ސައުދީގެ ވިޔަފާރި ވަފްދު ރައީސްއާ ބައްދަލު ކުރައްވަނީ: އެ ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރަން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނޭ --- ފޮޓޯ/ރައީސް އޮފީސް
03 ޑިސެމްބަރ 2025 - 15:33
އިންވެސްޓް ކުރުމުގެ މަޝްވަރާތަކަށް ރާއްޖެ އައި ސައުދީ އަރަބިއްޔާގެ ވިޔަފާރިވެރިންގެ ވަފްދުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލު ކުރައްވައި، ވިޔަފާރީގެ ގުޅުން ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލު ކުރެއްވުމަކީ ރައީސް މުއިއްޒު މިއަހަރުގެ ކުރީކޮޅު ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ކުރެއްވި މަޝްވަރާތަކާ ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާއި އިންވެސްޓްމަންޓާއި އިގްތިސާދީ ދާއިރާ އާއި އަމިއްލަ ވިޔަފާރިތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސައުދީގެ ވަފްދުގެ ބޭފުޅަކު ރައީސް މުއިއްޒުއާ ސަލާން ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް އޮފީހުން ބުނިގޮތުގައި ރާއްޖެ އާއި ސައުދީއާ ދެމެދު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ވެސް އެ ވަފްދުން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާއެކު އެ ވަފްދުން މަޝްވަރާ ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ސައުދީ ސަރުކާރުން ރާއްޖެއަށް ދެމުންދާ އެހީތައް ފާހަގަ ކުރައްވައި އަދި އޭގެ ސަބަބުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާތީ އެކަމަށްޓަކައި ސައުދީ ސަރުކާރަށް ރައީސް ޝުކުރު އަދާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިންމަން ސައުދީގެ ސަރުކާރުން ދިން އެހީތެރިކަމާއި އަދި އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް އެ ގައުމުގެ މަތީ ފެންވަރުގެ ވަފްދެއް ފޮނުއްވި ކަމަށްޓަކައި ވެސް ރައީސް ޝުކުރު އަދާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސައުދީ ވަފްދުގެ ބޭފުޅުންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް
ރާއްޖޭގައި ހުންނަ ސައުދީގެ އެމްބަސީން އިއްޔެ ބުނެފައިވަނީ އެ ވަފްދުން ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް ފުޅާކުރަން ދިވެހި ސަރުކާރުގެ އެކި ފަރާތްތަކާ ބައްދަލުކޮށް، މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭގޮތުން ފޯރަމެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.
ސައުދީއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ސައުދީ ފަންޑުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭއިރު، އޭގެ ތެރޭގައި ފެނާއި ނަރުދަމާ ފަދަ ބޮޑެތި މަޝްރޫއުތައް ވެސް ހިމެނެ އެވެ.
މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ވެސް ސައުދީ ފަންޑުން ލޯނު އެހީ ދިނެވެ. އަދި މި ސަރުކާރު ވެރިކަމަށް އައި ފަހުން ދެ ގައުމުގެ ގުޅުން ވެސް އިތުރަށް ވަނީ ވަރުގަދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަކީލްް
04 December 2025
ސައޫދީ ޓީމުގައި އަންހެނުން ހިމެނޭ އިރު ރާއްޖޭގެ ޓީމުން އެންމެ އަންހެނެއްވެސް ނުފެނޭ. ސައުދީގެ އަންހެންވެރިންވެސް ވަރަށް މޮޑަން ވެއްޖެކަމަށް ފެނޭ.
އަޒްމީންް
04 December 2025
މި ބައްދަލުވުމުން ރާއްޖެއަށް ނުހަނުގިނަ މަންފާވެގެންދާނެކަމާމެދު އެއްވެސް ޝައްކެތްނުކުރަން.
ޝުއާއުު
04 December 2025
އެމްޑީޕީއިން އިނދަޖައްސާލަން މަސައްކަތްކުރި އިގްތިސޯދް ރައީސް މުއިއްޒު ކޮޅަށްޖެސުމުގެ ނަތީޖާ މިފެނިގެންދަނީ.
ހައިޝަމްް
04 December 2025
ރާއްޖެއަށް މިހާރު އިންވެސްކުރަން ގިނަ މީހުންތިބީ ތައްޔާރަށް. ސަބަބަކީ ރާއްޖޭގެ އިގްތިސޯދު ހަރުދަނާވުން. މިއީ ރައީސް މުއިއްޒުގެ ބުރަ މަސައްކަތް.
އައްލާ@
03 December 2025
ކުރީފަހަރުވެސް 7 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ހިފައިގެން ހުދު ޖުއްބާ ލައިގެން ތިބި ވަފުދެއް ރާއްޖެ އައިސް ރައީސް އާއި އެކު ފޮޓޯ ނަގާފައި ފުރައިގެން ދިޔަފަހުން އެގުނީ މީއަދި ފޭކެއްކަން. ޢުއްމީދަކީ މިފަަހަރު އެހެން ނުވުން.
ޖުއްބާބެ
04 December 2025
މީގެ ކުރިން ކޯޓް ފަޓްލޫން ލައިގެން އެތައްކެއް ވަފުދެއް އިސް އުޅުނު، ވީ ކަމެއް ކޮބާ!
ނޮވެމްބަރ
03 December 2025
އަނެއްކާ ޖެނުއިން ބައެއްބާ
ޖައިޝަމް ނާފިޒް
03 December 2025
މިވަރުގެ ހިންގޭ ރައީސް އެއް ދެން ނުފެންނާނެކަން ކަށަވަރު. ކަންކަމާ އިސްނަގައިގެން ރާއްޖެ ކުރި އަރުވަން އުޅޭ ފިސާރި ހިތްވަރުގަަދަ ވެރިއެއް އަދި މީގެންވެސް ދޭހަ ވަނީ ރާއްޖެ އައް ކުރި އެރުމެއް ލިބޭނެ ކަމައް އަދި ރައީސްގެ ނިންމުންތަކާއިމެދު އެއްވެސް ޝައްކެއް ނެތް. ނުބައި ވަސް ވާސް ތަކެއް މި ގައުމުގަ ބަޔަކު މީހުން އެރުވިއަސް މިއީ އަސްލު ހަގީގަތް، ރައީސް ދަނީ ކުރިއައް އަދި ރައީސް ވަރުގެ ވެރިއެއް ދެނެއް ނާންނާނެ.
ރަމަ
03 December 2025
ޤާނޫނު އަސާސީއަށް ބަދަލުގެނެސްގެން ފ. އަތޮޅުގެ ރަށެއް ވިއްކާލާނެކަމަށް ބެލެވޭ!
ކަލޭނޭ.
03 December 2025
ވިއްކާލައިގެންވެސް 1ބިލިއަންޑޮލަރުގެ ދަރަނިއަދާކުރަންވެއްޖެނު.
ހަސަން ނިހާލް
03 December 2025
ސައުދީއިން މިގައުމަށް އެހީވާނެ. އެކަން ހޯދަން ސަރުކާރުން ކުރާ މަސައްކަތް ވަރަށް ރަނގަޅު. ނަތީޖާ ރަނގަޅު ވާނެ ކަމަށް ވަރަށް ބެލެވޭ
އަޝްރަފް.
03 December 2025
އިންވެސްޓަރުން ގެނެސް ގައުމުގެ އިގްތިސާދު ހަމަޔަކަށް އަޅުވައި ވަރުގަދަކުރަން ސަރުކާރުން ކުރާ މަސައްކަތް އަހަންނަށް ވަރަށް ރަނގަޅަށް އެބަފެނޭ.