ރައްޔިތުންގެ މަޖިލިހުގެ ޖަލްސާްއެއްގައި ފަލާހު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
29 ނޮވެމްބަރ 2025 - 19:21
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު ހިސާބުން ފެށިގެން މި މަހާ ހަމަޔަށް، ކުރީގެ ރައީސްގެ އޮފީސް ހިންގުމުގެ ހަރަދަށް ޖެހޭ 14.7 މިލިއަން ރުފިޔާ އެއްފަހަރާ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ފިނޭންސް މިނިސްޓްރީ އަށް އެ މަނިކުފާނު ސިޓީއެއް ފޮނުއްވާފައިވާކަން މީޑީއާ އަށް ތިލަވުމާ ގުޅިގެން ވެސް އިނގުރައިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަލާހު ޔާމީނަށް ފާޑުވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސުންގެ އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ މެދު ރައްޔިތުންގެ މަޖިލިހުގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި ބަހުސްގައި ޔާމީނާ ގުޅުވައިގެން ފަލާހު ދެއްކެވި ވާހަކަތަކަކާ އެކު، ޔާމީންގެ އޮފީސް ހިންގުމުގެ ހަރަދުގެ މައްސަލަ ވަނީ ބަހުސަކަށް ވެފަ އެވެ.
ޕީއެންއެފުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ފަލާހަށް ރައްދު ދިނުމުގެ "ސެޝަން" ގައި ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަން ނޮވެމްބަރު 17، 2018 ގައި ބަދަލުވި ފަހުން، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ދޫކުރާ ބަޖެޓުގެ ތެރެއިން އެއްވެސް ފައިސާއެއް ނުނަންގަވާ ކަމަށެވެ. އަދި ބޭސްފަރުވާ އަށް ވެސް ދައުލަތުން ފައިސާ ހޯއްދަވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
ޔާމީންގެ ވާހަކަފުޅުގައި ހާއްސަކޮށް ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދު ދައުލަތުން ނުނަންގަވާ ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ދިފާއުވެވަޑައިގަތެވެ.
ނަމަވެސް ޔާމީންގެ ވެރިކަން ނިމުނު ހިސާބުން ފެށިގެން މި މަހާ ހަމަޔަށް، ކުރީގެ ރައީސްގެ އޮފީސް ހިންގުމުގެ ހަރަދަށް ޖެހޭ 14.7 މިލިއަން ރުފިޔާ އެއްފަހަރާ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ފިނޭންސް މިނިސްޓްރީ އަށް އެ މަނިކުފާނު ސޮއިކުރައްވައި މި މަހުގެ 10 ގައި ސިޓީއެއް ފޮނުއްވި ކަން އިއްޔެ މީޑިއާ އަށް ތިލަވި އެވެ. އެކަމަކު، ކުރީގެ ރައީސްގެ އޮފީހުގެ އިނާޔަތް ނުނަންގަވާ ކަމަށް ވިދާޅުވެ، ދިފާއު އަށް ނުކުމެވަޑައިގެންނެވިއިރު އެ އިނާޔަތް ގަނޑުކޮށް ހޯއްދަވަން ސިޓީއެއް ފޮނުއްވިކަން އެއްވެސް ވަރަކަށް ޔާމީން ވިދާޅުނުވެ އޮތީ "ސިއްރު" ކުރައްވައިފަ އެވެ.
އެހެންވެ، ޔާމީނަށް އަބަދުވެސް ފާޑުވިދާޅުވާ، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ފަލާހު އަނެއް ޔާމީނަށް ސޯޝަލް މީޑިއާގައި މިއަދު "ރައްދު" ދެއްވީ އެވެ.
ފަލާހު ވިދާޅުވީ، 2018-2023 އަށް ޔާމީން ހުރީ ޖަލަށް ލާފައި ކަަމަށް ވާއިރު، ޖަލު ހުކުމެއްގައި ހުންނަ ވެރިއަކަށް އޮފީސް ހިންގުމުގެ ހަރަދު ގާނޫނު އޮތް ގޮތުން ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
ޔާމީންގެ އިސްތަށިފުޅުގައި ތަކުރާރުކޮށް "ވައްކަމުގެ" ތުހުމަތު އަޅުވަމުން ފަލާހުގެ ޕޯސްޓުގައި ވިދާޅުވީ، އޮފީސް ހިންގުމުގެ ހަރަދު ދައުލަތުން ހޯއްދެވުމުގައި ވެސް ޔާމީން އަމަލު ކުރެއްވީ އެ ގޮތަށް ކަމަށެވެ.
