ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި 500 ގަސް އިންދުމަށް ބޭއްވި ހަރަކާތް.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
01 ޑިސެމްބަރ 2025 - 11:45
ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ވިލިމާލޭގެ އެކި ތަންތަނުގައި 500 ގަސް އިއްޔެ އިންދައިފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ނޫސްބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި 500 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް އިއްޔެ ބާއްވާފައިވާ ކަމަށެވެ. އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހި އިތުރުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ވިލިމާލޭގައި އިއްޔެ ހަވީރު ބޭއްވި އެ ހަރަކާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނަޒިމް އިބްރާހިމް އަދި ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެން، ގަސް އިންދަވާފައިވެ އެވެ.
ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި 500 ގަސް އިންދުމަށް ބޭއްވި ހަރަކާތް.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
މިނިސްޓްރީން ބުނީ ވިލިމާލޭގައި ބޭއްވި ހަރަކާތުގައި 100 ދިވެހި ރުއް ތިން ސަރަހައްދެއްގައި އިންދާފައިވާ ކަމަށެވެ. އަދި 100 އަށް ވުރެ ގިނަ ހައިވަކަރު ގަސް ވެސް ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި އިންދާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިހާރު ރާއްޖޭގައި އެންމެ ގިނައިން ހައިވަކަރު ގަސް ހުރި ރަށަކަށް ވިލިމާލެ ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"ހައިވަކަރަކީ މިވަގުތު ރާއްޖެއިން ވަރަށް މަދުން ފެންނަ ގަހެކެވެ. މިގޮތަށް މަދުން ފެންނަ ގަސްތައް ގިނަކުރުމަށް ކުރިއަށް ގެންދާ މި މަސައްކަތަކީ ތިމާވެށީގެ ދިރުންތައް ދެމެހެއްޓުމަށް ބާރުއަޅާ ކަމެކެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި 500 ގަސް އިންދުމަށް ބޭއްވި ހަރަކާތުގައި އިންދި ގަހެއް.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ރީތިކަން ދިރުވައި، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫ އެވެ. ރައީސް މުއިއްޒު އެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ދިމާކޮށް މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހެވެ.
ސަރުކާރުން ބުނި ގޮތުގައި، އެ ޕްރޮގްރާމް ފެށި ފަހުން މިހާތަނަށް ރާއްޖޭގެ އެކި ތަންތަނުގައި 827,000 އަށް ވުރެ ގިނަ ގަސް ވަނީ އިންދައިފަ އެވެ.
ވިލިމާލޭގައި ހުރި ދުވަސްވީ ދެ ނިކަގަސް ނަގަން ސަރުކާރުން ނިންމާފައި ވާތީ، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުންނާއި އާންމުންގެ ފާޑުކިޔުން އެކަމަށް ވަރަށް ބޮޑަށް މި ދުވަސްވަރު ވަނީ އަމާޒުވެފަ އެވެ. އެ ނިކަގަސްތައް ނަގަން ނިންމީ، އޭގެ މުލުގެ ސަބަބުން އާންމުންގެ ގޭގެއަށް ގެއްލުން ލިބޭ ކަމުގެ ޝަކުވާ ލިބޭތީ ކަމަށް ސަރުކާރުން ބުންޏެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މާލެސިޓީ، ވިލިގިނގިލީގައި 500 ގަސް އިންދުމަށް މިއަދު ބޭއްވުނު ހަރަކާތުގެ ތެރެއިން pic.twitter.com/gExe6mqpMh
— Ministry of Tourism and Environment (@MoTmv) November 30, 2025
ރައީސް މުއިއްޒު މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރަން މިހާ އިސްކަންދިން ސަރުކާރެއް ނޯންނާނެ ކަމަށެވެ.
