ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން: ހައި ކޯޓުގެ މުވައްޒަފުން ވަނީ މުސާރައިގެ މައްސަލައިގައި އެ އިދާރާއަށް ގޮސްފައި.
27 ނޮވެމްބަރ 2025 - 10:17
ދައުލަތުގެ ޕޭ ފްރޭމްވޯކަށް ސަރުކާރުން މިދިޔަ މަހު ގެނައި ބަދަލާ މެދު ހިތްހަމަނުޖެހި ހައި ކޯޓުގެ މުވައްޒަފުން ޑިޕާޓްމަންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހިނގައްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހައިކޯޓުގައި މަސައްކަތްކުރާ ފަންސާހަކަށް މުވައްޒަފުން މިވަގުތު ވެސް ތިބީ ޑީޖޭއޭގަ އެވެ.
އެ ކޯޓުގެ މުވައްޒަފުން އެތަނަށް ގޮސްފައި ވަނީ މުސާރައިގެ މައްސަލާގައި ޑީޖޭއޭގެ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާއާ ބައްދަލުކުރާށެވެ. އަދި އޭނާއާ ބައްދަލުވި ކަމެއް ނޭނގެ އެވެ.
މުސާރައަށް ގެނައި ބަދަލުތަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހު ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އޮފީހަށް ދިޔައީ ވެސް ކަޅު ހެދުމުގަ އެވެ. އެ އިހުތިޖާޖުގައި ހައި ކޯޓާއި ޑްރަގް ކޯޓާއި ސިވިލް ކޯޓު އަދި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓުގެ އިތުރުން ބައެއް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ބައިވެރިވި އެވެ.
އެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށް ރައީސް އޮފީހަށް އަންގާރަ ދުވަހު ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
މާލެ އަދި ރަށްރަށުގެ އެކި ކޯޓުތަކުގެ މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި އެދިފައިވަނީ މުސާރައިގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.
އެ ޕެޓިޝަނުގައި ފާހަގަކުރާ ކަންކަމުގެ ތެރޭގައި ސަލާމާއި އެހެނިހެން ޗުއްޓީ ނެގުމަކީ ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގަކަށްވާއިރު ހާޒިރީ އެލަވެންސް ދިނުމަށް އާ ޕޭ ފުރޭމްވޯކްގައި ކަނޑައަޅާފައިވާގޮތުން ޒަރޫރީ ހާލަތެއް މެދުވެރިވެގެން ޗުއްޓީއެއް ނަގައިފި ނަމަ ލިބޭ މުސާރަ ކުޑަވުމާއި ދައުލަތުގެ ބައެއް އިދާރާތަކުން މުވައްޒަފުން ހާސިލުކޮށްފައިވާ ސެޓްފިކެޓަށް ރިއާޔަތްކޮށް މަތީ ރޭންކަކަށް މުވައްޒަފުން ހިޖުރަކޮށްދީފައި ވާއިރު ޖުޑީޝަރީގައި މިފަދަ ފުރުސަތެއް ފަހިވެފައި ނެތުމުގެ ކަންބޮޑުވުން ހިމެނެ އެވެ.
ޕެޓިޝަނުގައި ބުނީ ސެކިއުރިޓީ ސްޓާފުން ހޮނިހިރު ދުވަހު ކުރާ ޑިއުޓީއަށް ކުރިން ލިބެމުން އައި ބަންދު ދުވަހުގެ އެލަވަންސާއި އިތުރު ގަޑި އުނިކޮށްފައިވާ ކަމަށާއި އެހެންކަމުން، އެފަރާތްތަކުން އެހެން މުވައްޒަފުންނާއި ހިލާފަށް ރަސްމީ ހަ ދުވަހު މަސައްކަތް ކުރަންޖެހޭއިރު އިތުރަށް މަސައްކަތްކުރާ ދުވަހަށް އެއްވެސް އިނާޔަތެއް އިތުރުނުވާ ކަމަށެވެ. އަދި މުސާރައިގެ ކުރިއެރުން ދިނުމުގައި ހުރިހާ މަގާމުތަކަކަށް އެއް ހަމައަކުން މުސާރައިގެ ކުރިއެރުން ދީފައިނުވާ މައްސަލަ ހިމެނޭ ގޮތަށް އިތުރު ކަންބޮޑުވުންތަކެއް ވެސް އެ ޕެޓިޝަނުގައި ހިމެނެ އެވެ.
