އަންނައުނުދީ އިސްތިރިކޮށްދީ، އުޅޭނެ ތަންދީ އަދި އެވަރު ނުވެގެން އާދައިގެ މީހާ އަށް އަޅާ ފްލެޓް ގަނޑުން ވެސް އެ މީހުންނަށް ވަކިން ހާއްސަކޮށް ދޭން ޖެހޭ ބައެއް. މީ އަޅެ އަޖައިބެއް ނޫންތަ،" ޚަބަރަށް ކޮމެންޓު އެހެން މީހަކު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ.
ވަކި ދާއިރާއެއްގައި އުޅޭ މީހުންނަށް މި ފަހަރު ފްލެޓު ހާއްސަކުރިއިރު މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދި ހައުސިން މިނިސްޓަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު ސަރުކާރުން ހިންގި ހިޔާ މަޝްރޫއު އިން ފުލުހުންނަށް ހާއްސަކުރި އެވެ.
ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އަލަތު ކައިވެނިކުރާ މީހުންނާއި އެކަނިވެރިމައިންނާއި ބަފައިންގެ އިތުރުން ދަފްތަރު ކެޓަގަރީ އަކާއި ނުކުޅެދުންތެރިކަން ހުންނަ އާއިލާތަކަށް ވަކި އަދަދަކަށް އޭރު ވެސް ފްލެޓު ދިނެވެ.
އޭގެ ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ވެސް ކަންތައް ކުރީ ހަމަ ބީދައިންނެވެ. ސަރުކާރުގެ އެކި ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަ އިމާރާތްތައް އަޅައި ފްލެޓުތައް ދޫކޮށް ނިންމައިލި އެވެ. އެތައް ހާސް ބަޔަކު ކިއޫގައި ތިއްބައި ވަކި ކުންފުންޏެއް، ސަރުކާރުގެ ވަކި އޮފީހެއްގެ މުވައްޒަފުންނަށް ވީތީ ފްލެޓު ލިބުނީ އެވެ.
ގެދޮރުވެރިޔާ ފްލެޓްގެ ދާއިމީ ލިސްޓުގައި ޕޮއިންޓް ދީފައިވާ ގޮތުގެ ތަފުސީލު ނުދީގެން އާންމުންގެ ބަޔަކު މިނިސްޓްރީގެ އިދާރާ އަށް އެއްވެ މުޒާހަރާކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މިގޮތަށް ވަކި ހާއްސަ ދާއިރާތަކަކަށް ފްލެޓު ދޭން ނިންމުމުން އޭގެ އެންމެ އެދެވޭ ނަތީޖާ ނާންނަ ކަމަށް މީހުން ގަބޫލުކުރާ ސަބަބަކީ ވެސް ހިޔާ ފްލެޓުން ފެނުނު މަންޒަރެވެ.
ވަކި ދާއިރާއެއް ކަނޑައެޅުމުން އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ކޮންމެ ގޮތަކަށް ހުއްޓަސް އަދި ދަރިއަކު ނެތަސް ފްލެޓު ލިބުމަށް މަގު ފަހިވެ އެވެ. މިސާލަކަށް ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އިއުލާނުކުރި 7،000 ފްލެޓަށް ކުރިމަތި މީހުންގެ ތެރެއިން އަލަތު ކައިވެނި ކެޓަގަރީއަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ލިބުނެވެ.
ސަބަބަކީ އަލަތު ކައިވެނި ކެޓަގަރީއަށް ކުރިމަތިލި މީހުންގެ އަދަދު، ފްލެޓުތައް ދިނުމަށް ނިންމާފައިވާ އަދަދަށް ވުރެ މަދުވުމެވެ. އެހެންވެ އެންމެމްނަށް އެ ފްލެޓު ވެސް ލިބުނީ އެވެ.
"މުއައްސަސާތަކަށް ފްލެޓް ބަހާލީމަ ނަރުސް ކުދިން، ދަރިއަކު ނެތް މީހުންނަށް ވެސް ފްލެޓް ލިބުނު ކުރިން ވެސް ތިހެން ހެދީމަ. އެކަމަކު އަހަރެމެން ދަރިންނާ އެކީ ގަނަ ތެޅެނީ ތަނެއް ނުލިބި،" އެ މައްސަލާގައި ނުރުހުން ފާޅުކުރި މީހަކު ބުންޏެވެ.