"ގަސް ކެނޑުމާއި މި ކަންކަމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. އެކަމަކު ތަނެއްގެ ޒަރޫރީ ބޭނުމަކަށް، އިންސާނެއްގެ ދިރިއުޅުމަށް އުނދަގޫވާ ކަމަށް ވަންޏާ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން، ގާނޫނީ ގޮތުން އިޖުރާއަތްތައް ފުރިހަމަ ކުރެވިގެން އެ އޮންނަ ގޮތަކަށް ގަހެއް އެތަނުން ނެގުމަކީ ގަސް އިންދުމާ ދެކޮޅު ހެދުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އާންމުންނަށް އުނދަގޫވާތީ ވިލިމާލޭގައި ދެ ނިކަގަސް ނަގާއިރު، އޭގެ ބަދަލުގައި އެ އަވަށުގެ އެކި ތަންތަނުގައި 300 ގަސް އިންދަން ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކީކޭ
02 December 2025
ރަށުގެ މަލަމަތި ނޫނީ ގްރީން ޒޯނުގަ ހުރި ބޮޑުބިޔަ ދިއްގާ، މަގޫ، ހިނރުދު ކޮއްމެ ހެނދުނަކާ ނުކުމެ ކޮށާ ކުދި ކޮއްފަ ގޮނޑަށް. ވިލިނގިލީ ބީޗުން ގަސް ނުކަނޑާ ދުވަހެއް މަދުވާނެ. މިދއްކަނީ ބީޗް ހިމާޔަތް ކުރަން ހުރި ގަސްތަކުގެ ވާހަކަ. މިހާރު ވިލިނގިލި ބީިޗުން އިނގިލި ބިންދާ ގުނޭނެ ހަލަވެލި، ކުރެދި ގަސް. މިދއްކަނީ މާލެ ސިޓީ ކައުސިލުން ނުކެމެ ކުނިކިހަން ފަސޭހައަށް ރަށުގެ މަލަމަތި ކޮށާ ވާހަކަ. ދެން މިކިޔަނީ ބީޗް ގިރަނީއެ، ހުރިހާ ވެހިކަލެއްގަ ދަބަރު ޖަހަނީއޭ.
ކޮން
02 December 2025
100ގެ ވާހަކައެއް
ވެހޭ ވާރޭ
01 December 2025
ވެހޭ ވާރޭ ތެރޭ ގަސްތަކަށް ފެންދޭން ދައުލަތުގެ ވެރިން، ތިމާވެށި ހިމާޔަތްވާނީ އެވަރަކަށް
މުޑަހަންޖާ
01 December 2025
ރާއްޖޭ ރަށްރަށުގެމެދުގައި ތަފާތުކުރުމުގެ ސަގާފަތް ސަރުކާރުން ހުއްޓާލަންޖެހޭގޮތަށް ގާނޫނުތަކަށް ބަދަލުގެންނަންޖެހޭ. ހ.ދ ނޭކުރެންދޫ ނުވަތަ ގ.ދ ނަޑެއްލާގައިވެސް ތިގޮތަށް ސަރުކާރު މިނިސްޓްރީއިންގޮސް ހައިވަކަރުގަސް އިންދަދޭނެތޯ.
މުޑަހަންޖާ
01 December 2025
ކ.އަތޮޅު ވިލިނގިލީ ފަހަތަށް "މާލެ" ލައިގެން ސަރުކާރުގެ މިނިސްޓްރީތަކުން ބޭރުކަރަކަރައިން އަގުބޮޑެތި ގަސް އިންޕޯޓުކޮށްގެން ރަށުތެރޭ އެތައްސަތޭކަ ގަސް އިންދަންޏާ ރާއްޖޭ އެހެން ރަށްރަށުގަވެސް ސަރުކާރު މިނިސްޓްރީއިން ތިގޮތަށް ގަސް އިންދަދޭންޖެހޭ. އެހެން ރަށްރަށުގަ ގަސް އިންދާށޭ ކައުންސިލަށް އެންގީމާ ރައްޔިތުން ނިކުމެ ހޭޅިފަށުން ދިއްގާގޮފި ކަނޑައިގެން މަގުތަކުގަ އިންދާނަމަ ތިރަށުގަވެސް އޮންނަންޖެހޭނީ އެއުސޫލު.
