ރިޕޯޓް

ފުލުހުންގެ ބެލުމުގެ ދަށުން ހެކި ގެއްލުން: މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟

ޝަތީހު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް އެކި މައްސަލަތަކުގައި ގެންދާ ހެއްކަކީ އޭގެ ރައްކާތެރިކަން ދެމެހެއްޓުމަށް ވަކި އުސޫލުގެ ތެރެއިން ބެލެހެއްޓޭ އެއްޗެއް ކަމަށް.

ފުލުހުންގެ ދިދަ: ހެކީގެ ގޮތުގައި ނަގާ ސާމާނު ފުލުހުންގެ ތެރެއިން ގެއްލޭ މައްސަލަ ވަނީ ބޮޑުވެފައި.. -- ފޮޓޯ: މިހާރު

ކުށުގެ ވެށިން ހެކީގެ ގޮތުގައި ފުލުހުން ނަގާ ތަކެތި އެ އިދާރާގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލޭ މައްސަލާގައި އާއްމުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތެވެ. ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ ފުލުހުންގެ އިދާރާގެ ތެރެއިން ހެކި ގެއްލުމަކީ ސީރިއަސް މައްސަލައެކެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި، ފުލުހުންގެ ތިޖޫރީން 30،000 ޑޮލަރު (462،600ރ.) ގެއްލުނު މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ފުލުހުން ތަހުގީގު ކުރި މައްސަލައެއްގައި އަތުލާފައިވާ އެ ޑޮލަރު ގެއްލިގެން ފާޑުކިއުން އަމާޒުވެފައި ވަނިކޮށް މި ފަހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރެޓް ކާޓަންތަކެއް ގެއްލިފަ އެވެ.

ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަންގެ ސިނގިރެޓް ގެއްލުނު މައްސަލާގައި ގިނަ ބަޔަކު އުފެއްދީ އިތުބާރުގެ ސުވާލެވެ.

ފުލުހުންގެ މުއައްސަސާއަށް އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ؟

މިވަރުން އެހެން ބައެއްގެ މުދަލަށް ފުލުހުންނަށް ރައްކާތެރިކަން ފޯރުކޮށްދެވޭނީ ކިހިނެއް ހެއްޔެވެ؟ ސީސީޓީވީ ހުންނަ އަދި 24 ގަޑިއިރު ފުލުހުން ތިބޭ ތަނެއްގައި ސިނގިރޭޓު ކާޓަންތައް ހިފައިގެން ހަމަ ކޮންމެ ކޮންމެ މީހަކަށް ނުކުމެވިދާނެ ހެއްޔެވެ؟ މިއީ އާންމުން މިހާރު އުފައްދާ ސުވާލުތަކެވެ.

"ފުލުހުން ވައްކަން ކުރަން ފެށީމަ ދެން ކިހިނެއް ކަންކަން ރަނގަޅު ކުރާނީ. މިއީ ވަރަށް ލަދުހުތުރު ކަމެއް،" ފުލުހުންނަށް ފާޑުކީ އެކަކު ކުރި ކޮމެންޓެއްގައި ވެ އެވެ.

ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 32 ކާޓަންގެ ސިނގިރެޓް ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން ހަ ކާޓަންގެ ސިނގިރެޓް މަދުވެފައިވާ މައްސަލައެއް ބަލަމުންދާކަން ފުލުހުން ހާމަކުރީ މިމަހުގެ 22 ގަ އެވެ.

އެ 32 ކާޓަންގެ ސިނގިރޭޓަކީ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ މެއި މަހުގެ 23 ގައި ގެނައި ތަކެއްޗެވެ. އެ ތަކެތީގެ ތެރެއިން ހަ ކާޓަން ސިނގިރޭޓް މަދުވެފައިވާކަން އެނގުނީ އެތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް މި މަހުގެ 12 ވަނަ ދުވަހު ބެލުމުންނެވެ.

އެކަން ހިނގާފައިވާ ގޮތް ބަލަމުންދަނިކޮށް، ދެން އެނގުނީ، އެހެން މައްސަލައެއްގައި ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 25 ކަޓަން ސިނގިރޭޓް މަދު ކަމެވެ.

