މިދިޔަ އަހަރު އެކި ކާރިސާތަކުގައި ލިބުނު ގެއްލުމާ ގުޅިގެން އެހީގެ ގޮތުގައި 10 މިލިއަން ރުފިޔާ ދީފައިވޭ. އޭގެ ކުރީ އަހަރު، 2023 ގައި ހަ މިލިއަން ރުފިޔާ އަދި 2022 ވަނަ އަހަރު ތިން މިލިއަން ރުފިޔާގެ އެހީ ދީފައިވޭ.
ގދ. ތިނަދުއަށް ކުރި ވިއްސާރާގައި އެ ރަށުގައި ފެންބޮޑުވެފައި: ރާއްޖޭގައި ކާރިސާތަކުގެ ރިޕޯޓްކުރުން 37 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައި.-- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
07 ޑިސެމްބަރ 2025 - 15:16
ރާއްޖޭގައި ކާރިސާތައް ރިޕޯޓްކުރާ އަދަދު 37 ޕަސެންޓް މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެންޑީއެމްއޭ އިން މިއަދު އާންމުކުރި ރާއްޖޭގެ މިދިޔަ އަހަރުގެ ކާރިސާތަކުގެ ތަފާސްހިސާބު ރިޕޯޓުގައިވާ ގޮތުގައި، 2023 ވަނަ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު ވަނީ އެކި ކާރިސާތައް ރިޕޯޓްކުރި އަދަދު 37 ޕަސެންޓް އިތުރުވެފަ އެވެ.
ރާއްޖޭގެ 20 އަތޮޅަކުން މިދިޔަ އަހަރު 251 ހާދިސާއެއް ރިޕޯޓްކޮށްފައިވެ އެވެ. ތަފާސްހިސާބުގައިވާ ގޮތުގައި، 2023 ވަނަ އަހަރު ރިޕޯޓްކުރީ 183 ހާދިސާއެކެވެ. އަދި 2022 ވަނަ އަހަރު ރިޕޯޓްކުރީ 144 ހާދިސާއެެކެވެ.
އެންޑީއެމްއޭ އިން ބުނީ މި އަދަދުތަކުން ހާމަވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ގިނަވުމުގެ އިތުރުން، ކާރިސާތައް ރިޕޯޓްކުރާ ނިޒާމު ހަރުދަނާވުމާއި އާންމުންގެ ހޭލުންތެރިކަން އިތުރުވުން ކަމަށެވެ. މި ތަފާސްހިސާބުތަކުގެ އަލީގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކޮށް، ތައްޔާރީ ހާލަތު ހަރުދަނާކުރުމަށް މަސައްކަތް އަވަސްކުރަން ޖެހޭކަން ހާމަވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކާރިސާތަކުގައި ލިބުނު ގެއްލުމާ ގުޅިގެން އެހީގެ ގޮތުގައި ދައުލަތުން ދިން ފައިސާގެ އަދަދު ވެސް އަހަރުން އަހަރަށް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު އެކި ކާރިސާތަކުގައި ލިބުނު ގެއްލުމާ ގުޅިގެން އެހީގެ ގޮތުގައި 10 މިލިއަން ރުފިޔާ ދީފައިވެ އެވެ. އޭގެ ކުރީ އަހަރު، 2023 ގައި ހަ މިލިއަން ރުފިޔާ އަދި 2022 ވަނަ އަހަރު ތިން މިލިއަން ރުފިޔާގެ އެހީ ދީފައިވެ އެވެ.
އެންމެ ގިނައިން ފައިސާގެ އެހީ ދީފައި ވަނީ ވާރޭ ވެހިގެން ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި ލިބުނު ގެއްލުންތަކާ ގުޅިގެންނެވެ.
• ފެންބޮޑުވެގެން ގެއްލުން ލިބުމުގެ 93 ހާދިސާ
• އަލިފާނުގެ 83 ހާދިސާ
• ވައިގަދަވުމުގެ ސަބަބުން ގެއްލުން ލިބިގެން 57 ހާދިސާ
• ވިއްސާރާގައި ގެއްލުން ލިބުމުގެ 8 ހާދިސާ
• ގޭސްފުޅި ގޮވުމުގެ 4 ހާދިސާ
• އުދަ އަރައިގެން ގެއްލުން ލިބުމުގެ 3 ހާދިސާ
• ހޮނު އަޅައިގެން ގެއްލުން ލިބުމުގެ 2 ހާދިސާ
• ކަނޑުމަތީގެ 1 ހާދިސާ
މިދިޔަ އަހަރު ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި ރާއްޖޭގެ އެކި ރަށްރަށުން 1،423 ގެއަކަށް ގެއްލުން ލިބިފައިވެ އެވެ. ފެންބޮޑުވުމުގެ ހާދިސާތައް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލެ އަތޮޅާއި ލ. އަތޮޅުގެ އިތުރުން އައްޑޫންނެވެ. އޭގެ ތެރެއިން، ގިނަ ހާދިސާތައް ހިނގާފައި ވަނީ މިދިޔަ އަހަރު މެއި މަހާއި އޯގަސްޓް މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށަލި
08 December 2025
ފެން ބޮޑުވާގޮަތަށް މަގުތަށް ހަދަންޔާ ގުޅާނެތާ ފެން ފުޅިއެއްބަންޑުން ދިޔަސް މަގު ފުރޭ