މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިމަކާ ގުޅޭ ލިޔެކިޔުންތަކެއް ނަހުލާ ވީދާލި މައްސަލަ ތަހުގީގުކުރަން ފުލުހުންނާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅުއްވާފައިވާ ކަމަށް.
މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ އާންމު ޖަލްސާގައި ވިލިމާލެ ކައުންސިލަރު ނަހުލާ އަލީ އާއި މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ.
03 ޑިސެމްބަރ 2025 - 20:24
މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިމަކާ ގުޅޭ ލިޔެކިޔުންތަކެއްގެ މައްސަލާގައި މޭޔަރު އާދަމް އާޒިމާއި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އެކަކު އަނެކަކަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައި، އެ ދެބޭފުޅުންގެ ދެމެދުގައި ބޮޑު ކޯޅުމެއް މިއަދު ހިނގައިފި އެވެ.
އޮޅުވާލައިގެން ބިން ހަވާލުކުރުމުގެ އެއްބަސްވުމެއްގައި ސިޓީ ކައުންސިލުން ސޮއިކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް މިއަދުގެ ޖަލްސާގެ އެޖެންޑާއަށް ނަހުލާ ވަނީ ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައިގެ ބަހުސް ފެށުމުގެ މާ ކުރިން ނަހުލާގެ ނަން ވިދާޅު ނުވެ، މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިމަކާ ގުޅޭ ލިޔެކިޔުންތަކެއް ކައުންސިލަރަކު އިރާލި މައްސަލައެއް ތަހުގީގުކުރަން ފުލުހުންނާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ އެއީ ކައުންސިލުން އާންމުކޮށްފައިވާ ބިމުގެ ލިސްޓުގައި ނުހިމެނޭ ކަމަށް ބުނާ އެއްބަސްވުމަކާ ގުޅޭ ލިޔެކިޔުންތަކެއް ނައްތާލަން ކައުންސިލަރަކު މަސައްކަތްކުރި މައްސަލައެއް ކަމަށާއި އެ މައްސަލައިގެ ހެކި ފެންނަ ވީޑިއޯ ފުޓޭޖު އެބަހުރި ކަމަށެވެ.
އެ ވީޑިއޯ ފުޓޭޖު ކައުންސިލަރުންގެ ވަޓްސްއެޕް ގްރޫޕަށް ލުމަށް އާޒިމް ވަނީ ޖަލްސާ ކުރިއަށް ގެންދަނިކޮށް ކައުންސިލްގެ އެސްޖީގެ އަރިހުގައި އެދިވަޑައިގެންފަ އެވެ. އެހެންވެ، އެ ޖަލްސާ ކުރިއަށް ގެންދަނިކޮށް އެސްޖީ ވަނީ އެ ވީޑިއޯ ފުޓޭޖު ކައުންސިލަރުންގެ ވަޓްސްއެޕް ގުރޫޕަށް އަޕްލޯޑް ކުރައްވައިފަ އެވެ.
"މި ބިންތަކުގެ މައްސަލަ ޖެހިގެން މިކަމަށް އިންޓަފިއާކުރަން ވެގެން ފުލުހަށް މިހާރު ވާނީ މައްސަލަ ހުށަހަޅާފައި... ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ، ލިޔެކިޔުންތަކެއް ނައްތާލަން މިތަނުގެ ކައުންސިލަރަކު އެބައުޅޭ، މިތަނުގައި ފުޓޭޖު އެބަހުރި، އެ ފުޓޭޖާ އެކު މިހާރު ވަނީ މައްސަލަ ފުލުހަށް، ޖިނާއީ ތަހުގީގު ހިންގުމަށްޓަކާ ފޮނުވައިފައި. އެ ފުޓޭޖު ހިއްސާކުރާނަން ކާކުތޯ ސާފުކޮށް އެނގޭނެ،" އާޒިމް ވިދާޅުވި އެވެ.
އެ ވީޑިއޯ ފުޓޭޖުން ފެންނަނީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ، އޮފީސް ތެރޭގައި ހުރި ގަނޑުތަކެއް ނަންގަވައި އިރާލާ މަންޒަރެވެ. އަދި އެ ގަނޑުތައް ހިފައިގެން އުޅުނު އިދާރީ މުވައްޒަފަކު އޭނާ ކައިރީގައި ހުރެ އެވެ.
ނަހުލާ ލިޔެކިޔުންތަކެއް އިރާލި ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހެޅި ކަމަށް އާޒިމް ވިދާޅުވީ އޭނާ ހުށަހެޅުއްވި މައްސަލައިގެ ބަހުސް ނުފެށެނީހެވެ. އެހެންވެ، ނަހުލާ ވަނީ ޖަލްސާގެ ތެރެއިން އެކަމަށް ހޫނު ރައްދެއް ދެއްވައިފަ އެވެ.