އެ ސިނގިރޭޓަކީ ދެ ބިދޭސީއެއްގެ އަތުން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 23 ވަނަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެއްޗެވެ.

އެ މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަތައް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް ބަލަމުން އަންނައިރު ފުލުހުން ބުނީ އެ މައްސަލަތަކުގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. މިފަދަ މައްސަލަތަކަކީ އެ މުއައްސަސާ ތެރޭގައި ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށް ފުލުުހުން ވެސް ގަބޫލުކުރެ އެވެ.

ސިނގިރެޓް ކާޓަންތައް ގެއްލުނު މައްސަލާގައި ފުލުހުން ބުނެފައި ވަނީ، "އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގައި ފިޔަވަޅު އަޅާނެ" ކަމަށެވެ.

ފުލުހުންގެ ތަހުގީގު ޓީމުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފުލުހުން އެކި ތަހުގީގުތަކަށް ނަގާ ހެއްކާ މެދު މިވަރަށް އިހުމާލުވަމުން އަންނައިރު ފުލުހުންގެ އިދާރާއަކީ ކޮންމެ ކޮންމެ މީހަކަށް ގޮސް އެތެރެއަށް ވަދެވޭ ވެސް ތަނެއް ނޫނެވެ. އެހެންވީމަ ފުލުހުންގެ ތެރޭގައި މިފަދަ ކުށްތައް އިތުރުވާ ނަމަ، އެއީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.

"ފުލުހުންނަށް އިތުބާރެއް ނުކުރެވޭ"

މިފަދަ މައްސަލަތައް ފެންމަތިވާ ކޮންމެ ފަހަރަކު އާންމުންގެ ސުވާލަކީ ދެން އިތުބާރު ކުރަންވީ ވަކި ކޮން މުއައްސަސާއަކަށް ހެއްޔެވެ. އާންމުންނަށް ރައްކާތެރިކަމާއި ހިޔާމަތްދޭން ތިބީ ފުލުހުންނެވެ. ވައްކަމާއި ފޭރުގެ މައްސަލަތައް މަދުކޮށް، އެކަމަށް ވެސް ފިޔަވަޅު އަޅަން ތިބި ބަޔަކީ އެއީ އެވެ.

އެކަމަކު އެ އިދާރާގެ ތެރޭގައި ބޮޑެތި ވައްކަންތައް ހިނގާ ނަމަ، މުއައްސަސާގެ އަގު ވެއްޓުމުގެ އިތުރުން އާންމުންކުރާ އިތުބާރާއި ކުރާ އިހުތިރާމާއި ގަދަށް ވެސް ބަދަލު އަންނާނެ އެވެ.

"ދެން ކޮން އިދާރާއަކަށްތޯ އިތުބާރު ކުރެވޭނީ؟ ފުލުހުންގެ އިދާރާއަށް ދިވެހިން ކުރާ އިތުބާރު ދުވަހުން ދުވަހަށް ދަށަށް މިދަނީ އެ ތަނުގައި އުޅޭ މަދު ބައެއްގެ ސަބަބުން. ހަރުކަށި ފިޔަވަޅު ނޭޅޭހާ ހިނދަކު ތިޔަ ޖަރީމާތައް ނުހުއްޓުވޭނެ،" އެކަކު ލިއެފައި ވެ އެވެ.

އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އިން ބަލަމުންދާކަން ހާމަކޮށް ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ބުނީ އެ އިދާރާގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާ ހިލާފު ކޮންމެ ކަމަކީ ބޮޑު އިސްކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅާނެ ކަންކަން ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"އަދި މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަން ޖެހޭ އަހުލާގައި ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެކެވެ، ވީމާ، މިކަމުގައި ބައިވެރިވެފައިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން މި ހިދުމަތުން ކުރާނެ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.

އެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް، އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް އެ އިދާރާއިން ފުރުސަތު ނުދޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެ. ބަޔާނާ އެކު ވެސް ފުލުހުންނަށް ކުރިމަތިވީ ފާޑުކިއުންތަކެވެ. އަޅާ ފިޔަވަޅުތަކުގެ ނަތީޖާއެއް ނުނިކުންނަ ވާހަކަ އެވެ. ފުލުހުންގެ ތެރޭގައި "ވަގުން" ތިބޭ ނަމަ ވަގުން ހިފައި ފިޔަވަޅު އަޅާނެ ގޮތަކާ މެދު ސުވާލު އުފެއްދީ އެވެ.

ފުލުހުންނަށް ކުރާ އިތުބާރާ މެދު އުފައްދާ ސުވާލަށް ފަހު ދެން އޮތް ކަންބޮޑުވުމަކީ ފުލުހުންގެ މައްސަލަތައް އެތަނުގެ ތެރެއިން ބެލުމެވެ. ފުލުހުންގެ މަސްލަހަތު ހިމެނޭ މައްސަލަތަކެއް އެ އިދާރާ އިން ބެލުމަކީ އެންމެ އިންސާފުވެރި ގޮތް ހެއްޔެވެ؟

އަނެއް ބަޔަކު ކަންބޮޑުވުން ފާޅުކޮށް ބުނީ މަގާމުގެ ރޭންކް ދަށްކޮށްލުމަކީ ފިޔަވަޅު އެޅުން ނޫން ކަމަށާއި ކަންކަން ހުއްޓުވަން ބޭނުން ނަމަ، ހަރުކަށި ފިޔަވަޅުތަކެއް އެޅެންވާނެ ކަމަށެވެ.

އެކަކު ބުނެފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނުގައި އޮންނަނީ މުވައްޒަފުން އެވަރު ކަމެއްކޮށްފި ނަމަ، ވަގުތުން އިތުރު އިންޒާރަކާ ނުލާ ވަކިކުރުމަށް ކަމަށާއި އެހެން ކަމަށްވާނަމަ، ފުލުހުންނަކީ އެއަށް ވުރެ ހަރުކަށި ފިޔަވަޅެއް އަޅަންޖެހޭ ބައެއް ކަމަށެވެ.

"ވައްކަން ކުރީމާ މަގާމުގެ ރޭންކެއް ދަށްކޮށްލުމަކީ ފިޔަވަޅު އެޅުމެއްނޫން. ވަޒީފާއާބެހޭ ގާނޫނުގައި އެހެން މުވައްޒަފުން އެވަރުގެ ކަމެއް ކޮށްފިނަމަ ވަގުތުން އިތުރު އިންޒަރަކާ ނުލާ ވަކިކުރެވޭ ގޮތަށް އޮންނައިރު ފުލުހުންނަކީ އެފަދަ ކަމެއް ކޮށްފި ނަމަ އެއަށް ވުރެ ވެސް ހަރުކަށިކޮށް އަމަލުކުރެވެންޖެހޭ ބައެއް،" އޭނާ ލިއެފައި ވެ އެވެ.

އެ މައްސަލާގައި ގުޅިގެން ޕޮލިހުންގެ ޕްރޮފެޝަނަލް ކޮމާންޑުގެ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަބްދުﷲ ޝަތީހު ވިދާޅުވީ ކައިރި ކައިރީ އެފަދަ ތިން ކަމެއް ހިނގުމަކީ އާންމުން ފުލުހުންނާ މެދު ކުރާ އިތުބާރަށް އަސަރުކުރާނެ ކަމެއް ކަމަށެވެ. އެހެންވެ، އެފަދަ ކަމެއް ހިނގައިފި ނަމަ ނުވަތަ ސަމާލުކަމަށް އަތުވެއްޖެ ނަމަ ފުލުހުންގެ އެތެރެއިން އެ މައްސަލަ ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަތީހު ވިދާޅުވީ އެންމެ ފަހުން ހިނގާދިޔަ ސިނގިރޭޓު ގެއްލުމުގެ ހާދިސާއާ ގުޅިގެން ޖިނާއީ ތަހުގީގެއް ވެސް ކުރިއަށް ގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ މައްސަލަތަކުގެ ކަން ހިނގި ގޮތެއް ބަލަނީ ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަހަލަ ގޮތަކަށް ފިޔަވަޅުތައް އެޅުމަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނަށް ކުރާ އިތުބާރު އަލުން ހޯދޭނީ އެފަދަ މައްސަލަތައް ބަަލައި ތަހުގީގު ކުރެވިގެންނެވެ.

