ފުލުހުންގެ އޮޕަރޭޝަނެއްގައި ކުރިން އަތުލައިގަތް މަސްތުވާއެއްޗެހިތަކެއް: ފުލުހުން މިމަހު ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަންގައި 29 ކިލޯގެ ޑްރަގް އަތުލައިގަނެ، ގިނަ ތަންތަން ބަލައި ފާސްކޮށް އަދި ގިނަ ބަޔަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނޭ --- ފޮޓޯ/ޕޮލިސް
25 ނޮވެމްބަރ 2025 - 15:24
ޑްރަގުގެ ވިޔަފާރި ހުއްޓުވަން މިމަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި މުޅި ރާއްޖެއިން އަތުލައިގަތީ 29.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ އޮޕަރޭޝަނުގެ މައުލޫމާތު ދޭން އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 105 ތަނެއް ފާސްކޮށް، 29.6 ކިލޯގެ ޑްރަގް ހޯދި ކަމަށެވެ.
ނާއިފް ވިދާޅުވީ އެ އޮޕަރޭޝަންގައި ހައްޔަރުކުރި 119 މީހުންގެ ތެރެއިން 61 މީހަކު ޑްރަގަށް ޕޮޒިޓިވްވި ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރީ 38 މީހަކު ކަމަށް އޭނާ ވިދާޅުވި އެވެ.
ނާއިފް ވިދާޅުވީ ކޯޓަށް ހާޒިރުކުރީ ކުށުގެ ރެކޯޑާއި އަތުލައިގަތް މަސްތުވާތަކެތީގެ އަދަދަށް ބަލާފައި ކަމަށެވެ. އަދި އެ މީހުންގެ އަތުން މަސްތުވާތަކެތި ފެންނަ ހާލަތުގައި ވެސް ކޯޓަށް ހާޒިރުކޮށް ބަންދު ޖަހަން މަސައްކަތްކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ފަރާތްތަކާއި މުޖުތަމައުގެ ސަލާމަތަށް ބަންދުގައި ބައިތިއްބާފައި ތިބި މީހުން އެއީ،" ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި ނަމަވެސް ބައެއް މީހުން ދޫކޮށްލާފައިވާ ސަބަބާ ގުޅޭގޮތުން އޭނާ ވިދާޅުވި އެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރީ ގދ. އަތޮޅާއި ގއ. އަތޮޅުންނެވެ. އެގޮތުން 16 މީހަކު އެ ދެ އަތޮޅުން ހައްޔަރުކުރީ ރާއްޖެއަށް ކަނޑުމަގުން ޑްރަގް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މީހުންގެ އަތުން ޖުމްލަ 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިވަގުތު ވެސް މި އޮޕަރޭޝަން ކުރިއަށް އެބަދެ އެވެ.
އެ އޮޕަރޭޝަނާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައިވާ ގޮތުގައި އޮޕަރޭޝަނަކީ ޑްރަގްގެ ވިޔަފާރި ހުއްޓުވަން އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ފެށުމެކެވެ. އަދި އެ މަސައްކަތް ހުއްޓާލާނީ ޑްރަގްގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލި އިރަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަނަފް
26 November 2025
ތި ދެން ފެންނާނީ ޕޮލިސް ކުދިން ވިއްކަން އުޅެނިކޮއް
ގުނބޯލި
26 November 2025
ތިޔަކަން ނުހުއްޓުވޭނެ. ރޭގަވެސް ކަނޑުމަގުން އެތެރެ ނުކޮށް ދުލެއް ނުކުރާނެ. އެތެރެކުރަނީ އަޑިގައި ބޮޑުން ތިބެގެން. ބޮސް އިންނާނީ ނުފެންނަ ހިސާބު އަޑިޔަށް ފޮރުވިގެން. ޙަލާކުވާނީ ދެރަވަރުގެ އެއްޗެއް.
ރާފިޔާ
26 November 2025
އަލިމަގެއް ނުފެނި ދޯ އެހެންވީމަ އޮޕަރޭޝަން ނިންމާލަން ޖެހުނީ
ނާޑުވާ
25 November 2025
ޑްރަގް އަތުވަނީ, މީހުން ދޫވަނީ, 10 ޕަސެންޓް އަންދަނީ 90 ގެއްލެނީ.
ކޮވެލި
25 November 2025
ކުޑައީ ކޯއްޗެއްތޯ ނުވަތަ ކޮން ކަމެއްތޯ. މުޅިންވެސް ބޮޑު ބިޔަ ކަންކަން މިހާރު ސަރުކާރުން ކުރަނީ.
ޢެޑްމުންޑޯ
25 November 2025
119 މީހުން ހައްޔަރުކޮށް 29 ކިލޯ ، ތި ދެން ކޯއްޗެއް ، 119 މީހުންނަށް ބަލާއިރު ތިޔައީ އެންމެ ޕީސް އެއްނު ، ގޯނި ގޯނީގައި ތިހުންނާނެ މާލެތެރޭ ރައްކާ ކޮއްފައި
ކޮރަލް
25 November 2025
އިހްސާން އަށް މަޖްލިސް ބައެއް މެމްބަރުންނާ ސިޔާސީ ބައެއް މީހުން ގެ ކޯލް ތައް މިހާރު އަންނާނެ އެވެ.
ޑރ ވާންޗޯ
25 November 2025
65 މީހުން ޑްރަގަށް ޕޮސިޓިވް އެކަމަކު ހައްޔަރުކޮށް މުއްދަތުޖަހަން 38 މީހުން. ކިހިނެއްތޯ މިވަނީ؟. 29 ކިލޯ ޑްރަގް ހޯއްދެވީ ފަޅުގެތަކަކުންތޯ ޒިންމާވާ ބައެއްގެ ނަމެއް ރަށެއްވެސް ނެތީ؟. ދެބޯގެރިއެއްގެ ސިފަތައް ފެންނަހެން ހީނުވޭތޯ؟.
ފަނޑިޔާރު
25 November 2025
މާތްކަލާކޯ. ޙާދަ ކަޑަ އޭދޯ ތިޔަ އޮޕަރޭޝަން....
ޑުބްލިކޭޓް
25 November 2025
ދެން އެންމެއަވަހަށް އަޑުއިވޭނީ ތިޔަ 29 ކިލޯ ތިޔަތަނުގެތެރެއިން ގެއްލި، އެއިގެފަހުން ރަށުތެރޭ ވިއްކާ އަޑު.