މެލޭޝިއާގައި ވެސް އަންނަ އަހަރުން ފެށިގެން ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމައި އެކަން ވަނީ އިއުލާނުކޮށްފައި.
24 ނޮވެމްބަރ 2025 - 11:25
މެލޭޝިއާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް އަންނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާ މަނާކުރާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ކުޑަކުދިން ހުށަހެޅޭ ނިސްބަތް ދަށްކުރުމަށް ފިޔަވަޅުތައް އަޅާ ގައުމުތައް އިތުރުވަމުން އަންނައިރު މެލޭޝިއާގެ ކޮމިއުނިކޭޝަން މިނިސްޓަރު ފަހުމީ ފަދްޒިލް އިއްޔެ ވިދާޅުވީ މިހާރުވެސް ކުޑަކުދިނަށް ސޯޝަލް މީޑިއާ މަނާކޮށްފައިވާ އޮސްޓްރޭލިއާ އާއި އެހެން ބައެއް ގައުމުތަކުގައި މިކަން ކުރުމަށް ބޭނުންކުރާ އުސޫލުތައް ދިރާސާކުރަމުން އަންނަ ކަމަށެވެ.
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ރަޖިސްޓްރީ ކޮށްފައިވާ އެކައުންޓްތައް އަންނަ މަހުން ފެށިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޑިއެކްޓިވޭޓްކުރާނެ އެވެ. އޮސްޓްރޭލިއާގައި މިކަން ހަރުކަށިކަމާ އެކު ތަންފީޒުކުރަން ނިންމާފައި ވާއިރު އެހެން ގައުމުތަކުގެ ރެގިއުލޭޓަރުންގެ ސަމާލުކަން ވެސް ވަނީ އެ މަސައްކަތަށް ލިބިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަކުދިން ސޯޝަލް މީޑިއާއާ ދުރުކުރަން ޖެހެނީ އެ ކުދިން ސައިބަބުލީ އާއި ސްކޭމްތަކާއި ޖިންސީ ގޯނާ ފަދަ ނުރައްކާތަކުން ސަލާމަތްކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން 16 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް ޔޫޒާ އެކައުންޓް ހެދުން މަނާކުރަން ސަރުކާރުން ނިންމުމަށް، އެ ޕްލެޓްފޯމްތަކުން ތަބާވެ އަންނަ އަހަރުގެ ނިޔަލަށް އެކަން ފުރިހަމަކޮށް ނިންމާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ގެއްލުންވާ ކަމަށް ބުނެ ޓިކްޓޮކް، ސްނެޕްޗެޓް، ގޫގުލް، ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕް ހިންގާ މެޓާ ޕްލެޓްފޯމްތައް ފަދަ ކުންފުނިތަކާ ދެކޮޅަށް އެމެރިކާގައި އެކި ދައުވާތައް ވެސް ކޮށްފައިވެ އެވެ.
ފްރާންސް، ސްޕެއިން، އިޓަލީ، ޑެންމާކް އަދި ގްރީސް ފަދަ ގައުމުތަކުން ވެސް އަންނަނީ ސޯޝަލް މީޑިއާ ބޭނުންކުރުމުގައި އުމުރު ކަށަވަރުކޮށްދޭންޖެހޭ، އޭޖް ވެރިފިކޭޝަން އެޕެއް ޓެސްޓް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިގުބާލު
25 November 2025
މިއީ ރާއްޖޭގައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް
ކޮރަލް
24 November 2025
ރާއްޖެ އިންވެސް ކުރަން ޖެހޭ ކަމެކެވެ. އާބާދީގެ ނިސްބަތުން އެންމެ ގިނައިން ޕޯން ސައިޓް ތަކަށް ވަންނަ އެއް ގައުމަށް ރާއްޖެ ވާނެ އެވެ.
އަވަސް އަވަސް
24 November 2025
ރާއްޖޭގައިވެސް ލަސްނުކޮށް މިކަން ކުރަމާ ހިނގާ!
ނަން...
24 November 2025
މިއީ ރާއްޖޭގައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް. ހަމަ އެކަނި ފެންނަން ޖެހޭނީ އެޑިޔުކޭޝަނަލް ނޫނީ ސްކިލް ޑިވެލޮޕިން ފީޑް.