"ބޭނުމަކީ އެކަން ހިނގި ގޮތެއް ބަލައި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ވިޔަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި ހަމަ އެހެންމެ އެކަމުގައި ފުލުހުންގެ ދައުރެއް އޮތް ކަމަށް ވަންޏާ އެ ކަމުގައި ފުލުހުންގެ ތެރެއިން ޝާމިލުވާ މީހަކާ ދޭތެރޭ ނޫނީ މުވައްޒަފަކާ މެދު އަޅަންޖެހޭ ފިޔަވަޅު އެޅުން. އޭގެ ބޭނުމަކީ އެ އޮންނަ އިތުބާރު އަލުން ހޯދުން،" ޝަތީހު ވިދާޅުވި އެވެ.

ޝަތީހު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް އެކި މައްސަލަތަކުގައި ގެންދާ ހެއްކަކީ އޭގެ ރައްކާތެރިކަން ދެމެހެއްޓުމަށް ވަކި އުސޫލުގެ ތެރެއިން ބެލެހެއްޓޭ އެއްޗެއް ކަމަށެވެ.

ކޮންމެ ދުވަހަކީ ވެސް ކޮންމެވެސް މައްސަލައަކާ ގުޅިގެން ހެކި ގެންނާނެ ދުވަހެއް ކަމަށާއި އެ އޮންނަ މެކޭނިޒަމެއްގެ ދަށުން ވަކި ތަނަކަށް އެ ސާމާނު ގެންދިއުމުގެ ކުރިން ތަހުގީގުކުރާ މުވައްޒަފުން ތިބޭ ތަނުގައި ވަގުތީ ގޮތުން ބަހައްޓާފައި ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އޭގައި އެ ތަނުގައި ތިބޭ ބަޔަކު ގޯހެއް ހަދައިފިއްޔާ އެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އެ އެއްޗެހި [ހެކި] އެ އޮންނަ މެކޭނިޒަމެއްގެ ތެރެއިން ވަކި ތަނަކަށް ގެންދިއުން ހަމަ ކުރިން ވެސް އެ ތަހުގީގުކުރާ މުވައްޒަފުން ހިމެނޭހެން އެ ތަނެއްގައި ވަގުތީ ގޮތުން ބެހެއްޓިފައި ހުންނާނީ. އެހެންވީމަ އޭގެ ތެރެއިން ކުއްޖަކު ގޯހެއް ހަދައިފިއްޔާ އެ ފުރުސަތު އޮންނާނެ،" ޝަތީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކިތަންމެ ރަނގަޅު އިންތިޒާމުތަކެއް ހުއްޓަސް ކަންކަން ހިނގުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަމުގައި އޮތީ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ނަޒާހާތްތެރިކަން ދެމެހެއްޓުން ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ އޭގައި ވަރަށް ބޮޑަށް މަސައްކަތުގައި އުޅޭ ކުދިންގެ އިންޓެގްރިޓީ ރަނގަޅުވީމަ ކަމެއް ނުހިނގާ ދިއުމުގެ ފުރުސަތު ބޮޑުވެގެންދޭ. އޭގެ ތެރޭގައި ގޯސް ކުއްޖަކު ނޫނީ އެ ކަހަލަ ނިޔަތެއް އޮތް ކުއްޖަކު އުޅޭ ކަމަށް ވަންޏާ އެކަހަލަ ކަންކަން ހިނގާ ދިއުމުގެ ފުރުސަތު އޮންނަނީ،"

އެފަދަ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން އަންނަ ކަމަށާއި އެހެން ތަންތަނަށް އަންގަންޖެހޭ ކަންކަން ވެސް އަންގައިގެން މައްސަލަތައް ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ވެސް އިޖުރާއަތްތަކެއް އޮންނަ ކަމަށެވެ. އެއީ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑުން ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ފަހު، އެ މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަށް ފޮނުވާނީ ޑިސިޕްލިނަރީ ބޯޑަށެވެ.