"މިއަށް އަޅުގަނޑު ބޭނުންވާނެ އިނގޭތޯ ވާހަކަދައްކަން. އަޅުގަނޑުގައި އަތުގައި ވެސް ހެކި އެބަހުރި އެ ދުވަހު އެތަނުގައި ހިނގާދިޔަ ހުރިހާ ކަމެއްގެ ފުޓޭޖާއި އޯޑިއޯ ރިކޯޑިންއާ އަދި އޭގެ ފަހުން އަޅުގަނޑަށް އެސްޖީ ގުޅާފައި ދެއްކެވި ވާހަކަ އާއި އެތަނުގައި އެ މުވައްޒަފު ބިމުގެ ފޭކް ޑޮކިއުމެންޓް ބެކް ޑޭޓްކޮށްފައި ހަވާލުކުރަން މަސައްކަތްކުރި ލިޔުމުގެ. މުވައްޒަފު ދައްކާފައި ހުރި ހުރިހާ ވާހަކައަކާ އެއްޗެހި އަޅުގަނޑުގެ އަތުގައި ވެސް އެބަހުރި،" ނަހުލާ ވިދާޅުވި އެވެ.
"ބުރާސްފަތި ދުވަހު މިކަމެއް ހިނގީ. އެހެންވީމަ، ބުރާސްފަތި ދުވަހުގެ ރޭ އޮންނާނީ ރަސްމީކޮށް ޖަލްސާއަށް މި މައްސަލަ އެޖެންޑާކުރުމަށް އެދި ހުށަހަޅާފައި. އެހެންވީމަ އަޅުގަނޑަށް ފުރުސަތު ނުދެއްވައި ރައްޔިތުންނަށް އޮޅޭ ގޮތަށް މިތަނުގައި ވާހަކަދައްކަވާނެ ކަމެއް ނެތް."
Today’s Malé City Council session was absolute fire 🔥
— Raisham Hussain 🇲🇻 (@RaishamHussain) December 3, 2025
She really said that > @adamazim 🤣 pic.twitter.com/HWMDypCmNQ
ނަހުލާ ވިދާޅުވީ "ގޯސްކޮށް ކަމެއް ކުރެއްވިއްޔޭ" ކަމަށް އެ މުވައްޒަފު ބުނަނީ މޭޔަރުގެ ނަން ކަމަށާއި އޭނާގެ އަތުގައި އޮތް އޯޑިއޯ ރެކޯޑިން އިން އެކަން ހާމަވާނެ ކަމަށެވެ.
"މިތަނުގައި ކެމްޕެއިން ކުރަން، މިތަނުގައި ޓިކްޓޮކް ހަދަން، މިތަނުގައި ބޭނުން އެއްޗެއް ވިދާޅުވެފައި އެހެނެއް އެކަމެއް ނުކުރެއްވޭނެ. އަޅުގަނޑަށް ދެއްވާ ފުރުސަތު ވާހަކަދައްކަވަން،" ނަހުލާ ހިތްހަމަނުޖެހިވަޑައިގެން ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ އެ ދުވަހު އެސްޖީ ދެ ފަހަރެއްގެ މަތިން އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކައިން ވެސް މިކަން ހިނގާފައި އޮތްގޮތް ވަރަށް ސާފުކޮށް އެނގޭނެ ކަމަށާއި ލިޔެކިޔުންތައް ފޮރުއްވަން އުޅުއްވަނީ މޭޔަރުކަން ވެސް އެނގޭ ކަމަށެވެ.
"މިތަނުގައި ފުޓޭޖެއް ހުރިއްޔާ ފެންނާނީ އެ މުވައްޒަފު ބުރާސްފަތި ދުވަހު ބޯ ވާރޭގަނޑުގެ ތެރޭގައި ބިމެއް ހަވާލުކުރަން އެދި ގުޅައިގެން އޮފީހަށް ގެނައި މަންޒަރާއި އޮފީހަށް އަޅުގަނޑު އައީ ވިލިމާލޭގެ ޕްރޮޖެކްޓަކަށް ވާތީ، އެ ޕްރޮޖްކެޓު ހަވާލުވި ފަރާތުން ބިމާ ހަވާލުވާން އެދި ކައުންސިލުން ބުރާސްފަތި ދުވަހު ގުޅައިގެން އެ މީހާގެ އެދުމުގެ މަތިން އަޅުގަނޑު އައީ،" ނަހުލާ ވިދާޅުވި އެވެ.