ހުތރެ
01 December 2025
ގޭގޭގެ ބުޑުގަ ބިޔަކޮށް ހެދޭ ހައިވަރު ގަސް އިންދީމަ ފަހުން އެ ބޮޑު އުނދަގުލަކަށް ނުވާނެތަ؟ އެކަހަލަ ގަސް އިންދަންވާނީ ތަންކޮޅެއް ހުސް، ބިން އޮތް ހިސާބުގަ...ވަކި ގޮތެއް ނުބަލާ ގަސްތައް އިންދާ ނިންމާލީ..ކިތަންމެ ރަގަޅުކަމެއް ކުރިއަސް، އަމާ ބުނީތީ ފަރަށްދާ އުސޫލުން ކުރީމަ ކަމަކު ނުދޭނެ.
ކަޑަބޮއް ސައީދު
01 December 2025
ގަސް އިންދަންވީ މަގަށް ހިޔާވާ ގޮތަށް. މިހާރު ހުޅުމާލޭގައި އިންދާފައި ހުރީ ވަރަށް ނުބައި ކޮށް. އޭގެން އެއްވެސް ފައިދާއެއް ރައްޔިތުންނަށް ނުވާ ގޮތަށް ދުރު ދުރުގައި. ހިޔާ ނުވޭ އަނެއްކާ އިންދާފައި ހުންނަނީ މުޑުވަށް ގޯސް ގަސް އެހެންވެ އޭގެ ގަސްތަށް ބޮޑު ނުވެ އެތަށް އަހަރެއް ވަންދެން އެ ތިބެނީ ދެތިން ފަތް ލާފައި.
ކޮން
01 December 2025
މިލިޔަން ގަސް އިންދިޔަސް ނިކަގަސް ނުކަނޑާ ކަމަށް ވާނެތަ؟ މިހާރު ތި ގަސްއިންދާ ގޮތްވެސް އެނގެއެއްނު. އިންދީމަ ނިމުނީ. ދެން ނޯންނާނެ އަޅާލުމެއް... ބީ ޕްރެކްޓިކަލް
އަލީމަކިން
01 December 2025
އިންދާފަ ތިހުރީ ހައިވަކަރުގަހެއްނޫން އަދި ރުކެއްވެސް ނޫން.
ސޯވއޮފް
01 December 2025
500 ގަހުގެ ތެރެއިން 50 ގަސްވެސް ހެދޭނެ ކަމަކަށް ނުބެލެވެއެވެ. ބޮޑު ރަސްމިއްޔާތެއް ބާއްވާފަ ސްކޫލް ކުދިން ގެންގޮސްގެން ހުޅުމާލޭ ފޭސް2 ގެ ބީޗް ސަރަހައްދުގައިވެސް ތިގޮތަށް އެތައް ގަހެއް އިންދިއެވެ. މިއަދު އެތަނުގައި އެއިގެ ތެެރެއިން އެންމެ ގަހެއްވެސް ބިމުން މަށްޗަކު ނެތެވެ
އަބްޑޫޅް +
01 December 2025
ކަޅުވަކަރު ގަހެއް ނީންދަމުތަ؟ ކަޅުވަކަރު މިސްކިތެއްވެސް ހުރޭނުން؟ އަހުރެންގެ ދުރު ހަނދާނުގަ، ކަޅުވަކަރު މިސްކިތުގެ މުދިމަކީ އެދުރުދީދީ ގެ ކަޅުހުއްތީދި. އަހުރެންނަކީ މިސްކިތަށް އަރާ އުޅުނު މީހެއް ނޫން. އެކަމަކު މަގެއްގެ މަތީން އެދުރުދީދީ ގެ ކަޅުހުއްތީދި ފެނިއްޖެ ނަމަ، އޭނަ އަބަދުވެސް ހުއްޓިފައި ހިތް ހެޔޮ އެއްޗެއް، ދޭއްޗެއް ބުނެލާނެ.