"އަޅުގަނޑުމެން މުވައްޒަފަކާ މެދު އެކަހަލަ ތުހުމަތެއް ކުރެވިއްޖެއްޔާ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑުން ތަހުގީގެއް ކުރިއަށް ގެންދާނެ. ތަހުގީގެއް ކޮށްފައި އެ މުވައްޒަފަކާ މެދު އެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ފިޔަަވަޅު އެޅުމަށް ދާނީ ޑިސިޕްލިނަރީ ބޯޑަށް،" ޝަތީހު ވިދާޅުވި އެވެ.

އެ ޕްރޮސެސްއަށް ފަހު މައްސަލަ އިސްތިއުނާފުކުރަން ބޭނުން ނަމަ، އެ ފުރުސަތު ވެސް އޮންނަ ކަމަށާއި އިސްތިއުނާފް ކޮމިޓީއަށް ހުށަހަޅައިގެން އެކަން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މަރުހަލާއަށް ފަހު ކޯޓަށް ދާން ބޭނުންވާ ނަމަ، އެ ފުރުސަތު ވެސް އޮވެ އެވެ.

މިފަދަ ދިގު ޕްރޮސެސްއެއް ފުލުހުންގެ ތެރޭގައި އޮންނައިރު ޝަތީހު ވިދާޅުވީ ވަކި ޕްރޮސެެސްއަކުން ކަންކަން ކުރިއަށް ދާތީ އެންމެ ބޭނުންވާ ނަތީޖާ ނޫން އެހެން ނަތީޖާއެއް ވެސް ނިކުމެދާނެ ކަމަށް ވިދާޅުވި އެވެ.

"އެ އެޅޭ ފިޔަވަޅަކީ އެ މުވައްޒަފަކު ކުރި އަމަލާ ގުޅޭ ފިޔަވަޅެއް މި އަޅަނީ. އެކަމަކު މި ދެންނެވިހެން ވަކި ޕްރޮސެސްއަކުން ދާކަމެއް ވީމާ އެންމެ ބޭނުންވާ ނަތީޖާ ނޫން އެހެން ނަތީޖާއެއް ވެސް ނިކުންނަ ފަހަރު ވެސް އަތުވެދާނެ،"

ޝަތީހު ވިދާޅުވީ ފުލުހުންގެ ހުރިހާ މަރުކަޒެއްގެ ހުރިހާ ތަނެއްގައި ކެމެރާ ނެތުމަކީ އެކަށީގެންވާ ކަމަކަށް ވިޔަސް އެ ތަންތަަނަކީ ރައްކާތެރި ތަންތަނުގެ ގޮތުގައި ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން މަސައްކަތްކުރާ ކަމަށެވެ.

ހެކި ބަލަހައްޓާނެ ރަނގަޅު ނިޒާމެއް ނެތީ؟

މި ދެ މައްސަލާގައި ވެސް ހެކީގެ ގޮތުގައި ބަހައްޓާފައި ހުރި ސަމާނު ގެއްލިފައިވާއިރު ދެން އުފެދެނީ ފުލުހުންގެ ތެރޭގައި ހެކިތައް ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ވެސް ނެތީ ހެއްޔެވެ؟ ނޫނީ އެއީ އިދާރާގައި މަސައްކަތްކުރާ ކޮންމެ އޮފިސަރަކަށް ވެސް، ބޭނުން ކޮންމެ ގަޑިއެއްގައި ވަދެ ހިފައިގެން ގެންދެވޭ ކަހަލަ ނިޒާމެއްގައި ބަހައްޓާފައި ހުރި އެއްޗަކީ ހެއްޔެވެ؟