ޝަރުއީ ދާއިރާގެ އިތުރުން ބައެއް ފަރާތްތަކުން އެފަދަ ކަންބޮޑުވުންތަކެއް ފާހަގަކުރަމުން އަޔަސް ނޭޝަނަލް ޕޭ ކޮމިޝަނުން "މިހާރު" އަށް ބުނީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އެ ގޮތުން ބައެއް އެލަވަންސްތައް ވެސް ހަމަޖައްސާފައިވާ ކަމަށް އެ ކޮމިޝަންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އޭގެ ތެރެއިން އެއް އެލަވަންސަކީ އޭނާ ވިދާޅުވި ގޮތުގައި "ޖުޑިޝަރީ ކޮންޓިނިއުޓީ އެލަވަންސް" އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ކުރިއެރުމަށް އަންނާނެ ބަދަލުތައް ވަރަށް ތަފުސީލްކޮށް ވަނީ ބަލައިފަ އެވެ. އެކަމަކު، ހާއްސަ ހާލަތްތަކާ ގުޅުވައިގެން ދޭ އެލަވަންސްތައް ނުލައި ހިސާބު ހެދުމުން ނުބައި މަންޒަރެއް ފެންނަނީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މުސާރަ ކުޑަވާ ކަމުގެ ޝަކުވާ އެކި މީހުން ކުރަން ފެށުމުން ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ މުސާރައަށް ގެނެސްފައިވާ ބަދަލުގެ އެންމެ ފުރިހަމަ ބަދަލުތައް ފެންނާނީ ޑިސެމްބަރު މަސް ނިންމާ ލިބޭ މުސާރައިގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިއްދޫސަންޝައިން
28 November 2025
ކިތަންމެ ވަރަކަށް މުޒާހަރާ ކުރިޔަސް ވާނެ ކަމެއް ނެތް
މައުސޫމާ ފާރޫޤު
28 November 2025
މުސާރައިގެ އާ އޮނިގަނޑާ ގުޅޭ ގޮތުން ރާއްޖޭގެ ހުރިހާ ކޯޓެއްގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރިއިރުވެސް، ޑީޖޭއޭގެ މުވައްޒަފުންގެ ކަންބޮޑުވުމެއް ނެތި، އެއީ ހެޓް އެޅި އަހްމަދު ޑީޖީ އިސްވެ ހުރެ، އަމްޖަދާ ދެ މީހުން ވެގެން ޑީޖޭއޭގެ މުވައްޒަފުންނަށް ދުރާލައި ޕްރޮމޯޝަން ދީ އަދި ނުވިތާކަށް މެޕް ކުރުމުގެ ތެރެއިންވެސް އެންމެ މައްޗަށް ހިޖުރަ ކުރުވާފައިވާތީ. ސީދާ ޖަރީމާ
ހަގީގަތް 6
27 November 2025
މުސާރަ ބޮޑޭ ތިކިޔަނީ މަހެއްގެ މައްޗަށް މީހަކު މަހުގައި އެއްކޮށް ފުލްކޮށް އިތުރު ގަޑިހަދާގެން ލިބޭނެ އަދަދު އެއިގެ ތެރެއަށް ލައިގެން. އޮޅޫވާލިޔަސް މީ ބޮޑުވަރު ޝަރުއީ ކޯޓުތަކުގެ މުވައްޒަފުންނަކީ ވަޒީފާ އެހެން ތަނެއްގައި އަދާކުރުން މަނާބައެއް. ވީއިރު އެހެން ތަންތަނުގެ މުވައްޒަފުންނާ ޝަރުއީ ކޯޓުގެ މުވައްޒަފުން އެއްހަމަވާނެ ތޯއެވެ. މިކަމަށް ރިއާޔަތްކޮށް އެއްޗެއް ދޭން ނުޖެހޭތޯއެވެ
