އެކި މައްސަލަތަކުގައި ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ސިނގިރެޓް ނައްތާލަނީ: ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ހުރި 31 ކާޓަންގެ ސިނގިރެޓް ގެއްލުނު މައްސަލައެއް އަންނަނީ ތަހުގީގުކުރަމުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 ނޮވެމްބަރ 2025 - 11:02
ވަކި ދެ މައްސަލައެއްގައި ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 31 ކާޓަންގެ ސިނގިރެޓް ގެއްލިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 32 ކާޓަންގެ ސިނގިރެޓް ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން ހަ ކާޓަންގެ ސިނގިރެޓް މަދުވެފައިވާ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ 32 ކާޓަންގެ ސިނގިރޭޓަކީ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ތަކެތީގެ ތެރެއިން ހަ ކާޓަންގެ ސިނގިރެޓް މަދުވެފައިވާކަން އެނގުނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް މި މަހުގެ 12 ވަނަ ދުވަހު ބެލުމުން ކަމަށެވެ.
އެކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް، އެހެން މައްސަލައެއްގައި ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 25 ކާޓަންގެ ސިނގިރެޓް މަދުވެފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ 25 ކާޓަންގެ ސިނގިރޭޓަކީ ދެ ބިދޭސީއެއްގެ އަތުން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 23 ވަނަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެއްޗެވެ.
އެ މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަތައް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަތަކުގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، މެންޗެސްޓާ ބްރޭންޑުގެ 31 ކާޓަންގެ އެ ސިނގިރޭޓަކީ ފުލުހުން ތިލަފުށިން ހޯދާފައިވާ ތަކެއްޗެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރެޓް ގެއްލުނުއިރު، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުރި 13.6 މިލިއަން ސިނގިރެޓް ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. ސިނގިރެޓް ކޮންޓެއިނަރު ވަގަށް ނެގި އެ މައްސަލަ މިދިޔަ އޮކްޓޯބަރު މަހު ފެންމަތިވުމާ އެކު، ފުލުހުން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އެކަމަށް ފަންޑުކުރި ކަމުގެ ތުހުމަތުވާ ދެ ވިޔަފާރިވެރިން ކަމަށްވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް އަދި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަކުރުުބޭ
23 November 2025
އެހެންވީމާ ގަވާއިދާ ކިލާފުވެގެން ހިފަހައްޓާ ތަކެތި ބަހައްޓަން ވަކި ކާއްޞޮ ތަނެއްހަދާ އެތަން ބެލެހެއްޓުން ހަތިޔާރުއެޅި ސިފައިންނާ ހަވާލުކުރަންވެއްޖެ ކަމުގައިދެކެން. މިކަންކަން މިދަނީ ގައުމީސަލާމަތަށް ނުރައްކާވަމުން. ވިލިމާލޭ ޕޮލިސްގެ ދަށުގައި ބަހައްޓަން ޖެހުނީ ޕޮލިހުންގެ އިދާރާގައި ބަހައްޓާނެ ޖާގަނެތިގެންތޯ؟ މިހާރު އަޑުއިވެނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި. އެމްޕީއެލް ދަށުގައި އިމިގްރޭޝަންގެދަށުގައި މިހެންގޮސް އެތަންމިތާ. އޮވެދާނެ ގޮދަޑި ދަށުވެސް.
ޕްރޭމްޗޯޕްރާ
23 November 2025
ޕޮލިސް ބެލުމުދަށުގައިހުއްޓާ މިގެއްލެނީ، ވައްކަމުގެ ހައްދެއް ނެތެއްނު
ގުއިއްޒު
23 November 2025
ވިލިމާލެ ޕޮލިހަށް ސިގިރެޓް ވަންނަ ގޮތެއް ބަލަން ވެއްޖެނުން. އެމީހުން ފޭރިގަނެގެން އަތުލާ ސިގިރެޓް ތަކެއްތަ އެއީ.
އަބްޑޫޅް +
23 November 2025
ފުލުހުންތެރޭ، ހަމަކަށަވަރުންވެސް 31 ކާޓޫނަށް ވުރެން ގިނަ ކާޓޫނު އުޅޭނެ.
އަބްޑޫޅް +
23 November 2025
ފުލުހުންތެރޭ އުޅޭ ކާޓޫނުންގެ ބަޔަކު، ތިޔަ ކާޓޫނުތައް ވަގަށްނެގީ ކަން ކަށަވަރު. މުޖައްރިބު.
ބޮޑުސޯބާއި ކުޑަސޯބު
22 November 2025
ކުރީދުވަހު ކިއި ހަބަރެއްގައި އޮތި ފުލުހުންގެ ކޮންމެވެސް އޭސީޕީ އަކަށް ކޮށްފައި ހުރި ލަދު ހުތުރު ކަންތައްތަކެއްގެ ތުހުމަތު ތަކެއްގެވާހަކަ... އެވެސް ފުލުހުއެއް އެކަމަކު އާދައިގެ ފުލުހުއް ނޫން... ބޮޑެތި ސޯބު އެނބުރޭ ގޮތް އަހަރުމެންނަށް ފެންނައިރު ޅަ ސޯބުތައް އެނބުރޭނެ ގޮތް ނިކަން ވިސްނާ! ފުލުސް ގެއެއް ވާ ނެތް!... ދިވެހިރައްޔިތުން ލަދުން ދެފައިކައިރިކޮށްލަން ނުކެރިފައި މިތިބެނީ ފުލުހުންގެ ކަންތައް މިހުރި ހިސާބުން... ކުދިންނޭ މި ރަނގަޅުކޮށްލަބަލަ...
ވަންޗޫ
22 November 2025
މީ ވަގުންގެ ރާއްޖެ! މިރާއްޖޭގެ ޕޮލިހުންގެ ތެރޭގައާއި ވިޔަފާރިވެރިންގެ ތެރޭގައި މިއޮތީ ބިޑި ސުއްޓާ ސިނގިރޭޓް އަދި ތެޔޮ ހަކުރުގެ ވަގު ވިޔަފާރި! ވަގުންގެ ތެރެއިން ވަގުވަދެގެން މިހާރު މިދަނީ! ވަގު ހިފައިގެން އަތުލައިގަނެގެން ގެންދާ މުދާކޮޅު އަނެއްކަ ޕޮލިސްވަގުން މިވައްގެންދަނީ!
ކޮސް
22 November 2025
މިނިސްޓަރު އސްތިއުފާ ދޭންޖެހޭ ކަމެއް މިއީ. ޑިމޮކުރަސީގެ އުސޫލަކީ ތިމާއަށް ކަންކަން ނުވާކަން އެނގޭ ހިސާބުން އަމިއްލައަށް އިސްތިއުފާދިނުން.
ސޭކްސްތާން
22 November 2025
މިއޮތީ ގައުމު ކުއްލިހާލަތަކަށް އަންނަންޖެހިފައި، މި އޮތީ އެބުނާ ޕޮއިންޓް އޮފް ނޯ ރިޓާންގައި. ގައުމެއް ނެތް އޮތީ ހުސް ތޮށިގަޑެއް.
ނޮޓް
22 November 2025
މުޅި ރާއްޖޭގައި ކޮރަޕްޝަން. ވެރިކަމަށް އަރާ ޕާޓީތަކުގެ މީހުންނަށް ކަމެއް ނުވޭ. ރައްޔިތުން ވެއްޖެ މިކަމާ ވިސްނަން.