"އަހަރެން ބައެއް މީހުންނަށް ކަމު ނުދަނީ ތެދަށް މިފަދަ ވާހަކަ ދައްކާތީ،" ފަލާހު ވިދާޅުވި އެވެ.
ޔާމީން ޖަލަށް ލާފައި ހުރި ދުވަސްތައް ވެސް ހިމެނޭ ގޮތަށް ކުރީގެ ރައީސްގެ އޮފީސް ހިންގުމަށް ހަރަދުވާ 14.7 މިލިއަން ރުފިޔާ ދައުލަތުން ދޫކުރަން އެ މަނިކުފާނު އެދިވަޑައިގެންފައިވާތީ އެ ފައިސާ، ބެކްޑޭޓްކޮށް، ދޫކުރުމާ ބެހޭ ގޮތުން ގާނޫނީ ލަފާ ހޯދަން ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފަ އެވެ. ބަންޑާރަ ނައިބުގެ އޮފީހުން ވެސް އެކަން އިއްޔެ "މިހާރު" އަށް ކަށަވަރު ކޮށްދިނެވެ.
ކުރީގެ ރައީސުންގެ އޮފީހުގެ ހަރަދު ދައުލަތުގެ ބަޖެޓުން ދޫކުރަނީ އެ ކަމަށް އެދިވަޑައިގެން އެ ބޭފުޅަކު ހުށަހެޅުއްވުމުންނެވެ. އެކަމަކު، ޔާމީން މީގެ ކުރިން ދުވަހަކު ވެސް އޮފީސް ހަރަދު ހޯއްދަވަން ހުށަނާޅުއްވާ ކަމަށް އެނގިފައި ވެ އެވެ.
ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ކޮންމެ ބޭފުޅަކަށް ދައުލަތުން މަހަކު 175،000ރ. ލިބޭނެ އެވެ. މި ރޭޓުން ބަލާއިރު ޔާމީނަށް 14.7 މިލިއަން ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނުގައި ބުނެފައި ވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެ ބޭފުޅަކު ބޭނުންވެއްޖެ ނަމަ މަސައްކަތް ކުރާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖައްސަން ކޮންމެ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭން ވާނެ ކަމަށެވެ.
މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރި ހިސާބުތަކަށް ބަލާއިރު ޔާމީން ދިރިއުޅުއްވާ ތަނުގެ ހަރަދާއި މާލީ އިނާޔަތުގެ ގޮތުގައި 8.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. ވެރިކަން ބަދަލުވި ފަހު އަހަރު ކަމަށްވާ 2019 އިން ފެށިގެން ދިިއުޅުއްވާ ތަނުގެ ހަރަދަށް ކޮންމެ އަހަރަކު 600،000ރ. ޔާމީނަށް ދައުލަތުން ދޫކޮށްފައި ވެ އެވެ. އަދި މާލީ އިނާޔަތަށް ވެސް ކޮންމެ އަހަރަކު ހަމަ އެ ވަރަށް އަންނަނީ ފައިސާ ދޫކުރަމުންނެވެ.
ވެރިކަން ބަދަލުވި އަހަރު ވެސް ދިރިއުޅުއްވާ ތަނުގެ ހަރަދަށް 73،000ރ. އަދި މާލީ އިނާޔަތަށް ވެސް 73،000ރ. ދައުލަތުން ޔާމީނަށް ދޫކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޛަހީ
30 November 2025
ޔާމީނު މެން މިއުޅެނީ ގައުމަައްޓަކައެއްނޫން ޖީބައްޓަކައި
ޖާދުﷲ
30 November 2025
ބެކް ޑޭޓަށް ދޭކަށްނުޖެހޭ. ބޭނުން ނުވާތީ އޭރު ހޯދަން ނޭދި ދެން މިހާރު އެއްފަހަރާ ހޯދުމުގެ ބޭނުމަކީ ކޮބާ؟ ލޯކަލް ކައުންސިލް އިންތިޙާބަށް ފަންޑުކުރަން؟! ދިވެހި މާލިއްޔަތުގެ ޙިައްސާދާރެއްގެ ގޮތުން އަހަރެން ބުނާނީ މިއީ އެއްގޮތަކަށްވެސް ދީގެންވާނެ އެއްޗެއް ނޫނޭ.
