ގާޒީ ފާއިޒު: އޭނާ ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ވަނީ ފޮނުވާފައި
01 ޑިސެމްބަރ 2025 - 11:27
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އަމަލު ކޮށްފައިވާކާން ސާބިތުވެފައި ވާތީ އޭނާ ގާޒީކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި މައްސަލަ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.
ގާޒީ ފާއިޒު ވަކިކުރުމުގެ މައްސަލަ މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، އެ މައްސަލަ ދިރާސާ ކުރަން ފޮނުވާފައިވަނީ ޖުޑިޝަރީ ކޮމިޓީއަށެވެ.
މަޖިލީހަށް ޖޭއެސްސީން ފޮނުވި ސިޓީގައިވާ ގޮތުން ޖޭއެސްސީން ގާޒީ ފާއިޒްއާ ގުޅޭ ގޮތުން ބެލީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލައެކެވެ.
ޖޭއެސްސީން ބުނީ، ގާޒީ ފާއިޒް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައިވާކަން އެ ކޮމިޝަންގެ ގާނޫނުގައި ބުނާ މިންގަނޑަށް ސާބިތުވާ ކަމަށެވެ. އެ މައްސަލަތަކާ ގުޅިގެން ގާޒީ ފާއިޒް މިދިޔަ މަހުން ފެށިގެން ސަސްޕެންޑުކޮށްފައި ވަނީ ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ.
އީރާނު ބޯޓަކުން ރާއްޖެއަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރި އަލީ އަންވަރު މުހައްމަދު މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި މިދިޔަ އޮކްޓޫބަރު މަހު ހައްޔަރުކޮށް، ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ދިނެވެ. އެކަމަކު އެ މުއްދަތު ހަމަވާތީ އެ މަހުގެ 18 ވަނަ ދުވަހު ދުވަހު ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލީ އެވެ.
އަލީ އަންވަރު ބަންދުން ދޫކޮށްލުމުން އެހެން އަމުރެއްގެ ދަށުން ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރި ނަމަވެސް، އޭރު އޭނާ ވަނީ ސްރީ ލަންކާ އަށް ފުރައިގެން ގޮސްފަ އެވެ. ފުލުހުން ވަނީ ލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށް އަލީ އަންވަރު ލަންކާއިން ޑީޕޯޓްކުރުވައިފަ އެވެ. އަދި ރާއްޖެ ގެނައުމާ އެކު އަލުން ހައްޔަރުކުރީ އެވެ.
އަލީ އަންވަރު ކުރިން ހައްޔަރުކުރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ގުޅިގެން އޮކްޓޯބަރު، 2019 ގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ އޮޕަރޭޝަނުގައި ދެ އުޅަނދަކުން 70 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވެ އެވެ. އެ އޮޕަރޭޝަނުގައި ހިފެހެއްޓީ އީރާނުގެ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެކެވެ. އަލީ އަންވަރަކީ ވައްކަމުގެ ރެކޯޑް ވެސް އޮންނަ މީހެކެވެ.
ގާޒީ ފާއިޒް ވަނީ، އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް 2021 ވަނަ އަހަރު މަރާލި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ލަމްހާ މީގެ ކުރިން ވެސް ދެ ފަހަރަކު ބަންދުން ދޫކޮށްލައިފަ އެވެ.
އެ ދެ ފަހަރު ވެސް ދައުލަތުން އެ ނިންމުން ހައި ކޯޓަށް ހުށަހެޅުމުން އެ ނިންމުންތައް ބާތިލްކޮށްފައިވެ އެވެ. އެންމެ ފަހުން މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅު ވެސް ލަމްހާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އެ ނިންމުން ވެސް ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން މި ފަހަރު ވެސް ވަނީ ބަންދާ މެދު އަލުން ގޮތެއް ނިންމަން އަމުރުކޮށްފަ އެވެ.
އެކަމަކު ގާޒީ ފާއިޒް ވަނީ ލަމްހާގެ ބަންދާ މެދު ގޮތެއް ނިންމޭނީ ލަމްހާގެ ފަރާތުން މުޖުތަމައުއަށް އޮތް ނުރައްކަލެއް ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށް ފަހުގައި ކަމަށާއި އެ އެސެސްމަންޓް ހަދަން ދައުލަތަށް އެންގުމުން އެކަން ކޮށްފައި ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށަސދދ
01 December 2025
މީހުންގެ ޤާތިލުންގެ ގުރޫޕު ގުރޫޕަށް އެބަހުރި ދޫކޮށްފައި. ފިޔަވަޅެއް ނާޅާ.
ކޮރަލް
01 December 2025
އޭނަ ފައިސާ ނެގިތޯ އާ ނެގިވަރެއް ވެސް ބަލަން ވީ އެވެ. ވަޒީފާއިން ވަކި ކުރިއަސް ނުފުދެ އެވެ.
ރާވެރިބެ
01 December 2025
ޑރަގްގެ ބޮޑެތި މައްސަލަ ތަކުގަ މިހާފާޅުކަން ބޮޑުކޮށް ބައެއް ގާޒީން އެބަހުރޭ ޑްރަގް ލީޑަރުންނާ އެއްކޮޅަށް ޝަރިއަތުގެ މައްސަލަތަށް ނިންމާފަ. މިފަދަ މީހުން މަގާމުން ވަކި ކުރުމުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިއަށް އެހީ ވުމުގެ ކުށުގެ ދައުވާ އުފުލަން ފެނޭ.
ޖުލައި2021
01 December 2025
ގާނޫނުގަ އޮތްގޮތަށް ކަންކުރީމަ ގޯސްވެގެން މިފަހަރު މި އުޅެނީ.
ރަނގަޅު
01 December 2025
ގައުމު ހަލާކުކުރާ ހުރިހާ މީހުން ވަޒީފާއިން ވަކިކުރަން ވީ.
ގާޒީ ފަސާދަ
01 December 2025
ގާޒީ ކަން ކުރެވޭ ވަރަށް ވުރެ ގާނޫނާ ޙިލާފަށް ކަންކުރަން ދެވި ހިފާފަ ހުރި މީހެއް