ރާއްޖެ އާއި ސައުދީއާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކުރަނީ: އެ އެއްބަސްވުމުގެ ދަށުން ޝަރުއީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދީ އަދި ފަންނީ ގާބިލްކަން އިތުރުކުރަން ތަމްރީނުތައް ދިނުމަށް ހަމަޖެހިފައިވޭ --- ފޮޓޯ/ސުޕްރީމް ކޯޓް
23 ނޮވެމްބަރ 2025 - 18:34
ޝަރުއީ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ސޮއިކޮށްފި އެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓާއި ސައުދީގެ ޖަސްޓިސް މިނިސްޓްރީއާ ދެމެދު މިއަދު އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސައުދީގެ ވެރިރަށް ރިޔާޒްގައި ކުރިއަށް ދާ އިންޓަނޭޝަނަލް ޖުޑީޝަލް ކޮންފަރެންސްގެ ތެރެއިންނެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
ސައުދީ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޖަސްޓިސް މިިނިސްޓަރު ޑރ. ވާލިދް އަލް ސަމާނީ އެވެ.
ސުޕްރީމް ކޯޓުން ބުނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ޝަރުއީ ދާއިރާއާ ގުޅުންހުރި ގާނޫނީ އަދި އިދާރީ އުސޫލުތައް ހަރުދަނާކޮށް، ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޕްރޮފެޝަނަލް ކަމާއި ގާބިލްކަން ތަރައްގީކޮށް، ކުރިއެރުވޭނެ ކަމަށެވެ.
މީގެ އިތުރުން ޝަރުއީ މަސައްކަތްތައް ކުރުމުގެ އުސޫލުތަކާއި ނިޒާމުތައް ހަރުދަނާ ކުރުމާއި އެ ދާއިރާއާ ގުޅުންހުރި މައުލޫމާތާއި ތަޖްރިބާ އަދި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ މައުލޫމާތުތައް ވެސް އެ އެއްބަސްވުމުގެ ދަށުން ދެ ގައުމުން ހިއްސާ ކުރާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ފަންނީ ކޮންފަރެންސްތަކާއި ތަމްރީން ޕްރޮގްރާމްތަކުގެ އިތުރުން ފަންނީ މާހިރުންގެ ތަޖްރިބާތަކާއި ހުނަރުތައް ވެސް ހިއްސާކޮށް، މަޝްވަރާ ބައްދަލުވުންތައް ބާއްވާނެ އެވެ.
އެއީ ރާއްޖޭގެ ޖުޑިޝަރީން އިސްލާމީ ގައުމެއްގެ ޝަރުއީ ދާއިރާއާއެކު ހެދި ފުރަތަމަ އެއްބަސްވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބުދުލް ޤާދިރު
24 November 2025
ގިނަ ޤައުމުތަކާއެކު ގިނަ ފަހުދުނާމާގައި ސޮއިކޮށް ރައީސް ވިދާޅުވީމާ ވިދާޅުވާ ގޮތަކަށް ޙުކުމްޖަހާ ފަނޑިޔާރުން ކޯޓުތަކަށް ލެއްވީމާ އެ އޮތީ އަދުލު އިންސާފު ގައިމު ކުރެވިފައި
ކުދުބެއްޔާ
23 November 2025
މަރުގެ ހުކުމް ތަންފީޒްކުރާނެ ގޮތުގެ މައުލޫމާތު ބަދަލު ކުރެވޭނެކަމަށް އުއްމީދު ކުރަމެވެ.
ބާބަކަލޯ
23 November 2025
މިއެއްބަސްބުންހެދީމާ މަރުގެހުކުން ތަންވީޒުކުރެވޭނެބާ؟