ޕަޅާހު
30 November 2025
ގާނޫން ރަނގަޅަށް ކިޔާލައްވާ. ގާނޫނުގައި ނެތް އޭނާ ހުންނަން ޖެހޭނީ ކޮންތާކުތޯ އެއް. ޖަލުގަ ހުއްޓަސް، މާލޭގަ ހުއްޓަަސް، ރާއްޖޭން ބޭރުގައި ހުއްޓަސް ލާރި ޖެހޭނީ ދޭން.
ވަގުން
30 November 2025
ތީ ވަގު ބައްދަލުވުންތައް ފޮރުވަން އަޑު އަރުވައިން ޖަހާ މައްޗެއް..
ފޫހި
30 November 2025
އެއީ ޔާމީނުގެ މައްސަލައެއްނޫން. އެއީ ފަލާހުމެންކަހަލަ ދެ އުޅިއެއްނުވާ މެމްބަރުން ހަދާފަ ހުރި ފީކަޅާ ޤާނޫނުގެ ސަބަބުން ރައްޔިތުންގެ ޓެކްސްފައިސާ އިން އެއްބަޔަކަށް ލިބޭ މަންފާ. ޔާމީނު ހުރީ ޖަލުގަ ކަމަށްވިއަސް އޮފީސް އޮފީސް ހިންގިދާނެ. ބައެއް ވެރިން އެފްރިކާ ގަ އަނެއްބަޔަކު އެމެރިކާގަ އުޅެމުންވެސް ހުރިހާ އެއްޗެއް ނަގާ. އެހެންވީމާ ޔާމީނުވެސް ފުރާނަ ހުރިއްޔާ ގާނޫނު އޮތް ގޮތުން ދޭންޖެހޭނެ. ކަލޭމެން ގާނޫނު ހަދަނީ މީހާއަށް ބަލައިގެން. ދެންވާނީ ތިޔަހެން
މުލޭ
30 November 2025
އޮފީސް ހިންގުމުގެ ޢިނާޔަތަކީ އެ ރައީސަކު އެދުނީމަ ލިބޭ އެއްޗެއްކަން އެނގެން އޮންނައިރު އެ ފައިސާ ލިބޭނީ އެދޭ ދުވަހުން ފެށިގެން ކުރިއަށް. ފާއިތުވި ދުވަސްތަކަށް ލިބެންވާނެ ކަމަކަށް ނުފެނޭ.
ފުއްޓަރު ފަޒީ
30 November 2025
ދުނިޔޭގަ ހުރިއްޔާ އަދި ފެންނާނެ ރ.ޔާމީން ވެރިކަމެއްގަ މީނާ މުއީޒާ ދިމައިލަށް ފާޑުކިޔާތަން.
ރަދުން
30 November 2025
ފަލާހަށް ނޭގޭ އޭނާގެ ސައިޒުވެސް.ތިމާއާއި ނުބައްދެލި މަޤާމެއްލިބުނީމަ މަޑުންހުރެބަލާ.
ރަދީފްއޮފިޝަލް /
30 November 2025
ރައީސް ޔާމީން ކާރީގަ ފަލާހު ޖެހޭނީ މުޑިކާށި ހޮވަން.
އޮޑިޓުކޮބާ
30 November 2025
މުޖުތަމައު އަށް ފައިދާ ހުރި ކަންކަން ކުރާ އޮފީސް ހިންގަން ދޫކުރާ ފައިސާއަކުން އެކަންކަން ކުރޭތޯ ބަލާ އޮޑިޓް ކުރެވެން ޖެހޭނެ. ނުހިންގާނަމަ ތިޔަ ފައިސާ ޔާމީނަކަށްވެސް އެހެން ރައީސަކަށްވެސް ލިބިގެން ނުވާނެ. ކުރިން އެހެން ރައީސުންނަށް ދީފަ ހުރި ފައިސާވެސް އޮޑިޓްކޮށް، ޚިޔާނާތްތެރި ވެފައިވާނަމަ ފައިސާ އަތުލާ އަދަބުވެސް ދެވެން ޖެހޭން. ރައްޔިތުންނަށް ބަލަދު އަރާފަ ތިބި ބޭރަށްހިންގާ ގެރިތަކެއްގެ ވާހަކަ ކިޔާހެންވެސް ހީވޭ.