އެކި މައްސަލަތަކުގައި ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ސިނގިރެޓް ނައްތާލަނީ: ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ހުރި 31 ކާޓަންގެ ސިނގިރެޓް ގެއްލުނު މައްސަލައެއް އަންނަނީ ތަހުގީގުކުރަމުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 ނޮވެމްބަރ 2025 - 15:10
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި 31 ސިނގިރޭޓް ކާޓަން ގެއްލުނު މައްސަލައާ ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފި އެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ އެ އިދާރާގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާ ހިލާފު ކޮންމެ ކަމަކީ ބޮޑު އިސްކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅާނެ ކަންކަން ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"އަދި މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަން ޖެހޭ އަހުލާގައި ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެކެވެ، ވީމ،ާ މިކަމުގައި ބައިވެރިވެފައިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން މި ހިދުމަތުން ކުރާނެ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ އެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް، އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް އެ އިދާރާއިން ފުރުސަތު ނުދޭނެ ކަމަށެވެ.
ފުލުހުންގެ ހުރިހާ މުވައްޒަފުންނަކީ ވެސް ޖަވާބުދާރީވުމާއި ނަޒާހާތްތެރިކަން ހިފަހައްޓައި، ސާބިތުކަމާ އެކު ދެމިތިބޭ އިހުލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ އެ މުއައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަންކުރަމުން އަންނަ މައިގަނޑު އަމާޒު ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، ވަކި ދެ މައްސަލައެއްގައި ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 31 ކާޓަންގެ ސިނގިރެޓް ވަނީ ގެއްލިފަ އެވެ.
އެއީ، ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ބިދޭސީއެއްގެ އަތުން މިދިޔަ މެއި މަހުގެ 23 ވަނަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 32 ކާޓަންގެ ސިނގިރޭޓުގެ ތެރެއިން ހަ ކާޓަން އާއި ދެ ބިދޭސީއެއްގެ އަތުން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 23 ވަނަ އެ ސްޓޭޝަނަށް ގެންދިޔަ 25 ކާޓަންގެ ސިނގިރޭޓެވެ.
އެ މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަތައް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، މެންޗެސްޓާ ބްރޭންޑުގެ 31 ކާޓަންގެ އެ ސިނގިރޭޓަކީ ފުލުހުން ތިލަފުށިން ހޯދާފައިވާ ތަކެއްޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
24 November 2025
ތިކަން އެކަނިތަ! ދިވެހިރާއްޖޭގެ އިންޓަނޭޝަނަލް ވައިގެ މައިބަނދަރު ގެ ޓާމިނަލް ތެރެއަށް ދެސޮރަކު ވަދެ ޑޮލަރު ދަބަހެއް ފޭރިގަނެގެން ދިއުން ބަލައިގަނެވޭތޯ، ތިޔަ ގެއްލުނު ސިނގިރޭޓަށް ވުރެ މާނުރައްކާތެރި މަބޮޑުކަމެއް އެއީ، އެއްޗެއް ހިތަށް އަރާތަ، އެހެންވީމަ ރައްޔިތުން ކިޔަނީ ޑްރާމާ ކުޅެނިއްޔޭ، ޑޮލަރު ފޭރުން ތީވެސް ހަމަ ފިލްމެއް، މިހާރު އެ ފިލްމުގެ ދިއެންޑް އަޅުވާނެ ގޮތެއް ރާވަމުން ތިިދަނީ.
އެކަލޯ
23 November 2025
ދެނޯ ؟
ނާމްދި ކާނޫ
23 November 2025
މިފަހަށް އައިސް ފުލުހުންގެ މުވައްސަސާ ވަރަށް ފަހަތަށް ގޮސްފި، ތިޔަތަނުގެ ބޮޑު ސޯބުތަށް ބަދަލުކޮށްގެން ކަމެއްވާނީ!
