އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނިއު ޔޯކްގެ މޭޔަރުކަމަށް އިންތިހާބުކޮށްފައިވާ ޒަހްރާން މަމްދާނީ އޯވަލް އޮފީހުގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
22 ނޮވެމްބަރ 2025 - 06:29
ނިއު ޔޯކްގެ މޭޔަރުކަމަށް އިންތިހާބުކޮށްފައިވާ ޒަހްރާން މަމްދާނީއަށް މީގެ ކުރިން ބަހުގެ ހޫނު ހަމަލާތަކާއި އިންޒާރުތައް ދެއްވާފައި ވިޔަސް އޭނާއާ އެކު އޯވަލް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު އެމެރިކާގެ ރައީސް ޑޮނަލަޑް ޓްރަމްޕު އުންމީދީ ވާހަކަތަކެއް ދައްކަވައިފި އެވެ.
ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް ޓްރަމްޕު ވިދާޅުވީ މިއީ "ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް" ކަމަށެވެ.
އެމެރިކާއަށް ހިޖުރަކުރި ޝިއައީ މުސްލިމެއް ކަމަށްވާ މަމްދާނީ އަކީ "ޖިހާދީ ފިކުރު" ގެ ބޭފުޅެއް ކަމަށާއި އޭނާގެ ރަށްވެހިކަން ވެސް އަތުލާނެ ކަމަށް ވިދާޅުވެ ޓްރަމްޕު ވަނީ މޭޔަރުކަމުގެ އިންތިހާބުގެ ތެރޭގައި އިންޒާރު ދެއްވައިފަ އެވެ. އަދި މަމްދާނީގެ އާދަޔާ ހިލާފް ކާމިޔާބީއަށް ފަހު ޓްރަމްޕު ވަނީ އެމެރިކާގެ "އިސްތިގުލާލް ގެއްލިއްޖެ" ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެކަމަކު މަމްދާނީއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ދެއްކެވީ އެހެން ވާހަކަތަކެކެވެ.
"މިއީ ވަރަށް ރަނގަޅު، އުފެއްދުންތެރި ބައްދަލުވުމެއް. އަޅުގަނޑުމެން ދެ މީހުން އެދޭ އެއް ކަމެއް އެބަ އޮތް. އެއީ އަޅުގަނޑުމެންގެ މި އަމިއްލަ، ލޯބިވާ ނިއު ޔޯކަށް ހުރިހާ ކަމެއް ވެސް ރަނގަޅުވުން،" ނިއު ޔޯކްގައި އުޅެ ބޮޑުވި ޓްރަމްޕު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނިއު ޔޯކްގެ މޭޔަރުކަން ކާމިޔާބު ކުރެއްވުމަށް މަމްދާނީ ކުރެއްވީ ވަރަށް ފުރިހަމަ ކެމްޕެއިނެކެވެ. އަދި އެއީ ފުރިހަމަ ކާމިޔާބީއެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނިއު ޔޯކްގެ މޭޔަރުކަމަށް އިންތިހާބުކޮށްފައިވާ ޒަހްރާން މަމްދާނީ އޯވަލް އޮފީހުގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
މަމްދާނީ ވިދާޅުވީ ޓްރަމްޕާ އެކު ބޭއްވެވި ބައްދަލުވުމުގައި، އިންތިހާބުގެ ކެމްޕެއިންގައި އަސާސީ ހިދުމަތްތަކާއި މުދަލާއި ކުލި ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ވެފައިވާ ވައުދާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. ޓްރަމްޕު ވިދާޅުވި ފަދައިން މަމްދާނީ ވެސް ވިދާޅުވީ މިއީ އުފެއްދުންތެރި ބައްދަލުވުމެއް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޓްރަމްޕާއި އަޅުގަނޑު ވިސްނުން ވަރަށް ސާފު. އަޅުގަނޑުމެންގެ ބައްދަލުވުން ބިނާވީ އަޅުގަނޑުމެންގެ ދެމެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ މައްޗަކަށް ނޫން، އެކަމަކު ނިއު ޔޯކުގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އަމާޒަށް. އެހެންވެ އެކަން އަޅުގަނޑު ފާހަގަކުރަން،" މަމްދާނީ ވިދާޅުވި އެވެ.
މަމްދާނީއާ ދެކޮޅަށް ކެމްޕެއިން ތެރޭ ޓްރަމްޕު އެތައް ވާހަކައެއް ދެއްކެވި އެވެ. ވޯޓުލާން އެއް ދުވަހަށް ވެފައި ވަނިކޮށް ޓްރަމްޕު ވަނީ މަމްދާނީ ހޮވައިފި ނަމަ ފެޑެރަލް ސަރުކާރުން ނިއު ޔޯކަށް ދޭ ފައިސާގެ އަދަދު ވަރަށް ބޮޑަށް މަދުކޮށް ދަތިކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.
"މަމްދާނީ ކާމިޔާބުކޮށްފި ނަމަ ފެޑެރަލް ފަންޑުން، ދޭންޖެހޭ ފައިސާއިން ކޮންމެހެން ދޭންޖެހޭ، ކުޑަ ފައިސާކޮޅެއް ނޫނީ ނިއު ޔޯކަށް ދިނުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއް،" އިންތިހާބުގެ ވޯޓުލުން ފަށަން ތައްޔާރުވެފައި ވަނިކޮށް ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވި އެވެ.