ޖަލްސާގެ ފަހުން ނަހުލާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިލިމާލޭގައި އައުޓްޑޯ ޖިމްއެއް އެޅުމަށް ޝަރުތުކޮށް މެރީ ޖޫގޯ ކިޔާ ކުންފުންޏަކަށް ސެޕްޓެމްބަރު 27، 2023 ގައި ދިން ބިން (ވިލިމާލެ ވިޔަވާރި ސަރަހައްދު ބްލޮކް ސީ އަދި ޕްލޮޓް 41) މާލޭ ބިމުގެ ދަފްތަރުގައި ނެތީ އެއްބަސްވުމެއް ނެތިގެން ކަމަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު މޭޔަރު އާޒިމް ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު މެރީ ޖޫގޯ ކައުންސިލަށް ހާޒިރުކޮށް، ބިން ހަވާލުކުރަން މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ބެކްޑޭޓް ކޮށްފައިވާ ލިޔުމެއްގައި ސޮއިކުރުވަން އުޅުނު ކަމަށް ނަހުލާ ވިދާޅުޅި އެވެ.
އެ ލިޔުމާ އެކު، ބިން ހަވާލުކުރި އެއްބަސްވުމުގައި ސޮއިކުރުވަން އަންގާފައި އޮތް މެމޯ އާއި ނެތް ކަމަށް މޭޔަރު ވިދާޅުވި އެއްބަސްވުމުގެ ކޮޕީ ވެސް ހިމަނާފައި އޮތް ކަމަށް ވިދާޅުވެ، ނަހުލާ ވަނީ އެ ލިޔެކިޔުންތަކުގެ ފޮޓޯ ފޭސްބުކް ޕޯސްޓުގައި އާންމުކުރައްވައިފަ އެވެ.
"އަޅުގަނޑު ހަދަނީ ދޮގު ކަމަށް ބުނެ، ފެންނާން ހުރި ހުރިހާ އެގްރިމަންޓަކާ ވާ ބިންތައް ދަފްތަރުގައި ހިމަނާފައިވާނެ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވުމަށް ފަހު، ނެތް ކަމަށް ވިދާޅުވާ އެގްރީމަންޓުގެ މައްޗަށް ބިން ހަވާލުކުރަން ބަޔަކު ގެނެސް، ބެކްޑޭޓް ކުރި ބިން ހަވާލުކުރި ލިޔުމެއްގައި ސޮއިކުރުވާން މި އުޅެނީ ކޮންފަދަ މަކަރާއި ހީލަތެއް ހައްދަވަން ކަމަށްބާ؟،" ނަހުލާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ އާޒިމް ނެތް ކަމަށް އެ ވިދާޅުވާ ހުރިހާ އެއްބަސްވުމެއްގެ ކޮޕީ ސިޓީ ކައުންސިލްގައި އެ ދުވަހު ހުރި ކަމަށެވެ. އޭނާ އިރާލި ކަމަށް މޭޔަރު އާޒިމް ވިދާޅުވާ ލިޔެކިޔުމަކީ މެރީ ޖޫގޯ ލައްވައި، މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރުވައި ފިންގާ ޕްރިންޓް ޖެހުވި "ބެކްޑޭޓް ކުރި، ފްރޯޑް ބިން ހަވާލުކުރި ލިޔުން" ކަމަށް ނަހުލާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަޙޫ ކީ ރަންގު
04 December 2025
މައުމޫނުގެ ވެރިކަމުގައި ނަމަ 2 މީހުން ތިބޭނީ ކުޑަ ގޮޅީ ގައި؟ ނަޞީބެއް މީނަ ހުރިކަން؟ ފަހުން ގެޓުވީ
raajje
04 December 2025
މޭޔަރަކީ ތަނުގެއިސްވެރިޔާނޫންތަ؟ ދަށުންތިބޭމީހުން ހިތްހަމަނުޖެހުނީމާ ނުވަތަ ރުޅިކޮންޓުރޯލުނުވެގެން މޭޔަރާ ދިމާލަށް އަނގަފުޅާކޮށްފަ މިތާންގަ ވާހަކަދަށްކާނެކަމެއްނެތޭބުނުމަކީ ބަލައިގަނެވޭނެކަންކަމެއްނޫން، މީވަގުތުންބަލަންޖެހޭ ޑިސިޕުލިންމައްސަލައެއް، މޭޔަރެއްކަމަކު ގަވައިދާހިލާފަށްކަންކަން ކުރާނަމަ އެކަމަކާ ނަގަންޖެހޭ އެކުޝަން މުއައްޒަފުންނަށްވެސްނެގިދާނެ، ނަމަވެސް ނަހުލާ ތިޔައުޅޭހެންއުޅެ ތިޔަގޮތަށްބަސްބަގު ބަހައްޓާނަމަ ފެތުރޭނީޖަންގަލީގެއުސޫލުދޯ
ނިއުމާާ
04 December 2025
އާޒިމްއަށް ވަގުތުން ވަގުތަށް ފިޔަވަޅުއަޅާ ރައްޔިތުން ދީފައިވާ ބާރު ނަހަމަ ގޮތުގަ ބޭނުނުން ކުރުމުގެ ފިޔަވަޅުގައި ސަސްޕެންޑްކުރަންޖެހޭ.