އެނގިފައިވާ ގޮތުގައި ފުލުހުންގެ އެކި ސްޓޭޝަންތަކުގައި ހެކި ބެލެހެއްޓުމުގައި އަމަލުކުރަނީ އެކި ގޮތަށެވެ. ބައެއް ތަންތަނުގައި ސީސީޓީވީ ވެސް ހުރެ އެވެ. މާލެ އާއި ރަށްރަށުގައި ވެސް ހެކި ބެހެއްޓުމަށް ވަކި ތަނެއް ހާއްސަކޮށްފައި ހުންނައިރު މި ތަންތަން ހުންނަނީ ހަމަ ތަޅުލެވޭ ގޮތަށް ކަމަށް ޕޮލިހުގައި މަސައްކަތްކުރާ މީހުން ބުންޏެވެ.

މި ތަނުގެ ތަޅުދަނޑި އޮންނަނީ ވަކި އޮފިސަރެއްގެ އަތުގައި ކަމަށާއި މިއީ ރައްކާތެރިކަމާ އެކު ބަލަހައްޓާ ތަންތަން ކަމަށް އެމީހުން ބުންޏެވެ. އެހެންވެ، ތަޅުދަނޑި އޮންނަ ފަރާތުން ގޯހެއް ނުހަދާ ނަމަ، ރައްކާތެރިވާނެ ކަމަށް އޮފިސަރުން ބުނެ އެވެ.

މައްސަލައަކާ ގުޅިގެން ފުލުހުންތަކެއް މައުލޫމާތު ނަގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ވަގަށް ގެންދިޔައިރު އެ ސާމާނު ބަހައްޓާފައި ހުރީ ސީދާ ކޮން ތަނެއްގައި ކަމެއް ސާފެއް ނޫނެވެ. އަދި އެތަނުގައި ސީސީޓީވީ ހުރި ކަމެއް ވެސް ފުލުހުން ސާފެއް ނުކޮށްދެ އެވެ.

މިފަދަ ބޮޑު ކަމެއް ހިނގާދިޔައިރު އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި، އެކަމުގައި ބަޔަކަށް ތުހުމަތުކުރެވޭ ކަމާއި އެމީހުންނާ މެދު އަޅާނެ ފިޔަަވަޅެއް ވެސް އެ އިދާރާއަކުން ހާމައެއް ނުކުރެ އެވެ.

އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާ މި މައްސަލާގައި ހިޔާލު ފާޅުކުރި ފަރާތްތަކުން ސިފަކުރަނީ މިއީ ވަރަށް ލަދުވެތި ކަމެއްގެ ގޮތުގަ އެވެ.

މައްސަލަތަކުގައި ހެކި ބަހައްޓާފައި ހުންނަ ތަނަކަށް ވަންނަ މީހުންގެ ލޮގެއް ބެލެހެއްޓުމާއި ސީސީޓީވީ ހަރުކޮށްފައި ހުރުން ފަދަ ކަންކަމަކީ އެންމެ އާދައިގެ ކަންކަމަށްވާއިރު އެ ވަރު ވެސް ކޮށްފައި ނެތީތޯ ސުވާލު އުފައްދަ އެވެ.

"ހާދަަ ކަޑަ މުއައްސަސާއެކޭތީ؟ ފުލުހުންގެ އިސްވެރިން ލަދެއް ނުގަނޭތަ މެޑަލް ބަރިޖަހައިގެން އުޅެން؟ އެވިޑެންސް ލޮކަރަށް ވަންނަ މީހުންގެ ލޮގެއް އަދި ސީސީޓީވީ ކެމަރާ ހަރުކޮށްފައި ހުންނަން ޖެހޭނެ. އެހާ ބޮޑު ހަރަދެއް ދާނެ ކަމެއް ނޫން. އެކަމަކު ޕޮލިހުން ތަހުގީގުން އެއްކުރާ އެއްޗެހި ބަހަައްޓަނީ ފޮލިސް ސްޓޭޝަންގެ ލޯންޑްރީ ރޫމް ކަނެއްގައިތަ؟،" އެކަމާ ގުޅިގެން "މިހާރު"ގައި ލިޔެފައިވާ ޚަބަރަކަށް ކޮމެންޓްކުރި މީހަކު ބުނެފައިވެ އެވެ.

