މިވަގުތު ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހިއްސާއާ އެކުގައި މަސައްކަތްކުރައްވަން ބޭނުންފުޅުވާ ކަމަށާއި އެ ހައްލު ހޯދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް ނަޝީދާއި އިބޫއާ ދެމެދު ހިނގި އަރައިރުންތަކަށް ފަހު ފުރަތަމަ ފަހަރަށް މިއަދު ބައްދަލުކުރެއްވުމާ އެކު، ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އެ ދެބޭފުޅުން ޔާމީނާ ގުޅިވަޑައިގެން މަސައްކަތްޕުޅު ކުރައްވާނެތޯ ސުވާލުކޮށްފަ އެވެ.

އެ ސުވާލުކުރުމުގެ ކުރިން ވެސް އިބޫ ވަނީ ގައުމީ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރީގެ ރައީސުންނާ އެކު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު މިއަދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާ އެކުގައި ވެސް އެމްޑީޕީން މަސައްކަތްކުރި ކަމަށާއި އެހެންވީމާ، ޔާމީނާ އެކުގައި މަސައްކަތް ނުކުރެވޭނެ ސަބަބެއް ނެތް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރެއްވުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރެއްވުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރީ މައުމޫނާއި އޭރު އިދިކޮޅުގައި ތިބި ގިނަ ޕާޓީތަކަކާ އެކު ކޯލިޝަން ހަދައިގެންނެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ އަޅުގަނޑުމެންނަށް އެ ހައްލު، މަގު ހޯދޭނެހެން، އެކީގައި މަސައްކަތްކުރެވޭ،" އިބޫ ވިދާޅުވި އެވެ.

"މިހާރު ގައުމު މިއޮތް ހާލަތުން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި. އެހެންވީމަ، އެ ކަންތައްތައް ކުރުމުގައި ރައީސް ޔާމީންގެ ހިއްސާއެއް މީގެ ތެރެއަށް އައުމަކީ އަޅުގަނޑުމެން އެދޭ ކަމެއް."

ޔާމީނާ އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދާއި އިބޫ ވިދާޅުވި އިރު، ޔާމީނާ ވާދަކޮށް 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރީ ޔާމީނަށް ސީރިއަސް އެތައް ތުހުމަތުތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރި ތުހުމަތުތަކާއި ނަޝީދު ހިމެނޭ ގޮތަށް ސިޔާސީ ގިނަ ލީޑަރުންތަކެއް ހައްޔަރުކުރި މައްސަލަ ވެސް ހިމެނެ އެވެ.

އިބޫ ވެރިކަމުގައި ވަނީ ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް 2022 ވަނަ އަހަރު އިއްވައިފަ އެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އިބޫއަށް ނާކާމިޔާބު ވުމާ އެކު، ސިއްހީ ސަބަބުތަކަށްޓަކާ ކަމަށް ބުނެ ޖަލުގައި ހުންނެވި ޔާމީން ގެއަށް ބަދަލުކުރެއްވި އެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަމުރު ކުރުމާ އެކު ޔާމީން ވަނީ މިނިވަންވެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ސަލާންކުރައްވަނީ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ސަލާންކުރައްވަނީ.

ޔާމީނާ އެކު އެމްޑީޕީން މަސައްކަތް ކުރަން ބޭނުންވާ އިރު، ޔާމީންް މި ފަހުން ވެސް ގެންދަވަނީ އެމްޑީޕީގެ އެކި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ސަޕޯޓަރުންތަކަކާ އެކު އަމިއްލަ ގެކޮޅުގައި ސިލްސިލާކޮށް ބާއްވަވަމުން ގެންދަވާ ޖަލްސާތަކުގައި ޔާމީން ވިދާޅުވަމުން ގެންދަވަނީ އިގްތިސާދީ ގޮތުން ވެސް ރާއްޖެ މި ހާލަތަށް ވައްޓާލުމުގެ ޒިންމާ އެމްޑީޕީން ނަގަން ޖެހޭ ކަމަށެވެ.

އެމްޑީޕީއަކީ އުސޫލުތައް ހިފަހައްޓާ ޕާޓީއެއް ކަމަށް ލައްކަ ގިނަ ވާހަކަތައް ދައްކައިގެން ވެރިކަމަށް އާދެވުނު ދެ ފަހަރު ވެސް ޝަރުއީ ނިޒާމަށް އަތްބާނައިގެން އެންމެ ހުދުމުހުތާރުކޮށް ރާއްޖޭގައި ވެރިކަން ކުރި ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށް ޔާމީން ވިދާޅުވެފައި ވެ އެވެ.

ޔަމީން ކުރިން ތުހުމަތުކުރެއްވި ގޮތުގައި، އެމްޑީޕީން އުޅެނީ ރާއްޖޭގެ މިނިވަންކަން ނަގާލައި، އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތުދީ، އެއްވެސް އުސޫލެއް އަދި ހައްދެއް ނެތި މީހުންނަށް އުޅުމުގެ މިނިވަންކަން ދިނުމަށެވެ. އެއީ ދިވެހިން ގަބޫލުކުރާނެ ގޮތެއް ނޫން ކަން، މާ ކުރިން ރައްޔިތުންގެ ބައިވެރިވުމާ އެކު ހެދި ގާނޫނުތަކާއި އުސޫލުތަކުން އެނގެން އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ޔާމީން ގެންދަވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފް އިން ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.