ހިޔާގެ ޓަވަރެއް: މި ތަންތަން ވެސް ދިނީ އެކި ކެޓަގަރީތަކަށް ބަހާލައިގެން.. ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެހެން މީހަކު ބުނި ގޮތުގައި، ހިޔާ ފްލެޓުން ސިވިލް ސާވިސް ކެޓަގަރީން ފްލެޓު ލިބުނު މީހުންގެ ތެރޭގައި ވެސް ދަރިން ތިބި މީހުން ތިއްބައި، މީހަކާ ދުވަހަކު ވެސް ނީނދެ ތިބި އަދި ދަރިއަކު ނެތް މީހުންނަށް ވެސް ފްލެޓު ލިބުނެވެ.
"އޭރު ހިޔާއިން ލިބުނު ދުވަހަކު މީހަކާ ނީންނަ ދަރިން ނެތް ކިތަންމެ ބަޔަކަށް ސިވިލް ސާވިސް ކެޓަގަރީން. ދެ ދަރިން ތިން ދަރިން ލިބިފަ ތިބި ކުއްޔަށް އުޅޭ ސްޓާފުންނަކަށް ނުލިބުނު،" ކަންބޮޑުވުން ފާޅުކުރަމުން އެހެން މީހަކު ބުންޏެވެ.
އޭގެ އިތުރުން ހިޔާ ފްލެޓު ލިބުނު މީހުންގެ ތެރޭގައި ރަށްރަށުގައި އޭރު ދިރިއުޅެމުން ދިޔަ އެތައް ބަޔަކަށް މި ފްލެޓުތައް ލިބުނެވެ. އެތައް ބަޔަކު ފްލެޓު ލިބިގެން މާލެ ބަދަލުވިއިރު އަނެއް ބަޔަކު މިތަން ބޭނުންކުރަނީ ޗުއްޓީގައި މާލެ އައުމަށް ފަހު ވަދެލާ ތަނެއްގެ ގޮތުގަ އެވެ. ނޫނީ ބޮޑެތި އަދަދުތަކުން ކުއްޔަށް ދޫކުރަނީ އެވެ.
މިގޮތަށް މި ދިމާވަނީ ހައްގުވެރި އެތައް ބަޔަކު ތިއްބާ، މި ގޮތަށް އެކި ދާއިރާތައް އުފައްދައިގެން އެ ދާއިރާތަކުން ބަޔަކަށް ފްލެޓް ދޭން އުޅުމުން ކަމަށް މީހުން ދެކެ އެވެ. އެހެންވެ، މިއިން ކެޓަގަރީއަކަށް ނުފެތި ބޯހިޔާވަހިކަމުގެ ހައްގުން ބަޔަކު މީހުން މަހްރޫމްވެ، ބޯހިޔާވަހިކަމުގެ މި މައްސަލައަށް މިއަދާ ހަމައަށް ކުޑަ ވެސް ހައްލެއް ނާދެ އެވެ. އެންމެން ބޯހިޔާވަހިކަމަށް ފެން ބޮވައިގެންފައި ތިއްބާ މި ގޮތަށް ވަކި ދާއިރާއެއް ކަނޑައެޅުން ހަމަ އިންސާފުވެރިތޯ ސުވާލު އުފެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަމޭރު
24 November 2025
ކޮމެންޓުކުރާ މީހުންނަށް ހުރީ ފުލެޓުވެސް ގޯތިވެސް މާލެއިން ލިބިފަ. އަދި ކޮންމެމީހަކުބުނާނެ ބިންބޮޑެތި ރަށްރަށުގަ ފްލެޓުއަޅާށޭ. އެއިންމީހަކަށްނުކެރޭ އެއިންތާކަށް ދާކަށް. އުޅޭނީ ބިދޭސީން. ބަލަ މުައައްސަސާތައް ބާކީކޮށްފަ ކުރީގެ ސަރުކާރުން ފުލެޓު ނުދޭތީއެއްނު ދޭން އެއުޅެނީ. އެމީހުންގެ ތެރޭގައިވެސް ފުލެޓު ހައްގުވާވަރު މީހުން ތިބިއްޔާ ދޭންޖެހޭނެ. މިދިޔަ ސަރުކާރުންވެސް ފުލެޓު ދީފަހުރީ މުޅިން ރަނގަޅަކަށް ނޫން. ސަރުކާރަށް ތާއީދުކުރާބަޔަކަށް ދިނީ