މިއީ ބަޔަކަށް ޖޯކަކަށް ވިޔަސް އެއަށް ވުރެ މާ ސީރިއަސް މައްސަލައެކެވެ. ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ ތެރޭގައި ވައްކަމުގެ ބޮޑެތި މައްސަލަތައް ހިނގާނަމަ އެކަމާ އަޅާ ނުލާ ތިބެވޭކަށް ނެތެވެ. ހަރުކަށި އަދަބުދީގެން ވިޔަސް ފިޔަވަޅު އަޅަން ޖެހެ އެވެ. ފުލުހުންގެ މުއައްސަސާ އިސްލާހުކޮށްގެން ނޫން ގޮތަކަށް މުޖުތަމައު އިސްލާހު ކުރެވޭނެ ކަމަށް ދެކިގެން ވެސް ނުވާނެ އެވެ.

18 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމީނު

27 November 2025

ފުލުހުންގެ ޕްރެސް ތަކަށް ޑިޕާރޓްމެންޓްތަކުގެ ވެރިންނޭ ކިޔާފަ އަރާ ފުލުހުން ދައްކާ ވާހަކަޔާ، އޭގެ އޮށްޓަރަށް ބަލާލީމަ އެނގޭ ތިތަނުގެ ގިނަ މީހުންގެ އިލްމާ ހިލްމު ހުރި ވަރު. ތައުލީމީ ގާބިލު ކުދިނަށް ފުރުޞަތު ނުދީ ތިތަން ރަނގަޅެއް ނުވާނެ..

The name is already taken The name is available. Register?

އެހެންނު

27 November 2025

ޕާރޓް އޮފް ދަ ޕުރޮބްލަމް

The name is already taken The name is available. Register?

ވާނީ އެހެން

27 November 2025

ހެކި ނުގެއްލިއްޖާ ސާބަސް! ތިޔަ ބިޔަ މުއައްސަސާއަށް ނަގާ ގިނަ މީހުންނަކީ ގަދަކަމުން ގްރޭޑް 10 އާ ހަމަޔަށް ދާ، ސްކޫލު ދައުރުގައި ޕޭޓޭ ވެގެން އުޅޭ ގްރޫޕް ކަންނޭނގެ. ވަޒީފާގައި ޒަމާންވީމާ ބޮންތިއާ ހިސާބަށްވެސް އެރިފަ ތިބޭނެ ކަންނޭނގެ މީގެ މީހުން. ދެން ހުންނާނީ ކޮން އުޅުމެއް؟

The name is already taken The name is available. Register?

ފުލުސްވެރިން

27 November 2025

މިރާއްޖޭގަ މިތިބީ ހަމަ ދަރޭ ޖީތޭ މެންގެ ފިލްމުތަކުގަ އުޅޭ ނުބައިބައި ފުލުހުންގެ މީހުން.

The name is already taken The name is available. Register?

ފުރޭތަ1

27 November 2025

ތިނޫން އަޑެއް ނީވޭ މުއައްސަސާއެއް ނެތް. މަލްޓީ ޕާޓީ ޑިމޮކްރަސީ އައިސްގެން ވީހާވެސް ކަމަކީ ވައްކަން ކުރާ މީހުން ގިނަވުން. ކުރީގަ ވައްކަން ކުރެވެނީ މަދު ބަޔަކަށް މިހާރު ވަކިލެވަލްއެއް ނެތް

The name is already taken The name is available. Register?

ކުރި

27 November 2025

ގާނޫނާ ގަވާއިދު ކިތަންމެ ވަރަކަށް ހެދިޔަސް ތަންފީޒް ނުކުރެވޭހާ ހިދަކު ރަގަޅަށް އެއްކަމެއްވެސް ނުހިގާނެ. ކޮންމެ ވޯޓަކާ އިންތިހާބަކާ ގުޅިގެން އެއްތަށް ކުއްވެރިންނެއް އެބަދޫކުރޭ. މިވަރުން ދެންކިހިނެތް ކަންކަން ރަގަޅު ވާނީ

The name is already taken The name is available. Register?

