ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރަ: ފްލައިޓްތައް ކެންސަލްވެ، ލަންކާ އެއާޕޯޓްގައި ދިވެހިން ވަނީ ތާށިވެފައި --
29 ނޮވެމްބަރ 2025 - 13:55
ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލް ކުރަން ޖެހުމުގެ ސަބަބުން ކޮލަމްބޯ އެއާޕޯޓްގައި ގިނަ އަދަދެއްގެ ދިވެހިން ތާށިވެއްޖެ އެވެ.
ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަދި ގަމަށް މިއަދު އަންނަން ހަމަޖެހިފައިވާ ސްރީލަންކަން އެއާލައިންސް ފްލައިޓްތައް ވެސް ކެންސަލްވެފައިވާއިރު، އޭގައި ދަތުރު ކުރަން ހަމަޖެހިފައިވާ ދިވެހިން މި ވަގުތު ތިބީ އެއާޕޯޓްގައި ތާށިވެފަ އެވެ. ފްލައިޓް ކެންސަލްކުރި ކަން އެނގުނީ ގިނަ ބަޔަކު އެއާޕޯޓަށް ދިޔަ ފަހުންނެވެ.
އޭގެ ތެރެއިން ގިނަ މީހުންނަށް އިތުރު ފްލައިޓެއް އަދި ހަމަޖެހިފައިވާ ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ. ރާއްޖެ އައުމަށް ކޮލަމްބޯގައި ޓްރާންސިޓްވި ގިނަ ޓޫރިސްޓުން ވެސް އެ ގައުމުގައި ތާށިވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެނގިފައިވާ ގޮތުގައި، އެއާޕޯޓަށް ކުރިންދާ މީހުންނަށް މިއަދު ލަންކާއިން ރާއްޖެއަށް އަންނަ ހަމަޖެހިފައިވާ ފިޓްސްއެއާ އަދި އެމިރޭޓްސް ފްލައިޓުން ޖާގަ ލިބިދާނެކަމަށް ބުނުމުން، ގިނަ އަދަދެއްގެ ދިވެހިން ވަނީ އެއާޕޯޓަށް ގޮސްފަ އެވެ. ނަމަވެސް، އެ ފްލައިޓުތަކުން ސްރީލަންކަން އިން ފުރަން ހަމަޖެހިފައި ތިބި މީހުންނަށް ޖާގަ ލިބުނުކަމެއް ސާފެއް ނުވެ އެވެ.
މިއަދު ކެންސަލްވި ސްރީލަންކަން އެއާލައިންސްގެ ފްލައިޓްގައި ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ވެސް އަންނަން ހަމަޖެހިފައި އޮތެވެ. އެއާޕޯޓަށް ޓީމު ދިޔަ ފަހުން ފްލައިޓް ކެންސަލްވި ކަން އެނގުނުއިރު، މިހާރު ވަނީ މާދަމާ ރާއްޖެ އަންނަ ގޮތަށް ހަމަޖައްސައިފަ އެވެ.
ރާއްޖޭގެ އެމްބަސީން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ ތޫފާން "ދީތުވާ" ގެ ސަބަބުން ލަންކާއަށް ބޯކޮށް ވާރޭވެހި އަދި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ އެ ގައުމަށް ރެޑް އެލާޓް ނެރެފައިވާ ކަމަށެވެ.
އެހެންވެ، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި އަދި ފެންބޮޑުވެ، ނުރައްކާތެރި ހާދިސާތައް ހިނގާ ސަރަހައްދުތަކަށް ދިވެހިން ނުދިއުމަށާއި ބޯކޮށް ވާރޭވެހި އަދި ވައިގަދަވާ ވަގުތުތަކުގައި ގެއިން ބޭރަށް ނުނިކުތުމަށް ވެސް އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ފެނާއި ބޭސް ފަދަ ސާމާނުތައް ރައްކާތެރިކޮށް ބެހެއްޓުމާއި މޮބައިލް ފޯން ޗާޖްކޮށް، މުހިންމު ލިޔުންތައް ރައްކާތެރިކަމާއެކު ބަލަހައްޓަން ވެސް އެ ބަޔާނުގައިވަނީ އިލްތިމާސްކޮށްފަ އެވެ.
ސްރީލަންކާއަށް ދަތުރުކުރާ އެހެން ގައުމުތަކުގެ މީހުންނަށް ވިއްސާރައިގެ ސަބަބުން ގެއްލުމެއް ލިބިއްޖެނަމަ އިމަޖެންސީގައި ގުޅުމަށް 1912 ހޮޓްލައިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އަދި 24 ގަޑިއިރު އެ ހޮޓްލައިންގެ ހިދުމަތް ލިބޭނެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 123 މީހަކު މަރުވެފައި ވާއިރު، މިހާތަނަށް 130 މީހަކު އެ ހާދިސާގައި ވަނީ ގެއްލިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަނާކަލޯ
30 November 2025
ބަލަގަ އެ އެއާޕޯޓްގައި ތާށިވީ ދިވެހިން އެކަންޏެއް ނޫން. ފުރަންދިޔަ ހުރިހާ ގައުމެއްގެ މީހުން.
ކިނާރީ
29 November 2025
ދިވެހިންގެ ވައްތަރު ނުނިކުންނާށޭ ބުނީމަ އެނިކުތީ . ނުކުރާށޭ ބުނެފިކަމެއް ކުރާނެ . ކުރާށޭ ބުނެފިކަމެއް ނުކުރާނެ . މޫސުމީ ކަންކަމަށް ވެސް ސަމާސާ ކުރާ ބަޔަކު އެއްކަމެއްވެސް ސިރިއަސް ނުވާނެ . މޫސުމީ ހާލަތް ތަންނުދޭނަމަދަތުރެއްނުކުރާނެ ކަން ނުކުރެވޭނެ ކަން ނޭގެނޭކީއްވެސްނޫން . ކޮންމެ ކަމެއްގަ ވެސް ގޮތްދެއްކުމާ ބޮޑުކަން ދެއްކުން . ގުދުރަތީ ހާލަތަށް ގޮންޖެހުން . ފެން ފޮދެއް މަގުމަތީ ބޮޑުވެލިއަސް އެއޮތްނަ ސަރުކާރަށްބަވާ ބަޔަކު .
ކޮރު
29 November 2025
ދެން މިވީ ފްލައިޓެއް ފޮނުވަން. ތިކޮޅުގަ ވެއްޖެ ކޯސްޓުގާޑު މަނަވަރު. އެޔަށް އަރުވާ ތި މީހުން. ކާންވެސް ލިބޭނެ.
އުދުހޭ
29 November 2025
ކުރިން އެލަރޓް ނެރެފައޮއްވާވެސް ތައްޔާރުނުވީދޯ
ކޮރަލް
29 November 2025
އެމަޖެންސީގަ ދިވެހި އެމްބަސީ އަށް ގުޅާނެ ނަންބަރު ކޮބާތޯ އެވެ؟ ހާލުގަ ޖެހޭ މީހުންނަށް ދިވެހި އެމްބަސީން މާލީ އެހީ އާއި ހުންނާނެ ތަން ހަމަ ޖެހޭނެ ތޯ އެވެ.؟ ލަންކާ އިން ރައްކާތެރި ވުމުގެ ފިޔަވަޅު ތައް އެޅުމަށް ބުނެ ގުޅޭ ނަންބަރެއް ވެސް އެބަ އޮތެވެ. ރާއްޖެ އެމްބަސީން ހަމަ އެކަނި ބުނަނީ ބަލައިގެން އުޅުމަށެވެ. ހާލަތު ވ ގޯހެވެ.