ކުރީގެ ރައީސުން: ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލަން ވަނީ ފާސްކޮށްފައި --
01 ޑިސެމްބަރ 2025 - 11:40
ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ 175،000ރ. ގެ ފައިސާގެ އިނާޔަތާއި އެކަމާ ގުޅޭ އެހެން ކަންކަން ވެސް ކަނޑާލައި އެ ބޭފުޅުން ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާ ނަމަ ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދެވެ. އެ ބިލް މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ.
ގާނޫނަށް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހުގައި ވަނީ ކުރީގެ ރައީސަކު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އަދި ދައުލަތުގެ އެ ނޫން މަގާމެއް ވެސް އަދާކުރައްވާ ނަމަ އެ މުއްދަތަށް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ބޭފުޅުން މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރެއްވުމަށްޓަކައި ބޭނުންފުޅުވެއްޖެ ހާލަތެއްގައި މަސައްކަތް ކުރައްވާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ އެ މާއްދާ އުވާލާށެވެ. އެހެންވެ، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކުރަންޖެހޭ ހުރިހާ ހަރަދެއް އެ އިސްލާހު ފާސްވެއްޖެ ނަމަ އުވޭނެ އެވެ.
ކުރީގެ ރައީސަކު ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ނަމަވެސް ހިމާޔަތާއި ރައްކާތެރިކަން ދިނުން ލާޒިމް ނޫން ކަަމަށް އިސްލާހުގައި ވެ އެވެ. އެކަމަކު އެ ބޭފުޅަކު ރާއްޖެ ވަޑައިގެންފި ނަމަ ހިމާޔަތާއި ރައްކާތެރިކަން ދޭން ވާނެ ކަމަށް ބިލްގައި ބަޔާންކޮށްފައި ވެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި ކުރީގެ ނައިބު ރައީސުންގެ ރައްކާތެރިކަމާއި އިނާޔަތުގެ އެއްވެސް ވާހަކައެއް ކުރިން ނެތް ނަމަވެސް މި ފަހަރު ހުށަހެޅި އިސްލާހުގައި ވަނީ އެ ބޭފުޅުންނަށް ދައުލަތުން ކޮންމެ މަހަކު 30،000ރ. ދިނުމަށް ބަޔާންކޮށްފަ އެވެ. އަދި ނައިބު ރައީސުންނަށް ވެސް ރާއްޖެއިން ބޭރުންނާއި ރާއްޖެ އިން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން އިސްލާހުގައި ހިމަނާފައި ވެ އެވެ.
އެކަމަކު، ކުރީގެ ނައިބު ރައީސުންގެ ތެރެއިން އެ އިނާޔަތް ލިބިވަޑައިގަންނަވާނީ އެންމެ ފަހުން އެ މަގާމު ފުރުއްވި ފައިސަލް ނަސީމަށް އެކަންޏެވެ. އެެއީ ގާނޫނުގެ ދަށުން އިނާޔަތް ލިބޭނީ ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރައްވާފައިވާ ނައިބު ރައީސުންނަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައި ވާތީ އެވެ.
އިސްލާހު ބައްޓަން ކޮށްފައި ވަނީ ކުރީގެ ރައީސުންނެކޭ އެއްފަދައިން ކުރީގެ ނައިބު ރައީސުން ވެސް ރިޔާސީ އިތުރު ދައުރެއް ފުރިހަމަ ކުރައްވާ ނަމަ ނުވަތަ ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާ ނަމަ ގާނޫނުގައި ބުނާ އިނާޔަތްތައް އެ މުއްދަތަށް މެދުކެނޑޭ ގޮތަށެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކުރައްވާފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. ދައުލަތުން ދޭން ވާނެ ކަމަށެވެ. އަދި އެއް ދައުރަށް ވުރެ ގިނަ ދައުރު އަދާކުރައްވާފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75,000ރ. ދައުލަތުން ދޭން ވާނެ އެވެ.
މީގެ އިތުރުން ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާނެ ތަނަކަށް ހިނގާ ހުރިހާ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެ އެވެ.
ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ ބައެއް އިނާޔަތްތައް ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މި އަހަރުގެ ސެޕްޓެމްބަރު 10 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަސްބަޤީޗާ
01 December 2025
ތިފޮޓޯގަ ވިޔާދާ ފާޑެއްޖަހާ ހަމަ އެކަކުވެސްނެތް
ދިވެހިބިން
01 December 2025
ޕޮލިހުންނާ ސިފައިން އަދި އެމީހުންގެ އާޢިލީ އިންޝިއުރެންސްވެސް އާއްމު ރައްޔިތުންނެކޭ އެއްހަމައަށް ބަދަލުކޮށް އޭޑީކޭ ޓުރީޓޮޕުން ލިމިޓެއްނެތްއޮތުން އުވާލަދެއްވާ! މީ ފިސާރި ރައީސެއް!
ބޮޑުބެގެގިއްޕަޅޭ
01 December 2025
މިއީކުރަން ލަސްވެފައި އޮތްކަމެއް. "ކުރީގެ" ވެރިންގެ އޮފީހާއި ބަދިގެއާއު ސެކިރިޓީއަށް ދެތިން ރަށުގެ ބަޖެޓާއި ނުބައްދަލު ހަރަދެއް ކުރަން ކިހާބޮޑު ތަކުލީފެއް.
ޒަވިޔަނި
01 December 2025
އަލްޙަމްދް ލިއްލާހި. ހާދަ ލާރިއެއް ސަލާމަތް ތިވީ.
މިވެސް ކުރަންޖެހޭ ކަމެއް
01 December 2025
ރައްޔިތުންގެ މަޖިލީހުން ނަގާ ނުހައްޤު ޕެންޝަން ވެސް ކަނޑުއްވާލަ ދެއްވާ. އެއީ އެމީހުންނަށް ޙައްޤު އެއްޗެއް ނޫން،
ޢަޒުނީމާ
01 December 2025
. ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އެލަވަންސް އަދިވެސް ޖަމާނުވޭ.
ގޮނުއަނގަ
01 December 2025
ދެފައުރު ފުރިހަމަ ކުރުނުންނޭނކިޔާފަ އިތުރަށް ފައިސާ ދޭންޖެހޭ ސަބަބެއް ނޯންނާނެ. ވެރިކަމުގައި ހުންނައިރު މުސާރަ އާއި ހުރިހާ އިނާޔަތެއް ދެއްވާ. ވެރިކަމުން ވަކި ވުމުންވެސް ބޭސް ފަރުވާއާއި އެހެންވެސް އިނާޔަތްތައް ދެއްވާއިރު ދައުލަތުގެ އެހެން ވަޒީފާ ތަކުމްވެސް ރީޓަޔަރ ކުރުމުން ދެބުރުގެ ފައިސާއެއް ލިބޭ ގޮތެއްނޯވޭ. ޚިދުމަތް ވާނީ ހަމަ ޚިދުމަތަށް. އެންމެންނަށް އެއް ހަމަޔަކަށް ކަންކަން ކޮށްދޭން ކުރާ މަސައްކަތުން ބައެއް އިތުރު މިކުރެވެނީ.
ލަދުކަމެއް
01 December 2025
މިވަރުގެ ބަޔެކޭ މި އުޅެނީ ގައުމަށްޓަކާ ނިކުމެ ތަންތަން ހަލަބޮލިކުރަން. 10.5 މިލިއަން އެބަނަގާ އޮފީސްހިންގަން އެކަނިވެސް އަހަރަކަށް މި 5 މީހުންވެގެން ބައިތުލްމާލުން. ލަދުހަޔާތް ކޮބާބާއޭ ހިތައްއަރަނީ.
ކުރިޔަށޭ
01 December 2025
10.5 މިލިއަން ރުފިޔާ ތި ލިބުނީ ފަސް ރައީސުން އަތުން ދެން އަންނަ އިންތިޚާބަކަށް ކެމްޕޭނުކުރަން. އަރިޔަކަށް ޖެއްސީމާ އެބަ ލިބޭހަމަ. ސާބަހޭ ރ. މުއިއްޒު.
ޓްރަމްޕް
01 December 2025
ނޫނޭ އެމެރިކާގެ ގާނޫނުގަ އޮންނަ ގޮތަށް ކުރީގެ ރައީސް އަށް ވެސް އޮފީހެއް ދީފަ ހުރިހާ ހަރަދެއް ކުރަންޖެހޭނެ. ޢެއްވެސް ކަމެއް ނުކުރިއަސް ތީ ވަރަށް ތަނަވަސް އިގްތިސޯދީ ގޮތުން އެމެރިކާ ފަދަ ކުރި އަރާފަ އޮތް ގައުމެއް.