އަފްރާސިޔާބު

27 November 2025

ތަންފީޒު ކުރަންތިބީ ފުލުހުންނާއި ޕްރޮސެކިއުޓަރުން. އެމީހުންނަކީ އަތްފައިކަނޑާވަރުގެ ބޮޑެތި ވަގުންނަށްވީމާ ކޮން ގާނޫނެއް ތަންފީޒު ކުރެވޭނީ. ގާނޫނު ހަދާ ތަނުގައިވެސް ވަގުންގެ ގޭންގަށް ނިސްބަތްވާމީހުން ތިބީމާ އެމީހުން އެދޭގޮތަކަށް ގާނޫނު ބައްޓަންކުރާނީވެސް. މި ގައުމު ދެން ރަނގަޅުވާނީ ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް އުވާލި ދުވަހަކުން.

The name is already taken The name is available. Register?

އިހުސާންގެ ސަޕޯޓަރުން

27 November 2025

މިނިސްޓަރު އިހުސާން ސާބަހޭ. ޤައުމާއި ގެން ކުރިއަށް. އެމަނިކުފާނު މިތަން އިސްލާހުކުރާނެ

The name is already taken The name is available. Register?

ކޮސް

27 November 2025

ފުލުހުން ކުށްކުރީމަ , ފުލުހުން އެކަނި މައްސަލަ ބަލާހާ ހިނދަކު ހައްލެއްނެތް. ފުރަތަމަ ކަމަކީ ނުވަތަ ރީތި އަދި ޒިއްމާދާރު ގޮތަކީ މިނިސްޓަރާއި ކޮމިޝަނަރު އިސްތިއުފާދިނުން. އޭގެފަހުން ފުލުހުންގެ ތެރެއިން ނަޒާހަތްތެރިކަމާއެކު ރިޓަޔަރ ކޮށްފައިވާ ރައްޔިތުން ގަދަރުކުރާ މިނިވަން ބަޔަކުލައްވާ މިހާރުގެ މައްސަލަތައް ބެލުން..ޕޮލިހުންގެ މަތީފަޑި ހަމަޔަކަށް އެޅުނު ދުވަހަކުން އެތަނުން މިފަދަ މައްސަލަތައް ބެލުން.

The name is already taken The name is available. Register?

ޢީޅީ

27 November 2025

ދިވެހި ރައްޔިތުން ޕޮލިހުންނަކައް އިތުބާރެއްނުކުރޭ . ޕޮލިހުންގެ ތެރޭ ދިނައީ ތައުލީމީ ގޮތުން ވވވވ ފެންވަރު ދައްމީހުން

The name is already taken The name is available. Register?

ބޯލަހާކުކު

27 November 2025

ތިޔަ ތަނަށް ވައްދަނީ އޯލެވެލްއިން ފާސްނުވާ ބައިގަނޑު، ދެން އެ މީހުން ތި ތަނަށް ވަދެ 5 އިރު ކާން ލިބިފަ އެއްޗެހި ދޮންނަން ލިބިފަ، ފްލެޓް ލިބިފަ ބޭސްފަރުވާ ހިލޭ ލިބެން ފެށީމާ ހީވަނީ މީ މަތިން ފައިބާފަ ތިބި ބައެއްހެން. މަގުމަތީ މީހަކު ސީ ލަވައިގަނެގެން ބާރަށް ހިނގާފައި ދިޔަސް އެބަ ބުނޭ ބޮއެގެން ހުރި ކަމަށް ތުހުމަތުކުރެވޭތީ ހުއްޓުވަނީއޭ، އަހަރުމެންނަށް ހުއްޓުވޭނޭ. ގާނޫނެއް ގަވާއިދެއް އޮވޭތޯ ނުބަލާ. ހިތަށް އެރި ގޮތަކަށް އަމަލުކުރަނީ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454