ޖައިލަމްް
04 December 2025
ރައީސް މުއިއްޒުއަކީ މާލޭސިޓީ މޭޔަރަކަށްއައި އެންމެ އިހްލާސްތެރި ގާބިލް ބޭފުޅާ. އެމްޑީޕީއަކަށް ސިޓީ ކައުންސިލެއްހާމިންވަރުވެސް ނުހިންގުނު އެންމެފަހުން.
އިގުބާލް
04 December 2025
ތިވަރު ބޮޑު ދޮގެއް ހެދީ ކީއްކުރަން؟
އައުލިއްޔާ ޝަރީފްް
04 December 2025
މައްސަލަ ބެލިޔަސް މީގަ ގޯސްވާނީ އާޒިމް. އޭނަ ވަގު ޑޮކިއުމަންޓް ހަދާކަށް ނުޖެހޭ. މާ ސްމާޓްމީހަކަށްވެގެން ހުސް ޖަރީމާ ޖެއްސުމުގަ އެއުޅެނީ.
ޕަރުވަރީ
04 December 2025
އަތޮޅު ކައުންސިލް އެކަންޏެއްނޫން އުވާލަންވީ. ސިޓީ ކައުންސިލްތައްވެސް އުވާލަންވީ. މީ ބޮޑު ސަކަރާތެއް.
އަނގަ ފުޅާކޮށްފަ އޭ! ބަސްމަގު ހުތުރުކަން!
04 December 2025
ނަހުލާގެ ހާދަ ބަސްމަގު ހުތުރޭ! އަނގަ ފުޅާކޮށްފައޭ ބުނީ ވެސް އަނގަ ފުޅާކޮށްފަ އެވެ.
ނަހޫނަހޫ
04 December 2025
މާފްކުރައްވާ. މާތް ބަހުރުވައިން ދެން އެބޭފުޅާ ކޮރަޕްޝަންފުޅު ހިންގެވީއޭ ތަ ބުނަނަވީ ދެން
ކެނެޑީ
04 December 2025
ތިޔައީ މިހާރު ކޯޓުން ފެށި އާފަލްސަފާއެއް. ވަރިކުރަންޖެހެނީ ހެވިފަ. މީހަކު ޖެހީމަ ނޫނީ ވަގަކު ވައްކަން ކުރީމަވެސް ހެވިފަބުނަންޖެހޭނީ ވަގެއް ވަގެއް
އަސަރު68
04 December 2025
ވަރަށް ދެރަވެއްޖެ މިލިބުނު ނާއުންމީދީ ޚަބަރުން. ދެގެރިތަޅަންޏާ ކަށްގަލަށް ބާރުކުރާނޭ ބުނާތީ އަޑުއަހަން. އެކަމަކު މިވަރުގެ ކަންކަން ހިނގާފާނޭ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަދިވެސް މިކަހަލަ ކަންކަމުގާ މަމެންމިވަނީ ވަރަށް ފަހަތުގާކަން އިހްސާސް ކުރެވިއްޖެ. އާޒިމްއަކީ އަހަރެން ވަރަށް ވަރަށް އިތުބާރުކުރި ފަރާތެއް. އަދި މިއަދުވެސް މިހުރީ އެއިތުބާރުކުރުންމަތީގަ. އެކަމަކު ހިތަށްއަރަނީ ދެން އިތުބާރުކުރާނޭ އަދި ކުރެވޭނޭ ހަމަ އެކަކުވެސް މިދުނިޔޭގާ ނެތީބާއޭ.
ފަހި
04 December 2025
ތިޔަ ހުތުރުކަންބޮޑު އުޅުންތަކުން އަންނަންއޮތް ޖީލު ސަލާމަތްކުރައްވާށިއެވެ!
މޫކޭ
04 December 2025
އާޒިމު މީ މާ ކަރޕުޓު މީހެއް ދޯ