ރަން އިލޮށި
23 November 2025
ތިޔަ ހުރިހާ ކެޓަގަރީއެއް ހަދައިގެން މުޅި ދުނިޔޭގައި ތިބި އެންމެންނަށް ފްލެޓް ދިނަސް ނުދޭ ކެޓަގަރީ އެއް އޮންނާނެ އެއީ ޓީޗަރުން.. ރައީސް ޔާމިނު އަދި އިބޫ ސަރުކާރުގައި ނޫނީ އަދި ކުޑަވެސް މޮޅެއް ވެފަ ނެތް ޓީޗަރުންނަށް. ޔާމިނު ފްލެޓް ދެއްވި ޓީޗަރުންނަށް އަދި އިބޫ ސޯލިހު މުސާރަ ބޮޑުކޮށްދެއްވި.. މިހާރު ޓީޗަރުންނަށް ލިބެނީ ދޯކާ
ަދގދގެ
20 November 2025
ކެޓަގަރީ ތަކަކީ ހަދައިގެންވަނެއްއްޗެއްނޫން. މިގޮތަށް ވަކި މަސައްކަތްކުރާ ބަޔަކަށް ހާއްސަކުރީމަ އެންމެ ބެނުން ޖެހިފަ ހުންނަ މީހާ ވަނީބާކީ. ހިޔާ ފުލެޓާއެކީވެސް ބޯހިޔާވަހިކަމަށް ލިބެންވާވަރުގެ ލުޔެއްނުލިބުނީ އެންމެ ބެނުންޖެހޭ މީހާ ބަހައްޓާފަ ވަކިވަކި ކެޓަގަރީތަކަށް ބަހާލުމުގެ ސަބަބުން.
ޖަރީގޭޖަރީމާ
20 November 2025
ޖަރީމާތައް ހިންގުމަށް ފަސޭހައަކަށްކުރާކަމެއްތީ. އެހެރަ ހިޔާފުލެޓަށް ބެލިކަމުގައިވިއަސް އެތަނުން ހަބޭހަށް ވިޔަފާރިކުރާމީހުން އެބައުޅޭ. ދައުލަތަށް ހައެއްކަހާސް ރުފިޔާ ދައްކަންޖެހޭތަން 18، 17 ހާހަށް ކުއްޔަށްދީފައި އެބަހުރި. އަދި ތަނުގެވެރިފަރާތަށް އެހެންތަނަކުން ފުލެޓް ލިބި އެތަނުގައި އަރާމުގައި އުޅެމުން އަނެއްތަނުން ކުލިކައިގެންއުޅޭމީހުންވެސް މަދެއްނޫން. މިއިން އެއްވެސްކަމެއް ބަލަން ސަރުކާރުން ބޭނުމެއްނުވޭ.
އެކޮއި
20 November 2025
ހަމަހަމަކަން ޤާއިމްކުރުމުމަކީ މިޤައުމު ނުދަންނަކަމެއްގެ ގޮތުގައި މިހާރު ލޭބަލްވެނިމިއްޖެ. ހުރިހާކަމެއްވެސް އޮންނަނީ ރައީސްމީހާގެ ދުލުކުރީގައި. އެމީހާ ހަމަހަމައޭބުނީމާ އެވީހަމަހަމަ. ނުކުޅެދޭމީހާއަކީވެސް މިހާރު ކުޅެދޭމީހެއްކަމަށް ރައީސްގެ ދުލުން ބުނެފިއްޔާ އެމީހާ ކުޅެދޭމީހަކަށްބަދަލުވާނެ. ދުނިޔެއިން ގެދޮރުހޯދަން ނޫޅެ ސުވަރުގެ ހޯދުމަށްވެސް އެބޭފުޅުން ދަނީއިލްތިމާސްކުރަމުން. މިޤައުމުގައިގޭންގް ޝަރުޠުހަމަވާ ގުރޫޕެއްނެތޭބުނުމުން އެކަންވެސް އެހެންވެއްޖެ
ލަސް
20 November 2025
ޕްރޮފެޝަނަށް ބިނާކޮށް ގެދޮރުވެރިކަމުގެ ސިޔާތު ބައްޓަންކުރުމަކީ ކޮރަޕްޝަނުގެ މޭވާއެއް. ކަލޭމެން އެންމެން ތިބޭ މޮޅު ވާހަކަދައްކަން. މިގައުމުގެ ނިކަމެތިރައްޔިތުން ބިކަހާލުގަ ނިމިގެންދާއިރުވެސް ހަމަ އެއްވެސް ކަމެއް ނުކޮށް.