އެމެރިކާއަށް ހިޖުރަކުރި، ޝިއައީ މުސްލިމެއް ކަމަށްވާ މަމްދާނީގެ ކާމިޔާބީއަށް ފަހު ޓްރަމްޕު ދެއްވި ތަގުރީރެއްގައި ވިދާޅުވީ ނިއު ޔޯކްގެ ކޮމިއުނިޒަމަށް ފިލަންދާ މީހުންނަށް ހިމާޔަތް ލިބޭ ސިޓީއަކަށް ދެން ވާނީ ފްލޮރިޑާ ކަމަށެވެ.
މަމްދާނީ އަކީ ޕްރޮފެސަރެއް ކަމަށްވާ މަހްމޫދު މަމްދާނީ އާއި ފިލްމު އުފައްދާ މީހެއް ކަމަށްވާ މީރާ ނައިރްގެ ދަރިއެކެވެ. މަމްދާނީގެ ބައްޕަ އަކީ ޔުގެންޑާއަށް އުފަން އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އަދި މަންމަ އަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެކެވެ. ޔުގެންޑާގައި އުފަންވި މަމްދާނީ ގޮވައިގެން އޭނާގެ މައިންބަފައިން އެމެރިކާއަށް ބަދަލުވީ އޭނާގެ އުމުރުން ހައެއްކަ އަހަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަރިޝް
23 November 2025
ޓްރަމޕް މަމްދާނީ އަށް އެއްވެސް އިހްތިރާމެއް ނުކުރާކަން މަތިގައިވާ ފޮޓޯއިން ފެނިއްޖެ ސަލާމްކޮލަން ކޮޅަށްވެސް ތެދުވެ ނުލާ!
ޕުކާރޫ
22 November 2025
2030 އަންނަންވާއިރު މުޅި ޔޫރަޕް އާއި އޭޝިއާ ޕެސިފިކް އަދި އެމެރިކާ ބައްރާއި އަދި ޔޫއެސްގައި ވެސް ވެރިކަން ކުރާނީ އިންޑިއާ މީހުންނޭ މިކަމަކީ އިންޑިއާ މީހުންގެ މިންނެތް މަސައްކަތުން އެެމެން ވަމުންދާ ގުރުބާނީ ފަހަތުގައިވާ ކާމިޔާބޭ އިންޑިއާ މީހުން ކުރާ މަސައްކަތް ދުނިޔޭގައި ދެން ކުރެވޭނީ ބަންގްލާދޭޝް މީހުންނަށް އެކަނިއޭ ދެން ދުނިޔެއަކު ނެތޭ އެހާބުރަކޮށް މަސައްކަތް ކުރާ އިންސާނުންތަކެއް އެއީ ގްލޯބެލް ހިއުމެން އެފަރޓް އިންޑެކްސް ޑޭޓާ އިން ފެންނަ
މަންދައްތަ
22 November 2025
ޓްރަމްޕް އަކީ ބޮލުގެ ކޫދެއް.. އަފިރިންގެ ގައުމުގަވެސް ގިނައީ މިގޮތަށް ބޮލުން އުޅޭ ކޫދުން
ހާނޖީ
22 November 2025
ގިނަމީހުންނަށް ވަރަށް ބޮޑާ ކަމުނުދާމީހަކަސް އޭނާގެ ނިންމުންތަށް އޭނައާއި އެނާގެ ވިޔަފާރިތަކަށް ވަރަށް ކާމިޔާބު ކަމަށް ބެލެވޭ. މަމްދާނީ ދެކެ ކިތަންމެ ރުޅިއެރިޔަސް މިކަމުގައިވެސް އޭނާގެ ނިންމުމުން އެނގެނީ އޭނާއަކީ ބޮލުން ކުޅެން އެނގޭ މީހެއްކަން. އެމެރިކާ އެދަނީ ހުރިހާގޮތަކުންވެސް ވެއްޓެމުން. މިކަން ގިނަމީހުންނަށް އަދި ޓްރަމްޕް އަށްވެސް އެނގޭ. ދެން ބޯރަނގަޅު ވިޔަފާރިވެރިން އަބަދުވެސް ބަލާނީ ލިބުނުފުރުސަތުގައި ނެގުނު ފައިދާއެއް ނަގަން.
އަހްމަދު މުހައްމަދު އަލީ
22 November 2025
ބޮޑައި ކަމާއި ކިބުރުވެރިކަން މި 2 ފޮޓޯއިން ވެސް އެބަ ފެނޭ .
ބޮޑުބެގެ ބެއްޔާ
22 November 2025
ބޮޑައި ކަމެއްނޫން. ބޮޑާކަން. އަލިފު އިބިފިލިވެސް ބޭނުންކުރަން ނޭންގޭ މިހާރު ބައެއް ކުދިންނަށް.
ހސވސ
22 November 2025
ހިޔަޅަކީ އެކަހަލަ އެއްޗެއް.