ކަނންޑުވާ
28 November 2025
މުސާރަ ކުޑަވެގެން ތެޅޭތެޅުމެއް ނޫން. ތިޔަ ލީގަލް މުވައްޒަފުން ހަމައެކަނި ކޮންމެ ދުވަހަކު ހާޒިރުވެ 2 ޖެހީމަ ގެޔަށް ދިޔަޔަސް 24000 އަށް ވުރެ ލިބޭ އެއްޗެއް ބޮޑު. 3 ދުވަހު އޯޓީ ހަދާލައިގެން 26000 އަށް ވުރެ ބޮޑު. ކޮންޓިނިއުޓީ އެލަވަންސް ލިބޭވަރަށް ކޮންމެ ދުވަހަކު ކުރާނަމަ 30000 ވުރެ ބޮޑު. މި މީހުންނަށް ޑިރެކްޓަރުންނަށްވުރެ ބޮޑުވާންވީއޯ؟؟؟ބަލަ ޒިންމާއެއް ނެތް މަޤާމަކަށް އިހުގަ ދިންގޮތަށް މިޒަމާނަކު މުސާރައެއް ނުދޭނެ. ފެންވަރު އޮޅިގެން ނޫޅޭ.
އަސްލު ހަގީގަތް 5
27 November 2025
ދެން ތިޔަ ބުނަނީ މުވައްޒަފުން އުޅެނީ ނުހައްގުން ނަގަމުންއައި އިތުރު ގަޑި ކަޑާލީމައޭ. މިދާއިރާ ނޭގޭބަޔަކަށް މީ ތެދެއްކަމަށް ހީވެދާނެ. އެކަމު ބުނަން. ކޯޓުތަކުގައި ހެނދުން ފެށިގެން ރަސްމީގަޑި ނިމެންދެންވެސް ދަނީ މައްސަލަ ހިންގަމުން. މައްސަލަ ދިރާސާކޮށް ޑްރާފްޓް ކުރަންޖެހެނީ އެހެންވީމާ ނުރަސްމީގަޑީގަ. ދެން ތިބުނަނީ އަނބިދަރިންނާ އާއިލާ ދޫކޮށް ދައުލަތަށް ހިލޭ ސާބަހަކަށް މަސައްކަތް ކޮށްދޭށޭ ހެއްޔެވެ.
އަސްލު ހަގީގަތް 4
27 November 2025
ތިކިޔަނީ މުސާރަ ބޮޑޭ. ކޮންމެ މީހަކަށްވެސް ކުރިން ލިބުނު އަސާސީ މުސާރައަށްވުރެ އަސާސީ މުސާރަ ބޮޑު. އެއީ ސީދާ ހިންގާފަވާ ޖަރީމާއެއް. ދައުލަތަށް ޕެންސަނަށް އިތުރު ލާރި ހޯދަން ޖެހި މަޅިއެއް. އައު މުސާރައާއެކު ފިކްސްޑް އެއްޗަކީ އަސާސީ މުސާރައާ ޖޮބް އެލަވަންސް. މިއަށް ބެލީމާ މުސާރަ ބޮޑުވި މުވައްޒަފުންނަށް ވުރެ ގިނައީ މުސާރަ ދަށްވި މުވައްޒަފުން. މިކަމާ ގުޅިގެން ދެން އުފަންކުރީ މައިގްރޭޝަން އެލަވަންސް. މިއެކޭ ބައްޕަ ކަށަވަރު ނުވާ ދަރިއަކު އުފަންކުރިފަދަ
އަސްލު ހަގީގަތް 3
27 November 2025