އޮނަރަބްލް އަފީފު ދީދީ
20 November 2025
ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖެ ފިޔަވާ ކޮން ޤައުމެއްގެ ވެރިރަށުގައިތޯ ސޯޝަލް ހައުސިންގ ސްކީން ހިންގާފައި ވެރިރަށުގައި ދިރިއުޅެނޭވެ ތަނަވަސްކަމާއި، ތަޢުލީމާއި، ރަނގަޅު އާމްދަނީ އެއް ހޯދޭނެ ސްކިލް އެއް ނެތް މީހުނަށް "ކަށިމައްޗަށް ޕޮއިންޓް ދީގެން" ފުލެޓް ދެނީ؟! ކ.މާލޭ މީހަކަށް ވިޔަސް ދައުލަތުގެ އެހީތެރިކަން ނެތި ބޯހިޔާ ވަހިކަން ހޯދެން ނެތް މީހުނަށް ދޭން ރާއްޖޭގެ އުތުރާއި ދެކުނުގައި ހުރި ބިން ބޮޑު ރަށްރަށުގައި ސޯޝަލް ހައުސިން ފުލެޓް ހަދާޒ
މައްޕަޅޭ
20 November 2025
އެއްވެސް އެއްޗަކަށް ނުބަލައި ފްލެޓް ދިނުމަށްވުރެ މިގޮތްވެސް ރަނގަޅުވާނެ. މިވާގޮތަކީ ރާއްޖޭގައި ފްލެޓަށް ނުވަތަ ބޯހިޔާވަހިކަމަށް އޮންނަ ޑިމާންޑު އިންތިހާއަށް ބޮޑުވެފައި ޑިމާންޑާ އެއްވަރަށް ފުލެޓު ނޭޅޭތީވެ ދިމާވާ މައްސަލައެއްމީ. ދެން މިޖެހެނީ ކޮންމެވެސް ޝަރުޠުތަކެއް ކަނޑައަޅައިގެން ކުރިމަތިލެވޭ މީހުންގެ އަދަދު މަދުކުރަން. ކަމެއް ނުކުރާ މީހަކަށްވުރެ ކަމެއް ކުރާ މީހަކަށް ފުލެޓު ދިނީމަތާ އެތަނަށް ދައްކަން ޖެހޭ ފައިސާކޮޅު ދެއްކޭނީވެސް.
ސައިދުބޭ
20 November 2025
އާ އަހަރަށް ރެޑީވާން 4000 ފުލެޓް ވަދެވޭނެތޯ, ކޮބާތަ ހޮވި މަޖްލީސް މެންބަރުން މިޔަށް ޖަވާބެއް ހޯދާލަދީބަށް
ދެނޯ
20 November 2025
ވަކި ދާއިރާއަކަށް ސަރުކާރުން ބޮޑެތި ސަބުސިޑީ ދޭންޖެހޭތަ. ބަޔަކު ނޫސް ހަދައިގެން އުޅުނީއޭކިޔާފަ ކޮންމެ ނޫހަކަށް ސަރުކާރުން މިލިޔަނުން ލާރި ދޭންޖެހޭތަ؟ އެހެންވީމަ ކޮންމެ ވިޔަފާރިއަކަށްވެސް ސަރުކާރުން ފައިސާ ދޭންވީނު.