ޖަރީމާ ސާވިސް؟
23 November 2025
ގާނޫނު ތަންފީޒު ކުރަން އޮތް ތަނޔގެ ހާލު ދެއްތޯ. ދިވެހި ދިދަ ކަރުނަ އަޅާ ރޮނީ. އެ ދިދައިގެ ލޮލުން ކަރުނަ ނުހިކޭ ތިތަނުގެ މީހުންގެ ވިޔާނުދާ ކަމުން
ބަޑިތަކުރު
23 November 2025
ވައްކަން ކުރީމާ މަގާމުގެ ރޭންކެއް ދަށްކޮށްލުމަކީ ފިޔަވަޅު އެޅުމެއްނޫނެވެ. ވަޒީފާއާބެހޭ ގާނޫނުގައި އެހެން މުވައްޒަފުން އެވަރުގެ ކަމެއް ކޮށްފިނަމަ ވަގުތުން އިތުރު އިންޒަރަކާ ނުލާ ވަކިކުރެވޭގޮތަށް އޮންނައިރު ފުލުހުންނަކީ އެފަދަ ކަމެއް ކޮށްފިނަމަ އެއަށްވުރެވެސް ހަރުކަށިކޮށް އަމަލުކުރެވެންޖެހޭ ބަޔެކެވެ. އެހެންނުވާތީ 40 ފޫޓްގެ ކޮންޓެއިނަރވެސް ނިޒާމުން ގެއްލުވާލުމަކީ ދަތިކަމަކަށް ނުވާނެއެވެ.
ރައުޔު
23 November 2025
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެގެން ނުވާނެ، ކުޑަކޮށްވެސް ބަލައި ނުލައި ދޫކޮށްލާ!
ބުނީ
23 November 2025
ރާއްޖޭގެ އެންމެ ގިނަ ފުލައިޓް ޖައްސާ ޑޮމެސްޓިކް އެއަރ ޕޯރޓް އޮންނަ ރަށުގައި ހުންނަ ޕޮލިހުންގެ އުޅޭގެއިންނޭ ކިޔާ އެންމެ ގިނަ ޑީލް ތައްކުރަނީ. ދަރިންބަލާ ސުކޫލުއަށް ދަނީ ޕޮލިސްކާރުގައި. ވޭޕް ބޯންތިބޭނީ ޕޮލިސް އާއި އެކީ އެއްމޭޒުގައި
ނަން..
23 November 2025
ފުލުހުން ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި އާމެދު ސައްކު، ފުލުހުން މަސްތުވާތަކެތި ނަތާލަނީއޭ ބުނީމަ އެއީ އަސްލު މަސްތުވާތަކެތި ކަންވެސް ސައްކު. ފުލުހުންގެ ފެލިޔަރ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށުން، ޑޮލަރ ގެއްލުން، ސިގިރޭޓް ގެއްލުން،، މީހުން މެރުމުގައި ދީފަ ހުރި ބަޔާން ލީކްވެ ބަޔާންދިން މީހުން ބިރު ގުރޫޕްތަކުން ދިނުން. ބަރަހަނާ ފޮޓޯ ލީކް ކޮއް ކުދިންނަށް ގުޅައި ޖިންސީ އެދުމަށް އެދުން. ފައިސާއަށް ވިއްކި ހުސްވުން.
ޖަންބު
23 November 2025
ތި އެއްބަސް ވެވުނީ ނޫންތޭ ފުލުސް އޮފީސް ތެރޭގައި ޔުނީފޯމް އަޅައިގެން ކުށް ވެރިންނާ އަހުލާގެއް ސުލޫކެއް ނެތް މީހުން ތިބި ކަމަށް! ޝުކުރިއްޔާ ލޮލް
ބަކުރުު
23 November 2025
ފުލުހުން ނެރުނު ބަޔާން. ފުލުހުންބުނިގޮތުގައި، ފުލުހުން މީ ކޮން ފުލުހުންތަކެއްގެވާހަކަބާ؟ ނޫނީ ކޮންފުލުހުންނެއް ނެރުނުބަޔާނެއްބާ؟ މިހާރު މުޅިރާއްޖޭގައި ފުލުހުން އެބަތިބިކަމަށްވަނީ. ބަޔާން ނެރޭބަޔަކުވެސް ނޫނި ނޫސްވެރިންވެސް ވެއްޖެ ތަންކޮޅެއް ރަނގަޅަށް ކަންކަންކުރަން.