ޝަރުޢީ އެއްވެސް ކޯޓެއްގެ މުވައްޒަފުންނަށް މިފުރުސަތު ދީފައިނުވޭ. ކޯޓެއްގެ މުވައްޒަފެއްގެ މަގާމު ބަދަލުވެފަ އޮތިއްޔާ އޮތީ ހަމަ ކޯޓުގެ ހަމަ ސީނިއަރ މަގާމެއް ހުސްވެގެން އިއުލާންކޮށްގެން އެވަޒީފާއަށް އެޕްލައިކޮށްގެން އިންޓަވިއުކޮށް ޕްރެކްޓިކަލް ޓެސްޓް ހަދައިގެން. މިހާރުވެސް ޑީ.ޖޭ.އޭ ދަނީ ޝަރުއީ ކޯޓުތަކުގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ޕަބްލިކަށް ވަރަށް ގޯސްކޮށް ދެމުން
އަސްލު ހަގީގަތް 2
27 November 2025
ޑީ.ޖޭ.އޭ ހަގީގަތް ޑީ.ޖޭ.އޭ އަކީ މިވީހާތަނަށް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް އެއްޗެއް ލިބެން އޮތިއްޔާ އެއެއްޗެއް ނުދީވާން އޮތް ގޮތެއް ބަލާހޯދާ އެގޮތަށް އެކަން ކޮށްފައިވާ ހިޔާނާތްތެރިންތަކެއް. 2022 ވަނަ އަހަރުން ފެށިގެން ޕޭ ހާމަނައިޒް ކުރުމަށް ފަށާފައިވާ ދަތުރުގައި އައު އޮނިގަނޑުގެ ތެރެއިން ކުރިއެރުން ލިބެންހުރި ހުރިހައި ޑީ.ޖޭ.އޭ މުވައްޒަފުން ވަނީ މަގާމު ބަދަލުކޮށް މަގާމުގެ ކުރިއެރުންދީފަ. އެއީ ހަމަ އެތެރެއެތެރެއިން ސިއްރުން ކޮށްފައިވާ ކަމެއް.
އަސްލު ހަގީގަތް 1
27 November 2025
ދައުލަތާއި މިނިވަން މުއައްސަސާތަކަށް ފާއިތުވެ ދިޔަ އަހަރު ތަކުގައި މުސާރައިގެ ކުރިއެރުން ލިބިފައިވީނަމަވެސް ޝަރުޢީ ދާއިރާގެ މުވައްޒަފުން ފާއިތުވެތިޔަ ދިގު މާޒީގައި މުސާރައިގެ ކުރިއެރުމެއް ނުލިބޭ. ފާއިތުވެދިޔަ 18 އަހަރުވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބިފައިނުވޭ. މިހާ ދިގު މުއްދަތަކަށް ޝަރުޢީ ދާއިރާގެ މުވައްޒަފުންނާމެދު މިފަދަ އިހާނެތިކޮށް ކަންކޮށްފައިވަނީ ޑީ.ޖޭ.އޭ ނޫން ދެވަނަ އެހެން އެއްވެސް ފަރާތެއް ނޫން.
ވޯލް
27 November 2025
ސަލާމަ ޗުއްޓީ މެގީމަ ފައިސާ މުސާރައިން ކަންޑަނީކީ ނޫނޭ ކެޔާ. ވަޒީފާއަަށް ހާޒިރުވެ ޚިދުމަތް ކުރީމަ އައު އެލެވަންސްއެއް ދެނީއޭ. މިއީ މި ރާއްޖޭގައި އެކަނި ކުރާ ނުނީ ދޭ ޒާތުގެ އެލަވަންސްއެއް ނޫނޭ:
ކަކުނު88
27 November 2025
މިހާރުވެސް ތިޔަ ޖަސްޓިސް ބިލްޑިންގމަސައްކަތު މީހުން ކަމެއް ނުކޮށް ސައިކޮޓަރި ތަކުގައި ތިބެ ރޭގަނޑު ކާޑު ޖަހަންދޭ .ސައިކަލު ޖަސްޓިސް ބިލްޑިންގ ކުރިމަތީ މަޑުކޮށްފައި ދުވެފައި ގޮސް އައުޓްކާޑު ޖަހާފައި އަނެއްކާ ސައިކަލަށް އަރައިގެންދާތަން ވަރަށް ގިނައިން ފެންނާނެ....